Support Us

އޯގާވެރިކަން… ކީރިތި ރަސޫލާގެ ހިތްޕުޅު- 1

ޔަތީމެއް

ޔަތީމެކެވެ. މާތްﷲ އެކަލޭގެފާނުގެ ޅަފަތުގެ ދާންކޮޅެއްކަމުގައި ލެއްވީ ޔަތީމުކަމެވެ.

އެކަލޭގެފާނުގެ ޢުމުރުފުރާގެ ކުދީން ބަގީޗާ ތެރޭގައި އެކުދީންގެ ބަފައިންނާއެކު ކުޅެމުންދިޔައިރު ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާ ބައްލަވަމުން ވަޑައިގަތީ އުޑާދިމާއަށެވެ.

ދުވަހަކުވެސް "ބައްޕާ"އޭ ވިދާޅެއް ނުވެއެވެ. ގޮވައިލައްވާނެ ބަފައިކަލަކު ލިބިވަޑައިގެން ނުވާތީއެވެ. އެހެނަސް އަބަދުވެސް ވިދާޅުވެފައިވަނީ ((يَا رَبِّى)) އަހުރެންގެ ވެރި ރަސްކަލާކޯއެވެ.

މާތް ﷲ މުޙައްމަދުގެފާނަށް ޔަތީމުކަން ދެއްވީ ކޮން ޙިކްމަތަކަށް ޓަކައި ބާވައެވެ؟

އެކަލޭގެފާނުގެ ހިތްޕުޅުން އޯގާވެރިކަމުގެ އާރުތައް  ބޭނުންފުޅުވާ ގޮތަކަށް ނެރުއްވާން ނޫން ބާވައެވެ؟

ކީރިތި ރަސޫލާ ﷺ ގެ އޯގާވެރިކަމަކީ ބުއްދީގެ އަހްލުވެރީން ޙައިރާންކޮށްލި ކަމެކެވެ.

މުޙައްމަދުގެފާނުގެ އޯގާވެރިކަމަކީ އެކަލޭގެފާނުގެ ޔަތީމުކަމުން ފެޅި ގަހެއް ނޫނެވެ. އަދިކިއެއްތަ؟ އެއީ ޔަތީމުކަމުން ފެށުނު އެކަލޭގެފާނުގެ ވުޖޫދާއެކު ވިލަރެސްވެގެން ވުޖޫދުވި ކަމެކެވެ.

އެއީ ދަތި ޙާލުގައިވާ ނިކަމެތީންގެ އޯގާވެރިކަމެއް ނޫނެވެ.އެއީ ތަނަވަސް ޙާލުގައިވާ ބާރުގަދަ މީހުންގެ އޯގާވެރިކަމެކެވެ.

އޯގާވެރިކަމާ ބެހޭގޮތުން އެކަލޭގެފާނު ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ވަށައިގެން ބުރުޖަހާއިރު އަދި އޯގާވެރިކަމުގެ ޙާލަތްތަކުގައި އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ބަލާއިރު އެއީ ހިސާބުގެ މާދަލާތަކެކެވެ. އެއީ ޖަޒްބާތީ ކަމެއްނޫނެވެ. އެއީ ޙާލުގައި ޖެހިފައިވާ މީހަކަށް ތަސައްލީ ގެނެސްދޭ ބަސްފުޅުތަކެއް ނޫނެވެ.

އެކަލޭގެފާނު އޯގާވެރިކަމާމެދު ވާހަކަފުޅު ދައްކަވައިފައިވަނީ އެކަމުގެ އަގު ރަނގަޅަށް ދަންނަ ތަޖްރިބާކާރެއްގެ މީޒާނުންނެވެ. އެކަމަށް ބޭނުންވާ ހުރިހާ ޙާލަތުތަކަކަށް އެކަލޭގެފާނު އިންސާފު ކުރައްވައިފައިވެއެވެ. ހުރިހާ ދުރިމިއަކުން އެކަމަށް ބައްލަވައިފައި ވެއެވެ. އެއަށްފަހު އެކަމަށް އެންމެ އެކަށީގެންވާ ދުސްތޫރެއް ގެނެސް ދެއްވިއެވެ.

އައްސަވާށެވެ! ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ.

((الرّاحِمُونَ يَرْحَمُهُمُ الرَّحْمَنُ [1]– އޯގާވެރީންނަށް ރަޙްމާންވަންތަ- އޯގާވަންތަ- ރަސްކަލާނގެ ރަޙްމަތް[2] ލައްވާނެތެވެ.))

ދެން އޮތް ބަސްފުޅަކީ ((اِرْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ[3]– ތިޔަބައިމީހުން ބިމުގައިވާ ބަޔަކަށް އޯގާވެރިވާށެވެ! އޭރުން އުޑުގައިވާ ބަޔަކު ތިޔަބައިމީހުންނަށް އޯގާވެރިވާނެއެވެ.))

އޯގާވެރީންނަކީ ކޮބައިހެއްޔެވެ؟

ހަރުބަހެއް ބުނާގޮތުގައި "އެއްޗެއް ނެތް މީހަކަށް އެއްޗެއް ނުދެވޭނެއެވެ."

އޭނާގެ އަމިއްލަ ނަފްސަށް އޯގާވެރި ނުވެވޭ މީހާއަށް އެހެން މީހަކަށް އޯގާވެރިއެއް ނުވެވޭނެއެވެ.

އަޅުކަމުގައި ވެސް އޯގާވެރިކަން

ކީރިތި ރަސޫލާ ﷺ އަކީ އަޅުވެރިއެކެވެ. އެކަލޭގެފާނު ފޮނުއްވުނީ އަޅުކަންކުރާންވީ ފަރާތާއި އަޅުކަން ކުރާންވީ ގޮތް އިންސާނިއްޔަތަށް ދަސްކޮށް ދެއްވުމަށެވެ. އެކަލޭގެފާނު ވަޑައިގަތީ އަޅުކަމުގެ ދިދަ އުފުއްލަވާށެވެ.

އެހެނަސް އެކަލޭގެފާނު ބަޔާންކޮށް ދެއްވާ ގޮތުގައި އަޅުކަމުގައި ޙައްދުފަހަނަޅައިދިޔުމަށް ވުރެ އޯގާވެރިވުމުގެ ހެޔޮކަން ބޮޑެވެ.

މައްކާ ފަތަޙަ ކުރެއްވުމަށް ޓަކައި ހިޖްރައިން އަށްވަނަ އަހަރު ކީރިތި ރަސޫލާ ﷺ މަދީނާއިން ފުރާވަޑައިގަތެވެ. އެއީ ރަމަޟާން މަހެކެވެ.މީސްތަކުން ތިބީ އެކަލޭގެފާނާއެކު ރޯދައަށެވެ. ދަތުރުގެ ބުރަކަމާހެދި މީސްތަކުން ވަރުބަލިވެ ކަންނެތްވި ތަން ރަސުލާއަށް ފެނިވަޑައިގަތުމުން ފެން ތަށްޓެއް ގެންނަވައި މީސްތަކުންނަށް ފެންނަގޮތަށް ރޯދަފުޅު ވީއްލެވިއެވެ. ބައެއް މީހުން އަދިވެސް ރޯދަ ނުވީއްލާކަމަށް އެކަލޭގެފާނަށް ދެންނެވުނު ހިނދު  ވިދާޅުވިއެވެ. އެއީ އުރެދުންތެރީންނެވެ.

އެހެން ޙާދިސާއެއްގެ ވާހަކަ އަހާށެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދުﷲގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ދަތުރުފުޅެއް މަތީގައި އުޅުއްވަނިކޮށް މީސްތަކުން މީހެއްގެ ގާތަށް އެއްވެ އެ މީހާއަށް ހިޔާކޮށްދޭ ތަން ފެނިވަޑައިގަތެވެ. އޭނާއަށް ވީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން އެއީ ރޯދަވެރިއެއް ކަމަށް ދެންނެވުނެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ليسَ منَ البرِّ الصِّيامُ في السَّفر[4]– ދަތުރުމަތީގައި ރޯދަހިފުން ހެޔޮ ކަންތައްތަކުގެ ތެރޭގައެއް ނުވެއެވެ.)) އެފަދަ މީހާއަށް އޮތީ އޭނާގެ ނަފްސަށް އޯގާވެރިވެ ﷲ ދެއްވި ރުޚްޞާގައި ހިފުމެވެ.

އެއްދުވަހަކު ޞަޙާބީންތަކެއް ކީރިތި ރަސޫލާ ﷺގެ ގެކޮޅަށް ވަޑައިގަތެވެ. ކީރިތި ރަސޫލާ ﷺގެ އަޅުކަންތައް ހުންނަގޮތް އޮޅުންފިލުއްވުމަށް ޓަކައެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު އެ ބޭކަލުންނަށް ރަސޫލާގެ އަޅުކަންތައް ހުންނަގޮތް ވިދާޅުވެ ދެއްވުމުން އެބޭކަލުން އެ ކަންތައް ވަރަށް މަދުކަމަށް ދެކެވަޑައިގަތެވެ. އަދި އެބޭކަލުން ވިދާޅުވިއެވެ. ރަސޫލުﷲގެފާނާ އަޅައިބަލާއިރު ތިމަންބޭކަލުންނަކީ ކޮން ބައެއް ހެއްޔެވެ؟ މާތްﷲ ވަނީ ރަސޫލާއަށް އިސްވެދިޔަހައި ފާފަތަކާއި ފަސްވެދިޔަހައި ފާފަތައް ފުއްސަވާ ދެއްވައިފައެވެ.

އެހިނދު އޭގެތެރެއިން އެއްބޭކަލަކު ވިދާޅުވިއެވެ. އަހުރެން ލޮލުފިޔައެއް ނުޖަހާ މުޅި ރޭގަނޑު އަޅުކަން ކުރާނަމެވެ.

ދެވަނަ ޞަޙާބީ ވިދާޅުވިއެވެ. އަހުރެން ހުއްޓާނުލައި މުޅި އަހަރު ރޯދަ ހިފާނަމެވެ.

ތިންވަނަ ޞަޙާބީ ވިދާޅުވިއެވެ. އަހުރެން އަންހެނުންނާ އެކަހެރިވެ ދުވަހަކު ވެސް މީހަކާ ނީންނާނަމެވެ.

މި ތިން ބޭކަލުންގެ ވާހަކައަށް ބަލާއިރު ނަފްސުގެ އިންސާނީ ޙައްޤުތައް ކޮބައިހެއްޔެވެ؟ ނަފްސަށް ކުރާ ރަޙްމާއި އޯގާވެރިކަން ކޮބައިހެއްޔެވެ؟

މި ބޭކަލުންގެ ވާހަކަފުޅުތައް ރަސޫލާއަށް އިވިވަޑައިގަތުމުން ކީރިތި ރަސޫލާ ﷺ ފަހުބަސް ވިދާޅުވިއެވެ.

((މިވެނި އެވެނި ބަސްތައް ބުނީ ތިޔަބައިމީހުން ހެއްޔެވެ؟ ފަހެ ދަންނާށެވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވުރެ ބޮޑަށް ﷲ ދެކެ ބިރުފުޅު ގަންނަމުއެވެ. އަދި އެކަލާނގެއަށް ތަޤްވާވެރިވެ ވަޑައިގަންނަވާލެއް މާ ބޮޑެވެ. އެހެނަސް ތިމަންކަލޭގެފާނު ރޯދަފުޅު ހިއްޕަވައި ރޯދަފުޅު ވީއްލަވަމުއެވެ. ރޭގަނޑު ނަމާދުފުޅު ކުރައްވާ އަވަހާރަފުޅު ލައްޕަވަމުއެވެ. އަދި ތިމަންކަލޭގެފާނު މީހުންނާ ކާވެނިފުޅު ބައްލައިގަންނަވަމުއެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާ ދުރުހެލިވާ މީހަކީ ތިމަންކަލޭގެފާނުގެ މީހެއްނޫނެވެ.)) [5]

މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްﷲ ބިން ޢަމްރު ބުނުލް ޢާޞް އަބަދު ރޯދަފުޅު ހިއްޕަވާ މުޅި ރޭގަނޑު ނަމާދު ކުރައްވާ ޚަބަރު ރަސޫލާއަށް ލިބިވަޑައިގަތެވެ. އެހިދު އިބްނު ޢަމްރު ގެންނަވާ ޙަދީސް ކުރެއްވިއެވެ. ((ތިޔަ ގޮތަށް ނަހަދާށެވެ. ފަހެ ހަމަކަށަވަރުން ތިބާގެ ހަށިގަނޑަށް ޙައްޤެއް ވެއެވެ. އަދި ތިބާގެ ނަފްސަށް ޙައްޤެއް ވެއެވެ. އަދި ތިބާގެ އަނބިމީހާއަށް ޙައްޤެއް ވެއެވެ. ރޯދަ ހިފާށެވެ. އަދި ރޯދަވީއްލާށެވެ. ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިފާށެވެ. އެއީ މުޅި އަހަރު ރޯދަހިފުމެވެ.

އެކަލޭގެފާނު ދެންނެވިއެވެ. އަޅުގަނޑަށް ތިޔަ މިންވަރަށް ބޮޑަށް ރޯދަ ހިފިދާނެއެވެ. ޙަދީސްކުރެއްވިއެވެ. އެހެންވިއްޔާ ދެ ދުވަހުން އެއް ދުވަހު ރޯދަ ހިފާށެވެ. އެއީ ދާވޫދުގެފާނުގެ ރޯދަފުޅެވެ. އެއީ އެންމެ ޢާދްލުވެރި ރޯދައެވެ.

އެކަލޭގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑަށް އެއަށްވުރެ އިތުރަށް ރޯދަ ހިފިދާނެއެވެ.

ރަސޫލުﷲގެފާނު ޙަދީސް ކުރެއްވިއެވެ: އެއަށްވުރެ މާތް ގޮތެއް ނެތެވެ.))

(ނުނިމޭ)

 

[1]  – أخرجه أبو داود (٤٩٤١)، والترمذي (١٩٢٤)،وأحمد (٦٤٩٤)

[2] – ރަޙްމަތަކީ އޯގާއެވެ.

[3]  – أخرجه أبو داود (٤٩٤١)، والترمذي (١٩٢٤)،وأحمد (٦٤٩٤)

[4]  – أخرجه النسائي (٢٢٥٥)، وابن ماجه (١٦٦٤)، وأحمد (٢٣٦٨١)

[5]  – أخرجه البخاري (٥٠٦٣)، ومسلم (١٤٠١)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *