Support Us

ބަންގީގައި الله أكبر ކިޔުމުގެ ޙިކްމަތަކީ ކޮބާ؟   

ޙަޤީޤަތަށް ބަލާއިރު މިއީ ބަހަވިއްޔާތުގެ ސުވާލެކެވެ. އެހެންކަމުން ދީނީ ނަޒަރުން މި ޙިކްމަތަށް ބަލައިލުމުގެ ކުރިން ބަސްވާރުންގެ ރައުޔުތަކަށް ބަލައިލުން ރަނގަޅުވާނެ ކަމަށް ދެކެމެވެ. މި މަސްއަލައިގައި ބަހަވިއްޔާތުގެ ޢިލްމުވެރީންގެ ތިން ރައުޔެއް ވެއެވެ.

(الله أَكْبَرُ) ގެ ފުރަތަމަ މާނައަކީ الله كبيرٌ އެވެ. މާނައަކީ ﷲ މަތިވެރިވެގެން ވެއެވެ.

(الله أَكْبَرُ) ގެ ދެވަނަ މާނައަކީ الله أَكْبَرُ كَبيرٍ އެވެ. މާނައަކީ މަތިވެރިކަން އެންމެ ބޮޑު މަތިވެރި ފަރާތަކީ ﷲއެވެ.

(الله أَكْبَرُ) ގެ ތިންވަނަ މާނައަކީ الله أَكْبَرُ من كلِّ شيء އެވެ. މާނައަކީ ﷲ ހުރިހާ އެއްޗެއްގެ ތެރެއިން މަތިވެރިވެގެން ވެއެވެ.

މި ތިން ރައުޔުގެ ތެރެއިން އެންމެ ރަނގަޅު (ރާޖިޙު) ރައުޔަކީ -والله أعلم– ޢަރަބިބަހުގެ ބަހަވިއްޔާތުގެ ފުންނާބު އުސް ބާނީއެއް ކަމުގައިވާ ސީބަވައިހި ވިދާޅުވާ ގޮތުގައި ތިންވަނަ ރައުޔެވެ.

އަލްއިމާމުއް ޒަރްކަޝީ– އަލްބުރްހާނުގައި– ބުރަވެވަޑައިގެންފައި ވަނީ މި ރައުޔަށެވެ.

(الله أكبر) އާއި  (الله الأكبر) ގެ ތަފާތު

މި ލިޔުމުގެ ލަނޑުދަނޑިއަކީ މި ކަން ބަޔާންކުރެވޭތޯ ބެލުމެވެ.

(الله أكبر) އޭ ބުނަނީ ﷲ ގެ ޒާތުފުޅުގެ ބޮޑުކަމާއި މަތިވެރިކަމުގެ ޚަބަރު ދިނުމަށެވެ. އޭރުން އެއީ ﷲގެ ޒާތުފުޅުގެ ސިފަފުޅެކެވެ. އެހެނަސް (الله الأكبر) އޭ ބުނުމުން އެ ކަން ﷲގެ ސިފަފުޅަކަށް ވެސް ވެދާނެއެވެ. އަދި އެއީ އެކަލާނގެ އެ ސިފަ ލިބިވޮޑިގެންވާ ކަމުގެ ޚަބަރުދިނުން ކަމުގައި ވެސް ވެދާނެއެވެ. ޚަބަރަކަށް ވުމަށް ވުރެން ބޮޑީ ސިފައަކަށް ވުމެވެ. އެހެންކަމުން (الله الأكبر) އަށްވުރެ (الله أكبر) އޭ ބުނުމުން އޭގެ ބަލާޣަތްތެރިކަން މާ ބޮޑުކަމަށް ބަހަވިއްޔާތުގެ ޢިލްމުވެރީން ވިދާޅުވެއެވެ.

މި ކަމުގައި އޮތް ދެވަނަ ރައުޔަށް ބަލާއިރު (الله) ބުނުމުން ވުޖޫދުވެ ވޮޑިގެންވާކަން ސާބިތުވެގެންދެއެވެ. (أكبر) އޭ ބުނުމުން އެކަލާނގެއަށް ޝަރީކަކު (ބައިވެރިއަކު) ވާކަން ނަފީވެގެން ދެއެވެ. މި ޖުމްލައިން ދެ ކަމެއް ދޭހަވެއެވެ. ފުރަތަމަ ކަމަކީ އުލޫހިއްޔަތު (އިލާހުވަންތަކަން) އެކަލާނގެ ޒާތުފުޅަށް ލިބިވޮޑިގެންވާކަން ސާބިތުކޮށް ދިނުމެވެ. ދެވަނަކަމަކީ އެކަލާނގެއަށް ޝަރީކަކު ލިބިގެންވުން ނަފީވެގެން ދިޔުމެވެ. މިއާ ޚިލާފަށް (الله الأكبر) ގައި ދެވަނަ މާނައެއް ނުހިމެނެއެވެ. ޝަރީކަކުވުން ނަފީވެގެން ނުދެއެވެ. (الأكبر) އޭ ބުނުމުން ބޮޑު އިލާހަކާއި އެއަށްވުރެ ކުޑަ އިލާހަކު ވާކަން ދޭހަވެއެވެ. މިއީ ޝިރްކެވެ. އެހެންކަމުން (الله الأكبر) އޭ ބުނުމުން ﷲ ވޮޑިގެންވާކަން އެނގުނަސް ޝަރީކަކު ނުވާކަމެއް ނޭނގެއެވެ. ބަންގީގައި އަދި ނަމާދުގައި (الله أكبر) ކިޔަނީ މިހެންވެގެންނެވެ. އަދި (الله الأكبر) ނުކިޔަނީ މިހެންވެގެންނެވެ. ފުންކޮށް ވިސްނަވާށެވެ!

ޢީދުގެ ތަކްބީރާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރައްވަނީ ((وَلِتُكَبِّرُواْ اللّهَ- البقرة: 185– މާނައީ: اللَّه އަށް ތަކްބީރު ކިޔާށެވެ.)) މި އަމުރުފުޅަށް އިޖާބަދިނުމުގެ ގޮތުން ޢީދު ތަކްބީރުގައި މި ކިޔަނީ (الله أكبر كبيرًا) އެވެ. މާނައަކީ: މި އަޅާ ﷲއަށް ތަކްބީރަކުން ތަކްބީރު ކިޔަމެވެ. والله تعالى أعلم!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *