Support Us

ކޮލަމް ކަލާވެހި: މިދުވަސްވަރު އައިޑީކާޑު ފަސޭހައިން އަތްޕުޅުން ދޫކޮށްލެއްވުމަކީ ބުއްދިވެރި ކަމަކަށް ނުވެދާނެއެވެ.

އަޅުގަނޑުމެން ފަދައިން ދުނިޔޭގެ މެދުހުރަސްދަނޑީގެ ދަށުގައި ދިރިއުޅޭ މީހުންނަށް އެހެން މީހުން އެކިޔާ ހަތަރު މޫސުން ނައިސް ހިނގައިދާނެއެވެ. އެކަމަކު އަޅުގަނޑުމެންނަށްވެސް އަންނަ މޫސުން ތަކެއް ހުރެއެވެ. ދޮންދޫނި އަންނަ އިރުވަޔާއި ސޮމާލިޔާގެ ކަނޑުފޭރުން ބެހިގެން އަންނަ ހުޅަނގުމޫސުމެވެ. ފޯވަހި ފޯވައްސަށްނަމަވެސް އެއަންނަ، މާވަހަރު ލެއްގުމެވެ. އިންޖީނު ހުއްޓިގެން އޮއިވާއްޔަށް ވިއްޔޭ ކިޔައިގެން އެ އަންނަ ބިދޭސީ މަސްވެރި އުޅަނދުފަހަރު ގެނބުރު މަތީން ފެންނަ މޫސުމެވެ. ބްރެޒީލުން އަންނަ ފަތުރުވެރީންގެ ފޮށިތަންމަތި ތިޔާގިވުން ކަހަލަ މޫސުންތަކެވެ. ދެން މިހައިރަކަށް އައިސް އަޅުގަނޑަށް މި ފެންނަނީ މިރާއްޖޭގައި ތަފާތު އެކި ޚިދުމަތް ފޯރުކޮށްދޭ ބައެއް މުއައްސަސާތަކުން ޢާންމު ރައްޔިތުންގެ ޒާތީ މަޢުލޫމާތަށް އާދަޔާ ޚިލާފަށް ފެންބޮވައިގެންފައިވާ މޫސުމެކެވެ. އަދި މީގެ ތެރެއިންވެސް، ވަކީން އަދި ޚާއްޞަކޮށް، ފެނިގެން މިދަނީ ޕާސްޕޯޓު، އިންޖީނުލީ ތަކެތި ދުއްވުމުގެ ލައިސަންސް، އަދި އެހެން ހުރިހައި އެއްޗަކަށްވުރެ ބޮޑަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީގެ މުހިންމުކަން އިތުރުވެގެން އުޅޭ މޫސުމެކެވެ.

މިގޮތުން އަޅުގަނޑު އެންމެ ފުރަތަމަ ދަންނަވާނީ ރާއްޖޭގައި ހިންގާ ބިދޭސީ ބެންކެއްގެ ވާހަކައެވެ. މީގެ ވިއްސަކަށް އަހަރު ކުރީން އަޅުގަނޑުމެން ރަޖިސްޓަރީ ކުރި ކުންފުންޏެއްގެ އެކައުންޓު މިހައިތަނަށްވެސް އޮތް ބެންކެއްގެ ވާހަކައެވެ. މީގެ ދެހަފުތާއެއްހައި ދުވަހުގެ ކުރީން ބެންކުން އަޅުގަނޑުމެންނާ ގުޅައިފިއެވެ. އަދި އެމް.އެމް.އޭ އިން އަލަށް ނެރުނު ގަވައިދެއްގެ ދަށުންނޭ ކިޔައިފައި، އަޅުގަނޑުމެން ޙިއްޞާދާރުންގެ އިތުރު މަޢުލޫމާތު ބެންކަށް ދީގެން ނޫނީ އެކައުންޓުން މުޢާމަލާތް ނުކުރެވޭނޭ ކަމަށް ބުނެފިއެވެ. ކޮން ކަހަލަ މަޢުލޫމާތުތަކެއް ކަމަށްތޯއެވެ؟ ބެންކުގައި މިހައި ދުވަހުވެސް ހުރި މަޢުލޫމާތުގެ އިތުރުން، ޙިއްޞާދާރުން ދިރިއުޅޭ ތަން ފިޔަވައި އިތުރު ތަންތަނުގައި ގޯތިގެދޮރު ހުރިއްޔާ އެތަންތަނާ ބެހޭ މަޢުލޫމާތެވެ. ފުރާދުއްވާ އެއްޗިހި ހުރިއްޔާ އެ އެއްޗިއްސާ ބެހޭ ހުރިހާ މަޢުލޫމާތެކެވެ. އެހެން ވިޔަފާރިތަކާއި ކުއްޔަށް ދޫކުރާ ތަންތަން ހުރިނަމަ އެތަންތަނުގެ މަޢުލޫމާތެވެ. އެހެން ބެންކުތަކުގައި އެކައުންޓު ހުރިނަމަ އެ އެކައުންޓުތަކުގެ މަޢުލޫމާތެވެ. އަދި އެންމެ ހެއްވާ ކަމެއްކަމަށް އަޅުގަނޑުމެންނަށް ފެނުނީ، އަނބިދަރީންގެ ފުރިހަމަ ނަންތަކާއި، އެމީސްމީހުން ދިރިއުޅޭހައި ތަންތަނާއި، އެމީސްމީހުންގެ މިލްކިއްޔާތާ ބެހޭ އެތައް މަޢުލޫމާތަކާއި، އެމީސްމީހުންގެ އުފަންދުވަހުގެ ތާރީޚާއި، އެމީސްމީހުންނަށް ވަޒީފާއިން ނުވަތަ އެނޫންވެސް ގޮތަކުން އާމްދަނީ ލިބޭނަމަ އޭގެ ތަފްޞީލާއި، އެމީސްމީހުންނާ ގުޅޭނޭ ފޯނު ނަންބަރުތަކަށްވެސް އެދުނު ކަމެވެ. އަދި އެންމެ ނުރައްކާތެރި ކަމެއް ކަމަށް ފެނުނީ، އެހުރިހައި އެންމެންގެ އައިޑީކާޑުގެ ސާފު ފޮޓޯކޮޕީއަށްވެސް އެދުނުކަމެވެ. ބޭނުންވެއްޖެ ނަމަ، އަޞްލާ އަޅައިކިޔޭ ގޮތް ތަނަވަސްކޮށްފައި ބޭއްވުން ޝަރުޠުކޮށްފައެވެ.

މި ދެންނެވި އެންގުމާ ގުޅިގެން އަޅުގަނޑުމެންގެ ކުންފުނީގެ ބޯޑުން ނިންމީ އެ ބެންކުގައި ހުރި އަޅުގަނޑުމެންގެ އެކައުންޓުތައް އަވަހަށް ބަންދުކޮށް، އެހެން ބެންކެއްގައި އަޅުގަނޑުމެންގެ އެކައުންޓުތައް ހުޅުވާށެވެ. އެމަސައްކަތް މިހައިރު ފެށިގެން ކުރިޔަށް އެބަދެއެވެ. ފަހުން މިދެންނެވި ބެންކުން އަޅުގަނޑުމެން ފުރާން ދިން ފޯމުސެޓުގައި އަޅުގަނޑުމެންގެ 'ޙަރީމް’ގެ އެންމެހައި ޒާތީ މަޢުލޫމާތެއް ހުޅުވައިލާން މަޖުބޫރުކޮށްފައި ނެތަސް، އަދި ކަން ނިމޭނޭ ގޮތެއް ނޭނގެއެވެ. އަނބިދަރީންގެ ފޯނުނަންބަރާއި އައިޑީކާޑަކަށް އަދި ހަމަ ގައިމުވެސް ނޭދެއެވެ. އެނގިދާނެ، އެހެންނޫންތޯއެވެ؟

ދެން އަޅުގަނޑަށް ތަޖުރިބާ ކުރާން ޖެހުނީ އަދި އެޔަށްވުރެވެސް އާދަޔާ ޚިލާފު ކަމެކެވެ. ކޮންމެވެސް މުއައްސަސާޔަކަށް ޚިދުމަތެއް ހޯދަން ގޮސް އެތާނގައި ހުރި ކައުންޓަރެއްގެ ފުރަގަހުގައި އިން ކުއްޖަކާ ބައްދަލުކުރީމައި، އޭނާ އަޅުގަނޑު ގާތު ފުރަތަމަވެސް ބުނީ ވަރަށް އެހެން ކަހަލަ ވާހަކަޔެކެވެ. އޭނާ ބުނީ، މިހައިރު ތަނުން ޚިދުމަތް ދެވެން އޮންނަނީ ޚިދުމަތަށް އެދޭ ފަރާތުގެ އައިޑީކާޑުގެ ފޮޓޯކޮޕީއަކާ އެކީ ޚިދުމަތަށް އެދުމުން ކަމަށެވެ. އައިޑީކާޑަކީ އޭގެ ޒާތުގައި ކީއްކުރާ އެއްޗެއްތޯއެވެ؟ އަޅުގަނޑަށް ހީވެފައި އޮންނަނީ، ދިވެހިރާއްޖޭގެ އައިޑީކާޑަކީ އެ ކާޑު ހިފައިގެން އުޅޭ މީހާޔަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭން އޮންނަ އެއްޗެއް ކަމެވެ. ކާޑުގައި ޖަހައިފައި އޮންނަ ފޮޓޯޔާ ކާޑު ގެންގުޅޭ މީހާގެ މޫނާ ދިމާވާ ކަމަށް ވަންޏާ، ކާޑުގައި އޮންނަ ނަމަކީ އެ މީހާގެ ޙަޤީޤީ ނަން ކަން ދައްކައިދޭން އޮންނަ އެއްޗެއް ކަމެވެ. އަދި ކާޑުގައި ދެންވެސް އެ ހުންނަ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ކަށަވަރުކޮށްދޭން ދައުލަތުގެ މުއައްސަސާޔަކުން ދޫކޮށްފައި އޮންނަ އެއްޗެއް ކަމެވެ. އަދި ޚިދުމަތް ދޭ ތަންތަނުން ކާޑު ޤަބޫލުކުރަންޖެހޭނޭ ކަމެވެ. އައިޑީކާޑުގެ ކޮޕީ ތަނުގައި ބޭއްވުމަކާ ނުލައި، އައިޑީކާޑަށާއި ކާޑުގައި ޖަހައިފައި އެހުންނަ ފޮޓޯޔާ މީހާގެ މޫނާ ދިމާވަންޏާ ކާޑުގެ މަޢުލޫމާތު ނޯޓުކޮށްލައިފައި ޚިދުމަތްދިނުމަކީ އިހަށް ކަންކުރަމުން އައި ގޮތް ކަމެވެ. އެހެންނަމަވެސް، މިހައިރު އައިޑީކާޑުގެ ދެފުށުގެ ފޮޓޯކޮޕީއެއް ތަނުގައި ބާއްވަން ޖެހެނީ ތަނުގެ މުވައްޒަފު ތަނުގެ ފޮތުގައި ނޯޓުކުރާ މަޢުލޫމާތާ މެދު ތަނުގެ އިތުބާރު ނެތީމައި ތޯއެވެ؟ އެހެންކަމަށް ވަންޏާ، އެކަމުގެ މަސްއޫލިއްޔަތާއި ތަކުލީފު އުފުލަން ޖެހޭނީ ޚިދުމަތަށް އެދެން ދާ މީހާ ތޯއެވެ؟ މުއައްސަސާއިން ތަނުގެ އަމިއްލަ މުވައްޒަފަށް ނުކުރާ އިތުބާރު އަޅުގަނޑުމެން ކުރާންޖެހޭތޯއެވެ؟

ކަން އަދި ކޮންމެ ގޮތަކަށް އޮތަސް، އިހަށް ޚިދުމަތްދެމުން އައި ގޮތް މިހައިރު ބަދަލުވެއްޖެކަން އެތާކުން ހަމަ ގައިމުވެސް އިޢުލާނެއް ނުކުރެއެވެ. ގެޒެޓަކަށްވެސް ނުލައެވެ. އެހެންނަމަވެސް، މިހައިރު އެ ބުނަނީ އައިޑީކާޑުގެ ދެފުށުގެ ފޮޓޯކޮޕީއެއް ތަނުގައި ބާއްވައިފައި ނޫނީ ޚިދުމަތް ނުދެވޭނޭ ކަމަށެވެ. އެވާހަކަ އަދި އިޢުލާނު ނުކުރިޔަސް، ޕޮލިސީ ބަދަލުވިއްޔޯލައެވެ. ދެން އަޅުގަނޑު ހަމަ ކުއްލިޔަކަށް ޤަބޫލުކުރާން މިޖެހޭ 'ޙަޤީޤަތަކީ’، އެބުނާ ޕޮލިސީޔަކީ އެވަގުތަށް ފެނުނު ގޮތަކަށް ޢާންމު ރައްޔިތުންނާ މެދު ކަންކުރުމުގެ އިޚްތިޔާރު އޮންނަ، ޢާންމު ހަމަތަކާއި ސުލޫކާއި އަޚުލާޤާއި ތަހުޒީބުގެ ޙައްދުތަކުން ބޭރުގައި އޮތުމުގެ ފުރިހަމަ ބާރު ލިބިގެންވާ، ލޮލަށް ނުފެންނަ، ޚުދްމުޚްތާރު ސޫތްޕެއް ކަމަށެވެ!

މިދެންނެވި ސޫފި މިދުވަސްވަރު ވަރަށް ގިނަ ގޮނޑުދޮށްތަކަށް އަރާ ވާހަކަ ރައްޓެއްސެއްގެ ފަރާތުން އަޅުގަނޑަށް އިވިފައި އޮތީތީ، އަޅުގަނޑު އެތަނަށް ދިޔައީ ކަމަށް ތައްޔާރުވެގެންނެވެ. އެހެންކަމާއެކު، އަޅުގަނޑު ދުރާލައި ނަގައިގެން ގެންދިޔަ، އަޅުގަނޑުގެ އައިޑީކާޑުގެ ފޮޓޯކޮޕީ، އައިޑީކާޑުގެ އަސްލާއެކު އެއްކަލަ ކުއްޖާޔަށް ފޯރުކޮށްލައިފީމެވެ. އަދި އަސްލާ ކޮޕީޔާ އަޅައިބަލައިފައި އަޅުގަނޑުގެ އައިޑީކާޑު އަޅުގަނޑުގެ ލޮލަށް ނުފެންނަ ހިސާބަށް ނުގެންގޮސް ހަމަ އަވަހަށް އަނބުރާ ދޭން ބުނެފީމެވެ.

އަސްތާއެވެ! އެހެންވެސް ވާކަށް ނެތެވެ. ކައުންޓަރުގައި އިން ކުއްޖާ ބުނިގޮތުގައި އައިޑީކާޑުގެ ކޮޕީ ނަގަން ޖެހެނީ ތަނުގައި ހުރި ފޮޓޯކޮޕީ މެޝިނުންނޯއެވެ. އަދި މެޝިނު ހުރީ އެތެރޭގައި ކަމަށްވާތީ، އޭނާޔަށް ޖެހޭނީ އަޅުގަނޑުގެ އައިޑީކާޑު ހިފައިގެން އެތެރެޔަށް ދާށޯލައެވެ. ޙައިރާނުގެ ކޮޅަށް ޙައިރާނެވެ. އަޅުގަނޑުގެ ވިސްނުމަށް އައީ އަނެއްކާވެސް މުޅީން އެހެން ސުވާލުތަކެކެވެ. އަޅުގަނޑު ގެންދިޔަ ފޮޓޯކޮޕީޔާ ކާޑުގެ އަސްލާ އަޅައިބަލައިލެވޭނޭ ފެންވަރު ނުވަތަ ތަނުން އޭނާޔަށް ދޭންޖެހޭ އިތުބާރު ތަނުގެ މުވައްޒަފުގެ ކިބައިގައި ނެތީބާވައެވެ؟ ނޫނީ ތަނުގައި ހުރީ ޚާއްޞަ މިނެއްގެ، ޚާއްޞަ ކަރުދާހަކަށް، ޚާއްޞަ މަގަކުން ފޮޓޯނެގޭ، ބިލިޔަން ރުފިޔާގެ ފޮޓޯކޮޕީ މެޝިނެއް ބާވައެވެ؟ އެކަމަކު އަޅުގަނޑު މި ދެ ސުވާލުކުރުމުން ތަނުގައި އިން މުވައްޒަފު ގާތަށް އައީ ރުޅިއެވެ. އަދި އަޅުގަނޑު ދިއްކޮށްލި ފޮޓޯކޮޕީ ވީދައިލައިފައި ވަށިގަނޑަށް އަޅައިލީއެވެ. އަދި، ދެން ޖެހޭނީ އެތެރޭން ފޮޓޯކޮޕީ ނަގަން ނޫންހޭވެސް ޒާތަކަށް ހީނލައިފައި އޭނާ އަޅުގަނޑު ގާތު އަހައިލިއެވެ. ހަމަގައިމުވެސް އެކަން ކުރާނޭ ފެންވަރު އޭނާގެ ކިބައިގައި ހުއްޓެވެ!

އަޅުގަނޑު އެތަނަށް ހޯދަން ދިޔަ ޚިދުމަތެއް ނުހޯދަމެވެ. އަނބުރައިލައިފައި ވަން ދޮރުން ނިކުތީއެވެ. އަޅުގަނޑުގެ އަމިއްލަ ރައްކާތެރިކަން އަޅުގަނޑަށް އެޔަށްވުރެ މުހިންމުވީމައެވެ! އެއީ ކީއްވެގެންހޭ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އައްސަވައިފާނޭތީ ދަންނަވާނަމެވެ.

ކޮންމެ ކަމެއް ހިނގާއިރުވެސް، އެކަމެއް އެވަގުތަކު ހިނގާ ތަނެއްގެ މާޙައުލާއި ތަނުގެ ކައިރި މާޒީޔަށް ބެލުމަކީ މުހިންމު ކަމެއްކަން ތިޔަބޭފުޅުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމާއެކުވެސް، ދެތިން ވާހަކަޔެއް ދަންނަވާލާނަމެވެ.

ފުރަތަމަ ދަންނަވަން އޮތީ ތަފާތު އެކި މުއައްސަސާތަކާއި އެތަންތަނުން ކުރާ ކަންކަމާއި، އެތަންތަނުން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާއި، އެތަންތަނުގެ ބައެއް މުވައްޒަފުން ކަންކުރާގޮތާއި ކައިރި މާޒީގައި ކަންކޮށްފައި ހުންނަ ގޮތްގޮތުން އެ މުއައްސަސާތަކުގެ އިތުބާރަށް އަސަރުކުރާނޭ ވާހަކައެވެ. އަދި އެ މުއައްސަސާތަކުން ޚިދުމަތް ހޯދަން ދާ މީހުން އެ މުއައްސަސާތަކަށް ކުރާ އިތުބާރަށްވެސް އަސަރުކުރާނޭ ވާހަކައެވެ. މި ގޮތަށް ބަލާއިރު، މިފަހަކަށް އައިސް ނޫސްތަކުގައި ހުންނަ ވާހަކަތަކަށް ބަލާއިރު، މިވެނި މަޢުލޫމާތެއް ލީކުވީ، މިވެނި ފޮޓޯއެއްގެ ސިއްރުކަން ކެނޑުނީ، މިވެނި ސިއްރެއް ފަޅައިއަރުވައިލީ އެކަންކަން ތަނުގެ ސިއްރުތަކުގެ ހިމަނަންޖެހޭ ތަނުގެ އެތެރެއިންނޭ ބުނެވާ ކިތަށް ތަންތޯއެވެ؟ ތަނުން ބަލަންޖެހޭ ދެރަވަރު ކަމެއް ތަނުން ބެލިއިރު ތަނުގެ މުވައްޒަފަކުވެސް އެކަމުގައި ހިމެނޭ ކަމަށް ފެނުމަކީ، ހިތްގައިމު ވަރަށްވުރެ ގިނައިން އިވޭ އަޑުތަކެކޭ ބުނެވޭ ވަރެއް ނުވޭތޯއެވެ؟ އެހެންކަމަށް ވަންޏާ، އަޅުގަނޑުގެ އައިޑީކާޑު ހިފައިގެން ފަރުދާގެ ފުރަގަހަށް ގޮސް ގެއްލޭ މުވައްޒަފަކު އެކާޑުގެ ބޭނުން ހިފާނީ ކިހިނެއްކަމާމެދަކު ޝައްކު ކުރުމުގެ ކުޑަކުޑަ ދޮރެއް ނަމަވެސް ނުހުޅުވޭތޯއެވެ؟ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ވަގުފޯމު ފުރާ ވާހަކަ އެއްކޮޅުން އިވޭއިރު، ބައެއް ތަންތަނަށް ފޯނުކޮށްފައި އަމިއްލަ ޒާތީ ކަމަކަށް އެދުމުން މީހާޔަކީ ކާކުކަން ކަށަވަރުކުރަން މީހާގެ އައިޑީކާޑު ނަންބަރާއި ރަސްމީ އެޑްރެހާއި އުފަންދުވަހުގެ ތާރީޚަށް އަހައިގެން ފުއްދައިލާތޯއެވެ؟ އައިޑީކާޑުގެ ކޮޕީ ނަގަން އެތެރެޔަށް ގެންގޮސްފައި ތަނަށް ދާ މީހުންގެ 'ނުރަސްމީ ޑޭޓާބޭސް' އެއް ހެދުމުގެ ފުރުޞަތު، ކުރީން ދެންނެވި އެއްކަލަ މުވައްޒަފަކަށް ހަމަ ނޯންނާނެ ތޯއެވެ؟ ވަކީން ޚާއްޞަކޮށް،  ތަނަށް ގެންދާ ފޮޓޯކޮޕީޔާ ކާޑުގެ އަސްލާ އަޅައިބަލައިލެވޭނޭ ފެންވަރު ނުވަތަ އިތުބާރު ތަނުގެ މުވައްޒަފުގެ ކިބައިގައި ނެތްކަމަށް ދެކޭ މުއައްސަސާޔަކުން އެ މުވައްޒަފަށް ނުކުރާ އިތުބާރެއް ބޭރުން ދާ މީހާ އޭނާޔަށް ކުރާންވީތޯއެވެ؟

މިދެންނެވި ސުވާލުތަކަށާއި، އަދި އެފަދަ އެހެން ސުވާލުތަކަށްވެސް ޖަވާބު ދެއްވާނީ ތިޔަބޭފުޅުން، ދެއްތޯއެވެ؟

ދެން އަދި އެހެން ދެތިން ވާހަކައެއްވެސް ދަންނަވާނަމެވެ. މިއަދުގެ ނޫސް ބަލައިލިރު ފެންނަން އެ އޮތީ، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އެކި ކަންކަމަށް މުއްދަތު ހަމަވެފައިވާ ލިޔެކިޔުން (އައިޑީކާޑުވެސް ހިމެނޭގޮތުން) މިވެނި ދުވަހަކުން ފެށިގެން ބޭނުން ނުކުރެވޭނޭ ވާހަކައެވެ. އޭގެ ކުރީ ދުވަހަކު އޮތީ އެ ކާޑު ހަދައިދޭ ތަނަށް ވެރިޔަކު ހޯދަން އުޅޭ ވާހަކަޔަކާއި، އެތަނުގެ އެހެން ވާހަކަތަކެކެވެ. ފަހުން މިދެންނެވި ވާހަކަޔަށް ނުދިޔައީ، އެވާހަކަތަކުގެ ޞައްޙަކަން ކަށަވަރު ނުވާތީއެވެ. އެކަމަކު އައީޑީކާޑެއް ގެއްލިޖިއްޔާ އަލުން ކާޑެއް ހެދެންދެން ކާޑު އެމީހަކަށް ނިސްބަތްވާ މީހާ ހުންނަންޖެހޭނީ ހަމަގައިމުވެސް އާސަންދަ ނުލިބި، އެތެރޭގެ އުދުހުންތަކުން މަޙުރޫމްވެފައެވެ. ދެން އަނެއްކާ ކުރިމައްޗަށް މިއޮތީ، ބޮޑު ދެ އިންތިޚާބެވެ. މީގެ ކުރީންވެސް 'ކާޑަކަށް މިތައް ރުފިޔާ’ގެ ވާހަކަތަކެއްވެސް އިންތިޚާބާ ގުޅުވައިގެން ފެންމަތިވިއެވެ. އޭގެ ޙަޤީޤަތެއްވެސް ނޭނގެއެވެ… އެކަމަކު ނުރައްކާ ކުޑައެއް ނޫން، ދެއްތޯއެވެ؟

އަދިވެސް ދަންނަވާނަމެވެ. ތަނުގެ މުވައްޒަފު ކާޑު ހިފައިގެން އެތެރެޔަށް ގޮސްފައި އައިސް އިރުކޮޅަކު އެހެން އުޅެލައިފައި ކާޑު އަނބުރާ ނުދިނީމައި ބަލަ މަގޭ ކާޑުކޮބައިހޭ އޭނާ ގާތު އަހާތަނުން ބަލަ ކަލޭގެ ކާޑު ދެންމެ އަނބުރާ ދީފީމެއްނޫންހޭ ކިޔައިގެން މުވައްޒަފު ދޮގުހަދައިފިއްޔާ މުއައްސަސާގެ ފަރާތުން ޤަބޫލުކުރުން ގާތީ ކާކުގެ ބަހެއްތޯއެވެ؟ މިއީވެސް ސުވާލެކެވެ.

މިހިސާބުން އެ ވާހަކަ އަޅުގަނޑު ނިންމައިލާނަމެވެ. މިދެންނެވި ސުވާލުތަކަށާއި، އަދި އެފަދަ އެހެން ސުވާލުތަކަށްވެސް ޖަވާބު ދެއްވާނީ ހަމަ ތިޔަބޭފުޅުން، ދެއްތޯއެވެ؟

އަޅުގަނޑު އަޅުގަނޑުގެ އައިޑީކާޑު މިދުވަސްވަރު އަމިއްލަ އިޚްތިޔާރާއި ރުހުމާއެކަކު އަތަކުން ދުލެއް ނުކުރާނަމެވެ. ކިތަންމެ ބޮޑު ރަސްމީ ފަރާތަކުން އެދުނަސްވެހެވެ. ކާޑު އަތުން ދޫކޮށްލަން މަޖުބޫރު ވުމާއި މަޖުބޫރު ކުރުވުން އެހެން ކަމެކެވެ. އެގޮތަށް ކުރުވާ މަޖުބޫރަކުން ކާޑު ރައްކާތެރިކުރުމުގެ ފަރުދީ މަސްއޫލިއްޔަތުވެސް އަޅުގަނޑުގެ ކިބައިން ކެނޑިގެން ދާނޭކަން އެ މަޖުބޫރެއް ކުރާ ފަރާތަކުން ދަންނާންވާނެއެވެ. އަޅުގަނޑުގެ ކޮންޓްރޯލުންބޭރަށް އަދި ލޮލަށް ނުފެންނަ ހިސާބަށް ރުހުމުގައި ކާޑު ދޫކޮށްލުން އެއީ އަޅުގަނޑު އަމިއްލަ އިޚްތިޔާރުން ކުރާނޭ ކަމެއް ނޫނެވެ. ތަންތަނުން ޕޮލިސީ ހަދާގޮތަށް، އެއީ އަޅުގަނޑުގެ ޕޮލިސީއެވެ. ޤާނޫނުގެ ކުރިމަތީގައި ރައްޔިތުންގެ ފަރުދެއްވެސް އަދި މުފްރަދު މުއައްސަސާޔެއްވެސް ވާނީ ހަމަ ހަމަހަމަ ދެ ޝަޚްސުންކަމަށް ވާނެތީ، އަޅުގަނޑުގެ ނަފްސުގެ ޒާތީ ރައްކާތެރިކަމުގެ ޕޮލިސީ ކަނޑައަޅާނީ އަޅުގަނޑެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި މިދުވަސްވަރު އައިޑީ ކާޑު ހަމަ ބުނާހާ މީހެއްގެ އަތަށް އެހައި ފަސޭހައި ދޫކޮށްލުމަކީ ބުއްދިވެރި ކަމަކަށް ހަމަ ނުވެ ހިނގައިދާނެވެ.