Support Us

ކޮލަމް މާޒީ: އާ އަހަރަކާ ކުރިމަތިލީއެވެ!

އަހަރެއް ނިމުމުން އަންނާން އޮތް އަހަރަށް ފޮނި އުންމީދުތަކެއް ކުރެއެވެ. ކުރާނެއެވެ. އާދޭހެވެ! 2022 ނިމުނީއެވެ. މިހާރު އެއީ މާޒީއެވެ. އެއާއެކު 2023 މި ފެށުނީއެވެ. މި އަހަރު އަދި މި އޮތީ ކުރިއަށެވެ. ފޮނި އުންމީދުތަކާއެކީގައެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ އުޚުއްވަތްތެރި އެންމެހައި ރައްޔިތުންނަށް އާ އަހަރުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ފޮނުވުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމަށް ދެކެމެވެ. ރާއްޖެއަށް ހެޔޮ ގޮތްތައް އިރާދަކުރެއްވުން އެދި ދުޢާކުރަމުންނެވެ.

މި އަހަރާ އަޅުގަނޑުމެން މި ކުރިމަތިލަނީ މުދަލާއި ޚިދުމަތުގެ އަގު އުފުލި ލާދަ އިތުރުވާނެކަމުގެ ސިގުނަލާއެކީގައެވެ. ޖަނަވަރީން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުސް އިތުރުކުރާން ފާސްކުރި ގާނޫނު ތަންފީޒުކުރާން ފެށުމާއެކު އަގުތައް މައްޗަށް ދާނެކަމީ ސުވާލެއް އޮތް ކަމެއް ވެސް ނޫނެވެ. އެހެންކަމުން އާމުދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދާން ޖެހެއެވެ. ނުވަތަ ޚަރަދުތައް ކުޑަކޮށް ދިރިއުޅުމުގެ ފެންވަރު ދަށްކުރާންޖެހެއެވެ. ލިބޭ މިންވަރަށް ޚަރަދުތައް ރާވައިލާން އެބަޖެހެއެވެ. އިސްރާފުކުރުން ހުއްޓައިލާން އެބަޖެހެއެވެ. މިއީ ފަރުދީ ގޮތުން ކޮންމެ މީހަކު ވެސް ވިސްނާން ޖެހޭ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތައް ބައްޓަންވެފައި ހުންނަނީ ލިބޭ މިންވަރަށް ވިސްނައިގެންނެއް ނޫނެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ވިސްނަނީ ތިމާއަށް ވުރެ ފެންވަރު ރަނގަޅުކޮށް އުޅޭ މީހުން ވެސް އުޅޭ ފެންވަރުގައި ދިރިއުޅޭށެވެ. ނަތީޖާއަކަށް ވާނީ އަތްމަތި ދަތިވެ ދަރަނިވެރިވުމެވެ.

ދިވެހި ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު ފެންނަނީ ވެސް އުފާވެރި މަންޒަރެއް ނޫނެވެ. އަހަރަކަށްވުރެ އަހަރެއް ބޮޑުކޮށް ބަޖެޓު ފާސްކުރަމުން ގެންދަނީ ލިބޭ އެއްޗަކަށްވުރެ ޚަރަދުތައް އެތައް ގުނައަކަށް އިތުރުވާ ގޮތަށެވެ. އާމްދަނީ ލިބޭނެ ވަސީލަތްތައް އިތުރު ނުވިޔަސް ޚަރަދުކުރުމުގައި އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނުވެއެވެ. ދައުލަތުގެ އިދާރިއްޔަތު ރޭވިފައިވަނީ އެންމެ ކުރިއަރައިފައިވާ ގައުމުތަކަށް ވުރެ ވެސް ގިނަ އިދާރާތައް ހުންނާނެ ގޮތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ކޮންމެ ފަސް އަހަރަކުން އިތުރުވަމުން ދާ ގޮތަށެވެ. ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރުމެއް ނެތް ތާނގައި މަގާމުތައް ވެސް އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އެ ފަދަ މަގާމުތަކުގެ އަދަދު ތިންއަކުރު ފަހަނަޅައި މިހާރު ޢަދަދުކުރާންޖެހެނީ ހަތަރު އަކުރުންނެވެ. އަދިވެސް އިތުރުވަނީއެވެ. ކުންފުނިތައް ދަރަނިވެރިވަމުން ދާއިރު، ބޭނުމެއް ނެތް އެތައް މަގާމުތަކެއް އެ ކުންފުނިތަކަށް ގެންދަނީ އިތުރުކުރަމުންނެވެ. އެއް ބާވަތެއްގެ މަސައްކަތްކުރާ އެތައް އިދާރާތަކެއް ވަނީ އުފެދިފައެވެ. އަދި މި ފަދަ ތަންތަން ހުއްޓައި އިތުރު ކޮމިޝަންތަކާއި އިތުރު އޮފީސްތައް ވަނީ އިތުރުކުރެވިފައެވެ. މިއީ ގައުމީ ފެންވަރެއްގައި ވިސްނާންޖެހޭ ކަންކަމެވެ.

ދައުލަތުގައި ފަހަށް ރައްކާކޮށްފައި ހުރި ފައިސާގެ ޢަދަދު އެތައް ތަނެއް ވަނީ މަދުވެފައެވެ. އެތައް ފަހަރަކު ފައިސާ ޗާޕުކޮށް ގައުމުގެ އިގުތިސާދުގެ ތެރެއަށް ފައިސާ ނެރެފިއެވެ. ނަތީޖާއެއްގެ ގޮތުން ބޭރުގެ ފައިސާ، ކަޅު ބާޒާރުގައި އަގުބޮޑުކޮށް ގަނެގެން މުދާ އެތެރެކުރާން ވިޔފާރިވެރީންނަށް ވަނީ މަޖުބޫރުވެފައެވެ. މިއީ ވެސް މުދާ އަގުބޮޑުވާން ދިމާވާ އެއް ސަބަބެވެ. ކުރީން ވެސް ދެންނެވި ފަދައިން ޓެކުސް ބޮޑުވުމަކީ އަގުތައް އުފުލުމުގެ އަނެއް ސަބަބެވެ. ދައުލަތަށް ވެސް މި ކަމުގެ ނޭދެވޭ އަސަރު ފޯރާކަން ދަނީ ފެންނަމުންނެވެ. ދައުލަތުން މަހުން މަހަށް އެކި ބިލުތަކަށް ތައްކާންޖެހޭ ފައިސާ ގަވާއިދު ނުދެއްކުމުގެ ޝަކުވާ ކުރާ މީހުން މަދެއް ނޫނެވެ.

ގައުމުގެ އިގުތިސާދީ ހާލަތާ މެދު ރާއްޖޭގެ ރައްޔިތުންގެ އިތުރަށް ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ދަރަނި ދެއްކޭނެ ގޮތެއް ވިސްނައިލުމެއް ނެތި ދަރަނި ނަގައިނަގައި ދައުލަތް ވަނީ ބޯ ހިއްލައިނުލެވޭވަރުވެފައެވެ. ނަމަވެސް މި ކަމާމެދު ސީރިއަސްކޮށް ވިސްނާންޖެހޭ ބަޔަކު ވިސްނާކަމަކަށް ނުފެނެއެވެ. އެއް ބަޔެއްގެ އަތުން ދަރަނި ނަގައިނަގައި އެ ބަޔެއްގެ ކިބައިން ސަލާމަތް ނުވެވޭ ހިސާބަށް ދިޔުމުން، މިނިވަން ގައުމެކޭ ކިޔަސް ފެންނަނީ "އެ ބަޔަކަށް" އަޅުވެތިވެފައިވާ ތަނެވެ. މި ކަމުގެ އެންމެ ބޮޑު އެއް ހެތްކަކީ ރާއްޖޭގެ ރައްޔިތުން ބޭނުންކުރާން އަޅާ ބުރިޖެއް، ނާގާބިލު ބަޔަކާ ހަވާލުކުރާން މަޖުބޫރުވުމެވެ. އެ ވެސް ނުއަގުގައެވެ. ނަމަވެސް މި މަސައްކަތް ކުރާ ގޮތުން ރައްޔިތުން މި ތިބެނީ ހިތާމައިން އާސޯޚުވެ ބަސްހުއްޓިފައެވެ. މީގެ އިތުރަށް މި ފަދަ މަސައްކަތްތައް ކުރާން ހަވާލުކުރާ އެއްބަސްވުންތައް އެންމެ ކުޑަމިނުން ރައްޔިތުންގެ މަންދޫބުންނަށް ދައްކައިލުމުގެ އިޚުތިޔާރު ވެސް ދައުލަތަށް ނޯވެއެވެ. އެހާ ވެސް މި ދައުލަތް މިވަނީ ނިކަމެތިވެފައެވެ. ދައުލަތުގެ ހުރިހާ ސިއްރުތަކެއް ވަނީ އެ ބަޔަކަށް ހިތަކަށް ދެވިފައެވެ.

މާފުކުރެއްވުން އެދެމެވެ. މިއީ މި ގައުމާ މެދު މި ފެށުނު އަހަރަށް ވިސްނައިލުމުން ހިތަށް އަރައި ފޭބި ބައެއް ޝުޢޫރުތަކުން ވެސް ބަޔެކެވެ. މިއީ ހިތުގައި އުފެދޭ ޤައުމީ ޝުޢޫރުތަކުން ތިލަވި ޢިބާރާތްތަކެކެވެ. ގައުމާ މެދު ވިސްނޭތީ ހިތުގައި އުފެދުނު ޖަޒުބާތުގެ ކުޑަ މިންވަރެކެވެ. މިކަންކަމާ މެދު ދައުލަތުގެ އެކި ކަންކަމާ ހަވާލުވެވަޑައިގެން ތިއްބަވާ ބޭފުޅުން ވިސްނުންފުޅު ބަހައްޓަވާނޭކަމަށް އުންމީދުކުރަމެވެ. މި ދެންނެވި ކަންކަމަކީ ފަރުދީ ގޮތުން އަޅުގަނޑުމެން ފަދަ އާދައިގެ އާންމު ރައްޔިތަކު ވިސްނައިގެން ހައްލެއް ހޯދޭނޭ ކަންކަމެއް ނޫނެވެ.

ކަންކަން ހުރީ އެހެންކަމަށް ވިޔަސް އަޅުގަނޑުމެން ކޮންމެ ރައްޔިތަކު ވެސް އެ މީހެއްގެ ފެންވަރުން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. ފަހަށް ރައްކާކުރުމުގެ އާދަ ދަސްކުރާން އެބަޖެހެއެވެ. ލިބޭ މިންރަކަށް ވުރެ ޚަރަދު އިތުރު ނުވާނޭ ގޮތެއްގެ މަތީން އިޤުތިޞާދުކުރާން ދަސްކުރާން އެބަޖެހެއެވެ. މި ފެށޭ އަހަރު އަގުތައް މައްޗަށް ދާނެތީ ޚަރަދުތައް ކުޑަކުރާން އެބަޖެހެއެވެ.

މި ފެށޭ އަހަރު އަޅުގަނޑުމެން އެންމެ ބޮޑަށް އަޒުމު ކަނޑާއަޅާން ޖެހޭ އެއްކަމަކީ ލިބޭ އެއްޗަކާ އެއް މިނެއްގައި ޚަރަދުތައް ހަމަޖައްސާން ދަސްކުރުމެވެ. އެއީ ކުރެވިދާނެކަމެކެވެ. ކަރަންޓު ބިލު ކުޑަކުރުމަށް ޓަކައި ބޭކާރު ގޮތުގައި ކަރަންޓުގެ ބޭނުން ނިހިފާން އަޒުމު ކަނޑައެޅިދާނެއެވެ. ކޮޓަރި ފިނިކުރާ ނިޒާމާއި އަލިކުރާން ދިއްލާ ބޮކިތައް ވެސް ޒަރޫރަތާ އެއް ގޮތަށް ބައްޓަން ކުރެވިދާނެއެވެ. އަދި ކޮންމެހެން ސައިކަލުގައި ނުވަތަ ދުއްވާ އެއްޗެއްގައި ދާން ޖެހޭ ތާކަށް ނޫނީ ހިނގައިލައިފައި ދެވިދާނެއެވެ. ބާޒާރަށް ފޯނެއް ނުކުންނަ އިރަށް އެއަށް ދަހިވެތި ނުވެ ތިމާ ގެންގުޅޭ ފޯނު ހަމަ ރަނގަޅުކަމަށް ގަބޫލުކުރެވިދާނެއެވެ. ކޮންމެ މުނާސަބަތަކަށް ހެދުންތައް އަލުން ގަތުމުގެ ބަދަލުގައި މިހާރު ވެސް ބޭނުންކުރާ ހެދުމުން ފުއްދައިލެވިދާނެއެވެ. ފައިވާނާއި ދަބަސް ވެސް ބާ ނުވަނީސް ގަންނާކަށް ނުޖެހޭނެކަން ގަބޫލުކޮށްލިއްޔާ ކިހާ ޚަރަދުކުދާވާނެތޯއެވެ!

ބާޒާރުން ފެންނަ ކޮންމެ އެއްޗަކީ އިންސާނުން ބޭނުންވާނެ ތަކެއްޗެވެ. ވީމާ ބާޒާރުކުރާން އަޅުގަނޑުމެން ދާއިރު ވެސް ގަންނާންދާ އެއްޗެހީގެ ލިސްޓެއް ހިފައިގެން ދިޔުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އޭރުން ފިހާރައިން އެއްޗެއް ފެނުމުން އެ އެއްޗެއް ގަންނާން ބޭނުން ވިޔަސް ލިސްޓުގައި ނެތް އެއްޗެއް ނަމަ ނުގަންނާން އަޒުމުކަނޑައެޅިދާނެއެވެ. އެހެނީ ލިސްޓުގައި ނެތަމަ، އެއީ ތިމާއަށް މުހުތާދުވާ އެއްޗަކަށް ނުވާނެއެވެ. އެއްޗެއް ބޭނުންވުމާއި މުހުތާދުވުމަކީ މުޅީން ތަފާތު ދެކަމެކެވެ. ތިމާއަށް މުހުތާދުވާ ކޮންމެ އެއްޗެއް ހޯދާންޖެހުނަސް ބޭނުންވާ ކޮންމެ އެއްޗެއް ހޯދާކަށް ނުޖެހޭނެއެވެ. މި ގޮތަށް އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރެވިއްޖެ ނަމަ، މި ކަމުގެ ފައިދާ އަޅުގަނޑުމެންގެ އާއިލާތަކުގެ އިތުރަށް މުޅި ގައުމަށް ވެސް ކުރާނެއެވެ.

ވީމާ، އާ އަހަރާ އަޅުގަނޑުމެން ކުރިމަތިލާއިރު މި އަހަރަކީ ފާގަތި އަހަރަކަށް ހެދުމަށް ޓަކައި ޚަދަރުކުޑަކޮށް އިސްރާފުކުރުމާ ދުރުހެލިވާން ވިސްނުމަކީ މިއަދު އަޅުގަނޑުމެން އަޒުމު ކަނޑައަޅާންވީ އެންމެ މުހިންމު ކަންތަކެވެ. އާމްދަނީއެއް ލިބޭނެ ކޮންމެވެސް ކަމެއް ކުރެވޭތޯ މަސައްކަތްކުރާންވީއެވެ. ހުރިހާ ދިމާއަކުން ވެސް ޚަރަދުކުޑަކުރާން ވިސްނާންވީއެވެ. ފަހަށް ރައްކާކުރާން ދަސްކުރާންވީއެވެ. ބޭކާރު ޚަރަދުތައްކުރުމާއި އިސްރާފުކުރުމާ މުޅީން ދުރުހެލިވާންވީއެވެ. ރައްޔިތުންނާއި މުޅި ދައުލަތުންނެވެ. މި ގޮތުގެ މަތީން ޢަމަލުކުރެވިއްޖެ ނަމަ، މި ފެށުނު އާ އަހަރަކީ ހަމަ ކާމިޔާބު ފާގަތި އަހަރެއްކަމުގައި ހެދިދާނެއެވެ. ހުރިހާ ބޭފުޅުންނަށް ވެސް އުފާވެރި ފާގަތި އަހަރަކަށް އެދެމެވެ.