...

Support Us

މާތް ނަބިއްޔާ ފަރިއްކުޅުއްވާ އުޅުއްވީ ކޮން އެއްޗެއް؟

ކީރިތި ރަސޫލާ ﷺ ގެ ޙަދީސްފުޅުތަކުންނާއި އެކަލޭގެފާނުގެ ވަސްމީރު ސީރަތުން އެކަލޭގެފާނު ފަރިއްކުޅުއްވި ބައެއް އެއްޗެހި ސާފުކޮށް އެނގެން އެބަ އޮތެވެ. އެކަލޭގެފާނު ފަރިއްކުޅުއްވުމުގައި ބައެއް އެއްޗެއްސަށް އިސްކަންދެއްވައިފައި ވެއެވެ. އެކަލޭގެފާނުގެ ސީރަތުން އެނގޭ ގޮތުގައި އެކަލޭގެފާނު ފަރިއްކުޅުއްވީ ކަނާދަށް ޓަކައެވެ. އަދި އެކަލޭގެފާނު ފަރިއްކުޅުއްވާ ހެއްދެވީ އަޅުކަންކުރެއްވުމަށް ބޭނުންފުޅުވާ ހަކަތަ އެއިން ހޯއްދެވުމަށް ޓަކައެވެ. އެއްގޮތަކަށް ވެސް އެއިން ފޮނިކަމާއި ލައްޒަތު ހޯއްދަވާކަށް ނޫނެވެ. އެކަލޭގެފާނު އިސްރާފުކުރެއްވުމެއް ނެތި ކާބޯތަކެތި ސިންދަފާތު ކުރެއްވިއެވެ. އެކަލޭގެފާނުގެ ދުޢާފުޅަކީ (اللَّهُمَّ اجْعَلْ رِزْقَ آلِ مُحَمَّدٍ قُوتًا [1]– ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މުޙައްމަދުފާނުގެ އާލުންގެ ރިޒްޤު ކާނާއެއް ކަމުގައި ލައްވާނދޭވެ!)) މި ބަސްފުޅުގައި އައިސްފައިވާ "ކާނާ"ގެ މުރާދަކީ ދިރިއުޅުމަށް ޓަކައި ފުދިގެންވާ މިންވަރެވެ. އެކަމުގައި އެއްވެސް އިތުރު ކަމެއް ނެތް މިންވަރެވެ.

އިބްނުލް ޤައްޔިމު ވިދާޅުވާ ގޮތުގައި ((އެކަލޭގެފާނަށް ރަނގަޅު ޙަލާލު ކާ އެއްޗެއް އެރުވިއްޖެނަމަ އެ އެއްޗެއް ފަރިއްކުޅުއްވަތެވެ. އެކަލޭގެފާނު ދުވަހަކު ވެސް ކާއެއްޗަކާ ބެހޭގޮތުން އައިބު ބަހެއް ވިދާޅުވެފައެއް ނުވެއެވެ. ފަރިއްކުޅުއްވާ ހިތްޕުޅުވެއްޖެނަމަ އެ އެއްޗެއް ފަރިއްކުޅުއްވާނެތެވެ. އެހެން ނޫނީ ފަރިއްނުކުޅުއްވާ ބަހައްޓަވާނެތެވެ. އެކަލޭގެފާނުގެ ގޮތަކީ ލުއިފަސޭހަކަމާއެކު ލިބިވަޑައިގަންނަވާ އެއްޗެހި ފަރިއްކުޅުއްވުމެވެ. [2]))

އާދައެއްނޫން

ވަކި ބާވަތެއްގެ އެއްޗެއް ފަރިއްކުޅުއްވުމަކީ އެކަލޭގެފާނުގެ އާދައެއް ނޫނެވެ. އެކަލޭގެފާނު ހާމަކޮށްދެއްވާ ގޮތުގައި ވަކި އެއްޗެއް ކެއުމަކީ ރަނގަޅު ކަމެއްނޫނެވެ. އެއީ އިންސާނާގެ ޠަބީޢަތާ ޚިލާފު ކަމެކެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނާ އެއްގޮތަށް އެއްގަމު މަހާއި، މޭވާއާއި ރޮށްޓާއި ކަދުރު ފަރިއްކުޅުއްވިއެވެ. ފަރިއްކުޅުއްވި އެއްޗަކީ ހޫނު އެއްޗެއްނަމަ ހަށިކޮޅު ފިނިކޮށްދޭނެ އެއްޗެއް ފަރިއްކުޅުއްވާނެތެވެ. މިސާލަކަށް ކަދުރަކީ ހަށިގަނޑަށް ހޫނު އެއްޗެކެވެ. މިހެންވެ ކަރާ ފަރިއްކުޅުއްވަތެވެ. ކަރައަކީ ހަށިގަނޑަށް ފިނި އެއްޗެކެވެ. އެކަލޭގެފާނު ފަރިއްކުޅުވަނީ އެކަލޭގެފާނުގެ ހަށިކޮޅަށާއި ޞިއްޙަތަށް ގެއްލުން ނުލިބޭ ގޮތަށެވެ. ހަށިކޮޅަށް ބުރަނުވާނެ ގޮތަކަށެވެ. އެކަލޭގެފާނު މުސްލިމުންނަށް އަންގަވަނީ ބަނޑު ފުރާނުލުމަށެވެ. އަބަދުވެސް ނޭވާލުމަށް ޓަކައި ބަނޑުގެ ތިންބައިކުޅަ އެއްބައި ހުސްކޮށް ބެހެއްޓުމަށެވެ.

ކީރިތި ރަސޫލާ ﷺ ރެއަކާއިދުވާލުގެ ތެރޭގައި ދެ ފަހަރަށް ވުރެ ގިނައިން ފަރިއްކުޅުއްވައިފައެއް ނުވެއެވެ. ދެފަހަރު ފަރިއްކުޅުއްވާއިރު އެއް ފަރިއްކޮޅަކީ ކަދުރެވެ. މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ((مَا أَكَلَ آلُ مُحَمَّدٍ صلى الله عليه وسلم أَكْلَتَيْنِ فِي يَوْمٍ إِلاَّ إِحْدَاهُمَا تَمْرٌ [3]– ކީރިތި ރަސޫލާ ﷺ ގެ އާލުން ދުވާލަކު ދެފަހަރު ފަރިއްނުކުޅުއްވަތެވެ. ފަރިއްކުޅުއްވިނަމަ ދެވަނަ ކެއުމަކީ ކަދުރުކޮޅެކެވެ.))

ޞައްޙަ ޙަދީސްތަކުން އެނގޭ ގޮތުގައި އެކަލޭގެފާނު ތަފާތު ބާވަތްބާވަތުގެ އެއްޗެހި ފަރިއްކުޅުއްވިއެވެ. އޭގެ ތެރޭގައި މި ދަންނަވާ އެއްޗެހި ހިމެނެއެވެ.

  • މާމުއި: މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވެފައިވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ޙަލްވާ (ފޮނި އެއްޗެހި) އަށާއި މާމުޔަށް ލޯބިކުރެއްވިއެވެ.[4]
  • ކަދުރު: މާތްﷲ ރުއްސުންލެއްވި ސަޢުދު ބިން އަބީ ވައްޤާޞުގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވި އަޑު އެއްސެވީމެވެ. مَنْ تَصَبَّحَ بِسَبْعِ تَمَرَاتٍ عَجْوَةً لَمْ يَضُرَّهُ ذَلِكَ الْيَوْمَ سُمٌّ وَلَا سِحْرٌ[5]– ހެނދުނު ހަތް ޢަޖްވާ ކަދުރު ކޭ މީހާއަށް އެ ދުވަހު އެއްވެސް ވިހައަކުން އަދި ސިޙްރަކުން ގެއްލުމެއް ނުލިބޭނެތެވެ.)) ކީރިތި ރަސޫލާ ﷺ ވިދާޅުވިއެވެ. (يَا عَائِشَةُ بَيْتٌ لَا تَمْرَ فِيهِ جِيَاعٌ أَهْلُهُ- އޭ ޢާއިޝާއޭވެ! އެ ގެއެއްގައި ކަނދުރުނެތް ގެއެއްގެ އަހްލުވެރީންނަކީ ބަނޑުހައިހޫނުކަމުގައި ތިބި ބައެކެވެ.)) ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅަށް ބަލާއިރު އެކަލޭގެފާނަކީ ކަދުރުގެ މަތީގައި ޙަޔާތްޕުޅު ބިނާކުރައްވައިފައިވާ ބޭކަލެކެވެ. އައްސައްޔިދާ ޢާއިޝަތުގެފާނު ވިދާޅުވެފައިވާ ގޮތުގައި ބައެއް ފަހަރަށް ރަސޫލާގެ އަނބިއަނބިކަނބަލުންގެ ގެކޮޅުތަކުގައި ދެ މަސް ފާއިތުވެ ތިން ހަނދު ބެލޭއިރު ހުޅުކޮޅެއް ރޯނުކުރެވިދެއެވެ. މިހެން ވިދާޅުވުމުން ޢުރްވަތު ބުނުއް ޒުބައިރު [6] ދެންނެވިއެވެ. ދައިތާފުޅާއޭވެ! ތިޔަބޭކަނބަލުން ދިރިއުޅުއްވަނީ ކިހިނަކުންތޯއެވެ؟ އެހިނދު އެކަމަނާ ވިދާޅުވިއެވެ. الأَسْوَدَانِ التَّمْرُ وَالْمَاءُ– ކަޅު ދޭތީންނެވެ. ކަދުރާއި ފެނުންނެވެ. އެހެނަސް ރަސޫލާގެ އަންޞާރީ އަވަށްޓެރީންނަކީ ބަކަރި ގެންގުޅުނު ބައެކެވެ. އެމީހުން މި ބަކަރިތަކުގެ ކިރުން ކީރިތި ރަސޫލާ ﷺ އަށް ކިރުފޮދު ވެދުމަށް އަރުވައެވެ. އެއިން ތިމަންކަމަނާމެންނަށް ކިރު ލިބެއެވެ.)) [7]
  • ރާހުތް: ޢާއިޝަތުގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((نِعْمَ الْأُدُمُ أَوْ الْإِدَامُ الْخَلُّ [8]– އެންމެ ރަނގަޅު ލައިގެންކާއެއްޗަކީ ރާހުތެވެ.))
  • ޒައިތޫންޏާއި ޒައިތޫނި ތެޔޮ: ކީރިތި ރަސޫލާ ﷺ ޒައިތޫންޏާއި ޒައިތޫނި ތެލާ ބެހޭގޮތުން ޙަދީސް ކުރެއްވިއެވެ. ((كُلُوا الزَّيْتَ وَادَّهِنُوا بِهِ فَإِنَّهُ مِنْ شَجَرَةٍ مُبَارَكَةٍ [9]– ތިޔަބައިމީހުން ޒައިތޫނި ކާށެވެ! އަދި އޭގެ ތެޔޮ ގައިގައި ލާށެވެ. ފަހެ ހަމަކަށަވަރުން އެއީ ބަރަކާތްތެރި ގަހެއްގެ އެއްޗެކެވެ.))
  • ހިމަގޮދަނު ރޮށި: ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. ((مَا شَبِعَ آلُ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ خُبْزِ شَعِيرٍ يَوْمَيْنِ مُتَتَابِعَيْنِ حَتَّى قُبِضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ [10]– ކީރިތި ރަސޫލާ ﷺ ސުވަރުގެ ވަޑައިގެންނެވުމަށް ދާންދެން އެކަލޭގެފާނުންގެ  އާލުން ހިމަގޮދަނު ރޮށިން ވިދިވިދިގެން ދެ ދުވަހު ބަނޑުފުޅު ފުރައިލައްވައިފައި ނުވެތެވެ.))
  • ކިރު: ކީރިތި ރަސޫލާ ﷺ އެންމެ ގިނައިން ހިއްޕަވައި އުޅުއްވީ ކިރެވެ. ކިރަކީ ޠަބީޢީ ގޮތުން އެންމެ ރަނގަޅު ކަނާދެވެ. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި އެކަލޭގެފާނަށް ބުއިންތަކެއް އެރުވުނެވެ. އެހިނދު އެކަލޭގެފާނު އޭގެ ތެރެއިން އިޚްތިޔާރު ކުރެއްވީ ކިރެވެ. ފަހެ، ކީރިތި ރަސޫލާ ﷺ އަށް ދެންނެވުނެވެ. ތިޔަ އިޚްތިޔާރު ކުރެއްވީ ފިޠުރަތުގެ މަގެވެ. [11]
  • ޗީޒު: މާތް ﷲ އެ ދެބަފައިކަލުންނަށް ރަޙްމަތްލެއްވި އިބްނު ޢުމަރުގެ އަރިހުން ވާރިދުވެގެންވާ ގޮތުގައި ތަބޫކުގައި ކީރިތި ރަސޫލާ ﷺއަށް ޗީޒު ބުރިއެއް އެރުވުނެވެ. އެހިނދު ވަޅިއެއް ގެންނާން ކީރިތި ރަސޫލާ ﷺ ވިދާޅުވިއެވެ. މި ވަޅި ގެނައުމުން ބިސްމި ވިދާޅުވެ އެ ޗީޒު ބުރި ފޮތިފޮތި ކުރެއްވިއެވެ. [12]
  • ގެރިމަސް: ގެރިމަހަކީ [13] (ޚާއްޞަކޮށް ކަންބަޅި މަހަކީ) ކީރިތި ރަސޫލާ ﷺ އަށް ވަރަށް މީރުފުޅު އެއްޗެކެވެ. އެކަލޭގެފާނު އެންމެ ލޯބިފުޅު ކުރެއްވީ ކަންބަޅީގެ ފައިގެ މަހަށެވެ. އަބޫހުރައިރަތުގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އެއް ދުވަހަކު ކީރިތި ރަސޫލާ ﷺ ކަންބަޅިއެއް ކަތިލާން އަމުރު ކުރެއްވިއެވެ. އެ ކަންބަޅީގެ ފައި ރަސޫލާއަށް ބޭއްވުނެވެ. އެހެން ބައިތައް އަވަށްޓެރީންނަށް ބަހައިލެވުނެވެ. އެހިނދު ޢާއިޝަތުގެފާނު ދެންނެވިއެވެ. "އަޅުގަނޑުމެންނަށް ފައި ނޫން އެއްޗެއް ނެތެވެ. ފަހެ، ޙަދީސް ކުރެއްވިއެވެ. ފައި ނޫން ހުރިހާ އެއްޗެއް އެބަހުއްޓެވެ.)) [14]
  • ޘަރީދު: ޘަރީދަކީ ކާއެއްޗެހީގެ ތެރެއިން ކީރިތި ރަސޫލާ ﷺ އެންމެ ބޮޑަށް ލޯބިފުޅު ކުރެއްވި އެއް ބާވަތެވެ. ޘަރީދަކީ ކައްކާފައިވާ މަހާއި ކުދިކޮށްފައި ހުންނަ ރޮށިކޮޅުކޮޅު އަޅައިގެން ތައްޔާރުކުރާ ކާއެއްޗެކެވެ.
  • މުސަޅު: މާތްﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި މައްރުއްޡަހްރާނުގައި އެބޭކަލުން މުސަޅެއް އޭގެ ހޮރުން ނެރުއްވައި އޭތީގެ ފަހަތުން ވަޑައިގެން އޭތި ހިއްޕެވިއެވެ. އަދި އަބޫ ޠަލްޙަތުގެފާނު އޭތި ކަތިލެއްވިއެވެ. އެއަށްފަހު އޭތީގެ ފަލަމަސްގަނޑާއި ޅިނދުމަސްގަނޑު ކީރިތި ރަސޫލާ ﷺ އަށް ފޮނުއްވިއެވެ. އެކަލޭގެފާނު އެ ހަދިޔާ ޤަބޫލުކުރައްވާ އޭގެ މަސް ފަރިއްކުޅުއްވިއެވެ. [15]
  • ކުކުޅު: އަލްބުޚާރީއާއި މުސްލިމު ރިވާކުރައްވައިފައިވާ ގޮތުގައި އެއްދުވަހަކު އަބޫ މޫސަލްއަޝްޢަރީގެފާނު ޞަހާބީންކޮޅަކަށް ދަޢުވަތެއް ދެއްވިއެވެ. މި ސުފުރާގައި ކުކުޅު މަސް ހުއްޓެވެ. ކުއްލިއަކަށް އެތަނަށް ތައިމު ވަންހައިގެ ވަރަށް ދޮން ބޭކަލަކު ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. އަވަހަށް ކަމާ ހިނގާށެވެ! ޞަޙާބީން ކުޑަކޮށް މަޑުޖައްސައިލެއްވުމުން އަނެއްކާ ވެސް ވިދާޅުވިއެވެ. އަވަހަށް ކާން ހިނގާށެވެ! އަހުރެން ކީރިތި ރަސޫލާ ﷺ ކުކުޅު މަސް ފަރިއްކުޅުއްވިތަން ދުށީމެވެ.)) [16]
  • ބަރަބޯ: މާތް ﷲ ރުއްސުންލެއްވި އަނަސު ބިން މާލިކު ވިދާޅުވިއެވެ. އެއްދުވަހަކު ފަހާ މީހަކު ކީރިތި ރަސޫލާ ﷺ އަށް ފަރިއްކޮޅަކަށް ދަޢުވަތު އެރުވިއެވެ. ތިމަންކަލޭގެފާނު ވެސް ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި އެ ގެއަށް ވަޑައިގަތީމެވެ. އޭނާ ފަރިއްކޮޅަށް ތައްޔާރުކޮށްފައި ހުރީ ހިމަގޮދަނުގެ ރޮށްޓާއި ބަރަބޮލު ސުރުވާއެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ އެ ތަށި ތެރެއިން ބަރަބޯކޮޅުކޮޅު ނަންގަވައިގެން ފަރިއްކުޅުއްވިތަން ދެކެވަޑައިގަތީމެވެ. އެދުވަހުން ފެށިގެން އަނަސްގެފާނަކީ ބަރަބޮލަށް ލޯބިކުރެއްވި ޞަޙާބީއެކެވެ.

