Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: އެކުވެރިންނޭވެ!

އެކުވެރިންނޭވެ! އުޑުގައިވާ ވާރޭވިލާތަކުން ވެހޭ ވާރޭގެ އެންމެ ތިއްކެއް ގޮސް ޗަކަވަޅުގަނޑަކަށް ވެއްޓުމުން، އެ ވަޅުގަނޑުގައިވާ ނަޖިސްފެނާ އެކުވެ އެ ފެންތިކި ނަޖިސްފެނުގެ ބަޔަކަށް ވެދެއެވެ. އެކަމަކު އެ ވާރޭ ތިކި، ސާފު ފެނުގެ ކޯރަކަށް ވެއްޓިއްޖެނަމަ، ކޯރުގެ ސާފު ފެނާ އެކުވެގެން، އެ ތިކި ކޯރުގެ ބަޔަކަށް ވެދެއެވެ. ހަމަ އެއާއެކު ކަނޑަށް ވެހޭ ވާރޭގެ ކޮންމެ ތިއްކެއްވެސް ކަނޑުގެ ލޮނުގަނޑާ އެކުވުމުން ކަނޑުގެ ބަޔަކަށް ބަދަލުވެގެން ހިނގައިދެއެވެ. ތިބާގެ ނަފުސަކީ ވާރޭ ތިއްކެއް ކަމަށް ހީކޮށްލާށެވެ. ތިބާ، ތިބާގެ ނަފުސު އެ އެއްޗަކާ ނުވަތަ އެކަމަކާ ގުޅުވައިލާ ކޮންމެ އެއްޗަކަށް ނުވަތަ ކޮންމެ ކަމަކާ ތިބާގެ ނަފުސު ގުޅި ލާމެހިގެން ހިނގައިދެއެވެ. ދުނިޔޭގައި އަބުރުވެރިކަމާ އަދި ޢިއްޒަތްތެރިކަމާއެކު އުޅެން ބޭނުންވާނަމަ، އެކަމަށް އޮތް ގޮތަކީ، ތިބާ އެ މީހަކަށް ވާން ބޭނުންވާ ކަމަށް މިހާތަނަށް ދައްކަމުން އައި ފަދަ މީހަކަށް ތިބާ ވުމެވެ.

އެކުވެރިންނޭވެ! ކާމިޔާބު މީހަކު 150 ރުފިޔާގެ ގަމީހެއް ލައިފައި ހުއްޓަސް، މީހުންނަށް ހީވާނީ 1،500 ރުފިޔާގެ ގަމީހެއް ލައިގެން ހުރިހެންނެވެ. ހަމަ އެއާއެކު، ނާކާމިޔާބު މީހަކު 1،500 ރުފިޔާގެ ގަމީހެއް ލައިފައި ހުއްޓަސް މީހުންނަށް ހީވާނީ އެއީ 150 ރުފިޔާގެ ގަމީހެއް ހެންނެވެ. އެހެންކަމުން، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ތިބާގެ ވަގުތުތައް ހެޔޮގޮތުގައި ހޭދަކުރަން ބޭނުންވާނޭ ރަނގަޅު އެކުވެރިން، ރަނގަޅަށް ވިސްނާ ފިކުރު ކުރުމަށްފަހު ޚިޔާރު ކުރާށެވެ.

މޫނުބަލާ ލޯގަނޑެއް ފަދަ އަދި ހިޔަނި ފަދަ އެކުވެރިން ތިބާގެ ޙަޔާތުގައި ޝާމިލް ކުރާށެވެ. އެހެނީ މޫނުބަލާ ލޯގަނޑެއް ދުވަހަކުވެސް ދޮގެއް ނުހަދާނެއެވެ. އަދި ހިޔަނި ދުވަހަކުވެސް ތިބާ ދޫކޮށްފައި ނުދާނެއެވެ. ބާޒެއް ފަދައިން އުދުހެން ތިބާ ބޭނުންނަމަ، ތިބާއަށް ޖެހޭނީ ކޮތަރުތަކާ އެކު ލަވަކިޔުން ހުއްޓައިލާށެވެ. މީހުން އަބަދުވެސް އެމީހުންނަށްވުރެ މޮޅަށް އަދި ފުރިހަމައަށް ކަންކަން ކުރުމަށް ތިބާއަށް ނަޞޭޙަތްތެރިވާނެއެވެ. އެކަމަކު، އެމީހުންނަށްވުރެ ފުރިހަމައަށް އެއްވެސް ކަމެއް ތިބާއަށް ކުރެވޭތަން ދެކޭކަށް ޙަޤީޤަތުގައި އެމީހުން ނޭދޭނެއެވެ. އެއީ ތިބާ ހިތްހަމަޖައްސައިދިނުމަށްޓަކައި ދުލުކުރިން އެމީހުން ބުނެލާ ބުނެލުމެކެވެ.

އެކުވެރިންނޭވެ! މީހުން ތިބާއާ މެދު ދެކޭގޮތާމެދު ތިބާ ފިކުރުކުރަން ވެއްޖެނަމަ، ތިބާ ވާހުށީ އަބަދުވެސް އެމީހުންގެ ގައިދީއަކަށެވެ. އޭރުން ތިބާގެ ވިސްނުންވެސް އެއީ ތިބާގެ އަމިއްލަ ސިކުނޑިން ވިސްނާ ވިސްނުމަކަށް ނުވާނެއެވެ. އަދި ތިބާގެ ހުރިހާ ޢަމަލުތަކެއްވެސް ބިނާވާ ހުށީ މީހުން ތިބާއާމެދު ދެކޭ ދެކުމުން ރެކިގަތުމަށް ކުރެވޭ ކަމަކަށެވެ. ހުރިހާ އެންމެން ހިތްހަމަ ޖެހޭގޮތަށް މި ދުނިޔޭގައި އުޅުމަކީ މުސްތަހީލު ކަމެކެވެ. ހުރިހާ އެންމެން ރުއްސަން އުޅުމަކީ ދުނިޔެމަތީގައި މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ތުރާލެވެ. އެހެންކަމުން އެންމެން އުފާކޮށްދިނުމުގެ ސަކަރާތުގައި ތިބާ އުޅެން ވެއްޖެނަމަ އެންމެ ފަހުން ތިބާގެ އުފާވެރިކަން ގެއްލިގެން ހިނގައިދާނެއެވެ. ވީމާ ކޮންމެ ހާލެއްގައިވެސް ޖެހޭނީ އެކަމުން ސަލާމަތްވާށެވެ.

އެކުވެރިންނޭވެ! މި ދުނިޔޭގެ ހިތި ޙަޤީޤަތަކީ، ތިބާ ކުރި ރަނގަޅު ކަންތައްތަކުގެ މަތިން ހަނދާންކުރާނޭ އެއްވެސް މީހަކު ނުހުންނާނޭ ކަމެވެ. އަދި ތިބާއަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްކަން، އެމީހުން އަބަދުވެސް ހަނދާނުގައި ބަހައްޓާނެއެވެ. އެހެންކަމުން މީހުންނާ މެދު ވިސްނައި ފިކުރުކުރުން ހުއްޓައިލާށެވެ. ތިބާ ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ސަމާލުކަންދީ، ތިބާގެ ހުރިހާ ހަކަތައެއް އެކަމަށް އަމާޒުކުރާށެވެ. އަދި ތިބާގެ މިސްރާބު، ތިބާ ޙާޞިލުކުރަން ބޭނުންވާ ކާމިޔާބީތަކާ ދިމާލަށް އަނބުރައިލާށެވެ. ތިބާއަށް އަދި ތިބާގެ ނަފުސަށް އިތުބާރާއި ޔަގީންކަން ދިނުމުން، އެހެން މީހުންގެ ރުހުން ހޯދައި އެހެން މީހުންނަށް ގަބޫލުކުރުވައިދިނުމުގެ ބޭނުމެއް ނޯންނާނެއެވެ. ތިބާގެ ނަފުސަށް އަދި ތިބާގެ މަސައްކަތާމެދު ފުރިހަމަ އިތުބާރާއި ޔަގީންކަން ތިބާއަށް އޮތުމުން، އެހެންމީހުންގެ ރުހުން ހޯދުމުގެ ބޭނުމެއް ނޯންނާނެއެވެ. އަދި ތިބާގެ ނަފުސާމެދު، ތިބާ ރުހި ގަބޫލުވެއްޖެނަމަ މުޅި ދުނިޔޭގެ ރުހުން ލިބިދެއެވެ. އައު އަދި ރިވެތި މަންޒިލެއްގެ ފެށުމަކީ އަބަދުވެސް ތަކުލީފުތަކާއެކު ކުރެވޭ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ. އޭގެ މިސާލަކީ ކޮކާ ފަނީގެ ޙަޔާތް ނިމުމުން ދެން އެހިސާބުން ފެށިގެންދާ، ރިވެތި ކޮކާލެއްގެ ޙަަޔާތެވެ. ކެތްތެރިކަމާއެކު މުސީބާތާ ކުރިމަތިލުމުން އެކަން މާބޮޑު ކަމަކަށްނުވެ ނިމިގެން ހިނގައިދާނެއެވެ. އަދި ޝުކުރުވެރިކަމާއެކު ނިޢުމަތްތަކަށް، ތިބާ ރައްކާތެރި ވެއްޖެނަމަ، އެ ނިޢުމަތްތައް ތިބާއާއެކު ގިނަ ދުވަހު ދެމިހުންނާނެއެވެ.

އެކުވެރިންނޭވެ! ދަތުރެއް ކިތަންމެ ދިގުވި ކަމުގައިވިޔަސް އަދި އެއީ އެތަކެއް ހާސް މޭލުގެ ދުރު ދަތުރެއް ކަމުގައިވިޔަސް އެ ދަތުރުގެ ދުރުމިން ކަޑައްތުކޮށް ތިބާ އެދޭ މަންޒިލަށް ވާސިލުވެވޭނީ އެންމެ ފުރަތަމަ އަޅާ ފިޔަވަޅާއެކު ކުރިއަށް ގޮސްގެންނެވެ. ހުއްޓުމެއް ނެތި ކުރިއަށް ދިއުމުން އެެދެމެދުގެ ދުރުމިން ކުޑަވެގެން ހިނގައިދާނެއެވެ. ފެށުމުގައި ކޮންމެ ކަމަކީވެސް އުނދަގޫ ކަމެކެވެ. އެހެންވުމުން އެއީ ތިބާ ބަލި ގަބޫލުކޮށް ދަތުރު ކުރުކޮށްލަންޖެހޭ ކަމެއް ނޫނެވެ. ދުނިޔޭގައި ކާމިޔާބީ ޙާސިލުކުރެވޭނީ ހުއްޓުމެއްނެތި ކުރެވޭ ބުރަ މަސައްކަތުންނެވެ. ހަނދާންކުރާށެވެ. ޙައްޤުގެ މަގުގައި ތިބާ އެކަނި ކުރިއަށްދާން ޖެހުނުކަމުގައި ވިޔަސް މާޔޫސްނުވާށެވެ. އެހެނީ ރޭގަނޑުގެ އަނދިރިކަން އައްޔަށް ބަދަލުވެގެންދަނީ، އިރު އެކަނިމާއެކަނި އޭގެ ދައުރު އަދާކުރުމުގެ ސަބަބުންނެވެ.

އެއްވެސް މީހަކު ދެކޭ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ނުވެދާނެއެވެ. އަދި ހުވަފެނެއް ހަގީގަތަކަށް ނުވެދާނެ ކަމަށް ފެނިއްޖެނަމަ، އޭގެ ފަހަތުން ދުވުން ހުއްޓައިލާށެވެ. ފަހަރެއްގައި އެއަށްވުރެ މޮޅު ގޮތެއް މެދުވެރި ކުރައްވަނީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އެކަމަކީ ތިބާއަށް ގެއްލުން ހުރި ކަމަކަށްވެސް ވެދާނެއެވެ. އެހެންކަމުން، އެކަމާ މެދު ހިތާމަކޮށް ދިރިއުޅުން ހަލާކުކޮށް ނުލާށެވެ. އެއީ ދިރިއުޅުމުގެ ހަމަޖެހުމަށް ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ.

އެކުވެރިންނޭވެ! ތިބާގެ ރޭވުންތައް އެއްވެސް ހާލެއްގައި އެއްވެސް މީހަކާއި ހިއްސާނުކުރާށެވެ. އޭގެ ބަދަލުގައި ތިބާ ކުރަން ބޭނުންވާ ކަމެއް ކުރުމަށްފަހު އެކަން އެހެން މީހުންނަށް ދައްކާށެވެ. މަސައްކަތް ކުރަންވާނީ އަބަދުވެސް ހިމޭންކަމާއެކުގައެވެ. އަދި އެ މަސައްކަތެއް ކާމިޔާބު ކަމާއެކު ނިމުމުން އެންމެންނަށްވެސް އެކަމެއް ފެންނާނެއެވެ. މި ދުނިޔޭގައި ތިބާއަށް ހެޔޮއެދޭ މީހުންނަށް ވުރެ ގިނަވާނީ ތިބާއަށް ހެޔޮނޭދޭ މީހުންނެވެ. ކިތަންމެ ގާތް ބަޔަކު ކަމުގައިވިޔަސް، ތިބާއަށް ތެދުވެރިނުވާ ބަޔަކު ތިބާއަށް ވަފާތެރިވެދާނެ ކަމަށް ނުދެކޭށެވެ. އެކަމަކު އެހެން މީހުންނާ މެދު އަބަދުވެސް ރަނގަޅަށް ކަންތައްތައް ކުރެވޭތޯ ގަދައަޅައި ތިބާ މަސައްކަތް ކުރަންވާނެއެވެ. އެހެން މީހުންގެ މައްޗަށް ހެޔޮ ދުޢާ ކުރުމަށްފަހު ނިކަން ދެކިބަލާށެވެ. އޭރުން ތިބާގެ ނަފުސުގެ މައްޗަށް ދުޢާ ކުރުމުގެ ބޭނުމެއް ނުޖެހޭނެއެވެ. އޭރުން ތިބާގެ މަސައްކަތުގައި ބަރަކާތްލައްވައި، ތިބާއަށް ރަނގަޅު ގޮތް މެދުވެރި ކުރައްވާނެއެވެ. އެއީ ޤުދުރަތުގެ ޤާނޫނެވެ. އެ ޤާނޫނެއް ގޯހެއް ނުވާނެއެވެ.

އެއްވެސް މީހަކަށް ތަކުލީފެއް ނުޖައްސާށެވެ. އެހެން ނޫނީ ތިބާގެ ފަރާތުން އަނިޔާ ލިބޭ މީހާގެ ހިތާމަތައް، އެއީ ތިބާގެ ދުޢާ ގަބޫލުކުރެއްވުމުގައި ހުރަހަކަށް ވެގެން ހިނގައިދާނެއެވެ. އަދި ދިރިއުޅުމުގައި ތިން ކަމެއް އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ރުޅި އައިސްގެން ހުރެ އެއްވެސް މީހަކަށް ޖަވާބު ނުދޭށެވެ. އަދި އުފާވެރިކަމުގެ ވަގުތުގައި އެއްވެސް މީހަކަށް ވަޢުދެއް ނުވާށެވެ. އަދި ހިތާމައިގެ ވަގުތުގައި އެއްވެސް ނިންމުމެއް ނުނިންމާށެވެ. އަދި ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް އާ ކަމެއް ކުރެވޭތޯ ބަލާށެވެ. އަދި އާ ކަމެއް ދަސްކުރެވޭތޯ ބަލާށެވެ. އަދި އާ ވިސްނުމެއް ވިސްނޭތޯ ބަލާށެވެ.

ހަނދާންކުރާށެވެ. ވަގުތު ފަޅި ބަދަލުކުރާ ހިނދު ބަދަލުވަނީ ހަމައެކަނި ކުޅުމެއް ނޫނެވެ. ދިރިއުޅުންވެސް އެފުށްމިފުށަށް ޖެހިގެންދާނެއެވެ. ދިރިއުޅުން ބަދަލުކޮށްލުމަށް އެންމެންނަށްވެސް ވަގުތު ލިބެއެވެ. އެކަމަކު، ވަގުތު ބަދަލުކޮށްލުމަށް އެކަކަށްވެސް ދެފަހަރު ޙަޔާތެއް ނުލިބޭނެއެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.