...

Support Us

ކޮލަމް ކަލާވެހި: ހުހަށް ލިބޭ ހޮނިހިރު ދުވަހަކު މިކަހަަލަ ތާކަށް ވަދެވުނަސް… މަޢާފު! 

މާލޭގެ ނަން މަޝްހޫރު، މާލެ ހުރަހަށް އޮންނަ، ޓެކްސީ ދުއްވާ މީހުން މަގުގެ ރަސްމީ ނަން ނޫން އެހެން ނަމަކުން ދަންނަ މަގެއްގައި ހުރި، ނަން ކުޑައިކޮށް މަޝްހޫރު ފިހާރައެކެވެ. ދިވެހީންގެ ތެރެއިން ކަމަށްވުރެ ނަން މޮޅުކުރާ ޒާތުގެ މީހުން އެމީހުންގެ ދަރީންނަށާއި، ގޯތިގެދޮރަށާއި ފިހާރަފަދަ ތަންތަނަށް ކިޔާ ނަންނަމުންވެސް އެ ސިފަ ފެންނާނެއެވެ. މިދިޔަ ހޮނިހިރުދުވަހު އަޅުގަނޑަށް ވަދެވުނު އެއް ފިހާރަޔަކީ އެކަހަލަ ތަނެކެވެ. ތަނަށް ވުރެ ބޮޑު ނަމެއް އިނގިރޭސިބަހުން ކިޔައި، އެ ނަން ބޮޑުއަކުރުން ތަނުގެ ބޭރުގައި ހަރުކޮށްފައި ހުރި ހުރި ފިހާރަޔެކެވެ. އަޅުގަނޑަށް އެތަނަށް ވަދެވުނީ ވަރަށް އެހެން ކަހަލަ ގޮތަކަށެވެ. އެއީ ބަހުން ފައިބައިގެން އެދުވަހުގެ މަންޒިލް މަޤްޞޫދަށް ވާޞިލްވާން އޮތް އެންމެ ކުރުމަގުގައި އެތަން ހުރެފައި، ގަނެލާން ބޭނުން ދެތިން އެއްޗެއްވެސް ހިތުގައި އޮތީމައެވެ.

ފިހާރަޔަށް ވަން އިރު ކުރިމަތީގައި ހުރި ބޮޑު ކޮށިގަނޑުގެ އެތެރެފަރާތުގައި ދެ ސޭޓުންނަށް އެއްފަހަރާ ތިބޭވޭ މަގުން ހެޔޮވަރުގެ ދެ ގޮނޑި ހުއްޓެވެ. އެކަމަކު އެތަނުން އެއް ގޮނޑި ހުރީ ހުހަށެވެ. އަނެއް ގޮނޑީގައި އިނީ ޅަވަރެއްގެ ހިމަތޮޅި އަންހެންކުއްޖެކެވެ. ޅަވަރޭ ދެންނެވީމައި، އެ ދެންނެވުނީ ހަމަ ރަނގަޅަށެވެ. ފެންނަ ފެނުމަށް، ބަލާ ބެލުމަށް، އެ ކުއްޖާޔަށް އަށާރަ އަހަރު އަދި ފުރުނުހެނެއް ހީއެއްނުވެއެވެ. އެހެންކަމާއެކު، އެ ކުއްޖާގެ ޢުމުރުން އަށާރަ އަހަރު ފުރި، ޤާނޫނީ ގޮތުން އެކަހަލަ ތަނެއްގައި ވަޒީފާ އަދާކުރުމުގެ ހުއްދަ އޭނާޔަށް އޮތްތޯ ބަލައިލުމުގެ ނިޔަތުގައި އަޅުގަނޑު އޭނާޔާ ސުވާލެއް ކޮށްލީމެވެ. ސުވާލަކީ ތަނުގައި ތިލެޔޮ އެބަހުރިތޯއެވެ. އަޅުގަނޑު ބޭނުންވީ އެކުއްޖާގެ ޖަވާބުގެ ބަހުރުވަޔަށްވުރެ ބޮޑަށް އޭނާގެ އަޑު އަހައިލާށެވެ. އެއީ އޭނާގެ ޢުމުރު ތަންކޮޅެއް ރަނގަޅަށް އަންދާޒާ ކޮށްލުމުގެ ބޭނުމުގައެވެ.

ސޭޓަކަށް އިން، މިދެންނެވި ކުއްޖާ ޖަވާބެއް ނުދިނެވެ. ލަދުރަކި ހިނިތުންވުމަކާއެކު ބޯހޫރައިލުން ނޫން އެހެން ކަމެއް އޭނާޔަކަށް ނުކުރެވުނެވެ. އެކަމަކު އެ ބޯހޫރައިލުމުން އަޅުގަނޑަށް އެތައް އެއްޗެއް އެނގިގެންދިޔައެވެ. އެހެންކަމާއެކު، އަޅުގަނޑުވެސް ހަމައެގޮތަށް ބޯހޫރައިލައިފައި، ދަރިފުޅު ރާއްޖޭގައި އުޅޭތާ މިހައިރު ކިތަކަށް އަހަރު ވެއްޖެތޯ އަހައިލައިފީމެވެ. ޒުވާން، ޅަ، އަންހެން ސޭޓު އަޅުގަނޑަށް ހަމަ ވަގުތުން ޖަވާބު ދިނެވެ. އަޅުގަނޑު އޭނާޔާ ސުވާލުކުރާން ބޭނުންކުރި ބަހުންނެވެ. އާދެ! އަވަށްޓެރި ޝްރީލަންކާގެ ސިންގަޅަބަހުންނެވެ!

އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި، ރާއްޖޭގެ ސަރުކާރުގެ ރަސްމީ އެކި ފަރާތްތަކުން ރައްޔިތުންގެ މައްޗަަށް ހިންގަން ނެރޭ ކޮންމެ ޤަވާޢިދަކީ ރާއްޖޭގެ ކޮންމެވެސް ޤާނޫނެއްގެ ދަށުން ހަދާ، އެ ޤާނޫނުގެ ބާރު އެޔަށް ލިބިގެންވާ އެއްޗެކެވެ. އަދި އަޅުގަނޑުގެ ހަނދާން ވަރަށް ބަލި ނޫންކަމަށް ވަންޏާ، ރާއްޖޭގައި ހިންގާ ފިހާރަތަކުގެ ސޭޓުންނަށް ތިބޭން ވާނީ ދިވެހި ރައްޔިތުންކަމަށް ބަޔާންކުރާ ޤަޥާޢިދެއްވެސް އޮވޭ މެއެވެ. އެހެންވެއްޖިއްޔާ، އެފަދަ ފިހާރަޔެއްގައި، އަދި ޢަމުދުން ނަމުން ނަމަވެސް އެހައި ނަންރީތި ފިހާރަޔެއްގައި ބިދޭސީ ސޭޓެއް އިނުމަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބިދޭސީ އެ ސޭޓު އެކަނި ކުރާ ކަމެއްތޯ އަޅުގަނޑު އަހައިލާ ހިތްވިއެވެ. ސޭޓަށް ވަޒީފާ ދިން ފަރާތުން އެކަނިތޯ ޤާނޫނާ ޚިލާފު އެވަނީ ފިހާރައިގެ ވެރިފަރާތުން އަހައިލާ ހިތްވިއެވެ. އަދި އެކަހަލަ ތަންތަނުގައި ކަންކަން ހިނގަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށްތޯ ބަލަން ޤާނޫނު ލާޒިމްކުރާ އެކި ފަރާތްތައް ކޮބައިތޯ، އަދި އިހުމާލާއި ޒިންމާ އެކަމުގައި އެބައޮތްތޯވެސް ކޮންމެވެސް ތަނެއްގައި އަހައިލާހިތްވިއެވެ. އަދި ޤާނޫނާއި ޤަވާޢިދަކީ ތަންފީޒީ މަގުން ކުރިޔަށް ނުހިނގޭ އެއްޗިއްސަށް ވަންޏާ، ކަރުދާހުގައި ޗާޕުކުރެވިފައި ހުންނަ ލިޔުންތަކަކަށް އެކަނި އެތަކެތި ވަންޏާ، އެތަކެތި ވުޖޫދަށް ގެންނަން އެތައް ޚަރަދެއް ކޮށްގެން… ނޫން! އެހިސާބަށް އަޅުގަނޑު ކަހަލަ ދެރަ ނިކަމެއްޗެއްގެ ކޮށި ވިސްނުން ދާން ލަގަނަށް ދޫދީގެން ނުވާނެއެވެ.

ކޮންމެއަކަސް، އެހިސާބުން އަޅުގަނޑު ދެން ދިމާކުރީ މާލެއިން ވަރަށް މަދުން ނޫނީ ނުލިބޭ، އަޅުގަނޑަށް ވަރަށް ކަމުދާ އެއްޗެއް އެ ފިހާރައިގައި ހުންނަ ކަމަށް މީހުން ބުނާތީ، އޭގެ ދަޅެއް ފެނޭތޯއެވެ. އެހެންކަމުން، ދަޅުގައި ބަންދުކޮށްފައި ހުރި އެއްޗިހިތަކެއް ދިމާޔަށް ފެންނަންހުރި ހަރުގަނޑަކާ ދިމާކޮށްފީމެވެ. އަސްތާ، އެވެސް ވީ ވަރަށް ތަޖުރިބާދެނިވި ޙަރަކާތަކަށެވެ. އަޅުގަނޑު ހޯދަން އުޅުނު އެތި ފެނިއްޖެއެވެ. އެއީ ސަނާމުގާއި، ތިލެޔޮ އޮށާއި، ގޮމަށި ހުތާއި، ޒައިތޫނި ތެޔޮ މައިގަނޑު ބާވަތްތަކަށް އަޅައިގެން ހަދައި، ތައްޔާރީ ކާނާއެއްގެ ގޮތުގައި ދަޅުގައި ބަންދުކޮށްފައި ހުންނަ އެއްޗެކެވެ. އިސާހިތަކު ދަޅު ފެނިއްޖެއެވެ. އެކަމަކު، ދަޅު ފެނުނަސް، ދަޅަކު އަގެއް ޖަހާފައެއް ނެތެވެ. ދަޅާ ދިމައިގައި ތިރީގައި ކޮންމެވެސް އެއްޗެއްގެ އަގު ޒާތަކަށް ޖަހައިފައި އޮތީމައި ބަލައިލިއިރު އެއީ ލޯތޫނު މީހަކަށްވިޔަސް ބޮޑުވާ ބިއްލޫރި އަޅައިގެން ނޫނީ މުޅީން ސާފުނުވާނޭ ބޮޑުމިނެއްގައި އޮތް ލިޔުމެކެވެ. އަޅުގަނޑު ވަރަށް ދަތި ޙާލުގައި އުޅެގެން ފޯނުން އެ ކަރުދާސްކޮޅުގެ ފޮޓޯއެއް ނަގައިފައި އެ ފޮޓޯ ބޮޑުކޮށްގެން ބަަލައިލިއިރު ކަަމަކުދާކަށް ނެތެވެ. ކަރުދާސްކޮޅުގައި އޮތީ މާދުރުގައި ހުރި އެއްޗެއްގެ އަގެވެ. މޭބިސްކަދުރު ރާހުތްފުޅިޔެއްގެ އަގެވެ. އެހިސާބުން އަޅުގަނޑު މިދެންނެވި ދަޅު ހިފައިގެން ކައުންޓަރުކައިރިޔަށް ގޮސް ސިންގަޅަބަހުން ސުވާލުކޮށްގެން އޭގެ ހަމަ އަގު އޮޅުންފިލިއިރު ދަޅުގެ އަގަކީ ރާހުތްފުޅިޔެއްގެ އަގަށްވުރެ ހަގުނަ ބޮޑު އަގެކެވެ.

އެހިސާބުން އަޅުގަނޑު ހިތަށްއެރިއެވެ. ފިހާރަ ފިހާރައިގައި ވިއްކަން ހުންނަ އެއްޗިހީގައި އަގު ޖަހައިފައި ހުރުމާ ބެހޭގޮތުންވެސް ޤާނޫނީ ބާރު ލިބިގެންވާ ޤަވާޢިދެއް އޮވެއެވެ. އެހެންކަމަށް ވަންޏާ، ލަޠީފީ ތުއްތު ޝްރީލަންކާ ސޭޓުތޯ، ވަޒީފާ ދިން ފަރާތްތޯ، ފިހާރައިގެ ވެރިފަރާތްތޯ، އެކަހަލަ ތަންތަނުގައި ކަންކަން ހިނގަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށްތޯ ބަލަން ޤާނޫނު ލާޒިމްކުރާ އެކި ފަރާތްތައްތޯ، އަދި އެއްވެސް ބައެއްގެ އިހުމާލާއި ޒިންމާ އެކަމުގައި އެބައޮތްތޯ، ތަންފީޒު ނުކުރެވޭ ޤާނޫނާއި ޤަވާޢިދު ވުޖޫދަށް ގެންނަން އެތައް ޚަރަދެއް ކޮށްގެން… ނޫން! އަނެއްކާ އެދެވުނީ އެހިސާބަށެވެ. އަޅުގަނޑު ކަހަލަ ދެރަ ނިކަމެއްޗެއްގެ ކޮށި ވިސްނުން އެހިސާބަށް ދާން އަޅުގަނޑުގެ ޒަމީރުގެ ލަގަނަށް އަޅުގަނޑަށް ދުލެއް ދެވިގެނެއް ނުވާނެއެވެ. މަޢާފުކުރައްވާށެވެ.

ދަޅާ ދިމައިގައި ޖަހައިފައި އޮތް އަގާއި، ދަޅުގެ އަގުކަމަށް ކޮށިގަނޑު ބުނާ އަގާ ދެމެދު ހަގުނައިގެ ތަފާތެއް ހުއްޓަސް، އަތުގައި ފައިސާ ހުރިއްޔާ ހިތުގައި ކޮންމެ އެއްޗެއް އޮތަސް އެޔަށްވުރެ މާބޮޑު ލަދެއް ނަފުސުގެ މޫނުމަތީގައި އޮންނަ ޒާތުގެ ގިނަ މީހުން ދާނީ އެއްޗެއް ނުބުނެ އެއްކަލަ ޙުއްމުޞް ދަޅު ގަނެގެނެވެ. އެކަމަކު އަޅުގަނޑަކީ އެކަހަލަ ފޯރުންތެރި މީހަކަށް ނުވާތީ، ދަޅު އޭގެ ނުޞައްޙަ އަގު ޖެހި ޖާގަޔަށް އަޅުގަނޑު ރުޖޫޢަކުރީއެވެ. އޭގެ ބަދަލުގައި އެއްކަލަ ކަހަލަ ރާހުތް ފުޅިޔަކާއި، އެޔަށް އެޅި އެއްޗިހި ބޭރުގައި ލިޔެފައި ނެތް ، އެކަމަކު ’ޞިއްޙީ‘ ޕާނެއް ވަށިގަނޑަކަށް ލައިގެން އަޅުގަނޑު ދެން ދިމާކުރީ ފިހާރައިގެ ތެރޭގައި ހަދައިފައި ހުރި ފާޑެއްގެ ކުޑަ ތަށްޓަކާއެވެ. އެ ތަށްޓުމައްޗަށް އެރެނީ ހައެއްކަ ހަރުފަތުންނެވެ. އަޅުގަނޑު ކަހަލަ، ދަނޑިގަނޑެއް ހިފައިގެން އުޅޭ މީހަކަށް އެއީ އެހައި ފަސޭހަ ކަމަކަށް ނުވިޔަސް، ދެން ގަންނަން ބޭނުންވެފައި އޮތް އެއްޗެއް އެތާ ހުރެދާނެކަމަށް…

އަސްތާ! އިވޭން އެ ފެށީ ބަޔަކު ވަރަށް ބާރަށް ހީނހީނފައި، ސަކަރާތްގަންނަ އަޑެވެ. އެކަމެއް އެ ހިނގަނީ ދެބުރިޔަށް ހުރި ފިހާރައިގެ މަތީބުރީގައެވެ. ދެ ބުރިޔޭ މިދެންނެވީ މުޅި ޢިމާރާތުގެ ބޮޑުމިން ދަންނަވާކަށް ނޫނެވެ. މަތީބުރިޔަށް ދާން ހުރި ސިޑި ދިމާޔަށް ފެންނަން ހުރީމައެވެ. ކޮންމެއަކަސް، ހަޅޭކާއި، ހީނސަމާސާ ކުރުމުގެ ފޯރީ ދިޔައީ ސިކުންތަކަށްވުރެ ސިކުންތެއް އަޑުގަދަވަމުންނެވެ. ދެން އަޅުގަނޑަށް ފެނުނީ ބުރުގާއެއް އަޅައިލައިގެން ހުރި، ބުރުސޫރަޔަށްވުރެ ސަމަންތަރާއި ހޯއްދުން ހެޔޮ ޒުވާންފުރަޔެއްގެ އަންހެނަކު ހެމުން ސަކަރާތްގަންނަމުން، ދުވަމުން ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން އައިިތަނެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ދުވެފައި އެ ފޭބީ ކަޅުކުލަޔަކަށްދާ ކުލަޔެއްގެ ޕޯލޯ ޓީޝާޓެއް ލައިގެން ހުރި ބިދޭސީ ފިރިހެނެކެވެ. އަދި އެހިސާބުން އަޅުގަނޑުގެ ސަލާމަތް އަޅުގަނޑަށް ނުހޯދުނުކަން އެއީ އަޅުގަނޑުގެ މޮޔަކަމެވެ!

ހެމުން، ސަކަރާތްޖަހަމުން، ބިދޭސީ މީހާޔާ މައްލަވަ ކުރަމުން، ”ސައީދޫ! ސައީދޫ!“ އޭ ގޮވަމުން، ޒުވާން އަންހެނާ ފުރަތަމަ ބެހެއްޓީ ފިހާރައިގެ ކައުންޓަރާ ދިމާޔަށެވެ. އަޅުގަނޑު ތަނުގެ ފޯރިޔާއި ސަކަރާތުން ސަލާމަތްވާން ދިމާކުރީ އެއްކަލަ ކުޑަތަށްޓުމަތީން ފައިބައިގެން ތަނުން ނިކުމެގެން ރައްކާވެވޭތޯއެވެ. އެހިސާބުން ދެން އަޅުގަނޑަށް ފެނުނީ އެއްކަލަ ޒުވާން އަންހެންކުއްޖާ މިސްރާބު ބަދަލުކޮށްލި ތަނެވެ. ބޭރު ހަލާކުވެފައި ހުރި ބޮނޑިކޮޕީ ޒާތުގެ ތަރުކާރީއެއް ނޮޅައި، އަލުން ނަލަކުރާން އެތާ ތަންކޮޅެއް އެތެރޭގައިހުރި ދެގޯޅިގަނޑެއް ކަހަލަ ތަނެއްގައި އިން ދެވަންފުރަޔަށްވުރެ ދޮށީ، ކުލަ ވަރަށް އަލި، ބިދޭސީޔަކާ ދިމާޔަށެވެ. އަޅުގަނޑުގެ ނަޒަރު އެވަގުތު ހުއްޓިފައި ހުރީ އެއްކަލަ ކުޑަތަށްޓުން ފައިބަން ހުރި ހައެއްކަ ހަރުފަތާ ދިމާޔަށެވެ. ދެން ދިމާވި ކަންތައް ދިމާވީ އަޅުގަނޑުގެ ސަމާލުކަން ދީގެން ބަލަން ވީވަރަށް ވަށައިގެން ނުބެލުނީމައެވެ. އެއީ ހަމަ އަޅުގަނޑުގެ ކުށެވެ!

ބުޅާވެސް ކޯޅެނީ ވަކި ދަނޑިވަޅުތަކެއްގައި، ވަކި ކަމެއްގެ ތެރެއިން، ވަކި ގޮތަކަށް ކަމަށްވާތީ، ބުޅާ ކޯޅޭ ތާކު ހުންނާ މީހާވެސް ހުންނާންވާނީ ކޯޅޭ ދެބުޅަލުންކުރެ ބުޅަލެއް އެހެން އެއްލާ ވަތްކަކުން އެޅިދާނޭ ކަމަށް ވިސްނައި ސަމާލުވެއެވެ. އަޅުގަނޑުގެ ކުށަކަށްވީ ކަމަކީ، އެހައި ބޮޑަށް ހީނސަމާސާކުރަމުން އައީ އިންސީން ކަމަށްވިޔަސް، މިދެންނެވި ހަމަ ހަނދާންނެތުމެވެ. ޒުވާން އަންހެންކުއްޖާ ތަރުކާރީ ނޮޅާ ދެގޯޅިގަނޑަށް ވަނީ އަޅުގަނޑުގެ ކުރިމަތީން ކަމަށް ވެފައި، އެދިމާޔަށްވެސް ބަަލަން ޖެހުމުން، ފުރަގަހުން އަތުވެދާނެ ސައީދަކާ މެދު ނުވިސްނުމެވެ. އެހެންކަމުން… ސައީދު އައިސް ލައިގަތީ ކުރީން އަޅުގަނޑު ދެންނެވި ހައެއްކަ ސިޑީން ދަނޑި ވިއްދައިގެން ފައިބަފައިބާ ހުރި އަޅުގަނޑުގެ ގައިގައެވެ. އަދި އޭނާ އަންހެން ކުއްޖާޔާ ދިމާޔަށް ހަޅޭލައިގަތީ އަޅުގަނޑުގެ ކަނާއަތު ކަންފަތާ ކުރުމުށަކަށް ވުރެވެސް ގާތުންނެވެ! އަޅުގަނޑަށް ހޭވެރިކަން ވީއިރު އަޅުގަނޑުގެ ކަނާއަތު ކަންފަތް އޮތީ ކުޑަކޮށް ބައްވެފައެވެ. އަޅުގަނޑު އޮތީ، އޮފިއެލޭގަހެއްގެ ޅަނދޮޅު އޮފިގަނޑަކަށް ވާލެއް ޖެހިގަތީމައި އޭތި އެލިފައި އޮންނަ ގޮތަށް އެއްކަލަ ހައެއްކަ ހަރުފަތް ސިޑިޔެއް ކަމަށް ދައްކަން ޖަހައިފައި ހުރި ދަގަނޑުގައި އެލިފައެވެ. އެއީ ޒުވާން ދިވެހި އަންހެނާޔާ މައްލަވަކުރަމުން، ސަމާސާޔަށް ރައްދުދެމުން، ހަޅޭލަމުން އައި ބިދޭސީ ސައީދުގެ ކުށެއް ނޫނެވެ. އަޅުގަނޑުގެ ކުށެވެ. ބޮލު ފުއްކިބައިގައި ލޯނެތީމައި…

އަޅުގަނޑަށް ހަމަހޭގެ ހެޔޮ މިންވަރެއް އަނބުރައި ލިބުނީމައި، އެއްކަލަ ޒުވާން އަންހެނާ ގާތު ތަނުގެ ސުޕަވައިޒަރު އެބަ އުޅުއްވައިތޯ އަހައިލީމެވެ. އެއީވެސް އަޅުގަނޑަށް ހެދުނު ގޯހެކެވެ. އެހެނީ، އެ އަންހެނާ އާނއެކޭ މަތީގައި އެބައުޅެޔޭ ކިޔައިފައި އެދިޔަ ތާކަށް ގޮސްފައި ދެން އައީ އަޅުގަނޑުގެ ވަގުތުން ދިހަވަރަކަށް މިނިޓުގެ އިސްރާފެއް ކޮށްފައެވެ. އައިސް ބުނީ އެދުވަހުވެސް ސުޕަވައިޒަރު ތަނަށް ނާންނަ ކަމަށެވެ. މަތީގައި އުޅޭ ކަމަށް ބުނި މީހާ ވުޖޫދުން ފޮހެލީ އަންހެނާ ކަމެއް ސުޕަަވައިޒަރުކަމެއް އަޅުގަނޑަކަށް ނޭނގުނެވެ. އެނގޭކަށް ބޭނުމެއްވެސް ނުވިއެވެ.

ކައުންޓަރުގައި ޢުމުރު ހަމަނުވާ ބިދޭސީ އަންހެން ކުއްޖަކު ބައިންދައިގެން، ދެން ހުރި މީހާ ބިދޭސީ ސައީދުއާ ސަކަރާތްގަންނަމުން، ތަނަށް ވަންނަ ކަސްޓަމަރުންގެ ގަޔަށް ބިދޭސީން އަރަމުން، ތަނުގައި ވިއްކަން ހުންނަ އެއްޗިހީގައި ގަވައިދުން އަގު ނުޖަހައި، އެހައި މޮޅަށް ހިންގާ ތަންތަނަށް އަޅުގަނޑުމެން ކަހަލަ ނިކަމެތީީން ވަންނާކަށް ނުވާނެއެވެ. ލިޔުމުގައި އޮންނަ ޢަމަލުގައި ނޯންނަ… ޤާނޫނީ ނަޒަރަކުން ބަލާއިރު ކުށްވެރިވަނީ ލަޠީފީ ތުއްތު ޝްރީލަންކާ ސޭޓުތޯ، ވަޒީފާ ދިން ފަރާތްތޯ، ފިހާރައިގެ ވެރިފަރާތްތޯ، އެކަހަލަ ތަންތަނުގައި ކަންކަން ހިނގަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށްތޯ ބަލަން ޤާނޫނު ލާޒިމްކުރާ އެކި ފަރާތްތައްތޯ، އަދި އިހުމާލާއި ޒިންމާ އެކަމުގައި އެބައޮތްތޯ، ތަންފީޒު ނުކުރެވޭ ޤާނޫނާއި ޤަވާޢިދު ވުޖޫދަށް ގެންނަން އެތައް ޚަރަދެއް ކޮށްގެން… ނޫން! އަނެއްކާވެސް އެދެވުނީ އެއްކަލަ އެހިސާބަށެވެ. އަޅުގަނޑު ކަހަލަ ދެރަ ނިކަމެއްޗެއްގެ ކޮށި ވިސްނުން އެހިސާބަށް ދާން އަޅުގަނޑުގެ ޒަމީރުގެ ލަގަނަށް އަޅުގަނޑަށް ދޫދެވިގެނެއް ހަމަ ހިލާ ނުވާނެއެވެ. މަޢާފުކުރައްވާށެވެ.

ހޮނިހިރު ދުވަހަކީ ސަރުކާރުވެސް ބަންދު، މަގުމަތިވެސް ތަންކޮޅެއް އަމާން، ފިހާާރަތައް އަދި އެޔަށްވުރެ އަމާން ދުވަހެއްކަމަށް ހީކޮށް ވަދެވުނު ތަނުން އަޅުގަނޑަށް ހެދުނުހައި ގޯހަކަށްޓަކައި ސޯސަންމަލުގެ ޢަބީރުން، އަދި މަތަރެސްމަލުގެ ވަހުން ބޮޑު ނަމުގެ ވެރި ފިހާރައިގެ އެންމެހައި ދޭސީ ބިދޭސީ ވެރީންނާއި މުވައްޒަފުންގެ ފަރާތުން މަޢާފަށް އެދެމެވެ. ތިޔަ ބޭފުޅުންގެ ސަމާސާޔާ ސަކަރާތައިގެން ތިޔަބޭފުޅުން ގަވައިދުން ކުރިޔަށް ވަޑައިގަންނަވާށެވެ. ލިޔެ ޝާއިޢުކޮށްފައި އޮންނަ ޤާނޫނާއި ޤަވާޢިދުވެސް ތިޔަބޭފުޅުންނަށް ދަތިފުޅުވާނޭތީ ތިޔަތަނަށް ނުވަންނަ ފަދައިން، އަޅުގަނޑުވެސް ދެނެއް ތިޔަ ތާކަށެއް ނުވަންނާނަމެވެ. އަޅުގަނޑު މިވަގުތު މިއޮތީ ތިޔަ ތަނުން ސައީދު އަޅުގަނޑަށް ދިން އަނިޔާގެ ސަބަބުން ގައިގައި އަދިވެސް ރިއްސާތީ، ތެޔޮދަމާ ތާކަށް ވަދެ، އެތާނގައި އަނެއްކާ ކެމެރާ ހަރުކޮށްފައި ހުރިތޯ ބަލައިފައި ނޫނީ އެކަމާވެސް ކުރިމަތިލާން ނުކެރިިފައެވެ.