މި ވާހަކަތަކުން އެނގެނީ ކީރިތި ރަސޫލާ ﷺ އެ ޒަމާނުގައި މީހުން ކައިބޮއި އުޅުނު ހުރިހާ އެއްޗެއް (އެއީ ޙަރާން އެއްޗެއް ކަމުގައި ނުވާނަމަ) ފަރިއްކުޅުއްވި ކަމެވެ. އެކަލޭގެފާނު ފަރިއްކުޅުއްވި އެއްޗެހީގެ ތެރޭގައި ހިކިމަހާއި ފިހުނު މެއާއި ކިރާއި ގޮދަންފުށުން ހަދާ ޚަޒީރާ ނަމަކަށް ކިޔާ ކަންޖެއް ވެއެވެ.

[1]  – أخرجه البخاري (٦٤٦٠)، ومسلم (١٠٥٥)

[2]  – مختصر زاد المعاد

[3]  – أخرجه البخاري (٦٤٥٥) ومسلم (٢٩٧١)

[4]  – رواه البخاري (5431)، ومسلم (1474).

[5]  – أخرجه البخاري (٥٤٤٥)، ومسلم (٢٠٤٧)، وأبو داود (٣٨٧٦)، والنسائي في «السنن الكبرى» (٦٧١٣)، وأحمد (١٥٧١)

[6]  –  ޢުރްވަތުގެފާނުގެ މައިކަމަނާއަކީ ޢައިޝަތުގެފާނުގެ ދައިތާފުޅު އަސްމާއު ބިންތު އަބީ ބަކްރުގެފާނެވެ.

[7]  – متفق عليه

[8]  – رواه مسلم (2051)

[9]  – أخرجه ابن ماجه (٣٣٢٠) والحاكم (٣٥٠٥)  وأبو نعيم في «الطب النبوي» (٦٨٤)

[10]  – رواه مسلم (2970)

[11]  – متفق عليه

[12]  – رواه أبو داود (3819)، وحسنه الألباني

[13]  – ގެރިމަހުގެ މާނައަކީ ބަކަރިއާއި ކަންބަޅީގެ މަހެވެ.

[14]  – «مجمع الزوائد ومنبع الفوائد» (3/ 109). وانظر الصحيحة للألباني (6/99).

[15]  – رواه البخاري (2433)، ومسلم (1953)

[16]  – رواه البخاري (6721) مطولاً، ومسلم (1649) مطولاً أيضاً

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.