...

Support Us

ވޯލްޑްކަޕް މެޗުތައް ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީނުން ދައްކަނީ

ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ މެޗުތައް ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީނުން ދެއްކުމުގެ ގޮތުން ޕާޓްނަރުންނާއެކު އެޗް.ޑީ.ސީން މިއަދު ސޮއިކޮށްފިއެވެ.

އެގޮތުން މެއިން ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ސްޓެލްކޯ، އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި މިހާރު އޮންލައިން، ބެވެރެޖް ޕާޓްނަރުގެ ގޮތުގައި ކޮކާކޯލާ، ޕްރިންޓިންގ ޕާޓްނަރުގެ ގޮތުގައި ތިންކް އަދި ސަޕޯޓިންގ ޕާޓްނަރުގެ ގޮތުގައި ވެލިގާ ހާޑްވެއަރއެކު ވަނީ ސޮއިކޮށްފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޯޅަފޯރީގެ ނަމުގައި އެޗް.ޑީ.ސީން ވަނީ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓައިފައެވެ. އެއީ ސިންތެޓިކް ޓްރެކްގަ އާއި ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި އެކަންކަން ފޯރުކޮށްދިނުމެވެ. އެގޮތުން އާންމުން ބޭނުންވާ ކަންކަން ގާތުން ބަލާ އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް މި ކޯޕަރޭޝަންގެ ފަރާތުން އަބަދުވެސް ދަނީ ކުރަމުންނެވެ." އެޗް.ޑީ.ސީން ބުންޏެވެ.