Support Us

ނަން ކިޔުމުގައި ބަލާންޖެހޭ މުހިއްމު އުޞޫލުތަކެއް- 2

މިއަދުގެ ނަންކިޔުން

އެހެން މީހަކު ނުކިޔާ ނަމެއް ކިޔަންވެގެން މާނައެއް ނެތް ނުވަތަ އޭގެ މާނަ ނޭނގޭ ނަން ކިޔުމަކީ ދީން ހުއްދަކުރާ ކަމެއް ނޫނެވެ. މިސާލަކަށް (صنيهيد ނުވަތަ عضيدان) މިއީ ޢަރަބިބަހުގެ ކަމެއްވެސް، ނަމެއްވެސް، އަކުރެއްވެސް ނޫނެވެ.

އެއް ދުވަހަކު މީހަކު އޭނާގެ ދަރިއަކަށް (ޖުކަލް) ކިޔަން އުޅުނެވެ. މިއީ ކޮންތާކުން ހޯދިނަމެއްތޯ އެހުމުން ބުނީ އެއީ ޤުރްއާނުންނެވެ. ޤުރްއާނުގެ ކޮން ތަނަކުންތޯ އެހީމާ ބުންޏެވެ. ޤުރްއާނުގައި (زَوْجُكَ الْجَنَّةَ) އެ އޮތީ ނޫންހެއްޔެވެ؟ އެހެންވީމާ (جُكَ الْ) ކިޔޭނެ ނޫން ހެއްޔެވެ؟

ޢިލްމުވެރިއަކު ވިދާޅުވާ ގޮތުގައި އިންޑިޔާގައި މީހަކު އޭނާގެ ދަރިފުޅަށް (خَيْرُالبَرِيَّة) ކިޔެއެވެ. އެ ނަން ކީ ކީއްވެގެންތޯ ސުވާލު ކުރުމުން ބުންޏެވެ. ޤުރްއާނުގައި އެބަ އޮތް ނޫންހެއްޔެވެ؟ އޭނާއަށް އެހެން ކުއްޖަކު ލިބުމުން އެ ކުއްޖާއަށް (شَرُّالبَرِيَّة) ކިޔެވެ. އެ ނަން ކީ ކީއްވެގެންތޯ އެހުމުން ބުނީ ޤުރްއާނުގައި އޮތީމައެވެ. އޭނާއަށް މާނައެއް ނޭނގެއެވެ. ޤުރްއާނުގައި އޮންނަ ކޮންމެ ކަލިމައަކުން ކުއްޖަކަށް ނަން ކިޔާކަށް ރަނގަޅެއް ނުވާނެއެވެ. ޤުރްއާނުގައި އޮތީމާ (އަބޫ ލަހަބު) ކިޔަންވީތޯވެ؟ ޤުރްއާނުގައި އޮތީމާ (މުޞީބާތް) ނުވަތަ (ފާޖިރު، ކަފަރާ، ފަޖަރާ، ޒައްޤޫމު، ސަޤަރު، ޖަހަންނަމު) ކިޔަން ވީތޯއެވެ؟ ނަން ކިޔުމުގެ ކުރިން އޭގެ މާނައަށް ބަލަން ޖެހޭނެއެވެ.

އެކުއްޖާގެ ބައްޕަގެ ނަމުން ތަންކޮޅެއް މަންމަގެ ނަމުން ތަންކޮޅެއް ނަގައިގެން ނަމެއް ހަދައިގެން ރަނގަޅެއް ނުވާނެއެވެ. މިއީ މިއަދު ވަރަށް ގިނައިން ފެންނަ ކަމެކެވެ.

މިއަދުގެ ޒުވާން މައިންބަފައިން އެމީހުންގެ ދަރީންނަށް މީހުން ނުކިޔާ އައު ނަންނަން ކިޔާންވެގެން ޔަހޫދީ ދީނަށް ނުވަތަ ނަޞާރާ ދީނަށް ޚާއްޞަ ނަންނަން ކިޔާތަން ވެސް ފެނެއެވެ.

މިއަދު ފެންނަ ކަންތައްތަކުގެ ތެރޭގައި ފިރިހެން ކުދީންނަށް އަންހެން ނަންނަން އަދި އަންހެން ކުދީންނަށް ފިރިހެން ނަންނަން ކިޔާތަން ފެނެއެވެ. ނަން ކިޔާއިރު އެއީ އަންހެން ނަމެއްތޯ ފިރިހެން ނަމެއްތޯ ބަލާން ޖެހޭނެއެވެ. ލަފުޒެއް "އަކުރުކޮޅު ތާ" އަކަށް ނުވަތަ "ވަށް ތާ" އަކަށް ނިމުމަކުން އެއީ އަންހެން ނަމަކަށް ނުވާނެއެވެ. މިސާލަކަށް أُسَامَة އަކީ ފިރިހެން ނަމެކެވެ. އޭގެ މާނައަކީ ގަދަފަދަ ސިންގާ އެވެ. މިއީ ފިރިހެން ނަމެކެވެ. އެ ސިފަ އަންހެނަކާ އެކަށީގެން ނުވާތީ ޢަރަބީން އަންހެނަކަށް އުސާމާ އެއް ނުކިޔައެވެ. މި ފަދަ ނަމެއް ކިޔައިފައިވާ އަންހެން ކުއްޖަކު ޙައްޖަށް ހިނގައްޖެނަމަ ވާނީ ކިހިނެއްތޯއެވެ؟ މި ނަމުގެ ވެރިޔާ ސްކޮލަރޝިޕެއްގައި ކިޔަވަން ޢަރަބި ޤައުމަކަށް ހިނގައްޖެ ނަމަ އެ ކުއްޖާ ވައްދާނީ ފިރިހެން ކުދީންގެ ކިލާހަކަށެވެ. މި ގޮތަށް ދިވެހީންގެ ތެރޭގައި ޢާންމުވަމުންދާ ނަންތަކުގެ ތެރޭގައި عَطِيَّة އަންހެން ކުދީންނަށް ކިޔުން ވެއެވެ. ޢަރަބީން ޢަޠިއްޔާ ކިޔާ އުޅެނީ ފިރިހެން ކުދީންނަށެވެ.

ހަމަ އެގޮތަށް "ވަށް ތާ" އަކަށް ނުވަތަ "އަކުރުކޮޅު ތާ" އަކަށް ނުނިމޭ އަންހެން ނަންނަން ފިރިހެން ކުދީންނަށް ކިޔަމުން ދާތަން ވެސް ފެނެއެވެ. މިސާލަކަށް إِلْهَام އަކީ އަންހެން ނަމެކެވެ. އެއީ ފިރިހެން ނަމެއް ނޫނެވެ. އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް އެއް އަހަރަކު އަލަށް ވެއްދި ދަރިވަރުންގެ ތެރޭގައި އިލްހާމު ކިޔާ ފިރިހެން ކުއްޖަކު ހުށްޓެވެ. ޢަރަބިއްޔާގައި އަންހެން ކުދީންނާއި ފިރިހެން ކުދީން ވަކި ކިލާސްތަކަށް ބަހައިލެވޭތީ ޢަރަބިއްޔާގެ މުދީރު މި އިލްހާމު ވެއްދެވީ އަންހެން ކުދީންގެ ކިލާހަށެވެ. އޭނާ ހީފުޅުކުރެއްވީ އެއީ އަންހެން ކުއްޖެއް ކަމަށެވެ. މި ކުއްޖާ އަންހެން ކުދީންގެ ކިލާހުގައި ކިޔަވަން އިންދާ ޢަރަބިއްޔާގެ މުދީރަށް ފެނިވަޑައިގެން އަންހެން ކުދީންގެ ކިލާހެއްގައި ފިރިހެން ކުއްޖެއް އިނީ ކީއްވެތޯ ސުވާލު ކުރެއްވުމުން އޭނާގެ ނަން އޮތީ މި ކިލާހުގެ ޙާޒިރީގައި ކަމަށް ދެންނެވިއެވެ. އެ ހިނދު އޭނާގެ ނަމަކީ ކޮބައިތޯ އެއްސެވިއެވެ. އޭނާ އިލްހާމު ކަމަށް ދެންނެވުމުން މުދީރަށް ލިބިވަޑައިގަތް ޙައިރާންކަން ވަރަށް ބޮޑުވެގެން ދިޔައެވެ. މިއީ ފިރިހެން ކުއްޖަކަށް އަންހެން ނަމެއް ކީމާ ދިމާވި ކަމެކެވެ.

"ވަށް ތާ" އާއި "އަކުރުކޮޅު ތާ" އާއި "ދިގު ތާ" އާއި "ހ" 

ޢަރަބި ބަހުގައި ކިޔާ التاء المربوطة: "ة/ ـة" (އަކުރުކޮޅު ތާ) އަކީ އޭގައި  ފިލިޖަހައިފިނަމަ ތާއަކަށް ކިޔޭ އެހެނަސް އެ ތާއަށް ވަޤްފުކޮށްފިނަމަ هاءً އަކަށް ކިޔޭ އަކުރެކެވެ.

މިއާ ޚިލާފަށް "ބޮޑު ތާ" އަކީ ނުވަތަ التاء المفتوحة: "ت/ تـ/ ـتـ/ ـت" އަކީ ހުރިހާ ޙާލަތެއްގައި ވެސް تاءً އަކަށް ކިޔޭ "ތާ" އެކެވެ. ވަޤްފު ކުރުމަކުން އެއަށް ބަދަލެއް ނާންނާނެތެވެ.

"ހާ" ނުވަތަ الهاء: "ه/ هـ/ ـهـ/ ـه"  އަކީ އަބަދުވެސް "ހާ" އަކަށް ތަލައްފުޒު ކުރެވޭ އަކުރެކެވެ. ގިނަ ފަހަރަށް "ހާ" ވާނީ ލަފުޒެއްގެ ފަހަތަށް ގުޅުވޭ އެކައަކަށެވެ. އެއީ އެ ލަފުޒުގެ އަޞްލު ބައިގައި ހިމެނޭ އެއްޗެއް ނޫނެވެ.

"ދިގު ތާ" (ت) ގެ ޙާލަތުތައް

"ދިގު ތާ" އަށް އެތައް ޙާލަތުތަކެއް ވެއެވެ.

  • تاء التأنيث الساكنة (އަންހެން ޖިންސަށް ދަލީލުކުރާ ސުކުންވެގެންވާ ތ): މިއީ މާޒީގެ ފިޢުލު އަންހެނަކަށް ނިސްބަތްކުރުމަށް ބޭނުން ކުރާ ތާ އެވެ. މި ތާ އަށް تاء التأنيث އޭ ކިޔެއެވެ. މިސާލީ: ذهبتْ، قرأتْ، لعبتْ، تقدّمتْ
  • تاء الرفع المتحرّكة (ރަފްޢުގެ ޙާލަތު އަންގައިދޭ ފިލިޖެހިގެންވާ ތ): މި ތ އަކީ މާޒީގެ ފިޢުލުގައި ކަންކުރާ އަންގައިދިނުމަށް ބޭނުން ކުރާ ތ އެވެ. މިސާލީ: درستُ، قرأتَ، لعبتِ، قضيتُ
  • تاء الفعل الأصليّة (އަޞްލު ފިޢުލުގެ ތ): މި ތ އަކީ ފިޢުލުގެ އަސްލު އަކުރުތަކުގެ ތެރޭގައި ހިމެނޭ ތ އެވެ. މިސާލީ: ماتَ، باتَ، نبتَ، سكتَ

 ނަމަށާއި އަކުރަށް ބަލާއިރު އޭގެ ޙާލަތުތަކަކީ

  • التاء في جمع المؤنث السالم: އެއީ ސަލާމަތުން އޮންނަ އަންހެން ޖަމްޢުގެ ޢަލާމާތުގެ ގޮތުގައި އަލިފާއެކުގައި އޮންނަ ތ. މިސާލީ: مدرّسات، معلّمات، قارئات، طالبات
  • التّاء في الاسم الثلاثي ساكن الوسط: އެއީ ތިން އަކުރުގެ ނަންނަމުގެ މެދު އަކުރުގައި ސުކުން ކުރުމުން އަންނަ ތ އެވެ. މިސާލީ: بيْت، موْت، أخْت، بنْت
  • التاء في الاسم المفرد المذكر غير الثلاثي: އެއީ ތިން އަކުރަށްވުރެ ގިނަ އަކުރު ހިމެނޭ ފިރިހެން ނަންތަކުގައި ހިމެނޭ ތ. މިސާލީ: هاروت، ماروت، تابوت، طالوت.
  • التاء في جمع التكسير الذي ينتهي مفرده بتاء مفتوحة: އެއީ ބޮޑު ތ އަކަށް ނިމޭ މުފްރަދު ލަފުޒުގެ ތަކްސީރު ޖަމްޢު. މިސާލީ: بيوت (بيت ގެ ޖަމްޢު) أموات (ميت ގެ ޖަމްޢު) تخوت (تختގެ ޖަމްޢު)
  • التاء في ضمائر الرفع: ބަދަލުނަމުގައި އަންނަ ތ. މިސާލީ: أنتَ، أنتما، أنتم، أنتنّ، أنتِ.
  • التاء في الحروف: އަކުރުގައި ހިމެނޭ ތ. މިސާލީ: ثمّت، لعلّت، لات، ليت.

"އަކުރުކޮޅު ތ" ގެ ޙާލަތުތައް

"އަކުރުކޮޅު ތ" އަންނާނީ ނަންނަމުގައި އެކަންޏެވެ. އެއީ

  • ތިނެވި ކަލިމައަކަށް ނުވާ މުފްރަދު އަންހެން ނަންނަން. އެއީ މީހަކަށް ކިޔާ ނަމަކަށް ވެސް ވެދާނެއެވެ. މިސާލީ: فاطمة އެއްޗަކަށް އަދި  ތަނަކަށް ކިޔާ ނަމަކަށް ވެސް ވެދާނެއެވެ. މިސާލީ: مسطرة، قبيلة.
  • އަންހެން އެއްޗެއްގެ ސިފައަކަށް މިސާލީ: عالمة (عالم ގެ އަންހެން ސިފަ) صادقة (صادق ގެ އަންހެން ސިފަ) إنسانة (إنسان ގެ އަންހެން ސިފަ)
  • ވަކި ގިންތިއަކަށް (جنس الأشياء) ނިސްބަތްވާ އެއްޗެހި އެކަހެރި (މުފްރަދު) ކުރުމަށް "އަކުރުކޮޅު ތ" އިތުރު ކުރެވެއެވެ. މިސާލީ: عنبة- މޭބިސްކަދުރެއް. މޭބިސްކަދުރުގެ މުޅި ގިންތިއަށް ބޭނުން ކުރާނީ އެ ތ ނުލައެވެ. މިސާލީ عنب، އެ ގޮތަށް ގަހަކަށް ނަމަ شجرة، މޭވާއަކަށް ނަމަ ثمرة
  • صيغة المبالغة "فعّالة": މި ވަޒަނަށް އަންނާނީ އެއްޗެއްގެ ގިނަކަން ނުވަތަ މޮޅުކަން ދެއްކުމަށެވެ. އެއްޗަކަށް ތާރީފު ކުރުމަށް ނުވަތަ ހަޖޫ ކިޔުމަށެވެ. މިސާލީ: علّامة (ބޮޑު ޢިލްމުވެރިޔާ) رحّالة (ގިނައިން ދަތުރުކުރާ މީހާ) މި ތ އިން އަންހެން ކަމެއް ދޭހައެއް ނުވާނެއެވެ. އެހެންވީމާ އެ ފަދަ ނަންނަން އަންހެން ކުދީންނަކަށް ނުކިޔާނެއެވެ.
  • "އަކުރުކޮޅު ތ" އަކަށް ނުނިމޭ ލަފުޒުތަކުގެ ތަކްސީރު ޖަމްޢު. މިސާލީ: رعاة (އެއީ راعي ގެ ޖަމްޢެވެ.) قضاة (އެއީ قاضي ގެ ޖަމްޢެވެ.)، بغاة (އެއީ باغيގެ ޖަމްޢެވެ.) هداة (އެއީ هادي ގެ ޖަމްޢެވެ)
  • ޙާލަތު ދައްކައިދޭ "ثمّة" އާ حرف العطف ގެ ގޮތުގައި ބޭނުންކުރާ "ثمّت" ގެ ތަފާތު ބަޔާންކުރުން

"ހ" ގެ ތަފާތު ޙާލަތުތައް

  • ޣާއިބު ޟަމީރުގެ ހ: މި ޟަމީރު ފިޢުލާއި (މިސާލަކަށް: درسهُ، وقرأهُ، وكشفهُ) ނަމާއި (މިސާލަކަށް: كتابهُ، ودفتره، وقلمه) އަކުރާ މިސާލަކަށް: إنّه، ليته، لعلّهُ) ގުޅިގެން އަތުވެދާނެއެވެ.
  • އަޞްލީ ހ: އެއީ ލަފުޒުގެ އަސްލު އަކުރުތަކުން އަކުރެއްގެ ގޮތުގައި ހިމެނޭ ހ އެވެ. މިސާލީ: فقه، سفه،  وله، الله

"އަކުރުކޮޅު ތ" އާއި "ދިގު ތ" އާއި "ހ" ގެ ތަފާތު

މި ކަމުގައި ބަލާނީ އަޞްލު ލަފުޒަށެވެ.

"އަކުރުކޮޅު ތ" ވަޤްފު ކުރާއިރު ވާނީ "ހ" އަކަށެވެ. މިސާލީ بِيئَة މި ލަފުޒު ވަޤްފު ކުރެވޭއިރު ކިޔާނީ بيئه އެވެ. މިއާ ޚިލާފަށް ވަޤްފު ނުކުރާނަމަ ކިޔާނީ "ތާ" އަކަށެވެ. މިސާލީ: بيئةُ المدرسة މިތާނގައި މިވަނީ "އަކުރުކޮޅު ތ" ގެ އަޑު ފާޅުވެފައެވެ.

"ބޮޑު ތ" ވަޤްފު ކުރާއިރުގައްޔާއި ނުކުރާ އިރުގައި ވެސް ފާޅު ވާނީ "ތ" އަކަށެވެ. މިސާލީ بيت އާއި وبيتُ جدي އެވެ. މި ދެ ޙާލަތުގައި ވެސް "ތ" ގެ އަޑު ފާޅުވާނެތެވެ.

ހަމަ އެފަދައިން ހ ވެސް ހުރިހާ ޙަލަތުތަކެއްގައި ފާޅުވާނެތެވެ. މިސާލީ: بيتهُ، وبيتهُ جميل، "އަކުރުކޮޅު ތ" އާ "ހ" ތަފާތު ވަނީ މި ސިފައިގައެވެ.

(ނިމުނީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *