...

Support Us

ކޮލަމް ކަލާވެހި: އަބުރުވެރިކޮށް ހެދުން އެޅުމަށް ނަސޭހަތްތެރިވިއްޔޭ ހީވިޔަސް…

މާލޭގެ އަމީނީމަގުގެ އިރުމަތީ ކޮޅަށްވުރެ ކުޑަ ތަންކޮޅެއް ހުޅަނގަށް ހިނގައިލާ މީހަކަށް ކަނާއަތް ފަރާތުން ވަރަށް ފަސޭހައިން ފެންނާނެ ގޮތަށް އެ ހުންނަ، ފައިސާޔާ ބެހޭ އެކި ޚިދުމަތް ދޭކަމަށް ބުނާ މަރުކަޒު ކައިރީން ހިނގައިފައި އަޅުގަނޑު ގޮސްގޮސް ހުއްޓައި، އަޅުގަނޑު ލައިގެން ހުރި ޓީޝާޓުގެ ކަނާއަތު އަތުކުރިޔަށް ކުއްލިޔަކަށް ވާންވިހެން ހީވެއްޖެވެ. އަޅުގަނޑު ސިއްސައިގެންގޮސްފައި ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ރޯނުގައި އެއްޗިހި ހިއްކަން އަޅާއިރު ބޭނުންކުރާ ކަހަލަ ދައްޗެއްހެން އަޅުގަނޑުގެ ޓީޝާޓުގައި ޖެހިފައި އެހުރީ އިންސާނެއްގެ ބޮޑުވައި އިނގިއްޔާއި ބަޅުކޮށްފައި އޮތް ޝަހާދަތް އިނގިއްޔެއްގެ ދޭތެރޭގައެވެ. ވީ ޙައިރާނެއްގެ ބޮޑުކަމުން އަޅުގަނޑަށް ހުއްޓެވިއްޖެއެވެ. އަދި އިނގިލިދަތީގެ ވެރިޔާޔަކީ އަޅުގަނޑު ދަންނަ މީހުންގެ ތެރެއިން ތަންކޮޅެއް އަތްއިސް މީހެއްތޯ، ނޫނިއްޔާ ފެންނަ ފެނުމަށް ބުއްދި ސަލާމަތުންހުރި މީހެއްތޯ، ނޫނީ މިޒަމާނުގައި ލޯކަޔަށް ޖެހިގެން މިހިނގާ ދެފައިކުރިޔަށް ދޫވާ ބަލިމަޑުކަމުގައި އުޅޭ މީހެއްތޯވެސް ބަލައިލާން ބޭނުންވެއްޖެއެވެ. އެއީ، މަގުހިނގާ މީހުންގެ ގަޔަށް ބޮލަށްލޮލަށް އެގޮތަށް އަރާނީ ކޮންމެވެސް ގޮތަކުން ބުއްދި އުޅާހަށް ދެމިގެން އުޅޭ މީހެކޭވެސް ހިތަށް އެރީމައެވެ.

އަޅުގަނޑުގެ ޓީޝާޓުގެ އަތުކުރީގައި ޖެހިފައި ހުރި އިންސާނީ ދަތި ކުއްލިޔެއްޖަހައި، ނައްޓައިލައިފީމެވެ. އަދި ދަތީގެ ވެރިޔާޔަކީ އިސްވެ ދެންނެވި ގިންތިތަކުގެ ތެރެއިން ގިންތިޔެއްގައި ހިމެނޭ އިންސިޔެއްތޯ ބަލައިލިއިރު އެއިން ގިންތިޔަކަށް އެކަލޭގެ ފައްތާކަށް އަޅުގަނޑަކަށް ނޭނގުނެވެ. މީހާޔަކީ އަޅުގަނޑުގެ ރައްޓެހި، ރަޙުމަތްތެރީންގެ ތެރޭގައި ނުހިމެނޭ މީހަކަށް ވީތާނގައި، ދެކެފަރިތަކަމުގެ ސިއްކައެއްވެސް އޭނާގެ ނިތްކުރީގައި ޖެހެން އޮތް ކަމަކަށް ނުފެނުނެވެ. މީހާޔަކީ ޢުމުރުން ދެވަންފުރަޔަށްވުރެ ކުޑަ ތަންކޮޅެއް އޮއްސެން ޖަހައިފައި ހުރި މީހެކެވެ. އެ ޢުމުރުގެ މީހަކާ ވަރަށް މުނާސަބު ވަރަކަށް ކޮށައިފައިވާ ބޮލުގައި އައިބުނުވާވަރަކަށް ތެޔޮލައި، ވާތުން ކަނާތަށް ފަޅައި، އޮމާންކޮށްފައި އެ ހުރި ގޮތުން ތަންކޮޅެއް ކުރީ ޒަމާނުގެ ފިލްމިސްޓާރުންވެސް ވާހުވާހޭ ކިޔާބާތުހޭޔޭ ބުނެލާވަރު ވެއެވެ. އޭނާ ލައިގެން އެ ހުރީ އަންނައުނު އިސްތިރިކުރުމުގައި މީހާޔަށް ލިބިހުރި ރޫނެގުމުގެ ހުނަރަށް ހާސްފަށުން އައްސަރިބަހާއި ސާބަސް ދޭވަރުގެ ކުޅަދާނަކަމެއް އެންމެނަށް ދައްކަދައްކާ ހުރި، މަޑު ނޫކުލައިގެ ނައިލޯނު ގަމީހެކެވެ. ދެން ހަމަ އެ ހުނަރުގެ މަޢުރަޟަކަށް ފުދޭނޭ، ގަދަ ނޫކުލައިގެ ފަޓުލޫނެކެވެ. ފަޓުލޫނުގެ ތިރީން އެ ފެންނަނީ ތިރީހަކަށް ސާޅީހަކަށް އަހަރު ކުރީގެ ކެޑޭޓު މާސްޓަރެއްވެސް ސެލިޔުޓު ނަގާވަރަށް އޮފުކޮށްފައިވާ، ކަޅުކުލައިގެ ބޫޓެކެވެ. އަތުގައި އަޅައިފައި އޮތް، ރަން ކަމަރުލީ ގަޑިންވެސް އެ ބުނެދެނީ އޭނާޔަކީ ކޮންމެވެސް ކަހަލަ ތަނަވަސްކަމެއް ލިބިފައި ހުރި މީހެއްކަމެވެ.

އެކަމަކު އެއީ އަޅުގަނޑު ދަންނަ މީހެއް ނޫނެވެ. އެކަމަކު، އޭނާގެ ހަމަތަކުގެ މަތީން އޭނާ ކިތަންމެ މޮޅަށް ހެދުންއަޅައިގެން ހުއްޓަސް، ސުލޫކާއި އަޚުލާޤާއި ތަހުޒީބުގެ މަގުން އޭނާޔަށް ހިނގިފައި އެހެރަ މަގީ، މަގުހިނގައިފައިދާ މީހެއްގެ ޓީޝާޓުގެ އަތުކުރީގައި އަތްއެއްލައި ހިފުން ހުއްދަކުރާ މަގެއްކަމަށް ވަންޏާ،… އެހެން ނޫންތޯއެވެ!

"އޭ ވަހީދޫ!" އެމީހާ ބުނަން ފެށިއެވެ. ސަލާމެއް، ގަލާމެއް، އަލާމެއްވެސް ނެތިއެވެ. "ކަލޭ ތިހިރަ އަޅައިގެން ހުރި ހެދުމެއްދޯ! ކަލޭ ތިޔަށްވުރެ ތަންކޮޅެއް އަބުރުވެރިކޮށް، އަބުއިކޮށް ހެދުން އަޅަންވެއްޖެނު؟"

އޭނާ ލައިގެން ހުރި ގަމީހުގައި އެހުރި އިސްތިރި ރުލަށް ވުރެ ބޮޑަށް ރޫޖެހިފައި އޮތް 'ކަލޭކަލޭ’ގެ ސަލާމަކުން މުޚާޠަބް ކޮށްގެން އަޅުގަނޑާ ހުށަހޮޅިގަތް މި މީހާ އަޅައިގެން އެ ހުރި ތިއްތި ހެދުމާ، އަޅުގަނޑުގައިގައި ހުރި އެއްޗިއްސާ ވަރަށް ތަފާތެވެ. އަޅުގަނޑު ލައިގެން ހުރީ ހަތަރުފަސް އަހަރެއްވެ، ބައުވެފައިވާ ޓީޝާޓެކެވެ. ދިހަވަރަކަށް އަހަރުވެފައިވާ، ލީވައިޒް ޖިންސެކެވެ. އަރައިގެން ހުރީ ވަދުޖެހި ފައިވާނަކަށެވެ. ވަކި ބާވަތެއްގެ ބަޔަކު މާ ރުޅިޔެއް އެ ދެކެ އަންނަ ތޮފިވެސް ބޮލުގައި އޮތެވެ.

އަޅުގަނޑަކީ ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރަށާއި ދައުލަތަށް އެތައް ޚިދުމަތެއް ކޮށްދީފައި ހުރި މީހަކީމެވެ. އަދި އެތައް ފަހަރަކު އެއް ދާއިރާޔަށްވުރެ ގިނަ ދާއިރާޔަށް އެއްފަހަރާ، އޭގެތެރެއިން ބައެއް ދާއިރާޔަށް މުސާރަޔެއްވެސް ނެތި ދަރުމަޔަށްވެސް ޚިދުމަތްކޮށްދީފައި ހުރި މީހަކީމެވެ. ހުކުރެއް، ޢީދެއް، މުލަރޯދަޔެއް، ރޭނިންޖެއް ނުބަލައިވެސް ޚިދުމަތުގައި ދެމިހުރީމެވެ. އެހެނެއްކަމަކު، ޞިއްޙީ ބޮޑު މައްސަލަޔެއް ނޭނގިހުއްޓައި ދިމާވީމައި، ޑޮކްޓަރުގެ ލަފަޔާއެކު، އެނޫންގޮތެއް ނެތިގެން އިސްތިޢުފާ ދީފައި ނިކުތީމައި އަޅުގަނޑަށް ރިޓަޔަރމަންޓް ޕެކެޖެއް ނުލިބި އޮންނަކަން އެއީ ނިޒާމުގެ ދޯހަޅިކަން ނުވަތަ ބޭއިންސާފެއް ނޫނެއް ނޫންތޯއެވެ؟ އެއީ ހަމަ އަޅުގަނޑުގެ ބަދުނަޞީބު ނޫންތޯއެވެ؟ އަދި އަޅުގަނޑު އެ އުޅުނު ގޮތަށް މިހައިރު އަލަށް ޚިދުމަތަށް ނިކުންނަ ޒުވާނުން ނުއުޅޭށޭ ބުނާން ބޭނުންކުރާނޭ ޙުއްޖަތެއްވެސް ނޫނެއް ނޫންތޯއެވެ؟ އެހެންވީމައި، ޞިއްޙަތު ތަންދިނަސް ނުދިނަސް، އަނގަޔާ އަތާ ދިމާކޮށް، އުނުއޮރިޔާން ފިލުވައި، ފެން ބިލު، ކަރަންޓު ބިލު ދައްކައި، އަނބިދަރީންގެ ހައިހޫނު މުހުތާދު ފިލުވައި، މިހުރިހައި ކަމެއް ކޮށް މިއުޅެނީ ވަގަށް ނަގައިފައި ހުރި އެއްޗިއްސަކުން ނޫނެވެ. ފޭރިކައިފައި އޮތް އެއްޗަކުން ނޫނެވެ. ޓެކުމުގެ ނަތީޖާޔަކުންވެސް ނޫނެވެ. ކަޓުޖެއްސި ޗަލުވާލުމަކުންވެސް ނޫނެވެ. ސަލާންޖަހައިގެނެއްވެސް ނޫނެވެ. އެޔާ ޚިލާފަށް ސިކުނޑިން ދިޔަފެލައިގެން، މަގުހިނގައިގެން މަސައްކަތް ހޯދައިގެންނެވެ. އެކަމާ އަޅުގަނޑު ދެރަޔެއްނުވަމެވެ. ލަދެއްވެސް ނުގަންނަމެވެ. ކީއްވެގެންތޯއެވެ؟ މިދަންނަވާހެން ވީމައެވެ! ދޫނިސޫފާ ސޫތްޕަށްވެސް ރިޒުޤު ދެއްވާ ފަދައިން އަޅުގަނޑަށްވެސް ބަރަކާތާއެކު ރިޒުޤު ދެއްވާތީއެވެ. ކޮންމެދުވަހަކު ހެނދުނު ބަނޑުހައި ކަމާއެކު ގެއިން ނިކުތަސް، އިރުއޮއްސޭ ފަހުން ގެޔަށް ވަންނަނީ 'ބަނޑުފުރައިގެން’، ޙަމްދުކުރަމުން، ޝުކުރުވެރިކަމާއެކު ކަމަށް ވާތީއެވެ.

އަޅުގަނޑު ލައިގެން ހުންނަ ބައު ޓީޝާޓާއި، އެޔަށްވުރެވެސް ބައު ޖިންސަކީ އަޅުގަނޑުގެ އަބުރާއި ޢިއްޒަތުގެ ބެޖެވެ. ލިބޭ މިންވަރުން އުޅެވޭ ކަމުގެ ފާހެވެ. އޮފީސްއޮފީހުގެ އިސްވެރީންގެ އަތްމަތީގައި ބޮޑެތި ބަޖެޓުތައް ހިތަކަށް އޮތޭ ބުނި ޒަމާނުގައި އެ ފަދަ އިސް ވެރިޔަކަށް އަޅުގަނޑު ހުރިއިރު އަމިއްލަ ނަޒާހަތްތެރިކަން އިސްކުރެވުނުކަމުގެ މެޑެއްޔެވެ. ދައުލަތަށް އެކިފަރާތްތަކުން ދައްކަން ޖެހޭ ކުލި ފަދަ ތަކެތި މިލިޔަނުން ދައްކަމުން ދިޔަ ތަންތަނުގައިވެސް އިސް މީހަކަށް ހުރިއިރު، އަތުގައި ހޭކުނު އެއްޗިހި ދަތުގައި ނުހާކާ ކަމުގެ ދަލީލެވެ. އެހެންނޫންނަމަ، އަޅުގަނޑު ވާނީ ޤައުމީ ޚިދުމަތަށްވުރެ އަމިއްލަ އަންބޮޑި މުހިންމުވެ، ދިހަބާރަ ބުރީގެ ގަނޑުވަރު ބިނާކޮށް، އެތަން ކުއްޔަށްދީގެން އުޅޭ މަހުޖަނަކަށް ނޫންތޯއެވެ؟ އަޅުގަނޑު މިދެންނެވި ހެދުމުގައި މަގުމައްޗަށް ނިކުމެ މިއުޅެނީ އެހެދުން އަޅައިގެން މަގުމައްޗަށް ނިކުތުމުން އެއީ ޤަދަރަކާއި ޝަރަފެއް ކަމަށް ދެކިދެކި ހުންނަ ޙާލުގައެވެ. ދެއްވި، އަދި އަޅުގަނޑަށް މިންވަރުކުރައްވަވައި، ދެއްވަމުން ގެންދަވާ އެތައް އެތައް ނިޢުމަތަކަށް ޝުކުރުވެރިވޭވޭ ހުންނަ ޙާލުގައެވެ. އެހެންކަމުން، އަޅުގަނޑު ދެކޭ ގޮތުގައި، އެ ހެދުމަކީ އަޅުގަނޑާ އެކަށީގެންނުވާ ދެރަ ހެދުމެއްކަމަށް ދެކޭ މީހާ އެހެރީ ބާވަތެއްގެ އަނދިރިކަމެއްގެ ތެރޭގައެވެ.

އެކަމަކު އެހިސާބުން ދުނިޔޭގެ މަގުން ދެން އެ ފޭލިވީ އަޅުގަނޑެވެ. އަޅުގަނޑުގެ ޓީޝާޓުގެ އަތުކުރީގައި 'އަތުދައްޗެއް' ޖަހައިގެން އަޅުގަނޑު ރާސްތާ މެދަށް ހުއްޓުވައިގެން އަޅުގަނޑު 'އަބުރުވެރިކޮށް ހެދުންއަޅަން ނަސޭހަތްތެރިވި' މީހާގެ ނިމަކެތި ޙާލު ފެނިފައެވެ. ނަލަނަލަ ގަމީހަކާއި، އެޔާ ގުޅޭނޭ މޮޅު ފަޓުލޫނަކާއި، އޮފުގަދަ ބޫޓަކުން އޭނާގެ ސުލޫކާއި ތަހުޒީބުގެ އޮނުއޮރިޔާން ޢަމުދުން ނުފިލިޔަސް، އޭނާޔަށް ވަދެވިފައި އެހުރެވެނީ ކޮންކަހަލަ އަނދިރިގަނޑަކަށްކަން އޭނާޔަށް އަމިއްލަޔަށް ނޭނގޭއިރު، އެ އަނދިރިގަނޑުން އޭނާ ނެރޭނޭ ގޮތެއް އަޅުގަނޑަށް ނޭނގޭތީއެވެ. އަޅުގަނޑަކީ މިޤައުމުގެ އެތަކެއް އަތޮޅެއްގެ އެތަކެއް ރަށެއްގެ އެތަކެއް ގެޔެއްގެ އެތަކެއް ޢާއިލާއެއްގެ އެތަކެއް ދަރީންނަށް ތަޢުލީމު ދިނުމުގައިވެސް އުޅެވިފައި ހުރި، އަދި މިހައިރުވެސް ފުރުޞަތު ލިބުނުވަރަކުން އުޅޭ މީހަކަށް ވިޔަސް، މިކަލޭގެ ރޯފިލުވާން ހަދާނޭ ގޮތެއް އަޅުގަނޑުގެ ހިތަށް އެ ދަނޑިވަޅުގައި ނުވަނީތީއެވެ.

އަޅެ މިދެންނެވި މީހާޔާ ދެން ދިމާވާ ފަހަރަކުން އަޅުގަނޑު އޭނާޔަށް ޞައްޙަ މަގަކުން އެހީވާނީ ކިހިނެއްކަން ތިޔަ ބޭފުޅުން ވިދާޅުވެދެއްވަބައްލަވާށެވެ. އިންސާނެއްގެ އެތެރެފުށުގެ ޖާހިލުކަމަކީ ހައުދަހައި ބޮޑު ނިކަމެތިކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6511

3 Responses

  1. ކޮލަމް :: ކަލާވެހި .
    ލިއުއްވަން އުޅުއްވި ވާހަކަ ކޮޅުގައި އެވިދާޅުވާން އުޅުއްވާ އެއްޗެއް ވަރަށް ދަތިޙާލަތުން ވިދާޅުވާން މަސައްކަތް ފައްޓަވާފައި އެ معضوع އިން ދުރަށް ޖެހިފައިވާކަން އެނގެއެވެ. ގަމީހުގައި ނުވަތަ އަތުގައި ޖެހުނު ދައްޗަކީ ކުރިން ވަރަށްގިނައިން ބޭނުންފުޅު ކުރެއްވި ދައްޗެއް. ދަތީގައި ކުރިން ހިއްޕަވާ އުޅުއްވުމަށްފަހު. އެދަތީގެބޭނުން ކެނޑުނީމާ އެދަތި ގެންގުޅުއްވިހަނދާން ނެތިގެންދިއުމަކީ އިންސާނާގެ ކިބައިގައި ހުންނަ ސިފައެކެވެ. އެދަތިބާވުމުން އެކަމުގައި އެއްޗެއް ވިދާޅުވަން އުޅުއްވާފަ އަދި ވިދާޅުނުވެވިގެން އެއުއްވަވަނީ އެވެ. މަރުޙަބާ.

    1. ސަރަފުއްދީނި ބާނީ ވަހީދު ދެކެ ޖެލަސްވަނީ ދޯ؟ ކީއްވެތަ އަސްލު ނަމުގަ ކުރިމައްޗަށް އަރާފަ އެއްޗެއް ބުނަން ނުކެރިގެން ތިއުޅެނީ؟

  2. ކާކުބާ ވަހީދުއާ ޖައްސަލަގެން މިއުޅެގަތީ އެކަމަކު ނުހައްދަވާ ނަމެއްގައި އެއްޗެއްބުނަން އުޅެގެން …..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.