...

Support Us

ކޮލަމް ކަލާވެހި: އަޅުގަނޑު ދަންނަވާނީ، މިދަންނަވާ ޒާތުގެ ތަންތަނަށް ވަދެވަޑައިނުގަންނަވާށޭއެވެ!

(އެއްވަނަ ބައި)

ބާޒާރުމަތީ ފިހާރަތައް ހަލަބޮލިވެލައިފިއެވެ. ގަމުތެރޭ ފިހާރަތައް އަދި އެޔަށްވުރެ ބޮޑަށް ހަރަކާތްތެރިވެސް ވެލައިފިއެވެ. ވާނީވެސް އެހެންނޫންތޯއޭ، އިހަށްވެސް ނަގަމުން އައި ޖީ.އެސް.ޓީ އަށް މިފަހުން މި އިތުރުވި %2ގެ އިތުރުވުމެކޭ، ހެއިނަކަތުގެ މެދުތެރެއިން ރަށު ފަޅުތެރެޔަށް ބައިހެޔޮ މުށިމަސް އައިނެއް އެރުމެކޭ އެއްފަދަވީއެވެ. ދޮށްޓެއް އޮތް މީހަކުވިއްޔާ ހޭވައްޓައިލައިފައި ބާނަންވީއެވެ. ޑިސެމްބަރު މަހު 100 ރުފިޔާއަށް ވިއްކިއެތި 102 ރުފިޔާއަށް ވިއްކުމުގެ ބަދަލުގައި 135 ރުފިޔާޔަށް ވިއްކައިލާން ދައްކާނޭ ވާހަކަޔެއް، އޮޅުވައިލާނޭ އޮޅުވައިލުމެއް މިއޮތީ ފެންމަތިވެފައި ވިއްޔާއެވެ! އެކަމަކު އެއީ މިވަރަށް ދައްކައިލައިފައި، ތަފްޞީލާއި ސަބަބުތަކާއެކީ ފަހުން ދައްކައިލާން އިހަށް ބާއްވަން ޖެހޭ ވާހަކަޔެކެވެ. މި ސުރުޚީގެ އެއްވަނަ ބައިގައި މި ލިޔެލަނީ އަދި އެހެން ވާހަކަޔެކެވެ.

އެއްފަހަރު ބޭނުންކޮށްލައިފައި އެއްލައިލާ ޕުލާސްޓިކު ކޮތަޅަކީ ބިމުން ނަގާތެލުން ނަގާ މާއްދާތަކުން ހަދާ އެއްޗަކަށް ވީ ޒަމާން މާޒީވެއްޖެއެވެ. ސަތޭކަ އަހަރުވިޔަސް ހަލާކުނުވެ އޮންނަ ކޮތަޅުގައި ހަނޑޫކިލޯ ގެޔަށް ގެނައި ޒަމާން މާޒީވެ ހިނގައްޖެއެވެ. އަލުވި ނުވަތަ އެނޫންވެސް އެކަހަލަ އެއްޗެއްގެ ތާނުން، ނުވަތަ 'ސެލިޔުލޯސް' އޭ ކިޔާ މާއްދާޔަކުން މިހައިރު މިހަދާ ކޮތަޅު ނުހަނު އަވަހަށް ހަލާކުވެ ދިޔަޔަސް، އެއީވެސް ގެއްލުމުން ފުރިގެންވާ އެއްޗެއްކަމަށް ފަހުގެ މާހިރުން ނިންމީމައި އެކަންވެސް އަޅުގަނޑުމެން ޤަބޫލުކޮށްފީމެވެ. އަދި ބާޒާރުކުރާން ނިކުމެއުޅޭއިރު ފަހުން މިދެންނެވި ޒާތުގެ ކޮތަޅަށް އަޅައިފައި އެއްޗެއް ދޭން ބުނީމައި އެއިން ކޮންމެ ކޮތަޅަކަށް ދެރުފިޔާ ދޭންޖެހޭ ދުވަސްވެސް މިއޮތީ އައިސް އަރާހަމަކޮށްފައި ވިއްޔާއެވެ. އެހެންކަމުން، އަޅުގަނޑުމެން ކަހަލަ، ބޮޑުލާރީގައި ހުނިޖަހައިގެން އުޅޭ ކަހަލަ މީހުންގެ ތެރެއިންވެސް އިޤްތިޞާދު ކުޅައުމަކީ މޮޅު ގޮތްކަމަށް ދެކޭ މީހުން ދެން ފިހާރަތަކާ ހަމަޔަށް ދާންވާނީ ވިއްސަކަށް ފަހަރުވެސް މަތިމައްޗަށް ބޭނުންކުރެވޭ ޒާތުގެ ދަބަސް ނުވަތަ ކޮތަޅު ހިފައިގެން ނޫންތޯއެވެ؟ އެކަމަކު ކޮތަޅެއް ހިފައިގެން ބައެއްކަހަލަ ތަންތަނަށް ވަނީމާ އެވާ ގޮތެއް، ދެއްތޯއެވެ!

އެކަމަކު މިހައިރު ދެން އަނެއްކާ މިޖެހުނީ އަނެއް ކަންތަކާއެވެ! ބައެއް ފިހާރަތަކުން ދެކޭ ގޮތުގައި އެތަންތަނަށް ވަންނަ ކޮންމެ މީހަކީ ވައްކަންކުރުމުގެ ސިފަ، ނުވަތަ ޤާބިލްކަން، ނުވަތަ ނިޔަތް ނަމަވެސް އެމީހެއްގައި އެކުލެވިގެންވާ މީހެކެވެ. އެހެންކަމުން، އެ ފިހާރަތަކަށް ވަންނަ ކޮންމެ މީހެއްގެ ކޮނޑުގައި ބެކްޕެކެއް އޮތިއްޔާ އެޔާއި، އަތްދަބަހެއް ހިފައިގެން ހުރިއްޔާ އެޔާއި، އަތުގައި ފޮތިކޮތަޅެއް އޮތިއްޔާ އެވެސް އަތްބާނައިގެންނާއި އަތްހާކައިގެން ފާސްކުރާން އެބަ ހިފައެވެ. ދަބަހެއް ކަހަލަ އެއްޗެއް ގެންގުޅުމުގެ އެއް ބޭނުން އެހިސާބުން ނަފީވެގެން އެދިޔައީއެވެ. އެއީ، ތިމާމީހާ ގެންގުޅޭ ބައެއް އެއްޗިހި އެންމެނަށް ފެންނަގޮތަށް ދިމާޔަށް ނުގެންގުޅުމުގެ ބޭނުމެވެ. ބައެއްކަހަލަ މީހުން ބައެއް ޙާލަތްތަކުގައި ކޮންމެހެން ބޭނުންކުރަން ޖެހޭ އެއްޗިއްސަކީ 'ލަދު އެއްޗިހި’ކަމަށްވެސް ބައެއްމީހުންނަށް ފެނުނަސް، މިދެންނެވި ކަހަލަ ފިހާރަޔަކަށް ވަންނަ ކޮންމެ ފަހަރަކު އަތުގައި އޮންނަ ދަބަސް ނުވަތަ ކޮތަޅުގައި ހުންނަ ހުރިހާ އެއްޗިހި އެވަގުތަކު އެތަނަށް ވަދެތިބި އެންމެންގެ ކުރިމަތީގައި މޭޒެއްގެ މައްޗަށް އޮއްސައިލައިގެން ހާވަން ފެށީމައި… އަޅެ ލަދު ކަމެއް، އެހެންނޫންތޯއެވެ!

މިދެންނެވި ގޮތަށް ދަބަހާއި ކޮތަޅު ހާވަން ދިމާކުރާ ތަންތަނާމެދު އަޅުގަނޑު ގާތު ލަފަޔަކަށް އެދިވަޑައިގެން އައްސަވައިފިއްޔާ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާނޭ ލަފަޔަކީ މިއެވެ:- އެކަހަލަ ތަންތަނަށް ވަދެވަޑައިނުގަންނަވާށޭއެވެ. ރީޓެއިލް ވިޔަފާރިޔަކީ ނުލާހިކު ވާދަވެރި ވިޔަފާރިޔެކެވެ. ޖެހިގެން ހުރި، ނުވަތަ ތަންކޮޅެއް ދުރުގައި ތަން ހުރިނަމަވެސް، އެގޮތަށް ޚުދުމުޚުތާރުކޮށް ދަބަސް ނުހާވާ ފިހާރަޔަކަށް ނުވަތަ ސުޕްމާކެޓަކާ ދިމާޔަށް ވަޑައިގަންނަވާށޭއެވެ!

ދެން ހަމަ މިމޭރުމުން ދަންނަވާން ޖެހޭކަމަށް ފެންނަ އަދި އެއް ވާހަކަ އެބައޮތެވެ. އެއީ، ތަނަށް ވަންނަ ދޮރު ކައިރީގައި ހުންނަ މީހެއްގެ ޙަވާލުގައި ދަބަހާއި ކޮތަޅު ފަދަ ތަކެތި ބަހައްޓައިފައި ނޫނީ ތަނަށް ނުވަދެވޭނޭކަމަށް ބުނާ ތަންތަނާ ބެހޭ ވާހަކަޔެކެވެ. ދަންނަވަންތޯއެވެ! ތަނުން ތިމާމީހާޔަށް ނުކުރާ އިތުބާރު، ތިމާމީހާ ތަނަށް ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ ތިމާމީހާޔަކީ އާދަޔާ ޚިލާފަށް އަގުބޮޑު އެކަމަކު އާދައިގެ ބަދަން ޕެކެޓަކާއި، އަގު ނުޖަހާ ހުންނަ ހަރުގަނޑުން ބިސްކޯދު ޕެކެޓަކާ ވަގަށް ނަގައިގެން ފައިސާ ނުދައްކާ ނިކުންނަ ޒާތުގެ ވަގެއްކަމަށް ހީކުރާ ތަނެއްގައި ހުންނަ، ގޮތްނޭނގޭ މީހެއްގެ އަތްމައްޗަށް ތިމާގެ އަމިއްލަ ލެޕްޓޮޕު ނުވަތަ ފޯނު ލައިފައި އޮންނަ ދަބަސް ދޫކޮށްލުމަކީ ކިހާވަރެއްގެ މޮޔަކަމެއްތޯއެވެ؟ ވަދެފައި ނިކުންނައިރު ދަބަސް ނެތިގެން ސުވާލުކުރީމައި، ބަލަ ކަލޭ މަގޭއަތަށް ދަބަހެއް ދިނިންހޭ އަހައިގެން އެމީހާ އޭނާގެ ޒިންމާއިން ރެކިގަތީމައި ދެން ކުރާނޭ ކަމެއް އޮންނާނެތޯއެވެ؟ ނޫނީ، ނޫކުލައިގެ ދަބަހެއްދޯއޭ، ދެންމެ ނިކުމެގެން ދިޔަމީހާ ހިފައިގެން އެދިޔައީ ކަލޭގެ ދަބަސް ދޯއޭ، އަވަހަށް ނިކުމެ ބަލައިލަ ބަލާށޭ ފަހަރެއްގައި އަތުޖެހިދާނެޔޭ ބުނީމައިވެސް ކުރާނޭ ކަމެއް އޮންނާނެތޯއެވެ؟ ނޫނެކެވެ! ނޯންނާނެއެވެ!

ތަނަކީ ކިތަންމެ ބޮޑު، ކިތަންމެ ނަންމަޝްހޫރު ތާކަށްވިޔަސް، އަދި އެތަނުގެ ދޮރުން އެތެރޭގައި ހުންނަ މީހާ ކިތަންމެ ހައިބަތުހުރި ޔުނިފޯމެއް އަޅުވައިފައި ހުއްޓަސް، އެމީހާގެ ޙަވާލުގައި އަމިއްލަ އަތްދަބަސް  ބާއްވަން މަޖުބޫރުކުރާ ތަންތަނާމެދު އަޅުގަނޑު ގާތު ލަފަޔަކަށް އެދިވަޑައިގެން އައްސަވައިފިއްޔާ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާނޭ ލަފަޔަކީ މިއެވެ:- އެކަހަލަ ތަންތަނަށް ވަދެވަޑައިނުގަންނަވާށޭއެވެ. ރީޓެއިލް ވިޔަފާރިޔަކީ، ކުރިންވެސް ދެންނެވި ފަދައިން ނުލާހިކު ވާދަވެރި ވިޔަފާރިޔެކެވެ. ޖެހިގެން ހުރި، ނުވަތަ ތަންކޮޅެއް ދުރުގައި ހުރިނަމަވެސް، އެގޮތަށް ކަން ނުކުރާ ފިހާރަޔަކަށް ނުވަތަ ސުޕަމާކެޓަކަށް އަވަހަށް ވަޑައިގަންނަވާށޭއެވެ!

ފިހާރަޔަކަށް ނުވަތަ ސުޕަމާކެޓަކަށް ވަންނަ ގިނަ މީހުންނަކީ 'ޝޮޕްލިފްޓަރުން' ކަމަށް ޝައްކުކުރާ ތަންތަނުން ތަނަށް ވަންނަ މީހުންގެ ދަބަހާއި ކޮތަޅަށް ޝައްކުކުރަންޏާ، ތަނަށް ވަންނަމުން އެތަކެތި ލާނޭ، ހެޔޮވަރުގެ ބޮޑުމިނެއްގެ، އެކަށީގެންވާ ޢަދަދެއްގެ، ތަޅުލެވޭ ގޮތަށް ހުންނަ، ޒަމާނީ ލޮކަރު ބެހެއްޓީމައި އެނިމުނީއެވެ. ލޮކަރަށް އެއްޗިހި ލައިފައި 'ކަސްޓަމަރު' ތަނަށް ވަންނާނީ ލޮކަރުގެ ތަޅުދަނޑި ހިފައިގެންނެވެ. ނުވަތަ އަމިއްލަ ޕާސްވަރޑް އަކުން ތަޅުލައިފައެވެ. މައްސަލަޔެއް ޖެހިއްޖިއްޔާ ލޮކަރުގެ ނަކަލު ނުވަތަ ޑަބަލް ތަޅުދަނޑި، ނުވަތަ މާސްޓަރ ޕާސްވަރޑް އޮންނާންވާނީ ތަނުގެ ޒިންމާދާރު އެކަކު އަތުގައެވެ. އެއިރުން ތަނަށް ވަންނަ މީހާގެ ދަބަސް ގެއްލުނަސް، ދަބަހުން އެއްޗެއް މަދުވިޔަސް، ޒިންމާ ނަގަންޖެހޭ މީހަކު ދިމާޔަށް ފެންނަން ހުންނާނެ، އެހެންނޫންތޯއެވެ؟

ފަހުން މިދެންނެވި ޒާތުގެ ތަންތަނަށް ވަދެވަޑައިގަންނަވާއިރުވެސް، ސަމާލުވެވަޑައިގަންނަވަން ވާނެއެވެ. ތަނުގައި ހުންނަ ލޮކަރު ތަޅުލެއްވެން ހުންނަ ގޮތުގެ ހަރުދަނާކަމަށް ބައްލަވަން ވާނެއެވެ. އަދި، ބޭނުންފުޅިއްޔާ، ޑަބަލް ތަޅުދަނޑި އޮންނަނީ ކާކުގެ އަތުގައިތޯވެސް އައްސަވައި، ނުވަތަ މާސްޓަރ ޕާސްވަރޑް އޮންނަނީ ކާކު އަތުގައިތޯ އައްސަވައި، އެ ސުވާލަށް ހިތްޕުޅުހަމަޖެހޭ ޖަވާބެއް ހޯއްދަވަންވާނެއެވެ. ލޮކަރު ހުރެމެ، އެއީ ނަމަކަށް ހުންނަ އެއްޗިހި ކަމަށް ވަންޏާވެސް، އެކަހަލަ ތަންތަނާމެދު އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާ ލަފަޔަކީ މިއެވެ:- އެކަހަލަ ތަންތަނަށްވެސް ވަދެވަޑައިނުގަންނަވާށެވެ. ރީޓެއިލް ވިޔަފާރިޔަކީ، ކުރިންވެސް ދެންނެވި ފަދައިން ނުލާހިކު ވާދަވެރި ވިޔަފާރިޔެކެވެ. ޖެހިގެން ހުރި، ނުވަތަ ތަންކޮޅެއް ދުރުގައި ހުރިނަމަވެސް، ލޮކަރު ހުރިއްޔާ އެ ލޮކަރުތަކާއި ލޮކަރުގެ ތަޅުދަނޑީގެ ނުވަތަ ޕާސްވޯޑުގެ އިތުބާރު ކަށަވަރުކުރެއްވޭ ފިހާރަޔަކަށް ނުވަތަ ސުޕަމާކެޓަކަށް ވަދެވަޑައިގަންނަވާށެވެ!

އަޅުގަނޑަށް އެންމެ ރަނގަޅީ، ތަނަށް ވަންނަ މަދު މީހަކު ތަނުގެ ހަރުގަނޑުތަކުން ވައްކަން ކުރަންޏާ އެކަން އެނގޭވަރުގެ ސީ.ސީ.ޓީ.ވީ ކެމެރާ ބަހައްޓައި، އެތަކެތި މޮނިޓަރ ކުރެވޭނޭ ގޮތް ހަދައި، އެވަރުން ނުފުދެންޏާ، 'ޝޮޕް ފްލޯރ ޑިޓެކްޓިވް’އިން ނުވަތަ ފާރަވެރީން ލައިގެންނަމަވެސް، ތަނުގެ ރައްކާތެރިކަން އަމިއްލަޔަށް ކަށަވަރުކުރާ ފަރާތްތަކެވެ. ތަނަށް ވަންނަ ކޮންމެ މީހަކީ ވައްކަމުގެ ނިޔަތުގައި ނުވަތަ ވައްކަން ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހެއްކަމަށް ނުބަލައި، ތަނުން ވިޔަފާރިކުރާ މީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމުން ފުރިގެންވާ މާޙައުލެއް އުފައްދައިދޭ ތަންތަނެވެ. ބެކްޕެކް އަޅުވައިގެން، ނުވަތަ ދަބަސް ހިފައިގެން، ނުވަތަ ގަންނަ އެއްޗިހި އަޅާނޭ ފޮތިކޮތަޅު ހިފައިގެން ހުރަހެއްނެތި ވަދެވޭ ތަންތަނެވެ. އަޅުގަނޑު ޢާންމުގޮތެއްގައި ހިތްހަމަޖެހިގެން ވަދެއުޅެނީވެސް މިދެންނެވި ކަހަލަ ތަންތަނަށެވެ. ތަނަށް ވަންނަ ކޮންމެ މީހަކީ އަގުހުރި 'ކަސްޓަމަރެއް' ކަމަށް ބަލައި، އެމީހަކަށް އުފާވެރި މަރުޙަބާއެއް ކިޔާ ތަންތަނަށެވެ.

ފަހުން މިދެންނެވި ރޫޙާ ޚިލާފަށް، އަދި ތަނަށް ވަންނަ މީހުންނާ ދިމާޔަށް ޝައްކުގެ ނަޒަރުން ބަލައި، ކުރީން މިދެންނެވި ޒާތަށް ދަބަސް ހާވައި، ކޮތަޅު ޙިޞާރުކޮށް، ދެންވެސް އެކަހަލަ ޒަމާނަށް ނުފެތޭގޮތަށް ޢަމަލުތައް ބަހައްޓާ ތަންތަނާ ބެހޭގޮތުން އަޅުގަނޑު ގާތު ލަފަޔަކަށް އެދިވަޑައިގެން އައްސަވައިފިއްޔާ އަޅުގަނޑު އަދިވެސް ދަންނަވާނީ، އެޒާތުގެ ފިހާރަތަކަށާއި ސުޕަމާކެޓުތަކަށް އެއްގޮތަކަށްވެސް ވަދެވަޑައިނުގަންނަވާށޭއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.