Support Us

ކިޔަވާ ކުދިންނާއި އޮފީސްތަކަށްދާ ކުދިން ބޭތިއްބުމަށް 14 ބުރީގެ އިމާރާތެއް އެޗް.ޑީ.ސީން ބިނާކުރަނީ

ކިޔަވާ ކުދިންނާއި އޮފީސްތަކަށްދާ ކުދިން ބޭތިއްބުމަށް 14 ބުރީގެ ހައުސިން އިމާރާތެއްގެ ބިންގާ އެޗް.ޑީ.ސީން މިއަދު އަޅައިފިއެވެ. 

އެޗް.ޑީ.ސީން ބުނީ "ކޯލިވިންގ ހައުސިންގ" އިމާރާތުގެ ބޭނުމަކީ ގްރޭޓަރ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށެވެ.

""ކޯލިވިންގ ހައުސިންގ" ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއަރ" ނުވަތަ އެހެން މީހުންނާއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުންކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއަރ ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓަރ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމެވެ." އެޗް.ޑީ.ސީން ބުންޏެވެ. ""ކޯ ލިވިންގ" ކޮންސެޕްޓަށް އެޗް.ޑީ.ސީ އިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެއެވެ. މީގެއިތުރުންވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ އެހެނިހެން ހިދުމަތްތަކެއް މި ބިލްޑިންގއިން ލިބިގެންދާނެއެވެ."

އެޗް.ޑީ.ސީން ބުނީ އެ ކުންފުނިން ކުރި ދިރާސާތަކުން ދައްކާ ގޮތުން، ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5،000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކާ ކަމަށެވެ.

"މި ދެންނެވުނު ފަރާތްތަކުގެ ތެރެއިން 56% އަށް ވުރެ ގިނަ ފަރާތްތަކުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި މި ފަދަ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ގެދޮރުވެރިކަމެއްގައި 1އެއް  އަހަރަށް ވުރެ ގިނަ އަހަރު ދިރިއުޅޭނެ ކަމަށް ލަފާކުރެވެއެވެ."

މި ޕްރޮޖެކްޓްގެ ދަށުން ދެ ވަނަ ފަންގިފިލާއިން ފެށިގެން ނުވަ ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންގ އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

"މި ޕްރޮޖެކްޓްގެ ދަށުން ކުއްޔަށް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައިވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި މިހާރުވެސް އާބާދުވެ ތަރައްޤީ ވަމުން އަންނަ ސަރަޙައްދެއްގައި ހުންނަ ލޮޓް N4-42 ގެ 16،934.07 އަކަފޫޓުގެ ބިމުގައި 14 ބުރި އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ."