Support Us

އިސްލާމިކް ބޭންކު މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން 400،000ރ.ގެ މުދާ ގަނެވޭ ގޮތަށް ހަމަޖައްސައިފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން 400،000ރ.ގެ މުދާ ގަނެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ލުމަށް ބޭނުންވާ ހުރިހާ ސާމާނަކާއި ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތަކާއި އަދި މިނޫނަސް ކަރަންޓާ ގުޅޭ ތަފާތު ބްރޭންޑު ތަކުގެ އުފެއްދުންތައްވެސް މި ސްކީމްގެ ދަށުން ގަނެވޭނެ ކަމަށެވެ.

"މި ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000ރ.ގެ މުދަލެވެ. މިފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ނުހަނު ގިނަ ފަސޭހަތައް ލިބިގެންދާނެ،" ސްޓެލްކޯ އިން ބުންޏެވެ. "އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް، ނެގޭ އެއް ސްކީމް. އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މި ސްކީމުން މުދާ ގަނެވޭނެ."

ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ޚިޔާރުކުރެވޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ. އަދި މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް ހަ މަސް ވަންދެން ބޭނުންކުރެވޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

"މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެ."

މި ސްކީމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ސްޓެލްކޯ ސޭލްސް ސެންޓަރުގެ ނަންބަރު 3338170/ 3337515 ނުވަތަ ހޮޓްލައިން ނަންބަރ 9110888 އަށް ވައިބާ ކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.