Support Us

"އޯޝަން ބަބްލްސް" ކެފޭ ހުޅުވުމުގެ ހަފުލާގެ ތެރެއިން... ފޮޓޯ: އަދިވެސް

ފުރަތަމަ ރޮބަޓް ވެއިޓަރާއެކު "އޯޝަން ބަބްލްސް" ހުޅުވައިފި

ވެއިޓަރެއްގެ ގޮތުގައި ރޮބަޓެއް ހަރަކާތްތެރިވާ ފުރަތަމަ ކެފޭ މާލޭގައި މިރޭ ހުޅުވައިފިއެވެ. މަޖީދީމަގު އިރުމަތީކޮޅުގައި، (ކުރިން އުރީދޫ އޮފީސް ހުރި އިމާރާތުގައި) "އޯޝަން ބަބްލްސް" ހުޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ހަބޭސް ބޮޑުބެރާއި މަޝްހޫރު ލަވަކިއުންތެރިން ކަމަށްވާ މައިޝާ އާއި އާޝާގެ ލަވަތަކާއެކު އޮތް ހުޅުވުމުގެ ރަސްމީޔާތުގައި ގިނަ ބަޔަކު ބައިވެރިވިއެވެ.

ކެފޭ ހުޅުވުމުގެ ގޮތުން، ރިބަންފަށް ކަނޑާ ކަތުރު އައިޝާއަށް ގެންގޮސްދިނީ ރޮބަޓެވެ.

"އޯޝަން ބަބްލްސް" ކެފޭ ހުޅުވުމުގެ ހަފުލާގެ ތެރެއިން… ފޮޓޯ: އަދިވެސް

"އޯޝަން ބަބްލްސް"ގެ ވެރިޔާ، މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން ނަސީމު ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރައިފައިވާ ބައެއް ގައުމުތަކުގައި ބޭނުންކުރާ ކަހަލަ ރޮބަޓިކް ވެއިޓަރަކާއި އަދި މުޅިން ތަފާތު ރަހަތަކެއްގެ ކޮފީއާއި ބަބްލްޓީއާއެކު ހުޅުވި "އޯޝަން ބަބްލްސް"ގައި މެނިއު ލިބޭނީވެސް އޮންލައިންކޮށް ކަމަށާއި އޯޑަރު ދިނުމުން، މޭޒުކައިރިޔަށް އެ ތަކެތި އުފުލައިދޭނީ ރޮބަޓު ކަމަށެވެ. އޯޑަރުކުރި ސާމާނު ނެގުމުން، ޝުކުރު އަދާކުރުމަށްފަހު ރޮބަޓް އެނބުރިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އޯޝަން ބަބްލްސް" ކެފޭ ހުޅުވުމުގެ ހަފުލާގެ ތެރެއިން… ފޮޓޯ: އަދިވެސް

ރަފީއު ވިދާޅުވީ އިސްކޮޅުގައި ހަތަރު ފޫޓު ބައި ހުންނަ މި ރޮބަޓަކީ ކުރިއަރައިފައިވާ ބައެއް ގައުމުތަކުގައިވެސް އަދި ވަރަށް މަދުން ބޭނުންކުރާ އެއްޗެއް ކަމަށެވެ.

"އަޅުގަނޑަކީ މިކަހަލަ އާ ކަންކަން ރާއްޖެއަށް ތައްރާފުކުރަން ބޭނުންވާ މީހަކަށް ވާތީ މި ރޮބަޓް މި ގެނައީ،" މޯބައިލް ފޯނާއި އެކްސަސަރީޒަށް މަޝްހޫރު ޒިއޯން މޯބައިލްސްގެ ވެސް ވެރިޔާ ވިދާޅުވިއެވެ. ރަފީއުއަކީ ކުރިން ކޮމްޕިއުޓަރުގެ ވިޔަފާރި އާއި ކޮމްޕިއުޓަރު ކޯސްތައް ރާއްޖޭގައި ވަރަށް ފުޅާކޮށް ހިންގެވި ވިޔަފާރިވެރިއެކެވެ.

"އޯޝަން ބަބްލްސް"ގެ ވެރިޔާ، މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން ނަސީމު. -ފޮޓޯ: އަދިވެސް

މައިގަނޑު ގޮތެއްގައި ބަބްލްޓީ ވިއްކާ، "އޯޝަން ބަބްލްސް"ގެ ފިހާރައެއް މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުމާލޭ އަތިރިމަތީގައި ވެސް ވަނީ ހުޅުވައިފައެވެ.

"އޯޝަން ބަބްލްސް"ގެ ޖެނެރަލް މެނޭޖަރު އަހުމަދު އަޚުތަރު (އަކޫ) ބުނީ "އޯޝަން ބަބްލްސް" އިން ލިބޭ ބޮބާޓީ އާއި ކޮފީގެ ބާވަތްތަކަކީ ވަރަށް ތާޒާ، އެހާ ރަހަމީރު، އޮތަންޓިކް އެއްޗެއް ކަމަށާއި ބަބްލް ޓީގެ ފްލޭވާތައް ވެސް ވަރަށް ތަފާތުވާނެ ކަމަށެވެ.

"އޯޝަން ބަބްލްސް" ކެފޭ ހުޅުވުމުގެ ހަފުލާގެ ތެރެއިން… ފޮޓޯ: އަދިވެސް

"އޮތެންޓިކް ބޮބާޓީގެ އިތުރަށް މެރާކީ ކޮފީ ރޯސްޓާސްގެ ކޮފީ ބޭނުންކޮށްގެން ސްމޯލްބެޗް ރޯސްޓާސްގެ ކޮފީ މިތަނުން ލިބޭނެ. މިތަނުގައި ހުންނާނީ ކޮފީ ރޯސްޓްކުރާތާ 15 ނުވަތަ 20 ދުވަހުގެ ތެރޭގައި ލިބޭ ކޮފީ. އެހާ ތާޒާވެފައި ރަހަ މީރުވާނެ،" އަކޫ ބުންޏެވެ. "ހިތި ރަހަ ލާ އެންމެ ކޮފީތައްޓެއްވެސް މިތަނުން ސާވެއް ނުކުރާނެ. އެސްޕްރެސޯއެއް ދިނަސް، ފިލްޓަރ ކޮފީއެއް ދިނަސް، ލާޓޭއެއް ދިނަސް، ހިތި ރަހަ ލާ ކޮފީއެއް މިތަނުން ނުދޭނެ."

"އޯޝަން ބަބްލްސް" ކެފޭ ހުޅުވުމުގެ ހަފުލާގެ ތެރެއިން… ފޮޓޯ: އަދިވެސް

މީގެ އިތުރުން ސްޓާރބަކްސް އަށް ކޭކް ތައްޔާރުކުރާ ރެއްލާ ބްރޭންޑުގެ ކޭކާއި ޑޯނަޓާއި ސޭންވިޗާއި ތާޒާ ގެލާޓޯގެ މީރު ރަހަތައް ވެސް "އޯޝަން ބަބްލްސް" އިން ލިބޭނެ ކަމަށް އަކޫ ބުންޏެވެ. އަދި ކުރިއަށް އޮތް ހަފުތާތެރޭގައި ކޯލްޑްބްރޫ ޓީވެސް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.