Support Us

"އޯޝަން ބަބްލްސް"ގެ ރޮބޮޓިކް ވެއިޓަރު ކައިރީގައި ރަފީއުއްދީން މަޑުކޮށްލައްވައިގެން.. -ފޮޓޯ: އަދިވެސް

ވެއިޓަރެއްގެ ގޮތުގައި ރޮބަޓެއް ހަރަކާތްތެރިވާ ފުރަތަމަ ކެފޭ ރާއްޖޭގައި ހުޅުވަނީ

ވެއިޓަރެއްގެ ގޮތުގައި ރޮބަޓެއް ހަރަކާތްތެރިވާ ފުރަތަމަ ކެފޭ އަންނަ ޖަނަވަރީމަހު ފުރަތަމަ ދުވަހު މާލޭގައި ހުޅުވާގޮތަށް ހަމަޖައްސައިފިއެވެ.

މަޖީދީމަގު އިރުމަތީކޮޅުގައި، (ކުރިން އުރީދޫ އޮފީސް ހުރި އިމާރާތުގައި) ހުޅުވާ "އޯޝަން ބަބްލްސް"ގެ ވެރިޔާ، މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން ވިދާޅުވީ މިއީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރައިފައިވާ ބައެއް ގައުމުތަކުގައި ބޭނުންކުރާ ކަހަލަ ރޮބަޓިކް ވެއިޓަރަކާއި އަދި މުޅިން ތަފާތު ރަހަތަކެއްގެ ކޮފީއާއެކު ހުޅުވާ ތަނެއް ކަމަށެވެ.

ފަންސަވީސް ގޮނޑީގެ "އޯޝަން ބަބްލްސް"ގައި މެނިއު ލިބޭނީވެސް އޮންލައިންކޮށް ކަމަށާއި އޯޑަރު ދިނުމުން، މޭޒުކައިރިޔަށް އެ ތަކެތި އުފުލައިދޭނީ ރޮބަޓު ކަމަށް ވެސް ރަފީއު ވިދާޅުވިއެވެ. އޯޑަރުކުރި ސާމާނު ނެގުމުން، ޝުކުރު އަދާކުރުމަށްފަހު ރޮބަޓް އެނބުރިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަފީއު ވިދާޅުވީ އިސްކޮޅުގައި ހަތަރު ފޫޓު ބައި ހުންނަ މި ރޮބަޓަށް ކިޔާނެ ރީތި ދިވެހި ނަމަކާ މެދު ވިސްނަވަމުން ގެންދަވާ ކަމަށެވެ.

"އޯޝަން ބަބްލްސް"ގެ ރޮބޮޓިކް ވެއިޓަރު ކައިރީގައި ކުއްޖަކު މަޑުކޮށްލައިގެން.. -ފޮޓޯ: އަދިވެސް

"މީގެ ރޮބަޓަކީ ކުރިއަރައިފައިވާ ބައެއް ގައުމުތަކުގައިވެސް އަދި ވަރަށް މަދުން ބޭނުންކުރާ އެއްޗެއް. އަޅުގަނޑަކީ މިކަހަލަ އާ ކަންކަން ރާއްޖެއަށް ތައްރާފުކުރަން ބޭނުންވާ މީހަކަށް ވާތީ މި ރޮބަޓް މި ގެނައި،" މޯބައިލް ފޯނާއި އެކްސަސަރީޒަށް މަޝްހޫރު ޒިއޯން މޯބައިލްސްގެ ވެސް ވެރިޔާ ވިދާޅުވިއެވެ. ރަފީއުއަކީ ކުރިން ކޮމްޕިއުޓަރުގެ ވިޔަފާރި އާއި ކޮމްޕިއުޓަރު ކޯސްތައް ރާއްޖޭގައި ވަރަށް ފުޅާކޮށް ހިންގެވި ވިޔަފާރިވެރިއެކެވެ.

މައިގަނޑު ގޮތެއްގައި ބަބްލްޓީ ވިއްކާ، "އޯޝަން ބަބްލްސް"ގެ ފިހާރައެއް މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުމާލޭ އަތިރިމަތީގައި ވެސް ވަނީ ހުޅުވައިފައެވެ.

"އޯޝަން ބަބްލްސް"ގެ ޖެނެރަލް މެނޭޖަރު އަހުމަދު އަޚުތަރު (އަކޫ) ބުނީ "އޯޝަން ބަބްލްސް" އިން ލިބޭ ބޮބާޓީ އާއި ކޮފީގެ ބާވަތްތަކަކީ ވަރަށް ތާޒާ، އެހާ ރަހަމީރު، އޮތަންޓިކް އެއްޗެއް ކަމަށާއި ބަބްލް ޓީގެ ފްލޭވާތައް ވެސް ވަރަށް ތަފާތުވާނެ ކަމަށެވެ.

"އޯޝަން ބަބްލްސް"ގެ ރޮބޮޓިކް ވެއިޓަރު މަސައްކަތްކުރާ ގޮތް އަކޫ ކިޔައިދެނީ.. -ފޮޓޯ: އަދިވެސް

"މިތަން ހުޅުވުމަށްޓަކައި އިންޓީރިއަރ ޑިޒައިންކޮށް، ތައްޔާރީތައްވާތާ މިހާރު ދެތިން މަސްވެއްޖެ. ހުރިހާ ސާމާނެއް ވެސް މިހުރީ މިތަނަށް ހާއްސަކޮށް ގެނެސްފައި. އަދި ހިދުމަތް ދޭން ތިބޭ ކުދިން ވެސް މި ވަނީ ތަމްރީނުކޮށްފައި،" އަކޫ ބުންޏެވެ. "މިއީ އޮތެންޓިކް ރަހަތަކާއެކު، ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ތަނެއް."

"އޮތެންޓިކް ބޮބާޓީގެ އިތުރަށް މެރާކީ ކޮފީ ރޯސްޓާސްގެ ކޮފީ ބޭނުންކޮށްގެން ސްމޯލްބެޗް ރޯސްޓާސްގެ ކޮފީ މިތަނުން ލިބޭނެ. މިތަނުގައި ހުންނާނީ ކޮފީ ރޯސްޓްކުރާތާ 15 ނުވަތަ 20 ދުވަހުގެ ތެރޭގައި ލިބޭ ކޮފީ. އެހާ ތާޒާވެފައި ރަހަ މީރުވާނެ،" އަކޫ ބުންޏެވެ. "ހިތި ރަހަ ލާ އެންމެ ކޮފީތައްޓެއްވެސް މިތަނުން ސާވެއް ނުކުރާނެ. އެސްޕްރެސޯއެއް ދިނަސް، ފިލްޓަރ ކޮފީއެއް ދިނަސް، ލާޓޭއެއް ދިނަސް، ހިތި ރަހަ ލާ ކޮފީއެއް ނުދޭނަން."

މަޖީދީމަގު އިރުމަތީކޮޅުގައި ހުޅުވާ "އޯޝަން ބަބްލްސް"ގެ ކެފޭ. -ފޮޓޯ: އަދިވެސް

އަކޫ ބުނީ މަސައްކަތް ކުރަމުން ދަނީ އާ އަހަރުގެ ފުރަތަމަ ދުވަހު ތަނުގެ ހިދުމަތް ދިނުމަށް ކަމަށާއި، ރަސްމީކޮށް ތަން ހުޅުވުމަށް ޚާއްސަ ހަރަކާތްތަކެއް އިންތިޒާމްކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *