...

Support Us

ކޮލަމް ކަލާވެހި: ކޮރަޕްޝަނަކީ "ބޯ ހުރި" މީހުންގެ ކަމަކަށް ވަނީ ހަމައެކަނި މިހާރަކު ނޫނެވެ!

އަޅުގަނޑު މިފަހަރުވެސް މި ލިޔާ ވާހަކަޔަކީ، ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް ލިޔާ ފުލޯކު ވާހަކައެކެވެ.

ދުވަސްވަރަކީ މީލާދީ ސަނަތުން 1980، ނުވަތަ އޭގެ ދެތިން ހަތަރު އަހަރު ފަހެވެ. މާލޭގެ އިސްކޯލަކުން ގުރޭޑު 10 ނިންމައި، ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމާ ވިދިގެން ސަރުކާރަށް ޚިދުމަތްކުރަން ޖެހުނު ޒުވާނަކަށް ޖެހުނީ ސަރުކާރުން އޭނާޔަށް ދެއްކި ތަނެއްގައި ދެއްކި ވަޒީފާއެއް އަދާކުރާށެވެ. އެގޮތުން އޭނާޔަށް ވަޒީފާ ދިނީ ސަރުކާރުގެ ބޮޑު ވުޒާރާޔަކުންނެވެ. ވަޒީފާޔަކީ އޮފީހުގެ ވެރީންގެ ތެރެއިން ކޮންމެވެސް ބޭފުޅެއްގެ ކަންކަމުގައި އުޅޭނޭ ސެކްރެޓަރީ ކަމެވެ. ޒުވާނާ އޭނާގެ ފުރަތަމަ ވަޒީފާޔަށް ނިކުތީ އެކަހަލަ ތަންތަނުގައި އުޅޭއިރު އަމިއްލަ އުޅުމާއި، ސުލޫކާއި، ދެންވެސް އެހެން ހުންނަ އެޒާތުގެ ނަންނަން ކިޔާ ކަންކަން އޭނާޔަށް އެނގޭ އެންމެ ރަނގަޅު ފެންވަރެއްގައި ބަހައްޓައިގެން ވަޒީފާ އަދާކުރުމުގެ ނިޔަތުގައެވެ. އިސްކޯލުންވެސް އޭނާޔަށް ދަސްކޮށްދީފައި އޮތީ އެހެން އުޅުމަކީ އެންމެ މޮޅު ގޮތް ކަމަށް ވިއްޔާއެވެ!

ޒުވާނާ ހީކުރިގޮތުގައި އޭނާ ކުރަން ޖެހޭނޭ ކަންކަމަކީ ދިވެހިރާއްޖޭގެ ސަރުކާރުގެ ބޮޑު ވުޒާރާޔަކަށް އިނގިރޭސިބަހުން ކިޔައިފައި އޮތް ރިވެތި ނަމުގެ މާނައިގައި ހިމެނޭ ކަންކަމެވެ. އެހެންނަމަވެސް، އޮފީހަށް ނިކުތްތާ ދެހަފުތާއެއްހައި ދުވަހުގެ ތެރޭގައި އޭނާޔަށް ދަސްވި އެންމެ ލޯހުޅުވެނިވި އެއް ފިލާވަޅަކީ، ދުނިޔެއަކީ ކަމާ ބަހާ ދިމާނުވުމާއި، ނަމާ ކަމާ ދިމާނުވުމުގެ މަންޒިލެއްކަމެވެ. އެހެނީ، އޭނާގެ 'ބޮސް' އަކީ ވުޒާރާގެ ވަކި ކަންކަމެއް ކުރައްވަން، ވަކި މަޤާމެއްގައި ހުންނަވާ ބޭފުޅަކަށް ވިޔަސް، އެބޭފުޅާޔަކީ ވިޔަފާރީގެ ދާއިރާގައި އަދި މާ ފަރިތަފުޅުކޮށް ދަތުރުފުޅު ކުރައްވާ ބޭފުޅެއްކަމެވެ. އަދި އެ ބޭފުޅާ ވިދާޅުވެއްޖިއްޔާ، އޮފީހަށް ސަރުކާރުން ދީފައި އޮންނަ ނަމާ ހަމަ އެއްގޮތަކަށްވެސް ނުގުޅޭ ކަންކަންވެސް ޒުވާނާ ކުރަންޖެހޭކަމެވެ. އެއީ އެޒަމާނުގައި ކަން އޮތް ގޮތް ވިއްޔާއެވެ!

ބޮސް އޮފީހުން ބޭރުގައި ކުރައްވާ ވިޔަފާރީގެ ކަންކަމުގެ ތެރެއިން އެބޭފުޅާގެ ފައިންޕުޅު ދެކެވަޑައިގަންނަވަން ރާއްޖޭން ބޭރުން ވަޑައިގަންނަވާ ހަމަ އެޒާތުގެ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން އޮފީސްގަޑީގައިވެސް ޒުވާނާ ވައިގެބަނދަރަށް ދާންޖެހުނު ފަހަރުފަހަރު އައެވެ. އަދި އެ ބޭބޭފުޅުން ތިއްބަވަން ކަނޑައެޅިފައި އޮންނަ ރިސޯޓަށް އެބޭބޭފުޅުން އަރިހުގައި ގޮސް، ޗެކްއިން އާ ހަމަޔަށް ކަންކަމުގައި އުޅެންޖެހުނު ފަހަރުފަހަރުވެސް ދެކެން ޖެހުނީ ހަމަ ރަސްމީ ކަމެއްގެ ގޮތުގައެވެ. އުޅެން ޖެހުނީމައި އެއްޗެއް ނުބުނެ ޒުވާނާ އެހެންވެސް އުޅުނީ އެނޫން ގޮތެއް ނެތުނީމައެވެ.

ބޮސްގެ ރަސްމީ މަޤާމާއި، އޮފީހުގެ ނަމާއި، މިކަންކަމާ ހަމަ އެއްގޮތަކަށްވެސް ނުބެހޭ ކަންކަން ޒުވާނާޔާ ޙަވާލުކުރެއްވުން ގިނަވަމުން ގޮސް، އޭނާޔަށް އެކަމުން އުނދަގޫވާ ހިސާބަށް ދިޔައެވެ. ޒުވާނާޔަށް އެކަން ފުރަތަމަ އިޙްސާސްވީ، ރަސްމީ އަވަސް ސިޓީއެއްގައި ބޮސް ސޮއިކޮށްދެއްވާތޯ ބަލަން އެއްދުވަހަކު ދާންޖެހުނު ތަނުގެ ގޮތުންނެވެ. ދުވަހަކީ ހަފުތާގެ ބާރު ބޮޑު ދުވަހެކެވެ. ގަޑިޔަކީ ރަސްމީ ގަޑީގެ މެދެއްހައި ތަނަށްވުރެ ފަހެވެ. އިރުމެދުޖެހެން ހުރީ ގަޑިޔަކަށްވުރެ ކުޑަވެފައެވެ. ބޮސް އޮފީހަކު ނޫޅުއްވައެވެ. ވަޑައިގެން އުޅުއްވަނީ ކޮންތާކުތޯ އެކި މީސްމީހުން ގާތު އަހައިގެން އެނގުނު އެއްޗަކީ، ބޮސް އެވަގުތު ހުންނެވީ އޮޑިއެހެލާ ތަނުގައި ކަމެވެ. ބޮސް އަލަށް ބެންނެވި ސަފާރީ އޮޑިޔެއްގެ ކަންކަން ބައްލަވައިލައްވަން އެތަނުގައި އުޅުއްވާ ކަމެވެ. ޒުވާނާޔަށް ޖެހުނީ އޮޑިއެހެލާ ސަރަޙައްދަށް ގޮސް މީސްމީހުން ގާތު އަހައިގެން ބޮސް ހޯދާށެވެ. އަދި ސިޓީގައި ސޮއިކޮށްދެއްވަން އަދަބުވެރިކަމާއެކު ދަންނަވާށެވެ!

ޒުވާނާ އެނބުރި އޮފީހަށް އައިތަނުން މައްސަލަ ޖެހުނީ ޒުވާނާޔަށެވެ. ބޭރަށްދާ ފޮތުގައި ނުލިޔެ، ވެރިޔެއްގެ ހުއްދަ ނުހޯދައި، ރަސްމީ ގަޑީގައި އޮފީހުން ބޭރަށް ގޮސްގެންނެވެ. އޮފީހުން ޖޫރިމަނާކުރީވެސް ޒުވާނާއެވެ. ސަބަބާއި ޙާލަތު ކިޔައިދީދީ އޮއްވައެވެ. އަދި އެ ވާހަކަ ކިޔައިދީގެން ޒުވާނާޔަށް އައީ އިތުރު އިންޒާރެކެވެ. އެއީ ޢިއްޒަތްތެރި އަމާނާތްތެރީންގެ މައްޗަށް އެކުލެވޭ ޢާއިލާއެއްގެ ވެރިޔެއްގެ އަބުރުފުޅަށް ތިކިބުރާ ޒާތުގެ ވާހަކައެއް ދައްކައިގެންނޯލައެވެ. އެ ވާހަކަޔަކީ ކޮބައިކަމެއް އަދިއަދަށްވެސް މުޅިޔަކުން ސާފެއް ނޫނެވެ!

މިއަދަކީ އޭގެ އެތަކެއް އަހަރު ފަހެވެ. ކޮރަޕްޝަން އަކީ މިފަހަކުން މިތަނުގައި ފެށިގެން، މިހާރު މިޤައުމަށް ޖެހިގެން އުޅޭ ވަބާއެއްކަމަށް އެންމެންހެން އެތިބަ ގޮވައި ނަގަނީއެވެ. ތިރީސް އެތަކެއް އަހަރު ކުރީގައި ރާއްޖޭގައި އެޔެއް ނެތޯލައެވެ!

ޒުވާނާ މިހާރު އެހުރީ މުސްކުޅިވެފައެވެ. އޭނާޔަކީ މާލެޔަށް ނިސްބަތްނުވާ މީހަކަށްވިޔަސް، އޭނާގެ ދިރިއުޅުމުގެ ކަންކަން އަދިވެސް ހަމަޖެހިފައި އޮތީ މާލޭގައެވެ. އަދިވެސް އަދާކުރަނީ ސަރުކާރުގެ ވަޒީފާއެކެވެ. އިސްކޯލުން އޭނާޔަށް ކިޔަވައިދިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއެކުގައެވެ. އެހެންކަމުންނޭ އަދި ބުނެވެސް ނެތަސް، އޭނާ އަދިވެސް އެހުރީ ފުލެޓެއް ލިބޭތޯ މިފަހަރުވެސް ފޯމުފުރައިގެން އެ އުންމީދު ފުރުހަމަވޭތޯ ބަލަބަލައެވެ.

އެޔާ ޚިލާފަށް، ޒުވާނާގެ ފުރަތަމަ 'ބޮސް' މިއަދު އެއީ ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ނުހިމެނުނަސް، އިސް މަހުޖަނުންނާ އެއް ސުފުރާމަތީން ކައިއުޅުމުގެ ދަޢުވަތު ލިބޭ ފަންތީގެ މީހެކެވެ. ފިހާރަތައް އެބަހުއްޓެވެ. ރެސްޓޯރަންޓުތައްވެސް އެބަހުއްޓެވެ. ސަފާރީ އޮޑިތައްވެސް އެބަހުއްޓެވެ. ރިސޯޓެއް ދެ ރިސޯޓެއްވަރު ވެރިޔެއްގެ ޙައިޘިއްޔަތުން ހިންގައޭ ބުނެވެއެވެ. މިޒަމާނުގެ ބަހުރުވައިންވެސް، އޭނާޔަކީ މިއަދުވެސް ޢިއްޒަތްތެރިޔެކެވެ. އަބުރުވެރިޔެކެވެ. އަދި ބައެއް މީހުން ބުނާގޮތުގައި 'ބޯ ހުރި، ޙިލްމު ހުރި' ބޭފުޅެކެވެ. ވާނީވެސް، އަދި ވާން ޖެހޭނީވެސް އެހެންނޫންތޯއެވެ!

މި ވާހަކަ އަޑުއަހައިފައި އަޅުގަނޑު ހިތަށްއެރިއޭ، ކޮރަޕްޝަން އަކީ 'ބޯ ހުރި' މީހުންގެ ކަމަކަށް ވަނީ ހަމައެކަނި މިހާރަކު ނޫންތާއެވެ! ވެގެން އުޅޭހާވެސް ގޮތަކީ، 'ކޮރަޕްޝަން' މިހެން ކިޔާ ލަފުޒެއް އަޅުގަނޑުމެންނަށް އަލަށް ދަސްވުމެއް ނޫންތޯއެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.