Support Us

ނަން ކިޔުމުގައި ބަލާންޖެހޭ މުހިއްމު އުޞޫލުތަކެއް- 1

އަޅުގަނޑުމެން މުސްލިމުން ކަމުގައިވާތީ ދަރީންނަށް ނަން ކިޔުމުގައި ޢަރަބި ނަމެއް ކިޔުމަށް އިސްކަން ދެވެއެވެ. މިއީ ވަރަށް ހަހުރަވެތި ކަމެކެވެ.

ނަމަކީ ކުއްޖާގެ ޝަޚްޞިއްޔަތަށް އަސަރު ފޯރުވާ ކަމަކަށް ވާތީ ނަން ކިޔުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެއެވެ. ޤިޔާމަތް ދުވަހުން ކޮންމެ މީހަކާވެސް މުޚާޠަބު ކުރެވޭނީ އޭނާ ނަމުންނެވެ. އޭނާއަށް ހުތުރު ނަމެއް ދީފައިވާނަމަ އެ ދުވަހުން އޭނާ ލަދުގަންނާން ޖެހޭނެތެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِنَّكُمْ تُدْعَوْنَ يَوْمَ الْقِيَامَةِ بِأَسْمَائِكُمْ وَأَسْمَاءِ آبَائِكُمْ فَأَحْسِنُوا أَسْمَاءَكُمْ– ހަމަކަށަވަރުން ތިޔަބައިމީހުންނަށް ޤިޔާމަތް ދުވަހުން ގޮވައިލެވޭނީ ތިޔަބައިމީހުންގެ ނަމުންނާއި ތިޔަބައިމީހުންގެ ބަފައިންގެ ނަމުންނެވެ. ފަހެ ތިޔަބައިމީހުންގެ ނަންތައް ރިވެތި ކުރާށެވެ!))

ނަމަކީ އެ ނަމުގެ ވެރިޔާގެ ޝަޚްޞިއްޔަތު އަންގައިދޭ ޢަލާމަތެކެވެ. ރިވެތި ނަމަކީ އެ ނަމުގެ ވެރިޔާއަށް ވެސް އަދި އެ ނަން އިވޭ މީހުންނަށް ހެޔޮ ފާލެކެވެ. ނަމުގެ ސަބަބުން އޭނާއަށް ހިތްހަމަޖެހުން ލިބޭތީއެވެ.

މިއާ ޚިލާފަށް ހުތުރު ނަމަކީ އޭގޭ ނުބައި އަސަރު އެމީހަކަށް ފޯރާނެ ކަމެކެވެ. އޭނާގެ ނަފްސަށް ނުބައި އަސަރު ފޯރާނެ ކަމެކެވެ. ފަހަރެއްގައި ކުޑަ ކުއްޖާއަށް އެ ނަމުގެ ސަބަބުން ނަފްސާނީ އަސަރުތަކެއް ކޮށް އެ ކުއްޖާ މީހުންނާ ދުރުހެލިވެ އެކަހެރިކޮށްފާނެތެވެ.

ކިޔާ ނަން ބެހެނީ ތިން ބަޔަކަށް

ފިޤްހު ޢިލްމުވެރީން މީހުންނަށް ކިޔާ ނަންތައް ތިން ގިންތިއަކަށް ބައްސަވައެވެ. ކިޔުން މަކްރޫހަ (އެދެވިގެންނުވާ) ނަންނަމާއި ކިޔުން ޙަރާން ނަންނަމާއި ކިޔުން ރަނގަޅު (މުސްތަޙައްބު) ނަންނަމެވެ.

އެ ނަމަކުން ގޮވައިލެވޭއިރު ނެތޭ ބުނުމުން ސުންޕާކަމުގެ މާނަ އިޙްސާސް ކުރެވޭ ފަދަ ނަންނަން ކިޔުން މަކްރޫހަ ވާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لَا تُسَمِّيَنَّ غُلَامَكَ يَسَارًا وَلَا رَبَاحًا وَلَا نَجاحًا وَلَا أَفْلَحَ؛ فَإِنَّكَ تَقُولُ: أَثَمَّ هُوَ، فَلَا يَكُونُ، فَيَقُولُ: لَا– ތިބާގެ ދަރިފުޅަށް ޔަސާރު ނުވަތަ ރަބާޙު ނުވަތަ ނަޖާޙު ނުވަތަ އަފްލަޙު ނުކިޔާށެވެ. ފަހެ ހަމަކަށަވަރުން އޭނާ އެބަ އުޅޭހޭ ބުނެވޭ ހިނދު އޭނާ ނެތްނަމަ ބުނާނީ ނޫނެކޭ އެވެ.)) އެހިނދު ތިބާގެ ހިތަށް އަރާނީ ސުންޕާކަމުގެ ޝުޢޫރެކެވެ. ނުވަތަ ހިތާމަވެރިކަމުގެ ޝުޢޫރެކެވެ. އެކަމުގެ ސަބަބުން ނަފްސަށް ލިބޭނީ ހިތްހަމަނުޖެހުމެވެ. ކަންބޮޑުވުމާއި ހާސްކަމެވެ.

ޙަރްބު (ހަނގުރާމަ) ކަލްބު (ކުއްތާ) ޢާޞީ (އުރެދުންތެރިޔާ) ޝައިޠާން (ސައިތާނާ) ޝިހާބު (ހުޅުކޮޅު) ޙިމާރު (ހިމާރު) ޡާލިމު (އަނިޔާވެރިޔާ) ފަދަ ހުތުރު ނަންނަން ކިޔުމަކީ މަކްރޫހަ ކަމެކެވެ.

އިސްލާމްދީން އައުމުގެ ކުރީން ޢަރަބީންގެ ރަށްފުށުގެ ރަށްތަކުގައި (ބާދިޔާގައި) އަންހެނުންނަށް އެ މީހުންގެ ޠާހިރުކަމާއި ނަޒާހަތްތެރިކަން ދޭހަކޮށްދޭ ފަދަ ނަންނަން ކިޔަމުން ގޮސްފައި ވެއެވެ. މުސްލިމު ރިވާކުރައްވާ ގޮތުގައި ޒައިނަބު ބިންތު އަބީ ސަލަމަތުގެފާނުގެ ނަންފުޅަކީ (ބައްރާ) އެވެ. އެ ކަމަނާގެ ނަންފުޅު ޒައިނަބަށް ބަދަލު ކުރެއްވީ ކީރިތި ރަސޫލާ ﷺ އެވެ.

އިބްނު ޢައްބާސުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ބައްރާ ނަމަކަށް ކިޔާ އަންހެނެއްގެ ނަން ޖުވައިރިޔާއަށް ކީރިތި ރަސޫލާ ﷺ ބަދަލުކުރެއްވިއެވެ. ބައްރާ ގެ މާނައަކީ ހެޔޮކަންތައް އެވެ. އެހެންވީމާ ބައްރާ ގާތުން ދުރަށް ދިޔުމުން ހެޔޮކަންތަކާ ވަކިވެ ދުރަށް ދިޔުމުގެ މާނަ ހިތަށް ވަދެގެން ހިނގައިދާނެއެވެ.

އިބްނުލް ޤައްޔިމު ވިދާޅުވާ ގޮތުގައި މި ބަސްފުޅުތަކަށް ބަލާއިރު މީހުންނަށް (މުބާރަކު– ބަރަކާތް ލެއްވިގެންވާ މީހާ) މުފްލިޙު (ބާއްޖަވެރިކަން ލިބިފައިވާ) ޚައިރު (ހެޔޮކަން) ނިޢުމާ (ނިޢުމަތް) ފަދަ ނަންނަން ވެސް ކިޔުން މަކްރޫހަވާނެއެވެ. އެއީ ތިބާގެ ގޭގައި ޚައިރު އެބަ އުޅޭހޭ ބުނުމުން ނެތޭ ބުނީމާ ހިތަށް ވަންނަ ޝުޢޫރުގެ ނުބައިކަމުންނެވެ. މީގެ އިތުރަށް އެ ފަދަ ނަންނަމުގައި އަމިއްލަ ނަފުސަށް ސަނާކިޔުން ހިމެނޭތީއެވެ.  ކީރިތި ރަސޫލާ ﷺ ވަނީ އަމިއްލަ ނަފްސަށް ސަނާކިޔުން މަނާ ކުރައްވައިފައެވެ. އެހެންވެ، އެ ފަދަ މާނައެއް ދޭހަވާ ކަހަލަ ނަމެއް ކިޔުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ކިޔުން މަކްރޫހަ ނަންނަމުގެ ތެރޭގައި ޝައިޠާނާއަށް ކިޔާ ނަންނަން ވެއެވެ. އޭގެތެރޭގައި ޚަންޒަބު ވެއެވެ. ޚަންޒަބަކީ ނަމާދުކުރާ މީހާއަށް ވަސްވާސްދޭ ޝައިޠާނާއެވެ. އަދި އޭގެ ތެރޭގައި ވަލަހާން ވެއެވެ. ވަލަހާނަކީ ވުޟޫކުރާ މީހާއަށް ވަސްވާސްދޭ ޝައިޠާނާއެވެ.

ހަމަ އެފަދައިން ބޮޑެތި މަޝްހޫރު ކާފިރުންގެ ނަންނަން ކިޔުމަކީ ވެސް މަކްރޫހަ ކަމެކެވެ. މިސާލަކަށް ފިރްޢައުނު، ހާމާން، ޤާރޫން، އަބޫ ޖަހްލު،  ނަމްރޫދު ފަދަ ނަންނަން ކިޔުން މަނާ ކުރައްވައިފައެވެ.

2- ﷲ ތަޢާލާގެ އިސްމުފުޅަކުން ނަން ކިޔުން ޙަރާންވާނެއެވެ. މީހަކަށް އައްޞަމަދު، އަލްޤައްޔޫމު ފަދަ ﷲގެ އިސްމުފުޅުތަކުން އިސްމުފުޅެއް ކިޔައިގެން ނުވާނެއެވެ. އެފަދަ އިސްމުފުޅެއް ކިޔާން ވާނީ އޭގެ ކުރިއަށް ޢަބްދު ލައިގެންނެވެ. މިސާލަކަށް ޢަބްދުﷲ، ޢަބްދުއްރަޙްމާން އެވެ. ﷲގެ އިސްމުފުޅަކަށްނުވާ ނަމެއްގެ ކުރިއަށް ޢަބްދު ލައިގެން ނަން ކިޔުން ވެސް ހުއްދަ ނުވާނެތެވެ. ޝީޢީން ޢަބްދުލް ޢަލިއްޔު (ޢަލީގެ އަޅާ) ޢަބްދުލް ޙުސައިން (ޙުސައިނުގެ އަޅާ) ކިޔާ އުޅެއެވެ. ބައެއް މީހުން ޢަބްދުއްނަބިއްޔި (ނަބިއްޔާގެ އަޅާ) ފަދަ ނަންނަން ވެސް ކިޔާ އުޅެތެވެ. މިއީ ޖުމްހޫރު ޢިލްމުވެރީން ހުއްދަކުރައްވާ ކަމެއް ނޫނެވެ.

މަލިކުލް މުލޫކި، ޝާހުންޝާހު، ސުލްޠާނުއް ސަލާޠީނު ފަދަ ނަންނަން ވެސް ކިޔުން ޙަރާންވާނެއެވެ. އެހެނީ ރަސްރަސްކަލުންގެ ރަސްގެފާނަކީ ﷲ ތަޢާލާ ކަމަށް ވާތީއެވެ. މުސްލިމު ރިވާކުރެއްވި ޙަދީސެއް ބުނާގޮތުގައި ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެންމެ ރުހިވޮޑިނުގަންނަވާނެ ނަމަކީ مَلِك الْأَمْلَاكِ އެވެ. އެހެނީ ﷲ ފިޔަވާ އެހެން ރަސްކަލަކު ނުވެއެވެ.

3- ކިޔުން މުސްތަޙައްބުވެގެންވާ ނަންތަކުގެ ތެރޭގައި عبدالله އާއި عبدالرحمن، عبدالحليم، عبد الملك، عبد القدوس، عبدالسلام ވެއެވެ. އެއީ މި ފަދަ ނަންތަކުން ﷲގެ އަޅުންކަން ދޭހަވާތީއެވެ.

ކިޔުން މުސްތަޙައްބު ނަންތަކުގެ ތެރޭގައި ނަބީބޭކަލުންގެ ނަންފުޅުތައް ވެއެވެ. އޭގެ ތެރޭގައި محمد، أحمد، إبراهيم، إسماعيل، يوسف، يونس، شعيب، صالح، موسى، هارون، زكريا، يحيى، عيسى، آدم، إدريس، إلياس ފާހަގަކުރެވެއެވެ.

ކިޔުން މުސްތަޙައްބު ނަންތަކުގެ ތެރޭގައި ކީރިތި ރަސޫލާ ﷺގެ ލޮބުވެތި ޞަޙާބީންގެ ނަންފުޅުތަކާއި ޞަޙަބިއްޔާތުންގެ ނަންފުޅުތަކާއި ރަސޫލާގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުންގެ ނަންފުޅުތަކާއި އަނބިއަނބިކަނބަލުންގެ ނަންފުޅުތަކާއި ޞާލިޙު ބޭކަލުންނާއި ކަނބަލުންގެ ނަންފުޅުތައް  ވެއެވެ. މިސާލަކަށް أبو بكر، عمر، عثمان، علي، خديجة، فاطمة، زينب، رقية، أم كلثوم، مريم، آسيا، سارة، هاجرހިމެނެއެވެ.

ޝާފިޢީން ދެކެވަޑައިގަންނަވާ ގޮތުގައި ޖިބްރީލު، މީކާއީލު، އިސްރާފީލު ފަދަ މަލާއިކަތް ބޭކަލުންގެ ނަންފުޅުތައް ކިޔުމަކީ ހުއްދަ ކަމެކެވެ.

ކީރިތި ރަސޫލާ ﷺ އަންގަވާފައިވަނީ ދަރީންނަށް ރީތި ނަން ކިޔުމަށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((أَحْسِنُوْا أَسْمَاءَ أَبْنَائِكُمْ فَإنَّهُمْ يُدْعَوْنَ بِهَا يَوْمَ القِيَامَةِ- ތިޔަބައިމީހުން ތިޔަބައިމީހުންގެ ދަރީންގެ ނަންތައް ރިވެތިކުރާށެވެ! ފަހެ، ހަމަކަށަވަރުން އެބައިމީހުންނަށް ޤިޔާމަތް ދުވަހުން ގޮވައިލެވޭނީ އެ ނަންތަކުންނެވެ.))

އެކަލޭގެފާނު ޙަދީޘް ކުރައްވަނީ އެންމެ ލޮބުވެތިކަން ބޮޑު ނަންތަކަކީ ޢަބްދުﷲ އާއި ޢަބްދުއްރަޙްމާނެވެ. އެންމެ ތެދުވެރިކަން ބޮޑު ނަންތަކަކީ ހުމާމާއި ޙާރިޘެވެ. ކީރިތި ރަސޫލާ ﷺ ވަނީ މާނަ ރީތި ނޫން ނަންތައް ބަދަލު ކުރައްވައިފައެވެ. މީހަކު އޭނާގެ ދަރިއަށް ޖަބަލު (މާނައަކީ ފަރުބަދަ) ކިޔުމުން އެ ނަން ވަނީ ބަދަލު ކުރައްވައިފައެވެ. ހަމަ އެފަދައިން ޞަޚްރު (މާނައަކީ ހިލަގަނޑު) ކިޔުމުން އެނަން ވެސް ވަނީ ބަދަލު ކުރައްވައިފައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *