Support Us

ރައްޔިތުންގެ މަޖިލީހަށް މަސާޖު ކުރާތަނެއް

ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކުލަބުގެ އިސްނެގުމަށް މަޖިލީހުގެ އިދާރާގެ އައު އިމާރާތުގައި ރެސްޓޯރެންޓަކާއި ޖިމެއް ހެދުމުގެ އިތުރަށް ފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުންދާއިރު އެތަނުގައި މަސާޖުކުރާ ތަނެއް ނަހަދަންވީ ކީއްވެގެންތޯއެވެ؟ މަޖިލީހުގެ މެންބަރުން މަސާޖުކުރައްވަން ބޭނުންފުޅު ނުވަނީތޯއެވެ؟ އެބޭފުޅުން ބޭނުންފުޅުވަނީ ހަމައެކަނި ބިދޭސީ ކޮފީ ހިއްޕަވަންތޯއެވެ؟

ދިވެހި ތާރީޚުގެ ސަފުހާތައް ބަލައި ދިރާސާ ކުރުމުން ދިވެހީންނަކީ ތެޔޮދަމައި، ތެޔޮ އުނގުޅައި އޮށްގުޅަކައި ހަރުވެފައިވާ ތަންތަން މަޑުކޮށް ޖިސްމަށް އަރާމު ދިނުމުގެ ސަގާފަތެއް ގެންގުޅުނު ބައެއްކަން ސާބިތުވެއެވެ. ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުން ތެޔޮ ދެމުމުގެ އަރާމު ހޯއްދަވާ ވާހަކަ އަޑުއިވުމުން ނިކަމެތި މަސްވެރިންނާއި ދަނޑުވެރިންނާއި ވިޔަފާރިވެރިން ވެސް ތެޔޮދަމައި ގައިމޮޑުމުގެ ތަޖުރިބާ ކުރަމުންދިޔައެވެ.

ޒަމާނަށް އައި ބަދަލުތަކާއެކު ތެޔޮދެމުން މިހާރު ވަނީ މަސާޖު ކުރުމުގެ ނަމަށް ބަދަލުވެފައެވެ. ފަތުރުވެރިން ތެޔޮދަމަން ބޭނުންވާތީ ރިސޯޓުތަކާއި ހޮޓާތަކުގައި މަސާޖު ސެންޓަރުތައް ހުޅުވާފައި އެބަހުއްޓެވެ. އެއީ ޒަމާނީ ބަހުރުވައިންނަމަ ސްޕާތަކެވެ. އެ ތަންތަނުންދޭ ޚިދުމަތުގެ ފެންވަރަށް ބަލައި ރާއްޖެއަށް ބައިނަލްއަގުވާމީ އެވޯޑުތައް ލިބެމުން އެބަދެއެވެ. ތައިލޭންޑުގެ ބެންކޮކް ފަހަތަށް ޖައްސާލާފައެވެ. ތެޔޮދަމައި ގައިމޮޑެދޭ މީހުން ރާއްޖެއަށް ހޯދައިދެނީ ކިހާބޮޑު ޝަރަފެއްތޯއެވެ؟ ކިހާ ގިނަ ޑޮލަރެއްތޯއެވެ؟

މަޖިލީހުގެ މެންބަރުން މަސާޖުކުރައްވަން ބޭނުންފުޅު ވާހިނދު އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ސިއްރުން އަދި އާންމު ރައްޔިތަކަށް ނުފެންނަ ގޮތަށް އެކިބޭފުޅުން، މާލެއާއި ހުޅުމާލޭގައި ހިންގާ ސްޕާތަކަށް ވަޑައިގަތުމަކީ އެބޭފުޅުންގެ އިމްތިޔާޒަށް ކިސަޑު އަރާނެ ކަމެކެވެ.

މަސާޖުކުރަން ފަށައި އޭގެ އުފަލާއި އަރާމާއި ލައްޒަތާއި ފައިދާ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަތުމުން މެންބަރުންގެ އުފެއްދުންތެރިކަން އިތުރުވެ ރާއްޖޭގެ ތާރީޚުގައި "އެޖެންޑާ-19″ މިހާރަށްވުރެ ބޮޑަށް ތަފާތުވެގެންދާނެއެވެ.

މަލެއާއި ހުޅުމާލޭގައި އާމުދަނީ ހޯދަން މީސްމީހުން ހިންގާ ކޮންމެކޮންމެ މަސާޖު ސެންޓަރަކަށް މަޖިލީހުގެ މެންބަރުން ޒިޔާރަތްކުރައްވަން ފައްޓަވައިފިނަމަ "ވީޑިއޯއެއް ލީކް" ވެދާނެއެވެ. ސަރުކާރުގެ ސިއްރު ބައެއް ލިއުންތައް ގެއްލި އަނެއްބައި ލިއުންތައް ލީކުވަމުންދާއިރު މަޖިލީހުގެ މެންބަރެއްގެ މަސާޖު ވީޑިއޯއެއް ލީކުވުމަކީ ކިހާ ބޮޑު ހުތުރަކަށް ވާނެތޯއެވެ؟ އޭރުން ޖެހޭނީ އެއީ އަސްލު އެއްޗަކަށް ވިޔަސް އެއީ ފޭކެއް ކަމަށާއި މެންބަރު ބަދުނާމު ކުރަން އިދިކޮޅުން ހަދައިގެން އުޅޭ ވީޑިއޯއެއް ކަމުގައި ބުނެ ބަޔާންތައް ނެރޭށެވެ.

މަސާޖު ސެންޓަރަށް ވަންނަ ބައެއް މީސް މީހުންނަށް ލިބޭ އަރާމާއި އުފަލުގައި ހޭނެތިފައި ތިއްބާވެސް ނެރެންޖެހެއެވެ. އަދި އެފަދަ މީހުން މަސާޖު ކުރުމަށް "އެޑިކްޓު"ވެ ދެވިހިފައެވެ.

މަޖިލީހުގެ ޖިމަށް ޔޫތު މިނިސްޓަރ މެދުވެރިވެގެން ހިންދީ ފިލްމީ ދުނިޔޭގައި މާބޮޑު މަސައްކަތެއް ނެތި މިވަގުތު ހުރި ސުނިލް ޝެޓީ ގެނެވިދާނެއެވެ. އޭނާއަށް މުސާރަދިނުމުގައި ކޮރޯނާ ވައިރަހާ ހެދި ދިވެހި ސަރުކާރަށް ނުވަތަ އިންޑިއާ ސަރުކާރަށް ދަތިކަމެއް އުޅޭނަމަ ޗައިނާ އެމްބަސީއާ ވާހަކަދައްކައި ގޮތެއް ހަމަޖެއްސޭތޯ ވެސް މަސައްކަތް ކުރެވިދާނެއެވެ. ލޯނު ދަންތުރައެއްގެ ގޮތުގައި ނަމަވެސް އެމީހުން އެކަން ހަމަޖައްސައިދީފާނެއެވެ.

ޖިމްގެ ޚިދުމަތް މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވަން ފެއްޓެވުމުން މަޖިލީހުން ބޭރުކުރުމަށް ރިޔާސަތުން އަންގަވާ މެންބަރުން ދަމާ ކޫއްތާފައި ނެރުމަށާއި އޮޅުލައި ބައްދައިގެން ނެރުމަށާއި ކޮނޑަށްލައިގެން ނެރުމުގެ ހުނަރާއި ގާބިލުކަން މެންބަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

މަޖިލީހުގެ އިދާރާގައި ހުޅުވާ ފިހާރައިން މަޖިލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކާއި މަޖިލީހުން ފާސްކުރާ ގާނޫނީ ފޮތްތައް ލިބެން ހުންނަ ގޮތަށް ބޭނުންޖެހިއްޖެ ހިނދެއްގައި ފޮތް ލިސްޓަށް ފޮތް ހޯދަން ބެލެނިވެރިންނަށާއި ބުކް ޝޮޕްތަކަށް ބާރުބޮޑުވާ ދުވަސްވަރު މަޖިލީހުގެ އިދާގެ ފިހާރައިން ފޮތް ދޫކުރުމުގެ އިންތިޒާމުވެސް މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ދީލަތިފުޅުކަމާއެކު ހަމަޖައްސައި ދެއްވޭނެއެވެ. ރޯދަމަހު ބިހާއި ފިޔާ، އަލުވި އަގުހެއުކޮށް ވިއްކިދާނެއެވެ.

މަޖިލީހުގެ ރެސްޓޯރެންޓު ހެދުމުން އެމީހަކު ބޯން ބޭނުން އެއްޗެއް ބޯންދިނުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. ކާން ބޭނުންވާ އެއްޗެއް ކާން ލިބެންވާނެއެވެ.

ބޯން ބޭނުންވާ އެއްޗެއް މަޖިލީހުގެ ރެސްޓޯރެންޓުން ނުލިބޭނަމަ، ބޯން ބޭނުންވާ މީހާ ބޭނުންވާ އެއްޗެއް ބޭރުން ގެނެސް ބުއިން ހުއްދަވާންވާނެއެވެ. އެ ބުއިން ގެނައީ ވިލާތުންތޯ ނޫންނަމަ ކައިރި ރިސޯޓަކުންތޯ ބަލާކަށް ނުޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހަކީ މެންބަރުންނަށް ހިމާޔަތާއި ރައްކައުތެރިކަން އިންތިހާއަށް ލިބިގެންވާ ތަނެކެވެ. އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފު ނުވާ ކޮންމެ ވާހަކައެއް އެތަނުގައި ދެއްކެއެވެ.

މީހުން މަރާ ވާހަކަވެސް މަޖިލީހުގައި ދެއްކޭނެއެވެ. އެތަނުގައި ވަގަށް ގޮވައެވެ. އަބުރާބެހެއެވެ. މީހުންގެ ގަޔަށް ބޮލަށް އަރައެވެ. މޭޒުމަތީގައި ގާނޫނުއަސާސީ ބާއްވައިގެން އެއަށް ފައިންއަރައެވެ. ހިމަހިމަ ނާޒުކު ނާޒުކު ލޫޅާފަތި ކަނބަލުންގެ ފައިކޮޅުން އިއްޒަތްތެރި ފިރިހެން މެންބަރުންގެ ފޫކޮޅުގައި ހައްދު ޖަހާހެން ތަޅާ މަންޒަރު ފެނެއެވެ. އިއްޒަތްތެރި ފިރިހެން މެންބަރަކު އިއްޒަތްތެރި އަންހެން މެންބަރެއްގެ ފޫކޮޅުގައި ޖައްސަވައިފިނަމަ ވާނީ ފުރަގަހުން ޖިންސީ ގޯނާކުރެއްވީ ކަމަށެވެ.

ޖިންސީ ގޯނާކުރުން މިރާއްޖޭގައި ހުއްޓޭނީ އަންހެނުންގެ އެއްބާރުލުން ވެސް ލިބިގެންނެވެ. ފިރިމީހާ ސަފާރީތަކަށް ރަންނަމާރި އަރުވަން ދާނަމަ އޮބިއަޅައިގެން ނަމަވެސް  ހިފަހައްޓައިގެންނެވެ. ތިމާގެ ޖަޒުބާތުގައި ތިމާގެ ފިރިމީހާ ޖައްސައިގެންނެވެ. އޭނާ ބޭނުންވާ ކަންތައްތައް ކޮށްދީގެންނެވެ. އަލާކެނޑޭވަރަށް ފިރިމީހާއަށް ގޭތެރެއިން ކާންބޯންދީގެންނެވެ. އޭރުން ކެއުން ބުއިމުގެ ނަމުގައި އެހެން މީހުންގެ ގަޔަށް ބޮލަށް އަރާކަށް ނުޖެހޭނެނޫން ހެއްޔެވެ؟

ދިވެހިރާއްޖޭގައި އެންމެ އަޖާއިބު ކާރިސާތައް ހިންގާ އެއްތަނަކީ ވެސް ރައްޔިތުންގެ މަޖިލީހެވެ.

ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކުރާ ރިޔާސީ ބަޔާން އިއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން މެންބަރުން އެކަމަށް ހުރަސްއަޅުއްވައެވެ. މަޖިލީހުގެ މުދަލާއި ތަކެއްޗަށް މެންބަރުން ގެއްލުން ދެއްވައެވެ. މަޖިލިސްތެރޭގައި މަޖިލީހުގެ މެންބަރުން މާރާމާރީ ހިންގަވައި މަޖިލީހުގެ ގަވައިދާ ޚިލާފުވެވަޑައިގަންނަވައެވެ. މިޒަމާނުގެ ތާރީޚުން ފެންނަނީ އެފަދަ މެންބަރުންނަށް ދިދަޖެހި ކާރުދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުގައި ހިމަނުއްވައި މިނިސްޓަރކަމުގެ ހުވާކުރައްވާ ތަނެވެ. ފަހުން އެ ހުވާ ބަދަލު ވަނީ ދޮގު ހުވަޔަކަށެވެ.

މަޖިލީހުގެ ޖަލްސާތައް ވަގުތުން ނުދައްކާނަމަ، ޓިކެޓުގަނެގެން ޖަލްސާތައް ބަލަން ދާން ބޭނުންވާ މީހުންނާއި ދޫނިސޫފާސޫއްޕާއި މަސްމަހާމެހި ރާއްޖޭގައި އެބަ އުޅެއެވެ. މަޖިލީހުގައި ދައްކާ ވާހަކަތަކާއި ހުށަހެޅޭ ގަރާރުތަކާއި ބޭގަރާރުތައް ފެނުމުން ހަނދާން ވަނީ ހިންދީ ފިލްމު "އަންދާ ޤާނޫނު" އެވެ.

އިސްލާމްދީން އޮތީ ވަރަށް ރަނގަޅަށެވެ.

ގާނޫނު އަސާސީ ވެސް އޮތީ ވަރަށް ބަރާބަރަށެވެ.

ރާއްޖޭގައި ޖުމުހޫރީ ވެރިކަމެއް އޮންނަން ބޭނުންނުވާ މީހާ ބޭނުންވާނީ ރާއްޖޭގައި ރަސްކަމެއް އޮތުމަށެވެ.

އިސްލާމް ދީނަށް ފުރިހަމައަށް ލޯބިނުކުރާ މީހުން ބޭނުންވާނީ ރާއްޖޭގައި ހުރިހާ ދީނެއްގެ މީހުންނަށް އަޅުކަން ކުރެވޭ ނިޒާމެއް އޮތުމަށެވެ.

ގާނޫނާއި ގަވައިދާ އެއްގޮތަށް ރާއްޖޭގައި މަސާޖުކުރަން ސްޕާތައް ހަދައި ހިންގުމަކީ ހުއްދަ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓު ހަދައި ޖިމް ހަދައި ފިހާރަ ހަދައި ހިންގޭ ގޮތަށް މަސާޖު ޕާލާ ހަދައި ހިންގުމަށް ވެސް ގާނޫނަކުން ގަވައިދަކުން އަޅާ ހުރަހެއްނެތެވެ.

އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާ ގެއަކީ ޕާކިސްތާނު ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ ތަނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
81

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *