Support Us

ރިޝްވަތުގެ ޙަޤީޤަތާއި އޭގެ ނުބައިކަން

ޢާލަމުތަކަށް ރަޙްމަތެއް ކަމުގައި ބާވައިލެއްވި އިސްލާމީ ޝަރީޢަތުގައި ޙަލާލު ކުރައްވައިފައިވާ ކަންތައްތަކަކާއި ނަހީ ކުރައްވައިފައިވާ ކަންތައްތަކެއް ވެއެވެ. މާތް ﷲ ޙަރާންކުރައްވައި އެކަމާ ދުރުހެލިވުމަށް އަންގަވައިފައިވާ ކަންތައްތަކުގެ ތެރޭގައި ރިޝްވަތު ވެއެވެ. ބާޠިލުކަމެއް ނައްތައިލުމަށް ނުވަތަ ބާޠިލުކަމެއް ޙާޞިލުކުރުމަށް ދޭ ކޮންމެ އެއްޗަކީ ރިޝްވަތެކެވެ. އެއީ ކަންކަން ޙާޞިލު ކުރުމަށް ޓަކައި އޭގެ ބޭނުންކުރުން  ޙަރާންކުރައްވައިފައިވާ ވަސީލަތެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنْتُمْ تَعْلَمُونَ[1] -އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި باطل ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) حاكمންނަށް ނުދޭށެވެ!)) މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްﷲ ބިން ޢަމްރު ބުނުލްޢާޞުގެ އަރިހުން ރިވާވެގެން ވެއެވެ. ((لَعَنَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الرَّاشِيَ وَالْمُرْتَشِيَ [2]– ރިޝްވަތުދޭ މީއަށާއި ރިޝްވަތު ހިފާ މީހާއަށް ކީރިތި ރަސޫލާ ﷺ ލަޢުނަތް ލެއްވިއެވެ.)) މާތް ﷲ ރުއްސުންލެއްވި ކަޢުބު ބިން ޢުޖްރަތުގެފާނަށް ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((يَا كَعْبُ بْنَ عُجْرَةَ! لَا يَرْبُو لَحْمٌ نَبَتَ مِنْ سُحْتٍ إِلَّا كَانَتِ النَّارُ أَوْلَى بِهِ [3]– އޭ ކަޢުބު ބިން ޢުޖްރާއޭވެ! ސުޙްތުން އުފެދި ގައިގައި ޖެހި މަހަށް ނަރަކައަށްވުރެ އައުލާކަން ބޮޑު ތަނެއް ނުވެއެވެ.))

ކީރިތި ރަސޫލާ ﷺ ޙަރާން މުދަލަށް ސުޙްތުގެ ނަން ދެއްވައިފައި ވެއެވެ. އެކަމުގެ ސަބަބުން ހެޔޮ ޢަމަލުތައް ސުޙްތުވެގެން (ބާޠިލުވެގެން) ދާތީއެވެ. ސުޙްތުގެ ތެރޭގައި ރިޝްވަތު ވެއެވެ. ރިޝްވަތަކީ ވަރަށް ނުބައި ބައްޔެކެވެ. އެއީ ކަންކަން ފާސިދު ކުރާ ވަބާއެކެވެ. އެއީ ޙައްޤު ބާޠިލަށް އަދި ބާޠިލު ޙައްޤަށް ފުރޮޅައިލާ އާލަތެކެވެ. ރިޝްވަތަކީ ކުށްފާފައަށާއި ޢަދާވަތްތެރިކަމަށް އަރައިގަތުމަށް ވާގިވެރިވާ އެއްޗެކެވެ. އެއީ ކުށެއްނެތް މަޢުޞޫމު މީހުން ކުށްވެރިކޮށް ޖަލަށްލައި މުޖްރިމުން ކުށުން ބަރީއަކޮށް މީސްތަކުންގެ ޙައްޤުތައް ނަގައިލާ އާފަތެކެވެ. އެއީ މަޞްލަޙަތުތައް ފާސިދު ކުރާ ވައިރަހެކެވެ. ރިޝްވަތުގެ ސަބަބުން ވަގުންނަށް ކާމިޔާބު ލިބެއެވެ. ޤަދަރުވެރި މާތް މީހުން ބަލިކޮށް އިނދަޖައްސައެވެ. ރިޝްވަތަކީ މުޖްތަމަޢުގައި އަމާނަތްތެރިކަން ނެތި ގެއްލިފައިވާ ކަމުގެ ޢަލާމަތެކެވެ. އެއީ މުޖްތަމަޢުގައި ޚިޔާނަތް ފެތުރި ޢާއްމު ވެފައިވާ ކަމުގެ ނިސާނެކެވެ.

ދުނިޔެއަށް ރިޝްވަތު އީޖާދު ކުރީ ޔަހޫދީންނެވެ. އެމީހުން ސިފަކުރައްވާ މާތްﷲ ވަޙީ ކުރެއްވިއެވެ. ((سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ[4]– (އެއީ) ގިނަގިނައިން ދޮގުބަސްތައް އަހާމީހުންނެވެ. ސުޙްތު މުދާ ގިނައިން ކާމީހުންނެވެ.)) މާތްﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވެފައިވާ ގޮތުގައި ސުޙްތު މުދަލަކީ ރިޝްވަތެވެ.

ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރެކެވެ. ބައެއް ފަހަރަށް އެއީ ހަދިޔާއެކެވެ. އަނެއްބައި ފަހަރަށް އެއީ ޓިޕެކެވެ. އަނެއްބައި ފަހަރަށް އެއީ ސައެކެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީ ޠާލިބުގެފާނު ވިދާޅުވިއެވެ. ((يَأْتِي عَلَى النَّاسِ زَمَانٌ يُسْتَحَلُّ فِيهِ السُّحْتُ بِالْهَدِيَّةِ [5]– ހަދިޔާގެ ނަމުގައި ސުޙްތު ޙަލާލު ކުރެވޭ ޒަމާނެއް މީސްތަކުންގެ މައްޗަށް އަންނާނެތެވެ.))

މި ޒަމާނުގައި ރިޝްވަތު އަތުގައި އަޅާ ގަޑިއެއްގެ ގޮތުގައި އަތުވެދާނެއެވެ. ކެއުމަކަށް ދެވޭ ދަޢުވަތަކަށް ވެދާނެއެވެ. ޢުމްރާ ދަތުރަކަށް ވެސް ވެދާނެއެވެ. ޗުއްޓީ ހޭދަކޮށްލުމަށް ދެވޭ ޕެކެޖަކަށް ވެސް ވެދާނެއެވެ. ރިޝްވަތުގެ ކުޅިގަނޑުގައި ތިން ފަރާތެއް ވެއެވެ. އެއީ ރާޝީ (ރިޝްވަތުދޭ މީހާއާއި) މުރްތަޝީ (ރިޝްވަތު ނަގާ މީހާއާއި) ރާއިޝް (އެ ދެ މީހުންގެ ދެމެދުގައި މެދުވެރިއަކަށްވާ މީހާ) އެވެ. މި ތިން މީހުންނަށް ވެސް މާތް ﷲ ވަނީ ލަޢުނަތް ލައްވައިފައެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الرَّاشِيَ وَالْمُرْتَشِيَ وَالرَّائِشَ[6]– ކީރިތި ރަސޫލާ ﷺ ރިޝްވަތުދޭ މީހާއަށާއި ރިޝްވަތުގައި ހިފާ މީހާއަށާއި އެ ދެ މީހުންގެ ދެމެދުގައި ހިނގާ މީހާއަށް ލަޢުނަތް ލެއްވިއެވެ.)) މި އެންމެންނަށް ލަޢުނަތް ލެއްވީ އެމީހުން މުންކަރާތެއް ހިންގުމުގައި އެއްބާރުލާތީއެވެ. އެ މީހުންނަކީ އަމާނަތް ނަގައިލައިފައިވާ  ބައެކެވެ. އެމީހުންނަކީ ޝައިޠާނާއަށް ކިޔަމަންގަނެ އޭނާގެ ބަހަށް ހެއްލިފައިވާ ބައެކެވެ. ޝައިޠާނާއަށް ތަބާވާ މީހުންނާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރެއްވިއެވެ. ((فَوَيْلٌ لَهُمْ مِمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَهُمْ مِمَّا يَكْسِبُونَ [7]– ފަހެ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން، އެއުރެންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އަދި އެއުރެން ހޯދައިގަންނަ ތަކެތިންވެސް، އެއުރެންނަށް ގެއްލުމާއި ހަލާކުހުށްޓެވެ.))

ކީރިތި ރަސޫލާ ﷺ ބަނީ ސުލައިމު ވަންހައިގެ މީހުން އަތުން ޒަކާތް ނެންގެވުމަށް އިބްނުއްލަތުބިއްޔާ ނަމަކަށް ކިޔާ މީހަކު ފޮނުއްވިއެވެ. މި މީހާ ޒަކާތަށް ލިބުނު އެއްޗެހި ހިފައިގެން ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އައިސް މި ހުރީ ޒަކާތަށް ލިބުނު އެއްޗެއްސޭ އަދި މިއީ އަޅުގަނޑަށް ހަދިޔާއަށް ލިބުނު އެއްޗެއްސޭ ދެންނެވިއެވެ. އެހިނދު ކީރިތި ރަސޫލާ ﷺ އޭނާއަށް ވިދާޅުވިއެވެ. ((ތިބާއީ ތެދުވެރިއެއް ކަމުގައިވާނަމަ ތިބާގެ މައިންބަފައިންގެ ގޭގައި ތިޔަ ހަދިޔާ އާދޭތޯ ބަލަން ނިކަން އިނދެބަލާށެވެ!)) އެއަށްފަހު މިންބަރަށް އަރައިވަޑައިގެން އެ ކަން ބަޔާންކޮށް ދެއްވިއެވެ.[8]

ވަޒީފާއެއް ހޯދުމަށް ޓަކައި ނުވަތަ ވަޒީފާއެއްގައި ކުރިއެރުން ހޯދުމަށް ޓަކައި ނުވަތަ އިންތިޚާބެއްގައި ވޯޓެއް ހޯދުމަށް ޓަކައި ރިޝްވަތު ދިނުމަކީ މުޖްތަމަޢަށް ވެވޭ ޚިޔާނާތެކެވެ. ޤައުމަށް ހެދޭ މަކަރެކެވެ. އެ ކަމުގެ ސަބަބުން އެކަމަށް އަހްލުނުވާ މީހަކު އެ ކަމަށް އިސްކުރެވޭތީއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إذا وسِّدَ الأمرُ إلى غيرِ أهلِه فانتظرِ الساعةَ[9]– އެކަމަށް ޤާބިލު ނޫން މީހަކާ ކަމެއް ޙަވާލުކުރެވިއްޖެނަމަ ފަހެ ތިބާ ޤިޔާމަތްވުމަށް އިންތިޒާރު ކުރާށެވެ!)) އެއީ މާތް ﷲ އިންސާނާއާ ޙަވާލު ކުރެއްވި އަމާނަތަށް ޚިޔާނަތްތެރިވުމެވެ. އުޑުތަކާއި ބިމާއި ފަރުބަދަތައް އެ އުފުއްލުމާ ދުރުހެލިވެގަތް ވަގުތު މި އަމާނަތާ ޙަވާލުވީ އިންސާނާއެވެ. އަމިއްލައަށް މި އުފުއްލި އަމާނާތަށް ޚިޔާނަތްތެރިވުމުގެ ޖަޒާއަކީ ދުނިޔެ ނެތިފަނާވުމެވެ. އަމާނތުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لَا إِيمَانَ لِمَنْ لَا أَمَانَةَ لَهُ، وَلَا دِينَ لِمَنْ لَا عَهْدَ لَهُ [10]– އަމާނަތްތެރިކަން ނެތް މީހާގެ އީމާންކަމެއް ނެތެވެ. އަދި ޢަހްދެއްނެތް މީހާގެ ދީނެއް ނެތެވެ.))

ވެރިކަމުގެ މަޤާމުތަކަށް މީހުން އިސްކުރުމުގެ މިންގަނޑާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އިބްނު ތައިމިއްޔާ رَحِمَهُ اللهُ ވިދާޅުވިއެވެ. "ދެމީހުންގެ ދެމެދުގައި އޮންނަ ތިމާގެކަމެއްގެ ނުވަތަ ރަޙްމަތްތެރިކަމެއްގެ ނުވަތަ މަޞްލަޙަތަކަށް ޓަކައި ނުވަތަ ލިބުނު ރިޝްވަތަކާ ހެދި ނުވަތަ ހިތުގައި އޮތް ނީހައަކާ ހެދި ނުވަތަ ދުޝްމަނުކަމަކާ ހެދި ޙައްޤުން އެއްކިބާވެއްޖެނަމަ އެއީ ﷲއަށާއި ރަސޫލާއަށާއި މުއުމިނުންނަށް ޚިޔާނަތްތެރިވުމެކެވެ. މި ކަންކަން ވަންނާނީ މާތްﷲގެ މި އަންނަ ބަސްފުޅުގެ ދަށަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَاأَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنْتُمْ تَعْلَمُونَ[11]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانة ތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން خيانة ތެރި ނުވާށެވެ!))

ޙަރާން މަގުތަކުން ހޯދާ ތަނަވަސްކަމަށާއި މުއްސަނދިކަމަށް ދުނިޔެއާއި އާޚިރަތުގައި ލިބިގެންވަނީ ވަރަށް ނުބައި އަސަރެކެވެ. ކީރިތި ރަސޫލާ ﷺ އިންޒާރު ކުރައްވައިފައިވާ ގޮތުގައި ޙަލާލަށާއި ޙަރާމަށް ނުބަލައި މީސްތަކުން ފައިސާ ބައްކުރާން އުޅޭނެ ޒަމާނެއް އަންނާނެތެވެ. މުސްލިމުންގެ މައްޗަށް ވާޖިބުވެގެން ވަނީ ޙަލާލު ގޮތުގައި ރިޒްޤު ހޯދުމަށް މަސައްކަތް ކުރުމެވެ. އެއްވެސް ބާވަތެއްގެ ޙަރާން ކަމަކާ ގާތްނުވުމެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވިއެވެ. ((أَيُّهَا النَّاسُ، إِنَّ اللهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا، وَإِنَّ اللهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ: يَا أيُّها الرُّسُلُ كُلُوا مِنَ الطَّيِّباتِ واعْمَلُوا صالِحًا، إنِّي بِما تَعْمَلُونَ عَلِيمٌ[12]– އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲއީ ހުރިހާ ރިވެތި ސިފަފުޅުތަކެއްގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ރަނގަޅު ޙަލާލު އެއްޗެއް މެނުވީ ޤަބޫލުނުކުރައްވަތެވެ. އަދި ހަމަކަށަވަރުން އެކަލާނގެ މުއުމިނުންނަށް އަމުރުކުރައްވަނީ ރަސޫލުބޭކަލުންނަށް އަމުރު ކުރެއްވި ފަދައިންނެވެ. ފަހެ އެކަލާނގެ ވަޙީ ކުރެއްވިއެވެ: އޭ رسولންނޭވެ! حلال ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި صالح عمل ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ عملތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)) [13]

ޙަރާން މުދާ ކިތަންމެ ގިނަކަމުގައި ވިޔަސް އެއީ އެއްވެސް ބަރަކާތެއް ހުރި އެއްޗެއްނޫނެވެ. އެއީ އޭގައި އެއްވެސް ހެޔޮ މޭވާއެއް ގަންނާނެ އެއްޗެއްނޫނެވެ. އޭގެ ސަބަބުން ހިތްތައް ވާނީ ހަރުކަށްޓެވެ. ޟަމީރު ދާނީ މަރުވަމުންނެވެ. ޙަލާލު މުދަލުންނޫނީ ހިތަށް ފިނިކަމެއް ނުލިބޭނެއެވެ. ނަފްސަށް ހަމަޖެހުމެއް ނުލިބޭނެތެވެ. މާތް ﷲ ރުއްސުންލެއްވި އިމާމު އަޙްމަދަށް ދެންނެވުނެވެ. "އޭ އަބޫ ޢަބްދުﷲއޭވެ! ހިތުގެ ފަރުވާއަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. އެއީ ޙަލާލު ގޮތުގައި ހޯދޭ އެއްޗެއްސެވެ."

 

[1]  – البقرة : 188

[2]  – رَوَاهُ أَحْمَدُ وَأَبُو دَاوُدَ وَالتِّرْمِذِيُّ وَصَحَّحَهُ

[3]  – رَوَاهُ التِّرْمِذِيُّ وَصَحَّحَهُ الْأَلْبَانِيُّ

[4]  – المائدة :  42

[5]  – السبكي : طبقات الشافعية الكبرى ٦‏/٣١٤

[6]  –  أخرجه أحمد (٢٢٣٩٩)، وابن أبي شيبة (٢٢٥٢٩) واللفظ لهما، والبزار (٤١٦٠)

[7]  – البقرة 79

[8]  – أخرجه البخاري (٦٩٧٩) ومسلم (١٨٣٢)

[9]  – أخرجه البخاري (٥٩)

[10]  –  أخرجه أحمد (١٢٥٦٧)، والبزار (٧١٩٦)، وأبو يعلى (٢٨٦٣)

[11]  – الأنفال:27

[12]  –  المؤمنون :  51

[13]  – صحيح مسلم ١٠١٥

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *