Support Us

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ދެ މިސްކިތެއް ބިނާކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މިސްކިތް އެޅުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިތަނުން އެއް މިސްކިތް އަޅަނީ ސަންފްރަންޓުންނެވެ. އަނެއް މިސްކިތް، ވެލިގާ ހާރޑްވެއަރ އިންނެވެ.

މިސްކިތް އެޅުމުގެ މި ދެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. ސަންފްރަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރަޝާދު އާދަމެވެ. ވެލިގާ ހާރޑްވެއަރގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބޫބަކުރެވެ.

ސަންފްރަންޓުން ބިނާކުރާ މިސްކިތަކީ ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒްކޮށްދޭ ފަރުމާއަކަށް ކުރެހިފައިވާ ރީތި މިސްކިތެއް ކަމަށާއި 22,935 އަކަފޫޓުގެ ބިމެއްގައި ބިނާކުރެވޭ އެ މިސްކިތަކީ އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް މިސްކިތުގެ ބޭރުގައި އީދު ފަދަ މުނާސަބަތުގައި ސަލާން ގަލާން ކުރުން ފަދަ ހަރަކާތްތަކަށް ރައްޔިތުންނަށް ޖާގަ ލިބޭނެ ޒަމާނީ މިސްކިތެއް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. މި މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2000 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

ވެލިގާ ހާރޑްވެއަރ އިން ބިނާކުރާ މިސްކަތަކީ 15,457 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާއަށް ބިނާކުރާ މި މިސްކިތެއް ކަމަށާއި މި މިސްކިތުގެ އެތެރެ އާއި ބޭރުގައި އެއްފަހަރާ 2,200 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

މި ދެ މިސްކިތުގައި ވެސް އިރުގެ ހަކަތަ ބޭނުންކުރެވޭނެ ކަމަށާއި އެކަހެރިކޮށް އަންހެނުންނަށް ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.