Support Us

ފައިސާ މާރުކުރުން

އޭނާ މިހާރު ދުނިޔެއަކު ނެތެވެ. ދާއިމީ ގޮވައްޗަށް ދަތުރުކޮށްފިއެވެ. އޭނާގެ ކުށްފާފަތައް ފުއްސަވާށިއެވެ. އަޅުގަނޑުގެ ރައްޓެއްސަކު ކިޔައިދިނެވެ. ތިމަން އެއް ފަހަރަކު އަވަށްޓެރި މި ވެނި ކަރަޔަކަށް ދިޔައިމެވެ. އެ ތަނުގެ އެޔަރުޕޯޓުން ތިމަންނަ ހިފެހެއްޓިއެވެ. ބަނޑު ސިނގު އޮފިސަރުންގެ މަތިމަސް ދެ މިޔަކަނާ ދިމާއަށް މައްޗަށް އޮޅައި، ކޮޅު ތޫނުކޮށްފައި ހުންނަ ގޮތުން ހީވަނީ މަތީ ތުންފަތާ ދިމާ މަތީގައި ލޮތާރިއެއް ހަރުކޮށްފައި އޮންނަ ހެނެވެ. ރަތް ދެލޯ ވަށްކޮށްފައި ބޯ ބިއްލޫރިލީ އައިނުމަތިން ބަލައިލާ ގޮތުން ދެފައި ބިމުން ކެނޑިގެން ދާ ފަދައެވެ. ބިރުވެރި ރުޅިވެރި ރާގުގައި ފުލުފުލުގައި ކުރަންފެށީ ނުރައްކާތެރިކަމަކާ ގުޅިފައިވާ ސުވާލުތަކެކެވެ.

އެހެން ދަތުރެކެވެ. އަނެއްކާ ވެސް އެއްކަލަ ބައްރަށް އަރަން ޖެހިއްޖެއެވެ. ތިމާގެ މީހެއްގެ ބޭސް ފަރުވާއެއްގެ ކަމެއްގައެވެ. ޕާސްޕޯޓު ހަމަ ދިއްކޮށްލާއިރަށް އަމާޒުވި ދެލޯ ހީވަނީ ބަކަމޫނެއްގެ ދެ ލޯހެނެވެ. އެއް ފަރާތުގައި ހުއްޓެން ސަފުން ވަކިވާން އަންގައިފިއެވެ. ދަހި ކާފަޔަކު އެތައް ފަހަރަކު ކަރުދާހު ނޫޓުކޮޅެއް ގުނާހެން ޕާސްޕޯޓުގެ އެކިގަނޑު ވަކިވަކިން ކުޅުލައިގެން ގުނަންފަށައިފިއެވެ. އޭގެ ފަހުން އަނެއްކާ ވެސް އޮތީ ހޫނުގޮނޑިޔަށް ލުމެވެ. ނޫނެކެވެ. ގޮނޑިއެއް ވެސް ނުދެއެވެ. ހުންނަން ޖެހެނީ ކޮޅަށެވެ.

ޒުވާން އުމުރު ފަހަނަޅައި ހިނގައްޖެއެވެ. އެ ތަނަށް ކުރެވޭ ދަތުރުތަކުގައި ފަހުން ޚަބަރެއް ނުވެއެވެ. ސުވާލުކުރުމެއް ނޯވެއެވެ. މިހެން މި ކަން ހިނގައިފައި ވަނިކޮށް ހަމަ ތިމަންނައާ ނަމުގެ ގޮތުން ދާދި އެއް ގޮތް ތިމަންނަ ވެސް ދަންނަ މީހަކު ރާއްޖޭގެ މަޖައްލާއެއްގައި ލިޔެފައިވާ ލިޔުމެއް ފެނިއްޖެއެވެ. އޭނާގެ ޒުވާން ދައުރުގައި ބޯޓު ދަތުރުކުރަން އުޅުނު ދުވަސްވަރު ދިމާވި ކަމެއްގެ ވާހަކައެވެ. ދެން އޭނާއާ ބައްދަލުކޮށް ތިމަންނައަށް އުފުލަން ޖެހުނު ވޭނުގެ ވާހަކަތައް ކިޔައިދިނުމުން އިތުރު ތަފުޞީލުދިނެވެ.

އެ މީހުން އެ ރާއްޖެއަކަށް ދަނީ ވިޔާފާރިކުރާށެވެ. ނުވަތަ ސުމަގްލްކުރާށެވެ. އެއް ދުވަހަކު ނިކުތީ ޑޮލަރު މާރުކުރާށެވެ. ކަޅު ބާޒާރުން ބޮޑު އަގު ހޯދާށެވެ. ހެނދުނު ހޭލައިގެން ދެތިން މީހަކު ވެގެން މި ދަތުރެއް ފަށައިފިއެވެ. އެކި ތަންތަނަށް ބޯދެމުން އަގު އަހަމުން ގޮސް ހިތް ހަމަ ޖެހޭ އަގެއް ދޭން ބަޔަކު ބުނެފިއެވެ. އެހެން ކަމުން އެ ތަނަށް ވަދެ ބޮޑު މެދުރިމަތީ އެތެރޭގައި ދެ ފައި ވަށްކޮށްގެން އެންމެން އިށީނެވެ. އެތައް ހާސް ޑޮލަރެއް މާރުކޮށްލީއެވެ. މި ކޮޅުން ދިޔަ މީހުނާއި އެކޮޅުގައި ތިބި މީހުން އެއް މަޖިލީހެއްގައެވެ. ހީނ ސަމާސާކުރަމުންނެވެ. ސައިބޮމުން ދުފަމުންނެވެ. އެ މީހުން ގުނައިފައި ތިމަންމެން ގުނާން ވެސް ބުންޏެވެ. ގުނައި ނިމުނީމާ ބުންޏެވެ. ދޭށެވެ. ބަންދުކޮށްލާން ދޭށެވެ. ދެން އެ ސަކައިގެ ތެރޭގައި އެންމެން ކުރިމަތީގައި ބަންދުކޮށްލައިފައި ދީފިއެވެ. ނިކުތްތަނުން އަތުގައި ހިފީ ސަލާމަތީ ބާރުންނެވެ. ގޮސް ވެއްދީ ޖަލަށެވެ. ބަންދުކޮށްފައި އޮތް ބޮނޑިވަރުގައި ހުރީ ހުސް ކަރުދާހެވެ. އެންމެ ނޫޓެއް ވެސް ނެތެވެ.

ކޮންމެޔަކަސް ކަރުދާސް ބޮނޑިޔަކާއި އަދަބު ބޮނޑިއަކާ ދެ ބޮނޑި އެއްކޮށް ލިބުނީއެވެ. ދިވެހީންގެ މި މީހަކީ އެ ކަރައިގެ ހީލަތްތެރި ވިޔަފާރިވެރިޔަކާ ގުޅިގެން މި ގޯހެއް ހަދާ މީހެކެވެ. އެހެންކަމުން އޭގެ ފަހުން ކޮންމެ ވެސް ގޮތަކުން އަނެއްކާ ޖަލުން ފިލޭނެ ގޮތް ވެއްޖެއެވެ. ފިލައިގެން ދިޔައީ ސިލޯނަށެވެ. އެ ފަހުން ރާއްޖެއައީއެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާ އުފުލަން މި ޖެހުނީ އޭނާ އެ ކުރި ކުށުގެ މުސީބާތެވެ. ދެ މީހުންގެ ނަމުގައި ހުރި އެއް ގޮތްކަމެއްގެ ސަބަބުންނެވެ.

އާނއެކެވެ! ބަނޑުހައިވެގެން ނުނިދިގެން އުޅޭ ފަގީރަކު ގެޔެއްގެ ގަހެއްގައި އިން ފަޅޮލެއް ބިނދެލާނީ ސިއްރުންނެވެ. ރޭގަނޑު އެ ގޭ މީހުން ނިދައިފައި ތިއްބައެވެ. އެކަމަކު ޚުޝިޔާރު ކުޅަދާނަ ވަގުން ބޮޑެތިބޮޑެތި އޮޅުވައިލުން އޮޅުވައިލައި ވައްކަންކުރާނީ އެ މުދަލުގެ ވެރީން ކުރިމަތީގައި ހާޒިރުގައި ބައިތިއްބައިގެން އެ މީހުންގެ ލޯމަތީގައެވެ. ޖާދޫގަރުން އެ މީހުންގެ މަކަރުތައް އެންމެންގެ ކުރިމަތީގައި ހަދާ ފަދައިންނެވެ.

ހިތާމަޔަކީ ގެއްލުމުގެ ނަތީޖާ އުފުލަން ޖެހެނީ ކަމާ ގުޅުން ނެތް އެހެން ބައެއް ކަމެވެ. ނުވަތަ އެ ބައެއްގެ ދަރީންގެ ދަރީންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *