Support Us

ކޮލަމް ކަލާވެހި: ޖައްވު ފުސްވެ، ދުޅަހެއުކަމަށް ބުރޫއެރީމައި، އެކަންވެސް ފަރުދީ ޒިންމާޔާ ހަމައިން ނިމޭނެތޯއެވެ؟

އަސްތާ، ނޫސްތައް ބަލައިލިއިރު ކަމަކުދާކަށްނެތެވެ. އުތުރު އިންޑިއާގެ ހިމާލިޔާ ސަރަހައްދުގައި ވައި ތަޢައްޔަރުވުމުގެ ސަބަބުން ބޭ އޮފް ބެންގޯލް ހުރަސްކޮށް ރާއްޖެޔަށް އެކަމުގެ އަސަރުކުރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސްކުރި ވާހަކައެވެ. އަދި ރާއްޖޭގެ މޫސުމާބަހޭ ޤައުމީ އިދާރާއިންވެސް ކަން ވެގެން މިއުޅޭ ގޮތް ބަޔާންކުރި ވާހަކައެކެވެ. ދެން މިކަމާ ގުޅިގެން ރައްޔިތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި، ބޭރަށް ނިކުންނަންޏާ މާސްކު އެޅުމާއި، ދޮރުތަކާއި ކުޑަދޮރުތައް ބަންދުކޮށްގެން ވީހާވެސް ގިނައިރު ގޭގައި ތިބުމާއި، ބޭރުތެރޭގައި ކުޅޭ ކުޅިވަރުތައް މަޑުޖައްސައިލުމާއި، މިކަހަލަ މިކަހަލަ ކަންތައްތަކެއްވެސް ބައެއް ނޫސްތަކުން ފެނުނެވެ.

ރައްޔިތުން އަޅަން ދެން ފެންނަ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވެބްސައިޓު ނުވަތަ 'އައިކިޔުއެއަރ' ފަދަ ސައިޓުތަކުން މަޢުލޫމާތު ހޯދައިގެން އެމީހަކު އުޅޭ ސަރަޙައްދެއްގެ ވައިގެ ފެންވަރު ބަލައި، އެކަށީގެންވާ ފިޔަވަޅު އަޅަން އިލްތިމާސްކުރި ވާހަކަވެސް ބައެއް ނޫހުގައި އޮތެވެ. އެހެންކަމުން، ރަސްމީ އިތުބާރާއެކު ލިބުނު ޚަބަރު ކަށަވަރުކުރަން، އަޅުގަނޑު އެންމެ ފުރަތަމަ ބެލީ ރާއްޖޭގެ ކަމާ ބެހޭ ވުޒާރާގެ ވެބްސައިޓެވެ. އެހެންނަމަވެސް، އެ ވެބްސައިޓްގެ އެކި ކޮޓަރިތަކާއި ވަތްގަނޑުތަކަށް އަޅުގަނޑު ނުފަރިތަކަމުން ހޯދަން އުޅުނު އެތި އަޅުގަނޑަކަށް ނުފެނުނެވެ. ދެން އަޅުގަނޑު ބެލީ އެޗް.ޕީ.އޭގެ ސައިޓުން އެއްޗެއް ފެނޭތޯއެވެ. އަޅުގަނޑަށް އެތަނުގެ އެޑްރެސް ނުބައިކޮށް ޖެހުނީވެސް ތޯއްޗެކޭ، ދެތިން ހަތަރު ފަހަރަކު އުޅެގެންވެސް ހައްތާވެސް އަރަނީ މިވަގުތު ސައިޓު ވަނީ ކޮންމެވެސް ތާކަށް އަޑިޔަށް ގޮސްފައި ކަމަށެވެ. އެހެންކަމުން، ދެން 'އައިކިޔުއެއަރ ޑޮޓްކޮމް' އަށް ވަދެ ބަލައިލިއިރު ކަމަކު ދާކަށްނެތެވެ! ރާއްޖޭގެ ބައެއް ހިސާބުތައް އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށްވެއެވެ. އުތުރުގެ ބައެއް ސަރަޙައްދުތައް އެވެރިން އޮރެންޖު ކުލަޔަށް ލައިފައިވެސް ހުއްޓެވެ.

އަޅުގަނޑު ހިތަށްއެރިޔޭ، އަސްތާ އަނެއްކާ މިޖެހުނީ އެއްކަލަ ތަނުގައިތާއެވެ! މައް ދިވެހިބަހުން ދަންނަވާނަމަ އެމީހަކާ އެމީހެއް، ނުވަތަ އެމީހެއްގެ ސަލާމަތް އެމީހަކު އަމިއްލަޔަށް ހޯދަން ޖެހުނީތާއެވެ! މިޒަމާނުގެ ބަހުރުވައިން ދަންނަވާނަމަ، ފަރުދީ ޒިންމާގެ ބޮލުގައި މިކަން އަޅުވައިލެވިއްޖިއްޔާ އެހިސާބުން އެކަންވެސް އެ ނިމުނީތާއެވެ! އާދައިގެ މީހަކު ބޭރަށް ނިކުންނަންޏާ މާސްކު އެޅުން އެއީ އޭނާގެ ކަމެއްތާއެވެ! ދޮރުތަކާއި ކުޑަދޮރުތައް ބަންދުކޮށްގެން ވީހާވެސް ގިނައިރު ގޭގައި ތިބެގެން މިނިވަންކަމަށް ކުޑައިކޮށް ހުރަސްއެޅުންވެސް އެއީ ސަލާމަތުން ތިބެން ބޭނުންވާ މީހުންގެ ކަމެއްތާއެވެ! ބޭރުތެރޭގައި ކުޅޭ ކުޅިވަރުތައް މަޑުޖައްސައިލުން… އެކަމަކުވެސް އެކަން އެހެންނެއް ނުވާނެޔޭ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މުވާޠިނުންނާއި އަޖުނަބީ އެންމެންގެ ޖުމުލަ މަޞްލަޙަތު އެއްފަހަރާ ޙިމާޔަތްކުރާން ޖެހޭފަދަ ޙާލަތެއް ކުރިމަތިވެއްޖެ ޙާލަތެއްގައި އެކަމުގެ ޒިންމާ އުފުލާން ތިބޭ ބަޔަކު އެކަންވެސް ކުރާނެތާއޭ ހިތަށް އެރިއެވެ.

ވެގެން މިއުޅެނީ ކިހިނެއްތޯ އިންޓަނެޓުގެ އެކި ކަލިވަތްތަކަށް ވަދެ ބަލައިލިއިރު އަސްތާ ކަމަކުދާކަށްނެތެވެ! މިއީކީ އަލަކަށް ވާ ކަމެއް ނޫނޯލައެވެ. މިކަމަކީ 1999މ. ގައި ދިވެހިރާއްޖެ ނާރެހަކަށް ލައިގެން ބައިނަލް އަޤްވާމީ ފަރާތަކުން ހިންގި 'އިންޑޯއެކްސް' ދިރާސާއިންވެސް ފާހަގަކުރެވިފައިވާ ކަމެކެވެ. އަދި 2002މ. ގައި ޔުނެޕުން ޝާއިޢުވެސް ކޮށްފައިވާ ކަމެކެވެ. އަދި އަހަރުން އަހަރަށް އެކަމުގެ ނޭދެވޭ އަސަރުތައް ބޮޑުވަމުން ގޮސްފައިވާ ކަމެއްމެއެވެ. އަދި ކަމުގެ ސަބަބަކީވެސް ފަރުބަދަމަތީ ތަނެއްގައި ހިނގާ ކަމެއް ކަނޑުގެ ވަކި ސަރަޙައްދެއް ހުރަސްކޮށްފައި އައިސްގެން ވާ ކަމެއް އެކަންޏެއްވެސް ނޫނޯލައެވެ. މިއީ ބަޔަކު ހަމަ ޤަޞްދުގައި ކުރާ ކަންތައްތަކެއްގެ ސަބަބުން މެދުވެރިވާ ކަމެކޭ، އެ ކަންކަމަކީ މިހިރިމިހިރީއޭވެސް އިންޓަނެޓުގެ ތަފާތު އެކި ޞަފުޙާތަކުގައި ފެންނަން އެހުރީއެވެ.

މިއީ އަޅުގަނޑަށް އަރައިގެން އުޅޭ އޮޅުމެއްގެ ސަބަބުން ހިތަށް ވެރިވާ ކުށްހީއެކޭވެސް ހީވިއެވެ. އެހެންނަމަވެސް…

އަޅުގަނޑުމެން މިހާރު ގުނަމުން މިގެންދާ ދުވަސްތަކަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚާއި ކަން ހިނގަމުން އައިސްފައިވާ މަގަށް ބަލާއިރު، އެންމެ ތިޔާގި ދުވަސްވަރެވެ. މަޝްހޫރު 'ހައި ސީޒަން' އެވެ. އެހެންވީއިރު، ރާއްޖޭގެ ރީތި، ސާފު ގޮނޑުދޮށްތަކުގައި އަރާމުކޮށްލައި، މި ދީބުގެ ސާފު އާބުހަވާގައި ހިތްއުފާކޮށްލާން އަންނަ ފަތުރުވެރީންގެ ކަންފަތަށް މިހިރަމިހިރަ އަޑުތަޢް އަރައިފިނަމަ އެމީހުންގެ ހިތުގައި އުފެދިދާނޭ ބިރުވެރިކަމެއްގެ އިޙްސާސް އަޅުގަނޑަށް ކުރެވެން ފަށައިފިއެވެ. އަދި ޢަމުދުން، ފައިބެއަހަރަށްވުރެ މިއަހަރު، މިއަހަރަށްވުރެ އަންނާން އޮތް އަހަރު މިކަން ބޮޑުވަމުން ދާނެންޏާ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ މުސްތަޤްބަލަށް މިކަމުގެ އަނދިރިކަމުގެ އަސަރު ކުރާނީ އެހައި ރަނގަޅަކަށް ނޫންތާއޭވެސް ހިތަށް އަރައިފިއެވެ. އަދި މިކަމަކީ ފަރުދީ ޒިންމާޔާ ހަމައިން ނިންމައިލެވެން އޮތް ކަމެއް ނޫންތާއޭ އަޅުގަނޑުގެ ހިތަށް މަޑުން ނުއޮވެވިގެން އަޅުގަނޑުގާތު ބުނަންފަށައިފިއެވެ.

އަޅުގަނޑަށް މި ހީވަނީ ރަނގަޅަށް ކަމަށް ވަންޏާ، ރާއްޖެ މައްޗަށް އަރަމުން މިދާ ވިހަ ދުންތަކުގެ ސަބަބުން ރައްޔިތުންނާއި މިތާ ޒާތެއްގެ ދާއިމީ ކަމެއްގައި މިތިބަ އުޅޭ ބިދޭސީންގެ ދުޅަހެއުކަމަށް ކޮށްފާނޭ، އަދި ކުރާނޭ ނޭދެވޭ އަސަރުތަކުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދާއިމީ މެހުމާނުން ސަލާމަތްވެ ތިބުމަކީ ފަރުދީ ޒިންމާއެއް ކަމަށް ހަދައިފައި މޫނުމައްޗަކުން ފުއްދައިލެވޭކަށް ނެތެވެ. އަޅުގަނޑުމެންގެ ވެށީގެ ސާފު ވަޔާއި، އާޚިރުގައި އަޅުގަނޑުމެންގެ ރީތި ގޮނޑުދޮށްތަކާއި، މޫދާއި، ކަނޑުތަކަށް ދާންދެން ތަޣައްޔަރުވާން މެދުވެރިވާ މި އަނދިރި ދުންބޮނޑި އެއީ ބައެއްގެ ޢަމަލުތަކުގެ ސަބަބުން އުފެދޭ ކަމެއް ކަމަށް ވަންޏާ، އެ ބަޔެއްގެ ޒިންމާ އެ ބަޔަކާ މަތިކުރުވައި، ބައިނަލް އަޤްވާމީ މަސްރަޙުގައި މިކަން ކަމަކަށް ނަގައި، ބަދަލު ލިބެން ޖެހޭނަމަ އެ ބަދަލެއްވެސް ހޯދުމަކީ އަނެއްކާ އަޅުގަނޑުމެން ކުރާން އުޅޭވަރުގެ ކަމަކަށް ނުވެ ހިނގައިދާނޭ ބާވައެވެ؟ ނޫނީ މިއީ ހަމަ އަޅުގަނޑުގެ ހިތަށް ހިފިނުހެރެގެން އުޅެވޭތީ ކުރެވޭ ސުވާލެއް ބާވައެވެ؟

އޭ ބަލަ އަޑުއަހާބަލާށޭ، ޖައްވު ފުސްވެ، ދުޅަހެއުކަމަށް ބުރޫއެރީމައި، އެކަންވެސް ފަރުދީ ޒިންމާޔާ ހަމައިން ނިމޭނެހޭ އަޅުގަނޑުގެ ހިތް ހަމަ ގޮވައިނަގަނީއެވެ. ދުޅަހެއުކަމޭ މިކިޔާ އެތީގެ ތެރޭގައި އިޤްތިޞާދީ ދުޅަހެއުކަންވެސް ހިމަނައިގެން ވިސްނައިލުން ކިޔެއްހޭވެސް ހަމަ ގޮވައިނަގަނީއެވެ. ދެން ގޯސް މިގޮވެނީ އަޅުގަނޑަށް ތޯއްޗެކެވެ!