Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: އިޖުތިމާޢީ މަންސަތަކާއި ފުރައްސާރަ- ބޮޑު މައްސަލައެއް

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ދުލުން، އެންމެ ގިނައިން ކުރާ އެއް ޢަމަލަކީ ފުރައްސާރަ ކުރުމާއި ބަދުބަސް ބުނުމެވެ. މިއީ ފަރުދަކާމެދު ދޮގު އަދި ގެއްލުން ހުރި ވާހަކަ ދެއްކުމުގެ ޢަމަލެވެ. އާ އިޖުތިމާޢީ މަންސަތަކާއި ޓެކްނޮލޮޖީއާއެކު ބަދުބަސް ބުނުން ވަނީ ދުލަށްވުރެ ބޭރަށްނުކުމެ އަތާ ހަމައަށް ކުރިއަށް ޖެހިލައިފައެވެ. އެއީ މިހާރު ކީބޯޑް މެދުވެރިކޮށް، އިންޓަނެޓްގެ ބާރުގައި ފެންދީ ހައްދާ ބޮޑުކޮށްފައިވާ އެއްޗެކެވެ. އިޖުތިމާޢީ މަންސަތަކުގެ ސަބަބުން އިންސާނުންނަށް ތަފާތު މައްސަލަތަކުގައި މިނިވަންކަމާއެކު މުއާމަލާތްކޮށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބިގެން ހިނގައްޖެއެވެ. އަދި ޔަގީން ނުކުރެވޭ ދޮގު މައުލޫމާތު ގިނަ އަދަދަކަށް ފެތުރުމަށްވެސް މަގުފަހިކޮށްދީފައިވެއެވެ. ކޮންމެ ފަރުދަކުވެސް އޮންލައިންވެ، އެމީހަކަށް އިހުސާސް ކުރެވޭ ކޮންމެ އެއްޗެއް ލިޔެލަނީ، ހަމައެކަނި މީހުންގެ ރިއެކްޝަނާއި ސަމާލުކަން ހޯދުމަށްޓަކައެވެ.

އިޖުތިމާޢީ މަންސަތަކުގެ ސައްހަކަމަށް މީހުން ކުރާ އުއްމީދާއެކު ގިނަ ބަޔަކު ވަނީ ދޮގުވެރިންނަށް ވެފައެވެ. އެފަދަ މީހުން، އެހެން މީހުންނާ މެދު ހަގީގަތާ ޚިލާފު ވާހަކަތައް ދައްކައެވެ. އަދި މިއަދު އަޅުގަނޑުމެންގެ އަޚުންނަށް ކުރިމަތިވާ ހިތާމައާއި ބަދުނަސީބުގައި ބައިވެރިވެ ހިތްވަރު ދިނުމުގެ ބަދަލުގައި އަޅުގަނޑުމެން ކުރަނީ އުފަލެވެ. އަޅުގަނޑުމެން މިހާރު ޖިސްމާނީ ގޮތުން މީހުން ގައިގައި ތަޅައެއް ނުހަދަމެވެ. އެ ހަނގުރާމަ ކާމިޔާބު ކުރަނީ ކީބޯޑާއި އިނގިލިތަކުންނެވެ. މި ނުބައި ޢަމަލު ވަނީ ސްޓޭޓަސްގެ އަދާހަމަތަކާއި ޓްވީޓްތަކާއި ޔަގީން ނުކުރެވޭ ބްރޯޑްކާސްޓްތަކުން ފެށިގެން އެހާމެ ބޮޑަށް ފެތުރިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މުޖުތަމަޢުގައި ވަރަށް ގިނަ މައްސަލަތަކެއް އުފަންވެގެން ގޮސްފައިވެއެވެ. އޭގެތެރޭގައި އަމިއްލައަށް މަރުވުމުގެ ނިސްބަތް އިތުރުވުމާއި، ނަފުސާނީ މައްސަލަތަކާއި، ވަޒީފާ ގެއްލުމާއި، ގުޅުންތައް ކެނޑުމުގެ އިތުރުން އީމާންތެރިކަން ކުޑަވުން ހިމެނެއެވެ.

މި ހުތުރު ޢަމަލާ ބެހޭގޮތުން މާތް الله، ސޫރަތުލް ޙުޖުރާތުގެ ބައެއް އާޔަތްތަކުގައި ވަރަށް ޞަރީޙަ ބަސްފުޅުން، އަޅުގަނޑުމެންނަށް ވަނީ އިންޒާރު ދެއްވާފައިވެއެވެ. އެގޮތުން އެ ސޫރަތުގެ ހަ ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައިވެއެވެ.

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍۢ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍۢ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ. މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެތެވެ." (ޤުރުއާން 49:6)

އަދި ހަމަ އެހެންމެ، މި ޢަމަލަކީ ކިހާ ނަފްރަތު ކުރެވޭ ޢަމަލެއްކަން ސިފަކުރައްވަމުން، މާތް الله، ސޫރަތުލް ޙުޖުރާތުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًۭا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌۭ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًۭا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌۭ رَّحِيمٌۭ. މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން، އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް، އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން الله އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، الله އީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެ އެވެ."– (ޤުރުއާން 49:12)

އެހެންކަމުން މިފަދަ ނުބައި ޢަމަލުތަކުން އަޅުގަނޑުމެން އެންމެން އެކުގައި ދުރުހެލިވާން ޖެހެއެވެ.

ޣީބަ ބުނުމާއި، ފުރައްސާރައާއި، ބަދުބަސް ބުނުމުގެ ނުބައިކަމާ ބެހޭގޮތުން، ކީރިތި ރަސޫލާ ﷺ ގެ ޙަދީސުފުޅުތަކުން އިތުރު ދަލީލުތައް އަޅުގަނޑުމެންނަށް ހޯދިދާނެއެވެ.

ޢަބްދުالله ބިން ޢަމުރު ރިވާކުރައްވާފައި ވެއެވެ. ބަޔަކު މީހުން ކީރިތި ރަސޫލާ ﷺ ގެ ކުރިފުޅުމަތީގައި މީހެއްގެ ވާހަކަ ދެއްކިއެވެ. އެބައިމީހުން އޭނާއާ ބެހޭގޮތުން ދެންނެވިއެވެ. "އޭނާ ކަނީ ހަމައެކަނި ކާންދީފިނަމައެވެ. އަދި އޭނާ ހަރަކާތްތެރިވަނީ ހަމައެކަނި ހަރަކާތްތެރި ކުރުވީމައެވެ." ކީރިތި ރަސޫލާ ﷺ ޙަދީސްފުޅު ކުރެއްވިއެވެ. "ތިޔަބައިމީހުން، އޭނާއަށް ޣީބަ ބުނެފިއެވެ." އެމީހުން ދެންނެވިއެވެ. "އަޅުގަނޑުމެން މިދެންނެވީ އޭނާއާ ބެހޭ ގޮތުން ހަމައެކަނި ތެދު ވާހަކައެވެ." ކީރިތި ރަސޫލާ ﷺ ޙަދީސްފުޅު ކުރެއްވިއެވެ. " ތިޔަބައިމީހުންގެ އަޚާއާ ބެހޭގޮތުން ގޯސް ވާހަކަ ދެއްކުން ފާފަވެރިވުމަށް ފުދެއެވެ."

އެހެން ރިވާޔަތެއްގައި ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ. "އޭނާއާ ބެހޭގޮތުން ތިޔަބައިމީހުން ދެއްކި ވާހަކަތަކަކީ ތެދެއް ނޫން ނަމަ، ތިޔަބައިމީހުން އޭނާއަށް ބަދުބަސް ބުނެފިއެވެ." (މުސްނަދު ޢަބްދުالله ބިން އަލް މުބާރަކް)

މުސްލިމުންގެ ގޮތުގައި ތިބެ، އަޅުގަނޑުމެން ކުރާ، މިފަދަ ޢަމަލުތަކުގެ ސަބަބުން އެހެންމީހުންނަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަމުން ދުރުހެލިވުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ދީނުގައި އަމުރު ކުރައްވާފައިވާ ކަންތައްތައް ބޮލާލާޖަހައި، އިޖުތިމާޢީ މަންސަތަކުގައި ގިނަ ލައިކްސް އާއި ކޮމެންޓްސް ހޯދުމަށް ލިޔާ ހަގީގަތާއި ޚިލާފު ލިޔުންތަކާއި ޝާޢިއުކުރާ ޕޯސްޓްތައް ކުރުން ހުއްޓާލަން ޖެހެއެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، އަޅުގަނޑުމެންގެ އަޚާގެ ބެލެހެއްޓުންތެރިއަކަށް ވުމަށާއި، އެކަކު އަނެކެއްގެ ޢައިބުތައް ހޯދާ ފަޟީޙަތް ނުކުރުމަށެވެ. އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ވާހަކަ ރަނގަޅަށް ދެއްކުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ކަމެކެވެ. މައުލޫމާތެއް ހާމަކުރުމުގެ ކުރިން، އެ މައުލޫމާތު ފުރާނާލުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. ދެތިން ހަތަރު އަހަރު ފަހުން، އެފަދަ ޕޯސްޓްތަކާ މެދު އަޅުގަނޑުމެން ފަޚުރުވެރިވާނެތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ. ތިމާއާ ބެހޭގޮތުން މީހަކު އެފަދަ ވާހަކައެއް ދައްކައިފިނަމަ ސަލާމަތާއި ރައްކާތެރިކަން އިހުސާސް ކުރެވޭނެ ހެއްޔެވެ؟ اللهގެ އަޅުންގެ ގޮތުގައި، އެކަލާނގެ ރަސްކަންފުޅަށް އަޅުގަނޑުމެން ޖަވާބުދާރީވުމަށް ހާޒިރުކުރުމުގެ ކުރިން އަޅުގަނޑުމެން އަމިއްލައަށް ޖަވާބުދާރީވާން ޖެހެއެވެ. އަޅުގަނޑުމެން މައުލޫމާތެއް ޝާޢިއު ކުރުމުގެ ކުރިން، ނުވަތަ ޙިއްސާ ކުރުމުގެ ކުރިން އެ މަޢުލޫމާތެއް ރަނގަޅަށް ފުރާނާލާ ޔަގީން ކުރަން ޖެހެއެވެ. ހަމަ އެހެންމެ، އަޅުގަނޑުމެންގެ ނުބައި ޢަމަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ކުރިމަތިވާ ވޭނާއި ހިތްދަތިކަމުގެ ވަސީލަތަކަށް އަޅުގަނޑުމެން ނުވަމާ ހިނގާށެވެ.

މި ޒަމާނަކީ ޢިލްމާއި މަޢުލޫމާތު ހޯދުމަށް މަގުފަހިވެފައިވާ ޒަމާނެއް ކަމުގައިވިޔަސް، ހިތާމައަކީ މި ޒަމާނަކީ ޖާހިލުކަންވެސް އެވަރަށް ފެތުރި ފުޅާވެފައިވާ ޒަމާނަކަށްވީ ކަމެވެ. އެހެންކަމުން، ސަވާބާއި ދަރުމަ ހޯދުމަށްޓަކައި އިޖުތިމާޢީ މަންސަތައް ހެޔޮގޮތުގައި ބޭނުންކުރުމަށް މަސައްކަތް ކުރަމާ ހިނގާށެވެ! އަޅުގަނޑުމެންނަށް ވެސް އަޅުގަނޑުމެންގެ ދުވަހީ ހަރަކާތްތަކާއި އަޅުގަނޑުމެންގެ އަމިއްލަ ވިޔަފާރިތައް ޕްރޮމޯޓް ކުރެވޭނެއެވެ. އިޖުތިމާޢީ ގޮތުން ވަކި ޙުދޫދެއްގެ ތެރޭގައި ރަނގަޅު ސިކުނޑިތަކެއްގެ މީހުންނާ މުޢާމަލާތްކޮށް، އިންސާނުންނަށް ފައިދާހުރި މާނަވީ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަޅުގަނޑުމެންނަށް ހުޅުވާލެވިފައިވާ މި ވަސީލަތުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށްވުރެ، އޭގެ ބޭނުން ހެޔޮގޮތުގައި މާބޮޑަށްވެސް ހިފިދާނެއެވެ. އަދި އިޖުތިމާޢީ މަންސަތަކަށް މާ ބޮޑަށް ދެވިހިފާފައިވާ މީހަކަށް ނުވުމަށްވެސް ހަނދާން ކޮށްދެމެވެ. ދޭތެރެ ދޭތެރެއިން އަޅުގަނޑުމެން، އެ އެއްޗެއްގެ ތެރެއަށް ފީނައިގެން ތިބި، އިޖުތިމާޢީ މަންސަތަކުން ބޯހިއްލާލައި، އަޅުގަނޑުމެންގެ ވަށައިގެން ތިބި ހަގީގީ މީހުންނާ ގުޅެން ޖެހެއެވެ. ފަހަރެއްގައި، ތިބާގެ ހިނިތުންވުން ނުވަތަ އޯގާތެރި ބަހެއް ނުވަތަ ދޮޅުބަހަކީ ނާކާމިޔާބު ހިތަކަށް ލިބޭ ޝިފާއަކަށް ވެދާނެއެވެ.

އެންމެ ފަހު ބަހެއްގެ ގޮތުން، މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ތިބެ، ވާހަކަ ދެއްކުމުގެ ކުރިން އަބަދުވެސް ތިރީގައިވާ އުސޫލު ތަންފީޒު ކުރަން ޖެހެއެވެ. އަމިއްލަ ނަފްސާ ސުވާލު ކުރާށެވެ.

މިއީ ތެދެއްހެއްޔެވެ؟ މިއިން މީހަކަށް އެހީތެރިކަމެއް ލިބޭނެ ހެއްޔެވެ؟ މިއީ މީހަކަށް ހިތްވަރެއް ލިބޭނެ ކަމެއް ހެއްޔެވެ؟ މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ހެއްޔެވެ؟ މިއިން މީހަކަށް އޯގާތެރިކަމެއް ލިބޭނެ ހެއްޔެވެ؟ މިއިން އެއްވެސް ސުވާލަކަށް، ތިބާގެ ޖަވާބަކީ ނޫނެކޭ ނަމަ، އެ ވާހަކައާ މެދު އަލުން ވިސްނާލުން ހުއްޓެވެ.

އިޖުތިމާޢީ މަންސަތަކުގައިވާ އަޅުގަނޑުމެންގެ އެކައުންޓްތަކަކީ ޤިޔާމަތް ދުވަހު، އަޅުގަނޑުމެންނާ ދެކޮޅަށް ހެކިބަސްދޭ ތަކެތި ކަމުގައި ނުލައްވާށިއެވެ. އާމީން!