...

Support Us

ކޮލަމް ކަލާވެހި: އެއްބައިވަންތަކަމާމެދު އަޅުގަނޑު ވިސްނައިލީމައި ވާގޮތެއް

އެއްބައިވަންތަކަމަކީ ކޮބައިތޯ ބަލައިލާން އަޅުގަނޑު އެންމެ ފުރަތަމަވެސް ބަލައިލީ ދިވެހިބަހުގެ މިހައިރުގެ ރަސްމީ ރަދީފުގައި އެބަހުގެ މާނަ ލިޔެފައި އޮތީ ކިހިނެއްތޯއެވެ. ބަހުގެ މާނަޔެއް ކަމަށް އޮތީ "އެންމެން އެކުގައި ގުޅި އެއްބައިވެގެންވާކަން" މިހެންނެވެ. މި މާނަޔަކީ ކޮންމެވެސް ހަސްފަތާލެއްގެ އެކި ޖަގަހަތަކަށް އަވަސްއަރުވައިލައިފައި ނަންތަކެއް ދިން ގޮތް ކަމަށް ބަޔަކު ނަމަވެސް ޔަޤީންކަމެއް ނެތި ޔޯލަކޮށް ބުނާ ގޮތުގައި، އެތައް ބަޔަކު ހިމެނޭ އެއްބައިވަންތަ އޮޅިޔެއްގެ ނަމުގައި އެކެއްގެ ޒަމާނީ މޮޅު ޚިޔާލުން ނިކުތް ޖައުހަރަކަށް ނުވާނޭ ކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. އެހެނީ، އެހެން މީހުންނަކީ އެއްވެސް އެއްޗެއް ޢަމުދުން ނޭނގޭ ބައެއް ކަމަށް ދުށުމާއި، ތިމާއީ ހުރިހައި އެއްޗެއް އެނގިހުރުމުގެ ކުންނުކަމުގައި ހީކުރުމާއި ބުނުމަކީ ޚުދްމުޚްތާރުކަމާއި ބޮޑާ ތަކައްބުރުކަން ނޫން އެހެން ކޮން ކަމެއްތޯއެވެ! އެހެންނަމަވެސް، އެއްބައިވަންތަކަމުގެ މައްޗަށް އެންމެންމެ ފިކުރުކުރާން ޖެހޭ ދުވަހެއްގައި އެކަން ދޭހަކޮށްދޭން ބޭނުންކުރާ ލަފުޒާމެދު ވިސްނައިލުމަކީވެސް ނެތްކަމެއް ނޫނެއް ނޫންތޯއެވެ!

ތަނެއްގައި ބަޔަކު އެކުގައި ގުޅިގެން އުޅުން އެކަށީގެންވެއެވެ. ދުރުން ބަލާ ބަޔަކަށް ނަމަވެސް އެ ބަޔަކީ އެއްބަޔެކޭ، އެއްބައިވެގެން އުޅޭ ބަޔެކޭ ހީވުން، ނުވަތަ ހީކުރުވުމަކީވެސް ވެދާނޭ ކަމެއް މެއެވެ. އެހެންނަމަވެސް، ޙަޤީޤީ އެއްބައިވަންތަކަމާ މިދެންނެވި ދެ ޙާލަތާ ގުޅެނީ ކިހައިވަރަކަށްތޯ މަތިމަތީން ބަލައިލައިގެން އެވަރުން ފުއްދައިނުލައި، މާޙައުލަކަށް ބަލައިލީމައި އެތާކުން ފަހަރުގައި ފެނިދާނޭ އެއްބައިވަންތަކަމުގެ ކުލަތަކަކީ ވަކިބަޔަކު އެތަނެއްގައި ގަދަކަމުން ޖައްސައިގެން އުޅޭ ކުލަތަކެއްތޯ ބަލައިލާން ޖެހޭކަމަށް އަޅުގަނޑު ދެކެމެވެ. އެތަނެއްގެ ޖައްވުން ތަކުރާރުކޮށް އިވެމުންދާ ފޯރިގަދަ ލަވަޔަކީ އެތާކަށް ގޮސްއުޅޭ ބަޔަކު މަޖުބޫރުން ކިޔަންޖެހިގެން ކިޔައި، ފޯނަށް އަޅައިގެން އުޅޭ ލަވަޔެއްތޯ ބަލައިލުމަކީވެސް އަޅުގަނޑު ހަމަ ގައިމުވެސް ކުރާނޭ ކަމެކެވެ. އަދި ފަހުން މިދެންނެވި ދެގޮތަކީ ކަން އޮތްގޮތުގެ ޙަޤީޤަތަށް ވާނަމަ، އެތަނެއްގައި އޮތްކަމަށް އެބުނާ އެއްބައިވަންތަކަމަކީ ހަކުރުގެ ބަދަލުގައި ބޭނުންކުރެވިދާނެޔޭ ބަޔަކު އެބުނާ ވިހަ ސޮޑާހަކުރު ނޫން އެއްޗެއް ކަމަކަށް އަޅުގަނޑަކަށް ހަމަ ނުފެނެއެވެ.

މިސާލެއް ދަންނަވަންތޯއެވެ!

ކޮންމެވެސް ކަމަކާމެދު ކަންބޮޑުވެޔޭ، މުޖުތަމަޢުގެ އެންމެންގެ ފަރާތުން އެކަމާ އުޅޭނޭ ބަޔަކު އިސްނަގާންވެއްޖެޔޭ ފައުޅުގައި ގޮވަމުން، މުޖުތަމަޢުގެ މަތިފަޑިމައްޗަށް ފުންމައިގެން އެރުން އެއީ ލިޔުމުގައި ނޯންނަ ބޮޑު ސިއްރަށް ހަދައިގެން އުޅޭ އެކެއްދެމީހަކު ޖަމުޢިއްޔާއެއް ހަދައިފާނެއެވެ. އަހަރުމެންގެ މުޖުތަމަޢެއްގައި އިޞްލާޙުކުރާންޖެހޭ އެތައްއެތައް ކަމެއް އެބަހުއްޓޭ، އެ ކަންކަން އިޞްލާޙުކުރުމުގައި އިސްނަގާން ތިބި ބަޔަކީ އަހަރުމެންނޭ، އަހަރުމެން ނޫން ބަޔަކު އެކަމަކަށް ކަމަކު ނުދާނޭ، އެހެންވީމައި އަހަރުމެންނާ ގުޅޭށޭވެސް ގޮވާން ފަށާފާނެއެވެ. އަހަރުމެންނާ އެކީ އިޞްލާޙުގެ މަގަށް ނިކުންނަ އެންމެންގެ ޚިޔާލު އެކި ކަންކަމާމެދު ހުރިނެތްގޮތް ހަމަހަމަކަމާއެކު ފައުޅުކުރާން ފުރުޞަތުދީގެން، އެޚިޔާލުތައް އެއްމޭޒެއްގެ މައްޗަށް ގެނެސްގެން އިންސާފުވެރިކަމާއެކު ވަޒަންކޮށްގެންނޭ އަހަރުމެން މަސައްކަތްކުރާނީ، މިކަހަލަ ލަވަތަކެއްވެސް އަބަދާއިއަބަދު ކިޔައިފާނެއެވެ. އަހަރުމެންގެ އިސް ސަފުތަކަށް މީހުން ހޮވައިނެގުމުގައި ޚާއްޞަ މީސްމީހުންނަށް ހެޔޮވަރަށް ހެދުންފަހައިގެން ލައްވައެއް ނޫޅޭނަމޭ، އެކި ކަންކަމުގެ ކައްޕިތާނުކަން ތަބަކަކަށް ލައިފަޔެއް ނުދޭނަމޭވެސް ވަރަށް ބާރަށް ގޮވައިގޮވައިވެސް ތިބެދާނޭ މެއެވެ. އެކަމަކު އެކަހަލަ ޖަމުޢިއްޔާއެއްގައި ޙަޤީޤީ  އެއްބައިވަންތަކަން އޮންނާނޭތޯއެވެ؟ ކަމާބަހާ ދިމާނުވަންޏާ ނޯންނާނޭ ކަން ކަށަވަރެވެ.

އެކަމަކު ކަމާބަހާދިމާވުން އެއީ އަދި އެހެން ކަމަށް ވީމައި، ދެން އެޔަށްވެސް ކިޔާނީ ހަމަ އެއްބައިވަންތަކަމޭތޯއެވެ؟ މިދެންނެވި އެކެއްދެމީހުންނާއި، އެމީހުން ގަޔަށް ހެވޮރަށް ހެދުންފަހައިދިން ދެތިން މީހުންނާއި، ތަބައް ލިބިގަތް ދެ މީހަކާ ވީމައި އެވަރުން އެއްބައިވަންތަކަން ފެށިފައި، މިދެންނެވި މީހުން ޖަހައިހައި ބެރަކަށް ނަށައިގެން މެނުވީ ހަފޮޅުން އެތެރޭގައި ނުތިބެވޭނޭކަން އެނގިގެން، ބުޅަލަކަށް ދުވަހެއް އައްޔާ މީދަލަކަށްވެސް ދުވަހެއް އަންނާނޭ ސިއްރުސިއްރުން ހިތަހިތައި، ހިތުގައި ލައްލައްގަނޑު ޖެހުނަސް ތުނބުން ހީނލަހީލައި އެތިބޭ އުންމީދީ އެންމެވެސް އެތިބެނީ ހަމަ އެއްބައިވަންކަމުގައިތޯއެވެ؟ ތެދުފުޅެކެވެ! ރަދީފުގައި އެއޮތް މާނަޔާ ހަމައިން ހުއްޓައިލައިފިނަމަ، އެއޮތީ އެއްބައިވަންތަ ޖަމުޢިއްޔާއެކެވެ. މުޖުތަމަޢެކެވެ. ފެންނަފެނުމަށް ނަމަވެސް، ބޭރުފުށުންނަމަވެސް ހަމަ އެންމެރަނގަޅު، އެހެންނޫންތޯއެވެ!

އެކަމަކު އެވަރުން ހަމަ ފުދޭތޯއެވެ؟ އެއްބައިވަންތަކަން ފާހަގަކުރާން ވާނެޔޭ ކިޔައިގެން ޖަމުޢިއްޔާގެ އެންމެން އެއްތާކަށް އެއްކޮށްގެން، ޖަމުޢިއްޔާ އުފެއްދި އެކެއްދެމީހެއްގެ ފޮނި ވާހަކަ އެންމެން އަޑުއަހައިފައި، ގަޔަށް ހެޔޮވަރަށް ހެދުން ފަހައިދިން ދެތިން މީހަކާއި ތަބަކުގެ ހެވަތުގައި އުޅެން ލިބުނު ދެމީހަކަށް ކުރެވޭ ތާރީފުގެ އެއްކޮޅުގައި ހިފައިލީމައި އެއްބައިވަންތަކަން ފުރިހަމަވޭތޯއެވެ؟ ޖަމުޢިއްޔާގެ ބާރުވެރި ކޮންމެވެސް މަހުޖަނެއްގެ ޚަރަދުގައި އެންމެނަށް ވާވަރަށް ގެނައި ކުކުޅު ޕާރުސަލް ތައް ކަނޑައިލީމައި، ތަނަށް ހާޒިރުވި ގިނަ މީސްމީހުންގެ ގޭގޭގައި އެރޭވެސް ދަރީން ކާން ހުރި އެއްޗަކާމެދު ބިރުހީވެފައި ތިބި އެތައް ބަޔެއްގެ އަރުން އެއްޗެއް ދިރޭނޭ ތޯއެވެ؟ ދެންވެސް ވިދާޅުވާނީ އެއީވެސް އެއްބައިވަންތަކަމޭތޯއެވެ؟

ނޫނެކެވެ! އެއްބައިވަންތަކަމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި އަދި އެއީއެއްނޫނެވެ! އެއްބައިވަންތަކަމަކީ އެކަހަލަ ދެއްކުންތެރި ޖަލްސާޔަކުން ނިންމައި، ތައްގަނޑުޖަހައިލެވޭނޭ ކަމެއް ނޫނެވެ.

އެއްބައިވަންތަކަމަކީ އެޔަށްވުރެ ތަނަވަސް މާނަޔެއްގައި އޮންނާން ޖެހޭނޭ ކަމެކެވެ. އެއްބައިވަންތަކަމަކީ، މުޖުތަމަޢެއްގައި ހިނގާ އެންމެހައި ކަމެއްގައި އެ މުޖުތަމަޢެއްގައި އުޅޭ، ދިރިއުޅޭ، ހަމަ އެންމެންގެ މަޞްލަޙަތުތަކަށް ހަމަހަމަޔަށް ސަމާލުކަން ދެވިގެންނޫނީ އޭގެ ޙަޤީޤީ މާނައިގައި ވުޖޫދުވެގެން އޮންނާނޭ އެއްޗެއް ނޫނެވެ. ބައިނަލް އަޤްވާމީ ބަޔާންތަކުގައި އަސާސީ އިންސާނީ ޙައްޤުތައް ކަމަށް ބަޔާންކޮށްފައި އެހުންނަ ކަންކަމުގެ ތެރެއިން އެ މުޖުތަމަޢެއްގެ އެންމެން ޤަބޫލުކުރާ އެންމެހައި ހަމަތަކެއް އެއީ އެންމެނަށް ހަމަހަމަކޮށް ކަށަވަރުކޮށްދޭން ޖެހޭ ޙައްޤުތަކެއް ކަމަށް ޢަމަލީގޮތުންވެސް ކަށަވަރުކޮށްދީގެން ނޫނީ އޮންނާނޭ އެއްޗެއް ނޫނެވެ. ޢަދުލުއިންޞާފާއި، ވެށީގެ ދުޅަހެއުކަމާއި، ވަޒަނާއި މުދަލުގެ ޙިމާޔަތަކީ ވަޒީރެއް ފަކީރެއް ތަފާތު ނުކޮށް، މަހުޖަނެއް މިސްކީނެއް ތަފާތުނުކޮށް ލިބެވޭ ކަންކަންކަމުގައި ބަހާއި ޢަމަލާއި ރޫޙުން ފިސާރި ފައުޅުކަންބޮޑު ގޮތެއްގައި ސާބިތުކުރެވިގެން ނޫނީ އޮންނާނޭ އެއްޗެއް ނޫން މެއެވެ. މިދެންނެވި ކަންކަން ޞައްޙަ ގޮތުގައި އެތަނެއްގައި ނެތިއްޖެތަ، އެއްބައިވަންތަކަމަކީ ރަދީފުގައި އޮންނަންޖެހިގެން އޮންނަ ބަހަކަށް ވެފައި، އެޔަކުން ކުރާނޭ އިތުރު ބޭނުމެއް ނޯންނާނެއެވެ.

މިދެންނެވި ކަންކަމާއެކު، ތަނެއްގައި އެއްބައިވަންތަކަން ދެމިއޮންނާނީ މުދާވެރިކަމާއި ތަނަވަސްކަން ހޯދާން މަސައްކަތް ކުރުމުގެ ޙައްޤާއި، ހޭލުންތެރިކަމާއި ޢިލްމު ލިބިގަތުމުގެ ޙައްޤާއި، އަނބިދަރީންގެ ބަނޑުފުރާނަމުއްތިކުރުމާއި އެމީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން މަސައްކަތްކުރުމުގެ ޙައްޤުވެސް ހަމަ ކޮންމެ ފަރުދަކަށްމެ ތަފާތެއްނެތި ލިބިގެންނެވެ. ޢުމުރުގެ ބޮޑުބައި އެކަށް މުޖުތަމަޢެއްގެ ޚިދުމަތުގައި ގުލާނުކުރުމުގައި ހޭދަކޮށްލި ހަމަ ކޮންމެ މީހެއްމެ ލޯބޯކޮށިވާ ދުވަހު އެމީހަކަށް އަގަލާއި ކުލުނާއެކު އަޅައިލުމުގެ ހަމަތަކާއި، މިހުރިހައި ކަމެއްގައިވެސް ދެރަސޮޑާއިންނާއި ކިލެގެބޭފުޅުންނާ ތަފާތުނުކުރުމުގައްޔެވެ. އެހެންނޫނީ، އެއްބައިވަންތަކަން އޮންނާނީ މަޖުބޫރުވާ ބަޔަކު ފެންފުރާންޖެހިފައި އޮންނަ ފޫނެތް ފަޔަކަށެވެ.

އެއްބައިވަންތަކަމަކީ މިދެންނެވި ފަދަ ހެއު މުޖުތަމަޢެއްގައި ހެއު މާނަޔެއްގައި އޮންނަ އެއްޗަކަށް ނުވެއްޖެ ނަމަ، އެ މުޖުތަމަޢެއްގައި އެއްބައިވަންތަކަންވެސް އޮންނާނީ އެކަކަށްވުރެ އަނެކަކު އޭގެ މުލު މިލްކުވެރިކަމަށް ދަޢުވާކުރާން އޮންނަ ނާދިރު އެކަމަކު ދެދުވަހުން އެއްދުވަހު ގިރިޓީކުރާންޖެހޭ ރަންގަނޑަކަށް ވެފައެވެ. އޭނާޔަކަށް ނޫނޭ އެނގޭނީ، އެނގޭނީ މަށަށޭ، މަށަށް އެކަންޏޭ، އޭނާ އެގޮވަނީ މޮޔަޔޭ، އެ ދަމަނީ ހާސަރޭ، އެއްބައިވަންތަކަން ފުރިހަމަޔަށް އެނގެނީ މަށަށްނޫން ދެން އެހެން ކާކަށްހޭ ގޮވުން ނޫން އެހެންކަމެއް އެތާކު ނޯންނާނެއެވެ.  ފަހުން މިދެންނެވި ޒާތުގެ ގޮވެލިފަތި ގޮވައި، ފިލައިތިބެގެން ހަދާ ހެއްވާ ނަންނަމުގައި ތަންތަނުގައި ލިޔެ، މިހެން އުޅޭ މީހުންގެ މަޤްޞަދަކަށް ވެފައި އޮންނާނީ މުޖުތަމަޢެއްގެ އެއްބައިވަންތަކަމެއް ނޫނެވެ. އަކަޔަންބޯ ހެދުމެވެ! މިވަގުތު އޮޑީގެ ދިރުނބާކޮޅުގައި ގަލަށްކިޔާން މީހަކު ހުރިއްޔާ، އެމީހަކު ކަނޑުފައްތައިފައި ނަމަވެސް ތިމާމީހާ އެތަނަށް އެރުމެވެ.

މިއީ އަޅުގަނޑަށް ފެންނަ ގޮތެކެވެ. އެއީ ފަހަރުގައި އެއްބައިވަންތަކަމުގެ އެންމެ ޒަމާނީ މާނަޔަކަށް ނުވެވެސް ހިނގައިދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12

One Response

  1. ހައްތާވެސް ރަނގަޅު ވާހަކަ. ތެދު ވާހަކަ. ހިތާއި ސިކުނޑިންވެސް ގަބޫލު ކުރާ ވާހަކަ ތަކެއް. ޝުކުރިއްޔާ މިފަދަ ދުވަހެއްގައި މިކަހަލަ ލިޔުމެއް ގެނެސްދެއްވީތީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.