Support Us

ކޮލަމް ކަލާވެހި: "ދަރިފުޅާއެވެ! އެނބުރި އަންނާށެވެ. ދޮރު އަދި އެހުރީ ހުޅުވިފައެވެ."

ދަންނަވަން މިއުޅޭ ވާހަކައިގެ ފެށުން އޮތީ މީގެ އެތަކެއް އަހަރު ކުރީގައެވެ. އަޅުގަނޑުގެ ޤައުމީ ޚިދުމަތުގެ ދަތުރު ރަސްމީކޮށް ފެށުނު ހިސާބުގައެވެ. މަޖީދިއްޔާ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އަޅުގަނޑު އެ އިސްކޯލުގެ އިނގިރޭސި ޓީޗަރުކަން ގާތްގަނޑަކަށް ދެއަހަރާއި ހައެއްކަ މަސްދުވަހުގެ މުއްދަތަކަށް ކުރިތަނާ، ތަޢުލީމީ ވުޒާރާއިން އަލަށް ވުޖޫދަށް ގެންނެވި މުއައްސަސާޔަކަށް އިތުރު މަސްއޫލިއްޔަތުތަކަކާއެކު އަޅުގަނޑު ބަދަލުކުރެއްވީއެވެ. ދަންނަވަން މިއުޅޭ ވާހަކައިގެ ފެށުން އޮތީ މިދަންނަވާ ބަދަލުގެ ކުރީން އެ ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައެވެ.

މަޖީދިއްޔާ ސްކޫލްގައި އަޅުގަނޑު އިނގިރޭސި ޓީޗަރަކަށް އުޅުނުއިރު، އަޅުގަނޑުގެ ބައެއް ދަރިވަރުންނާ އަޅުގަނޑާ ދެމެދު ޢުމުރުގެ ގޮތުން ބޮޑު ތަފާތެއް އޮތް ކަމުގައި އެއިރު އަދި ފެނުނަސް، އެއީ ހަމަ އެންމެ ހައެއްކަ އަށެއްކަ އަހަރުގެ ތަފާތެވެ. އަޅުގަނޑު އެ ދަރިވަރުންނަށް ކިޔަވައިދޭން ގެންގުޅުނީ އެދުވަސްވަރުގެ މުޤައްރަރު ކަމުގައި ވިޔަސް، ކިޔަވައިދިނުމުގައި އަޅުގަނޑު ގިނައިން ގެންގުޅުނު ގިނަ ގޮތްތަކަކީ އެ ޒަމާނުގެ ބިދޭސީ ޓީޗަރުން ގެންގުޅުނު ގޮތްތަކާ ކުޑަކޮށް ތަފާތު ގޮތްތަކެކެވެ. ގެންގުޅުނު ވަޞީލަތްތަކަކީ އެ ދަރިވަރުންގެ މުސްތަޤްބަލާއި ކުރިމަގުގައި ރާއްޖެ އޮންނާނޭ ގޮތްކަމަށް އެއިރުގެ ޢާލިމުން ކުރައްސަވައިފައިވާ ތަޞްވީރުތަކުގެ މައްޗަށް ބިނާކޮށްގެން އަޅުގަނޑު އަމިއްލަޔަށް އުފެއްދި އެއްޗިއްސެވެ.

ޒަމާން ބަދަލުވަމުން އައިސް، އަޅުގަނޑުގެ އެއިރުގެ ދަރިވަރުންނާއި އަޅުގަނޑާ ދެމެދު އެދުވަސްވަރު ހުރި 'އުސްތާޒާއި ޠާލިބުންނާ ދެމެދު ހުންނަންޖެހޭ' ތަފާތުތައް މަޑުމަޑުން ކެނޑި، އިހުގެ ދަރިވަރުން މިހައިރުގެ ރައްޓެހި ރަޙުމަތްތެރީންނަށް ބަދަލުވެއްޖެއެވެ. އަދި މިދެންނެވި ދަރިވަރުންގެ ތެރެއިން ވަރަށް ގިނަ ދަރިވަރުންނަކީ ޤައުމަށް ފައިދާހުރި އެތައް އެތައް ކަމެއް ކޮށްދީފައިވާ، އަދި ކޮށްދެމުންދާ ޒިންމާދާރު މީހުންކަމަށް ވުމީ އަޅުގަނޑަށް ޚާއްޞަ އުފަލެއް ލިއްބައިދޭ ކަމެއް މެއެވެ. އަޅުގަނޑުމެން އެންމެން ހައްދަވައި ބޮޑުކުރެއްވި މަތިވެރި މާތް ޙަޟްރަތަށް އަޅުގަނޑުގެ ހިތް ޝުކުރުން ފުރޭ ކަމެއްމެއެވެ.

ކަން އަދި މިހެން އޮތަސް، އަޅުގަނޑުގެ އެދުވަސްވަރުގެ ދަރިވަރުންގެ ތެރޭގައިވެސް އަޅުގަނޑާ އެހައި ޤަބޫލު ނޫން ދަރިވަރަކު މިހައިރުވެސް ހުރުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ކާޅެއްގައި ހުދު ފަތެއް ހުރެދާނެޔޭ ބުނާ އުޞޫލުންނެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އޭގެ ތެރެއިން ދާދި ފަހުން އަޅުގަނޑަށް ފާހަގަވި އެކެއްގެ ވާހަކަ އަޅުގަނޑު މިތާނގައި ދަންނަވާނަމެވެ.

ދަރިވަރަކީ ކިޔެވުމަށް ފަރުވާ ބަހައްޓައި އުޅުނު، ތޫނުފިލި ކުއްޖެކެވެ. އޭނާގެ އެއިރުގެވެސް، އަދި މިހައިރުވެސް ބައެއް މީހުން ބުނާގޮތުގައި އުނި އެއް ސިފަޔަކީ އޭނާގެ އެހުންނަ ޒާތެއްގެ ބޮޑާކަމަކާއި ކިބުރުވެރިކަމެކެވެ. ތަންކޮޅެއް ފޯރައިގެން އުޅޭ ޒާތުގެ މީހެއްގެ ދަރިޔަކަށްވެސް ވާތީ ކަންނޭނގެޔޭ، އޭނާޔަކީ ވަރަށް 'ސަޅި’ކޮށް އުޅޭހިތްވާ ކުއްޖެއްކަން އޭނާޔާ އެއް ކުލާހުގައި އުޅުނު ކުދީންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ދުއްވަން ގެންގުޅުނު ބައިސްކަލުންނާއި، އަރައިގެން ހުންނަ ބޫޓުންނާއި، ގެންގުޅޭ ގަލަމުންވެސް ފެންނާނީ ހަމަ އެ 'ސަޅި’ކަމެވެ. އޭނާޔާ އެއްކުލާހުގައި އަދި އުޅުނަސް، އޭނާ ވާހަކަދައްކައި އުޅުނު ދަރިވަރުންނާއި ޢަމުދުން ނުފެންނަކަމަށް ހަދާ ދަރިވަރުންގެ ތަފާތަކީ އެކުދީންގެ ބެލެނިވެރީންގެ ތަނަވަސްކަން އެކުދީންގައި ފެންނަން ހުންނަ ދަރިވަރުންކަމީ އެންމެންވެސް ދަންނަ ކަމެކެވެ.

ދިރާސީގެ އަހަރެއްގެ މެދުތެރެއިން ކަހަލަ ގޮތަކަށް މިދެންނެވި އާދަޔާ ޚިލާފު ދަރިވަރުގެ އާދަޔާ ޚިލާފު އަދާތަކުގެ ތެރެޔަށް ދެން ވަދެގެން ދިޔައީ އެޔަށްވުރެވެސް އާދަޔާ ޚިލާފު ކަމެކެވެ. އޭނާގެ ބޮލުގައި ކުއްލިޔަކަށް އެޅުނީ މިރާއްޖޭގައި އެދުވަސްވަރު ކޮންމެވެސް މަސައްކަތެއްކުރަން އައިސްހުރި ބިދޭސީއެއްގެ ދަރިޔެއްގެ އަގުބޮޑު އެއްޗެއް ވަގަށްނެގުމުގެ އިލްޒާމެވެ!

އަޅުގަނޑު އެތަކެއް މަސައްކަތް ކޮށްގެން، އެތަކެއް ކަމެއްގެ ޙަޤީޤަތް ހޯދައިގެން، މިދަންނަވާ ދަރިވަރުގެ އަބުރާއި، އަގު ސަލާމަތްކޮށްދިނީމެވެ. ބޮޑު ލަދަކުން ޙިމާޔަތްކޮށްދިނީމެވެ. އޭނާގެ ތަޢުލީމީ ޙަޔާތް ބަރުބާދުވިޔަނުދީ އޭނާ ރައްކާތެރިކޮށްދިނީމެވެ. އެކަމަކު އެކަމުގެ ބަދަލުގައި..؟

އެތަކެއް އަހަރު ފަހެވެ. މިދެންނެވި ދަރިވަރާ ބެހޭގޮތުން މީގެ ހަތަރުފަސް އަހަރެއް ކުރީން އަޅުގަނޑަށް އަހަން ޖެހުނީ ކަންފަތަށް އެހައި ފަސޭހަ އަޑުތަކެއް ނޫނެވެ. މިދެންނެވި އިހުގެ ދަރިވަރު އަޅުގަނޑާ ބެހޭ ގޮތުން އަޅުގަނޑުގެ ޣައިރުޙާޟިރުގައި އެކި ތަންތާނގައި ދައްކަމުން ގެންދިޔަ ވާހަކަތަކުގައި ހިމެނުނީ ހަޖުލެވެ. ބަދުނާމެވެ. މަލާމާތެވެ. އާޑަފުރައްސާރައެވެ. މުޖުތަމަޢުގައި އަޅުގަނޑުގެ އަގުވައްޓައިލުމުގެ ގޮތުން ހަދަހަދައިގެން ދެއްކި އެކި ވާހަކަތަކެވެ. އެކަމުގެ ސަބަބަކާ ހަމަޔަކަށް އެދުވަސްވަރަކު އަޅުގަނޑަކަށް ނުދެވުނެވެ. އެ ސަބަބެއް އެހައިވަރަކުން ހޯދާކަށްވެސް އަޅުގަނޑު ނުއުޅެމެވެ. ލަފާކުރެވުނު ގޮތުގައި އޭނާގެ ނުފޯރާކަމުގެ ދަލީލެއްކަމުގައި ހިމެނުނު އެ ކަންކަމަކީ އިނގިރޭސިބަހުން އެކިޔާ 'ޖެލަސް' ވުމޭ އަޅުގަނޑު ހިތަށް އަރަމުންދިޔައީތީ، އެކަމަކާ އަޅުގަނޑު އެހައިބޮޑަކަށް ކަންބޮޑެއްވެސް ނުމެވޭމެއެވެ.

ދުނިޔެއަކީ ބަދަލުވާ އެއްޗެކެވެ. މިހައިރު އަޅުގަނޑަށް ހަމަ އެދަރިވަރުގެ ފަރާތުން މި އިވެނީ މުޅީން އެހެން އަޑެކެވެ. އަޅުގަނޑާ ދޭތެރޭ އޭނާޔަށް ކަން ކުރެވުނު ގޮތާމެދު އޭނާ ދެރަވާ ވާހަކައެވެ. އޭނާ ކުރަމުން ގެންދިޔަ ކަންކަން ނުކުރެވުނުނަމައޭ ހިތަށްއަރާ ވާހަކައެވެ. މަޢާފަށް އެދެންވެސް އަޅުގަނޑާހަމަޔަށް އަންނަން ނުކެރޭނޭ ވާހަކައެވެ. ގަންނަ ލަދުންކަމަށް ވެއެވެ.

އަސްތާ! އަޅުގަނޑުގެ އިހުގެ އެ ދަރިވަރަށާއި، އެހެން އެދުރުންނާ މެދުވެސް އިހާނެތިކޮށް ހިތި، އެކަމާ ދެރަވާ ދަރިވަރުންނާ މުޚާޠަބްކޮށް އަޅުގަނޑު ބުނަމެވެ. ތިމާ ކުޑައިރު ތިމާޔާ އަޅައިލައި، ލޯބި ދީ، ތަނަވަސްކަން ހުރި ވަރަކުން ތިމާޔަށް ހޯދައިދެވެން ހުރި އެއްޗެއް ހޯދައިދީ، މިހެން އުޅުނު މައިންނާއި ބަފައިންނާ މެދު ކުޑައިމީސްކޮށް ޢަމަލުކުރެވި، އެކަމާ ދެރަވާ ދަރީންނަށް އަޅުގަނޑު ބުނަމެވެ. ތިމާޔަށް ދުނިޔޭން ހެޔޮމަގު ދައްކައި ހެދި ކޮންމެ މީހަކަށްނަމަވެސް ދެރަބަސް ބުނެވި، އެކަމާ ލަދުގަންނަންޖެހޭކަން ފާހަގަވާ ކޮންމެ ފަރާތަކަށް ބުނެދެމެވެ. ލޯތްބާއި އިޙްތިރާމާ އެކުގައެވެ.

ދަރީން ވާނީ ދަރީންނަށެވެ. އަދި ގިނަ އެދުރުންނަށް ދަރިވަރުންވެސް ފެންނާނީ ދަރީން ކަމުގައެވެ. އެހެންކަމާއެކު ބުނަމެވެ!

އެދުރުންނަށް ކަމޭހިތައި، މައިންބަފައިންނޭ ކިޔުން ޙައްޤު މީހުން ދެކެ ލޯބިވެ، އެ އެންމެނަށްމެ އިޙްތިރާމްކޮށްގެން އުޅޭ ދަރީންނަކީ ހެޔޮލަފާ ރަނގަޅު ދަރީންނެވެ. އެދަރީންނަށް ބަރަކާތް ލައްވާށިއެވެ! އަދި ހަމަ އެޔާއެކު، ދެން މިބުނަނީ އިންސާފުގެ މަގުން ކުޑައިކޮށް ބޭރުން ބުނާ އެއްޗެކޭ ހީވިޔަސް، އެހެން ހީނުކުރާށެވެ. ދަރީން ވާނީ ދަރީންނަށެވެ. އަދި ޢަމުދުން، ތިމާގެ އެދުރުންނަށް ނުވަތަ މައިންބަފައިންނަށް ބަދުބަސް ބުނެ، ނިކަމެތިކޮށް ހިތައިފި ކޮންމެ މީހަކަށް، ޢުމުރުގެ ކޮންމެ ހިސާބެއްގައި ނަމަވެސް، ހަށިގަނޑުގައި ފުރާނަ ހުއްޓައި، ނޭފަތުން ނޭވާ ހިނގަހިނގައި ހުއްޓައި، ހެޔޮ މަގު ފެނިގެން އޭނާގެ އެދުރުންނާއި މައިންބަފައިންގެ ކިބައިން މަޢާފަށް އެދުމުގެ ދޮރަކީ ބަންދުވެގެންވާނޭ ދޮރެއް ނޫނެވެ. ބަންދުވާނޭވެސް ދޮރެއް ނޫނެވެ. އަދި ދަރިޔަށް މަޢާފުކުރުމުގެ ދޮރަކީ އެހެން މީހަކަށް ބަންދުކުރެވޭނޭ ދޮރެއްވެސް ނޫނެވެ. ދަރިކުލުނަކީ އެކަހަލަ އެއްޗެކެވެ.

އެހެންވީމައި، ދިރިއުޅުމުގައި ތަންކޮޅެއް ކުރީން މިދެންނެވި ކަހަލަ ނުކިއްސަރު ކަންތައްތަކެއް ތިމާގެ މައިންބަފައިން ނުވަތަ އެދުރުންނާމެދު ކުރެވުމަށްފަހު އެކަމުގައި ހުރި ގޯސްކަމާއި ނުބައިކަން އަމިއްލަޔަށް އިޙްސާސްވުމުގެ ނިޢުމަތް ލިބިއްޖެ ކޮންމެ މީހަކު ދެން ފަސްނުޖެހޭށެވެ. ދެއްވި ނިޢުމަތަށް ޝުކުރުކުރާށެވެ! އެދުރުމީހާ ނުވަތަ މައިންބަފައިންނާ ހަމަޔަށް އަވަހަށް ދާށެވެ! މަޢާފަށް އެދޭށެވެ. ހެޔޮމަގަކަށް ލަހެއްފަހެއް ނެތެވެ. ހެޔޮ މަޔަކު ދަރިފުޅަށް، ހެޔޮ ބަފަޔަކު ދަރިޔަކަށް، ހެޔޮ އެދުރަކު ދަރިވަރަކަށް، ފުރަގަހެއް ނުދޭނެއެވެ. ދުވަހަކުވެސް ފުރަގަހެއް ނުދޭނެއެވެ. އަދި ކިއެއްތަ، އިހުގެ ދެރަވަރު ގޮތްތައް ދޫކޮށް، އެނބުރި އަންނަ ދަރިޔަކަށް ފުސްމޫނެއް ނުދައްކާނެއެވެ. އަދި އޭގެ ބަދަލުގައި ތިބާޔަށް ފެންނާނީ ހިތްހަމަޖެހުމާއި އުފައުވެރިކަމެވެ. ފޮނި މަރުޙަބާއެވެ. އެހެންވީމައި، އަޅުގަނޑުގެ އެއްކަލަ ދަރިވަރަށް، އަދި އެކަހަލަ ކޮންމެ މީހަކަށް ނިސްބަތްކޮށް އަޅުގަނޑު ބުނަމެވެ.

"ދަރިފުޅާއެވެ! އެނބުރި އަންނާށެވެ. ދޮރު އަދި އެހުރީ ހުޅުވިފައެވެ."