Support Us

ފީފާ ވޯލްޑް ކަޕުގެ އެންމެ ރީތީ ކޮން ލޯގޯއެއް؟

ފީފާ ވޯލްޑް ކަޕުގެ ލޯގޯ ނުވަތަ ނިޝާންތަކުގެ ތާރީޚު ފެށެނީ 1954 އިންނެވެ. ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 22 ވަނަ މުބާރާތުގައި ފެނިގެން މިދަނީ 18 ވަނަ ނިޝާނެވެ. ވޯލްޑް ކަޕުގެ ކޮންމެ ނިޝާނަކީ ވެސް ވަރަށް ފުން މާނަތަކެއް އެކުލެވޭގޮތަށް ކޮށްފައިވާ ފަރުމާއެކެވެ. ފަހަކަށް އައިސް ތަޢާރަފުކުރެވިފައިވާ ވޯލްޑް ކަޕުގެ ކޮންމެ ނިޝާނަކުން އެ ވޯލްޑް ކަޕް ބާއްވާ ޤައުމެއްގެ ކުލަތަކާއި ސަގާފަތް ދައްކައިދޭކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.

ވޯލްޑް ކަޕުގެ ފުރަތަމަ ނިޝާނަކީ 1954 ވަނަ އަހަރު ސްވިޒްލޭންޑްގައި ބޭއްވި މުބާރާތަށް ފަރުމާކުރި ދުނިޔެއާއި ސްވިސް ދިދަ ރަމުޒުކޮށްދޭ ރަތްކުލައިގެ ފުޓްބޯޅައެއް ފެންނަ ފަރުމާއެކެވެ.

ސްވިޑުން 1958 ގެ ނިޝާނުން ދައްކައިދެނީ ފުޓްބޯޅައަކާއި މީހެކެވެ. މި ނިޝާނުގައި އިނގިރޭސިން ވީ އަކުރާއި އެމް އަކުރު ޖަހާފައިވެއެވެ. މައިގަނޑު ކުލަތަކަކީ އެ ޤައުމުގެ ޤައުމީ ދެ ކުލަ ކަމަށްވާ ރީނދޫ ކުލައާއި ނޫން ކުލައެވެ.

ޗިލީ 1962 ގެ ނިޝާނުގެ މައިގަނޑު ފަރުމާއަކީ ފުޓްބޯޅަ ސްޓޭޑިއަމަކާއި އެ ޤައުމުގެ ދިދައެވެ. މީގެ އިތުރުން ފުޓްބޯޅައަކާއި ދުނިޔެ މި ފަރުމާއިން ފެނިގެންދެއެވެ.

އިންގްލެންޑް 1966 ގެ ނިޝާނުން ފެންނަނީ އެ ޤައުމުގެ ދިދައާއި ވޯލްޑް ކަޕްގެ ކުރީގެ ތަށި ކަމަށްވާ ޖޫލްސް ރިމެޓް ޓްރޮފީއެވެ. މެދުގައިވާ ފުޓްބޯޅައިގެ ތެރެއިން ދުނިޔޭގެ ޗާޓު ރަމުޒުކޮށްދެއެވެ.

މެކްސިކޯ 1970 ގެ ނިޝާނަކީ ކަޅުކުލައިގެ ބޯޅައެއް ފެންނަ ސާދާ ނިޝާނެކެވެ. މި ނިޝާނުގެ އެންމެ ޚާއްޞަ ސިފައަކީ މެކްސިކޯ 70 ޖަހާފައިވާ ގޮތެވެ.

ހުޅަގު ޖަރުމަނުގައި 1974 ވަނަ ބޭއްވި ވޯލްޑް ކަޕުގެ ނިޝާނަކީ ކަޅާހުދުން ފުޓްބޯޅައެއް ސިފަކޮށްދޭ ސާދާ ނިޝާނެކެވެ. މިހާރަކަށް ފެނިގެންދިޔަ ވޯލްޑް ކަޕުގެ ނިޝާންތަކުގެ ތެރެއިން ބަލާބެލުމަށް އެންމެ ތަފާތު ފަރުމާއަކީ މިއީއެވެ.

އާޖެންޓީނާ 1978 ގެ ނިޝާނުގައި ވަނީ ކަޅުކުލައިގެ ފުޓްބޯޅައަކާއި އާޖެންޓީނާގެ ނޫކުލައިން ރަމުޒުކޮށްދޭ ދެ އަތެވެ.

ސްޕެއިންގައި 1982 ގެ ނިޝާންގައި ވަނީ ނޫކުލައިގެ ފިތްޖެހި ފުޓްބޯޅައަކާއި ސްޕެއިންގެ ރަތާއި ރީންދޫ ކުލައިގެ ދިދައެވެ.

މެކްސިކޯ 86ގެ ނިޝާނުން ފެންނަ ރަތްކުލައިގެ ފުޓްބޯޅައާއި ދެ ފަރާތުން ފެންނަ ދުނިޔޭގެ ފަރުމާއިން ރަމުޒުކޮށްދެނީ "ދުނިޔެ އެއްބައިވަންތަކޮށްފައިވަނީ ފުޓްބޯޅައިން" ކަމެވެ. ދިވެހީންގެ ތެރޭގައި ފުރަތަމަ އާންމުވި ވޯލްޑް ކަޕް ނިޝާނަކީ މިއީއެވެ.

އިޓަލިއާ 90 ގެ ނިޝާނުން ސިފަކޮށްދެނީ އިޓަލީގެ ޤައުމީ ކުލަތައް ހިމެނޭ ތިން ފުޓްބޯޅަވެ. އެ ތިން ފުޓްބޯޅައިގެ ކުލަތަކަކީ ކަޅާއި ފެއްސާއި ރަތެވެ.

އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި މުބާރާތުގެ ނިޝާނުން ރަމުޒުކޮށްދެނީ އެ ޤައުމުގެ ދިދައެވެ. ދިދައިގައިވާ ތަރިތައް ރަމުޒުކޮށްދީފައިވަނީ ފުޓްބޯޅައިގެ ފިތްތަކުންނެވެ.

ފްރާންސް 98 ގެ ނިޝާނުން ދައްކައިދެނީ ފްރާންސްގެ ޤައުމީ ކުލަތަކާއެކު އުދަރެހުން އަރައިގެން އަންނަ ފުޓްބޯޅައެކެވެ.

ދެކުނު ކޮރެއާ އާއި ޖަޕާނުގައި 2002 ގައި ބޭއްވި މުބާރާތުން ސިފަކޮށްދެނީ އެ ދެ ޤައުމުގެ ކުލަތަކާއި ވޯލްޑް ކަޕް ޓްރޮފީއެވެ. މި ނިޝާނަކީ ވޯލްޑްކަޕް ޓްރޮފީގައިވާ ރަންކުލަ ފުރަތަމަ ހިމެނިގެން ފަރުމާކުރި ނިޝާނެވެ.

ޖަރމަން 2006ގެ ނިޝާނުން ސިފަކޮށްދެނީ ހިނިތުންދައްކައިދޭ މޫނުތަކަކާއި ވޯލްޑް ކަޕް ޓްރޮފީއެވެ. ޖަރުމަނުވިލާތުގެ ކުލަތަކާއެކު ނޫކިލައާއި ފެހިކުލައާއި އޮރެންޖު ކުލަ ހިމަނައިގެން މި ނިޝާނުގައި 2006 ސިފަކޮށްދީފައިވެއެވެ.

ސައުތު އެފްރިކާ 2010 ގެ ނިޝާނުން ފެންނަނީ އެފްރިކާ ބައްރާއި ދެކުނު އެފްރިކާގެ ކުލަތަކާއެކު ބައިސްކަލް ކިކް ޖަހާ ކުޅުންތެރިއެކެވެ.

ބްރެޒިލް 2014 އިން ރަމުޒުކޮށްދެނީ ބްރެޒިލްގެ ކުލަތައް ހިމެނޭ ވޯލްޑް ކަޕް ޓްރޮފީއެކެވެ. މި ނިޝާނުގައިވާ ރީންދޫ ކުލައިގެ އަތްތިލައިގެ ފަސް އިނގިލިން ރަމުޒުކޮށްދެނީ ބްރެޒިލުން އެހާތަނަށް ވޯލްޑްކަޕް އުފުލާލައިފައިވާ ފަސް ފަހަރެވެ.

ރަޝިޔާ 2018 އިން ވެސް ރަމުޒުކޮށްދެނީ ރަޝިޔާގެ ކުލަތަކާއި ސަގާފަތް ހިމެނޭ ވޯލްޑް ކަޕް ޓްރޮފީއެކެވެ.

ފީފާ ވޯލްޑް ކަޕް 2022 ނިޝާނުގައި ވަނީ މުބާރާތް ބާއްވާ ޤައުމު ކަމުގައިވާ ގަތަރުގެ ޤައުމީ ދިދައިގައި ހިމެނޭ ދެ ކުލަ ކަމަށްވާ ބާގަންޑީ (ގަދަ މެރޫން ކުލަ) އަދި ހުދު ކުލައެވެ. އެ ދެ ކުލަ ވޯލްޑްކަޕް ލޯގޯގައި ހިމަނާފައިވަނީ ގަތަރުގެ ޤައުމީ ދިދައިގައި އެ ދެކުލަ މާނަކޮށްފައިވާ ގޮތަށެވެ. ހުދު ކުލައިން ދައްކުވައިދެނީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ސުލްހައިގެ ރަމްޒެވެ. މެރޫން ކުލަ ރަމްޒުކޮށްދެނީ ގަތަރަށް ކުރިމަތިވި އެތައް ހަނގުރާމަތަކެއްގެ ތެރޭގައި، ޚާއްޞަކޮށް 19 ވަނަ ގަރުނުގައި ލޭ އޮހޮރިގެން ދިޔަ ދިއުމެވެ.

ވޯލްޑް ކަޕް ނިޝާނުގައި ބޭނުންކޮށްފައިވާ ކުރެހުންތަކުން ރަމުޒުކޮށްދެނީ ޢަރަބި ސަގާފީ ފަންނުވެރިކަމާއި ފުޓްބޯޅައެވެ. މި ނިޝާނުގެ ފަރުމާއިން ހާމަކޮށްދެނީ މި ވޯލްޑް ކަޕަކީ މުޅި ދުނިޔެ ގުޅުވައިދޭ އަދި ޝާމިލުވާ ހަރަކާތެއް ކަމުގެ ތަސައްވުރެވެ.

އަރަބި ސަގާފަތުގައި ހިމެނޭ ޝޯލް ފޮތިގަނޑު އޮޅާލެވިފައިވާގޮތުން ނުވަތަ ސްވޫޕިން ކަރވްސްއިން ރަމުޒުކޮށްދެނީ ގަތަރުގެ އަދި ސަރަޙައްދީ ޤައުމުތަކުގެ އަރަބި ސަގާފަތެވެ. މި ނިޝާނުން ވޯލްޑް ކަޕް ޓްރޮފީ އާއި ޢަރަބި ހަނަފަސް ސަހަރާއާއި، އަށް ނަންބަރު ސިފަކޮށްދެއެވެ. އަށް ނަންބަރުން ބުނެދެނީ މުބާރާތް ބާއްވާ ސްޓޭޑިއަމްތަކެވެ. މުބާރާތުގެ ނަން ޖަހާފައިވާ ފާޑުވެރިކަމުން ސިފަކޮށްދެނީ މަޝްހޫރު އަރަބި އަތުލިޔުންތެރިކަން ނުވަތަ ކެލިގްރަފީއެވެ. މީގެއިތުރުން މި ނިޝާނުން ބުނެދެނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސަބަބުން މުޅި ދުނިޔެ އެކަތިގަނޑަކަށް ހަދައިދޭކަމެވެ.

* އަބްދުﷲ ސައީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *