...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ސަތޭކަ ޑޮލަރުގެ ނޫޓެއްގެ ވާހަކަ

އެއް ދުވަހަކު ނަފްސާނީ އިލްމު ކިޔަވައިދޭ ކިލާހެއްގެ މުދައްރިސަކު އޭނާގެ ކިލާހުގެ ކުދިން ކުރިމަތީ ހުއްޓިވަޑައިގެން ހުންނެވިއެވެ. އަދި، އޭނާގެ ޖީބުން ސަތޭކަ ޑޮލަރުގެ ނޫޓެއް ނަންގަވައި އަތަށް ލައްވައި އުފުލާލެއްވުމަށްފަހު ވިދާޅުވިއެވެ.

"ކަލޭމެންގެ ތެރެއިން މި ނޫޓު ބޭނުމީ ކޮން ކުއްޖެއް ހެއްޔެވެ؟"

ދެން، ހުރިހާ ކުދިން ވެސް އަތް މައްޗަށް ނަގައި އެ ނޫޓު ބޭނުންވާކަން ހާމަކުރިއެވެ.

މުދައްރިސު، ސަތޭކަ ޑޮލަރުގެ ނޫޓު އަތަށް ލައްވައި ބޮނޑިކޮށްލައްވާފައި، ފަތްޖަހައިފައި އޮތް ނޫޓު ދައްކާލައްވާފައި އަނެއްކާ ވެސް ހަމަ އެ ސުއާލު ކުރެއްވިއެވެ.

"ކަލޭމެންގެ ތެރެއިން މި ނޫޓު ބޭނުމީ ކޮން ކުއްޖެއް ހެއްޔެވެ؟"

ދެން، ހުރިހާ ކުދިން ވެސް އެނެެއްކާ ވެސް އަތް މައްޗަށް ނަގައި އެ ނޫޓު ބޭނުންވާކަން ހާމަކުރިއެވެ.

ދެން، މުދައްރިސު އެ ނޫޓު ނަންގަވާފައި ބިންމައްޗަށް ވައްޓާލެއްވިއެވެ. އަދި، ފައިންޕުޅުން އެ ނޫޓަށް އަރުއްވައި ކިލައާ މޮޑެލެއްވިއެވެ. އެއަށްފަހު، ނޫޓު ނަންގަވައި ތިން ވަނަ ފަހަރަށް ހަމަ ކުރިން ވެސް ކުރެއްވި ސުއާލު ކުދިންނާ މުޚާތަބުކޮށް ކުރެއްވިއެވެ.

"ކަލޭމެންގެ ތެރެއިން މި ނޫޓު ބޭނުމީ ކޮން ކުއްޖެއް ހެއްޔެވެ؟"

ދެން، މި ފަހަރު ވެސް، ހުރިހާ ކުދިން ވެސް އަތް މައްޗަށް ނަގައި އެ ނޫޓު ބޭނުންވާކަން ހާމަކުރިއެވެ.

ދެން މުދައްރިސު ވިދާޅުވިއެވެ. މިއަދުގެ ފިިލާވަޅަކީ މިއެވެ. ކަލޭމެން ކުދިިންގެ އަގަކީ މި ނޫޓުގެ ވެސް އަގެވެ. ކަލޭމެން ކުދިންނަށް މަތިވެރި އަޚުލާގެއް، ހެޔޮ ރަނގަޅު އުސޫލުތަކެއް ލިބިއްޖެ ނަމަ، ކަލޭމެންގެ ކުދިންގެ އަގަކީ އެއެވެ. ކަލޭމެން ކުދިންގެ އިޖުތިމާއީ ނޫނީ އިގުތިސާދީ ހާލަތަށް ބަދަލު އައި ނަމަވެސް، ކަލޭމެން ކުދިންގެ ޖައުހަރަކަށް، ހަގީގަތަކަށް ބަދަލެއް ނާންނާނެއެވެ. ސަތޭކަ ޑޮލަރު، އެ ރީތިކޮށް އޮތަސް ނޫނީ ބޮނޑިވެފައި އޮތަސް ނޫނީ ކިލާވެފައި އޮތަސް އެއީ ހަމަ ސަތޭކަ ޑޮލަރެވެ. އޭގެ އަގަކަށް، އޭގެ ހަގީގަތަކަށް، ބަދަލެއް ނާދެއެވެ. އެ ސަތޭކަ ޑޮލަރުގެ ނޫޓު ކޮންމެ ހާލަތެއްގައި އޮތަސް، ކަލޭމެން ކުދިން އެ ނޫޓު ބޭނުންވި ނޫން ހެއްޔެވެ؟

އެހެންވެ، ކަލޭމެން ކުދިންގެ އަގުވެސް ބިނާވަނީ ކަލޭމެން ކުދިންގެ ޖައުހަރުގެ މައްޗަށެވެ. ކަލޭމެން ކުދިންގެ ހަގީގަތުގެ މައްޗަށެވެ. އެ ހަގީގަތް ބިނާވަަނީ ކަލޭމެން ކުދިންގެ މާތް އަޚުލާގެ މައްޗަށެވެ. މި ހަގީގަތް ރަނގަޅަށް އޮތްހާ ހިނދަކު ކަލޭމެންގެ އަގަކަށް ބަދަލެއް ނާންނާނެއެވެ.

އެހެންވެ، ކަލޭމެން ހަނދާން ކުރަންވާނީ، ކަލޭމެންގެ އަގު މި ހަގީގަތުގެ މައްޗަށް ބިނާ ކުރުމަށެވެ. ކަލޭމެންގެ ބޭރުފުށް ކިތަންމެހާ ވެސް ރީތިވެދާނެއެވެ. ނަމަވެސް، އެއީ ކަލޭމެންގެ އަމިއްލަ ކަމަކުން ލިބިފައި އޮންނަ މޮޅެއް ނޫނެވެ. ނޫނީ ކަލޭމެންގެ ނަސަބު މަތިވެރި ކަމަށް ބެލެވިދާނެއެވެ. ނަމަވެސް، އެއީ ވެސް ކަލޭމެން އެ ގޮތް ބޭނުން ވެގެން ކަލޭމެން އަމިއްލައަށް އިޚްތިޔާރުކުރި ކަމެއް ނޫނެވެ. އެހެންވީމާ ކަލޭމެން އަމިއްލައަށް ލިބިގަންފައިނުވާ ކަންކަމުގެ މައްޗަށް ބޮޑާވެ ފަޚުރުވެރިވެ ގަނެ، ކަލޭމެންގެ އަގު ބިނާވަނީ އެކަންކަމުގެ މައްޗަށް ނުދެކޭށެވެ. މީއާ ޚިލާފަށް ކަލޭމެންގެ އަގު ބިނާވަނީ ކަލޭމެން އަމިއްލައަށް އިޚްތިޔާރުކުރާ ކަލޭމެންގެ ރީތި އަޚުލާގުގެ މައްޗަށް ބިނާކޮށް، ރިވެތި ގޮތުގައި އެންމެނާ ވެސް މުއާމަލާތްކުރަން ދަސްކޮށް، އެކަން އާދަކޮށްފި ނަމަ، ދެން، ކަލޭމެން ލައިގެން ހުންނަ ކޮންމެ ހެދުމެއް ވެސް ރީތިވެގެން ވެއެވެ! އޭރުން ކަލޭމެންވާނި އެއްކަލަ ސަތޭކަ ޑޮލަރުގެ މިސާލު ފަދަ އެއްޗަކަށެވެ. އޭގެ ބޭރުފުށް ކޮންމެ ސިފައެއްގައި އޮތަސް، އޭގެ އަގަށް އުނިކަމެއް ނާންނަ އެއްޗަކަށެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.