...

Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

ކަލޭގެ އަގު ވަޒަންނުކުރާ މީހަކަށް، ނުވަތަ އެކަން ކުރަން ނޭނގޭ މީހަކަށް، ކަލޭގެ ސުހުބަތު، ކަލެއާ އެކުވުން، އަދި ކަލޭގެ ގާތްކަމާއި އަޅާލުން ހައްގެއް ނޫނެވެ.

މި ވާހަކަ އެކި ގޮތްގޮތަށް ބަޔާން ކުރެވިފައި އޮވެއެވެ. މިސާލަކަށް، މަޝްހޫރު އިނގިރޭސި ހަރުބަހެއްގައި މިފަދައިން އޮވެއެވެ. 'އޫރެއް ކުރިމައްޗަށް މުތް ނޫކާށެވެ!' (ޑޯންޓް ތްރޯ ޕާރލްސް އެޓް ސްވައިން!) މި ބަހުގެ މާނައިގެ މައްޗަށް ބަލާލުމުގެ ކުރިން މި ބަހުގެ އަސްލާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ގަސްދުކުރަމެވެ.

މި ހަރުބަސް އިންޖީލުންނެވެ. އިންޖީލުގެ ތައުލީމާތުތައް އެކުލެވޭ ފޮތްތައް މައިގަނޑު ހަތަރު ބޭކަލަކަށް ނިސްބަތް ކުރެވެއެވެ. އެއީ މެތިއު، މާކް، ލިޔުކް އަދި ޖޯންއެވެ. އަޅުގަނޑުމެންނަށް، މިކަން ހިތަށް ގެންނަން އެންމެ ފަސޭހަވާނެ އެއް ގޮތަކީ ހަދީސް ފޮތްތައް މަތިން ހަނދާންކޮށްލުމުންނެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ބަސްފުޅުތައް ހަދީސް އެތައް ހަދީސް ފޮތްތަކެއްގައި ޖަމާކުރެވިފައިވާވުން ހިތަށް ގެނައުމުންނެވެ. ހަދީސް ފޮތްތަކުގެ ތެރޭގައި އެންމެ މަގުބޫލު ފޮތްތަކެއް ވާ ފަދައިން އިންޖީލުތަކުގެ ތެރޭގައި ވެސް ކަނީސާ ބަލައިގެންފައިވާ އަދި ކަނީސާގެ ގާނޫނީ ސިފަ ލިބިފައިވާ ހަތަރު އިންޖީލެއް ވެއެވެ. އެއީ މަތީގައި ނަންގަނުވުނު ހަތަރު ބޭކަލުންނަށް ނިސްބަތް ކުރެވޭ އިންޖީލުތަކެވެ.

މި ހަރުބަސް ހިމެނެނީ މެތިޔުއަށް ނިސްބަތް ކުރެވޭ އިންޖީލުގައެވެ. އެ އިންޖީލުގެ ފަސް ވަނަ ފަސްލުން ފެށިގެން ހަތް ވަނަ ފަސްލާ ހަމައަށް ނަންގަނެވިފައިވާ 'ސާމަން އޮފް ދަ މައުންޓު' (ފަރުބަދަ މަތީގައި ސަލާމު ލެއްވި އީސާގެފާނު ދެއްވި ޚުތުބާ ނުވަތަ ނަސޭހަތް)، މި ބަސްކޮޅުގެ ތެރޭގައެވެ. އިންޖީލުގައި މަތީގައިވާ ހަރުބަސް ވާރިދުވެފައިވަނީ، އީސާގެފާނު ވިދާޅުވި ބަސަފުޅެއްގެ ގޮތުގައި، 'އޫރު ކުރިމައްޗަށް މުތް އަޅަން ނުހަދާށެވެ. [ކާސްޓް ނޮޓް ޕާރލްސް ބިފޯރ ސްވައިން]، މިފަދައިންނެވެ.

'އޫރެއް ކުރިމައްޗަށް މުތް ނޫކާށެށެވެ!' މި ހަރުބަހުގައި ބުނާ އެއްޗެއް ކޮންމެ މީހަކަށް ވެސް ވިސްނޭނެހެން ހީވެއެވެ. އެންމެނަށްހެން ވެސް އެނގޭނޭ ފަދައިން، ލަފްޒީ މާނައަކީ އޫރެއް ފަދަ ޖަނަވާރެއްގެ ކުރިމައްޗަށް މުތް ނޫކާށެވެ! ސަބަބަކީ އެއަށް ޖަވާހިރުގެ އަގު ވަޒަން ނުކުރެވޭނެތީއެވެ. އޫރަކަށް ޖަވާހިރެކޭ ހިލައެކޭ އެއްފަދައެވެ. ރަނެކޭ ނަޖިހެކޭ އެއްފަދައެވެ. މި ހަރުބަހުގެ މުރާދަކީ އަގުހުރި އެއްޗެއްގެ އަގު ވަޒަން ކުރަން ނޭނގޭ މީހަކަށް އެ އެއްޗެއް ނުދޭށެވެ. ހަމަ އެހެންމެ، މީހުންގެ އަގު ވަޒަންކުރަން ނޭނގޭ މީހަކާ އެކު އުޅުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އެ ފަދަ މީހަކަށް އެހެން މީހުންގެ އަގު ވަޒަންކުރަން ނޭނގި، އެ މީހުންނަށް ހައްގު ކަމޭ ހިތުމާއި އިހުތިރާމު އަދާ ކުރަން ނޭނގޭނެތީއެވެ. އެފަދަ މީހާގެ މިސާލަކީ، އޭގެ ކުރިމައްޗަށް ކިތަންމެ އަގު ބޮޑު ޖަވާހިރެއް ގެނެސް އަޅާލޭވެ އޫރެއްގެ މިސާލެކެވެ. އެ ފަދަ އޫރެއްގެ 'ވިސްނުން' ނުވަތަ އަޚުލާގީ ސިފަ ލިބިފައި ހުރި މީހަކަށް އެހެން މީހެއްގެ އަގު ވަޒަނެއް ނުކުރެވޭނެއެވެ.

ދެން ހެއްޔެވެ؟ އަނެއްކާ ވެސް ހިތަށް އަންނަނީ މީހަކު ބުނާ ވާހަކައެކެވެ. ބައެއް މީހުންނަށް، އެއްޗެއްގެ ނުވަތަ މީހެއްގެ އަގު ވަޒަންކުރެވެނީ އެ އެއްޗެއް ނުވަތަ މީހެއް ގެއްލުމުންނެވެ. އެ އެއްޗަކާ ނުވަތަ މީހަކާ ނުލައި އުޅެން ޖެހުމުންނެވެ. ނަމަވެސް، އޭރު އޮންނަނީ، އެ އެއްޗެއްގެ ނުވަތަ އެ މީހެއްގެ އަގު ވަޒަންކުރުމުގެ ވަގުތު ފާއިތުވެފައެވެ.

އެހެންވެ، އަބަދުވެސް ހަނދާންކުރަން ޖެހެނީ ތިމާއަށް ލިބިފައިވާ ނިއުމަތްތަކުގެ މަތިން ހަނދާންކޮށް، އޭގެ އަގު ވަޒަންކޮށް އެކަމަށް ޝުކުރުކުރުމެވެ. އެ ނިއުމަތްތަކަކީ އެއްޗެހި ކަމަށް ވިޔަސް ނުވަތަ ހެޔޮ ލަފާ ގާތް މީހުން ކަމަށް ވިޔަސް ވެހެވެ. ޚާއްސަ ގޮތެއްގައި އެފަދަ ނިއުމަތަކީ މީހެއްގެ ސުހުބަތު، އެކުގައި އުޅުން، ލިބިފައި އޮތުން ކަމަށް ވެއްޖެ ނަމަ، އެ މީހަކަށް އަޅާލައި އޯގާތެރިވެ، އިހުތިރާމު އަދާކުރަން ޖެހެއެވެ. އެ ނިއުމަތް ގެއްލި ނުދިޔުމަށްޓަކައެވެ. އަހަރުމެން އެންމެންނަކީ ވެސް އަހަރުމެންނަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވާށިއެވެ!