Support Us

ބިދޭސީންގެ ވާހަކަ (2)

މީގެ ކުރީ ޢަދަދުގައި އަޅުގަނޑު ދަންނަވައިފައި ވާނީ ވަކި ޤައުމަކުން ރާއްޖެއައި ބިދޭސީންގެ 'ކޮމިޔުނިޓީ' މިރާއްޖޭގައި 'ފެނަށް ދިރުމާ' ވިދިގެން، މި ދަންނަވާ ބިދޭސީންގެ ޢަދަދަށާއި، އޭގެ ތެރެއިން ބައެއް މީސްމީހުންގެ ދިރިއުޅުމަށާއި އަޚުލާޤަށާއި ސުލޫކަށާއި، އޭގެ ތެރެއިން ބައެއް މީހުން ރާއްޖޭގެ މީހުން ދެކޭ ނަޒަރަށާއި، މި ހުރިހައި ކަމަކަށް މަޑުމަޑުން ބަދަލު އަންނަން ފެށިކަމަށް އަޅުގަނޑަށް ފެނުނު ވާހަކައެވެ.

އަޅުގަނޑަކީ އެ ބައެއްގެ ކަންކަމުގައި އުޅެވި، އެ ބައެއްގެ ބަސްވެސް ކޮންމެވެސް ވަރަކަށް އެނގި، އެ ބައެއްގެ ޤައުމަށް އެތަކެއް ފަހަރު ގޮސް، އެ ބައެއްގެ ތެރޭގައި އުޅޭ ބާރުވެރީންނާއި މުއްސަނދިންނާއި ޢިލުމުވެރިންނާ އެކު އެކި ޖަލްސާތަކާއި ޙަފުލާ ތަކުގައި ބައިވެރިވެ، އެ ބައެއްގެ ތާރީޚާއި ޘަޤާފަތާއި ދުނިޔެ ދެކޭ ގޮތް ލޮލުުން ދެކެ އަތުން ހިފައި، މިހެން އުޅެވިފައި ހުރި މީހަކަށް ވާތީ، ބައެއް ކަހަލަ ކަންކަން ތަންކޮޅެއް އަލި އައިނަކުން އަޅުގަނޑަށް ފެންނަ ވާހަކައެވެ. މިރާއްޖެޔަށް މި ދެންނެވި ޤައުމުގެ މީހުން އައިސް އުޅޭ އުޅުމުގެ ސަބަބުން މުސްތަޤުބަލުގައި ނޭދެވޭ ކަންތައްތަކެއް ހިނގުން އެކަށީގެންވާ ކަމަށް ރާއްޖެއާއި އެޤައުމާއި ދެޤައުމުގެ ކަމުވޮށިގެންވާ ބައެއް ބޭބޭފުޅުންގެ އަރިހުގައި އަޅުގަނޑަށް ދެންނެވިފައި ހުންނާނެ ވާހަކައެވެ. އަދި އެކަން އެގޮތަށް ކުރީމާ ނިކުތް ނަތީޖާގެ ވާހަކަ ދައްކަން މާބޮޑަށް ބޭނުން ނުވާ ވާހަކައެވެ. އަދި، ދެން ނިކުންނަ ޢަދަދެއްގައި ކޮންމެވެސް ޤައުމެއްގައި އަޅުގަނޑަށް ފޯނުން 'ވަރުގަދަ އިންޒާރެއް' ދެވުނު ހިސާބުން ފަށާނެ ވާހަކަ ދެންނެވުނު ހަނދާންވެސް އެބަހުއްޓެވެ.

އަޅުގަނޑު އެ ޤައުމެއްގެ ނަން ކަނޑައެޅިގެން ނުދަންނަވާ ޤައުމަށް އަޅުގަނޑަށް އެ ފަހަރު ދެވުނީ އެ ޤައުމުގައި އޮންނަ އަމިއްލަ ޖަމުޢިއްޔާއެއްގެ ދަޢުވަތަކަށެވެ. އެ ޖަމުޢިއްޔާއަކީ މިދެންނެވި ޤައުމުގެ ސަރުކާރުން ވަރަށް ބޮޑެތި އެހީތަކެއް ދެއްވައިގެން ހިނގާ ޖަމުޢިއްޔާއެކެވެ. މެންބަރުންގެ ތެރޭގައި ގިނައީ އެ ޤައުމުގެ ސިފައިންގެ އެކި ގޮފިތަކުގައްޔާއި ފުލުހުންގެ ތެރޭގައްޔާއި ޔުނިވަރސިޓީތަކުގައްޔާއި ޖުޑީޝަރީގައްޔާއި ދައުލަތުގެ މަތީ މަޤާމު ތަކުގައި އުޅުއްވުމަށް ފަހު މުސްކުޅިކުރައްވައިފައި ތިއްބެވި ބޭފުޅުންނޭ ދެންނެވިވެސް ދާނެއެވެ. ދެން އޭގެ ތެރެޔަށް އިތުރުވެގެން ދަނީ އެޤައުމުގެ ނަންހިނގާ ލިޔުންތެރިން ފަދަ ބޭބޭފުޅުންގެ ނަންފުޅެވެ. އަޅުގަނޑަށް އެ ޖަމުޢިއްޔާގެ އެފަހަރުގެ މަހާސިންތާޔަށް ދާން ދަޢުވަތު ލިބުނީ އެ ދުވަސްވަރު ބޭރުގެ ކޮންމެވެސް މަޖައްލާއެއްގައި އަޅުގަނޑަށް ލިޔެވުނު މަޒުމޫނެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ އެހެން ވާހަކަ އެކެވެ.

ކޮންމެއަކަސް، މި ދެންނެވި މަހާސިންތާގައި ދެކެވުނު މައިގަނޑު އެއް ވާހަކަޔަކީ އެއް ޤައުމެއްގެ މީހުން އަނެއް ޤައުމަކަށް ހިޖުރަ ކުރީމާ ދިމާވާ ބައެއް ކަންކަމުގެ ވާހަކައެވެ. ކުރިމަތިވާ ޙައްސާސް ބައެއް މައްސަލަ ތަކުގެ ވާހަކައެވެ. މި ދެންނެވި މައްސަލަތަކުގެ މައްޗަށް އެކި ދާއިރާގެ، އެކި މިންވަރަށް ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، ބޭބޭފުޅުން ކަރުދާސް ހުށައަޅުއްވައި، ބަޙުޘު ކުރައްވައި، މިހުރިހައި ކަމެއް ހިނގަމުން ދިޔައިރު، މަހާސިންތާގެ އެކި ދުވަހުގެ އެކި ދަންފަޅިޔަށް އެ ޤައުމުގެ ވަޒީރުންވެސް ވަޑައިގެންނެވިއެވެ. ބައްދަލުވުން ނިމިގެން ދިޔަ ޖަލްސާޔަށް ޤައުުމުގެ އެންމެ އިސް ވެރިޔާވެސް ވަޑައިގެންނެވިއެވެ.

ވިސްނާ ވަޑައިގަންނަވާށެވެ! މިސާލެއްގެ ގޮތުން ދަންނަވާނަމަ، ޤައުމެއްްގެ އާބާދީގެ 10 ވަރަކަށް މިލިޔަން މީހުން ޤައުމުން ބޭރުގައި މަސައްކަތް ކުރަން ބޭރަށް ހިޖުރަކޮށްގެން އުޅޭއިރު، އެ މީހުން އެއް އަހަރުގެ ތެރޭގައި ޤައުމަށް ފޮނުވާ ބޭރު ފައިސާގެ ޢަދަދު 18 ވަރަކަށް ބިލިޔަން ޑޮލަރަށް އަރާއިރު، އެ ޢަދަދަކީ އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ޖުމްލަ ނިސްބަތް ބަލާ އެއް މިންގަނޑު ކަމުގައިވާ 'ޖީ.ޑީ.ޕީ’ގެ 7 ޕަސަންޓާ ގާތްކުރާ ޢަދަދަކަށް ވީމާ، ޤައުމުން ބޭރަށް ހިޖުރަ ކޮށްގެން މި ގޮތަށް މަސައްކަތް ކުރާ މީހުންނާ ކުރިމަތިވާ އެކި މައްސަލަތަކަށް އެ ޤައުމަކުން ސަމާލުކަން ދޭން ޖެހޭނެއެވެ. އަދި އެހެން ނޫނަސް، ޤައުމެއްގެ ރައްޔިތުން ބޭރު ޤައުމެއްގައި ތިބޭ އިރު އެ މީހުންގެ ޙާލުބަލައި، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ހެދުމަކީ ތަހުޒީބު ކޮންމެ ޤައުމަކުންވެސް ކުރަން ވާނެ ކަމެކެވެ.

މިހާރު ދުނިޔެއަށް ކުރިމަތިވެފައި މިއޮތް ކޮވިޑު-19 ވަބާ ކުރިމަތިވުމުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅެމުން ގެންދިޔަ، އަދި ދިރިއުޅެމުން ގެންދާ، އެތަކެއް ދިވެހި ފަރުދުންނާއި ޢާއިލާތަކުގެ މަޞްލަޙަތުތަކަށް ޚާއްޞަ ސަމާލު ކަމެއް ދެއްވައި، ޤައުމަށް އަނބުރާ ގެންނެވެން އޮތް ބަޔަކު ގެންނަވައި ހައްދަވަން ޚުދު އަޅުގަނޑުމެންގެ ސަރުކާރުން ކުރެއްވި، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅު އެ އޮތީ އެ ކަމުގެ މާ ރީތި އަދި މާ ސާފު މިސާލެއްގެ ގޮތުން ފެންނާށެވެ. އަޅުގަނޑު މިދެންނެވި ޤައުމާ ދިވެހި ޤައުމާ ދެމެދު ހުރި ތަފާތަކީ، ދިވެހިން ރާއްޖޭން ބޭރުގައި މަސައްކަތް ކޮށްގެން ޤައުމަށް ފައިސާ ފޮނުވުމަކީ ޢާންމު ކަމެއް ނޫންކަމެވެ. ޤައުމުގެ އިޤްތިޞާދުގެ މުހިންމު ތަނބަކަށް އެކަން ނުވާކަމެވެ. އެހެންކަމާއެކު، މި ތަފާތުގެ އަސަރު އެ ޤައުމުން ބޭރަށް ހިޖުރަ ކޮށްގެން ދިރިއުޅޭ މީހުންގެ އެކި ކަންކަމުން ނުފެންނާނެއެކޭ ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް އެއީވެސް އެހެން ވާހަކައެކެވެ.

ކޮންމެއަކަސް، އަޅުގަނޑު މިދެންނެވި މަހާސިންތާގެ ހަވާސާގެ ތެރެއިން ވަރަށް މުހިންމު ކަންކަން ހިނގަމުން ދިޔައެވެ. ދުނިޔޭގެ އެތަން މިތަނުން މީހުން ބައިވެރިވާ ގޮތަށް ބޭއްވޭ އެކަހަލަ މަހާސިންތާތަކަކީ އޭގައި ހިމެނޭ ދަންފަޅިތަކުގައި ހުށައެޅޭ ކަރުދާސްތަކަށްވުރެ މުހިންމު ކަންކަން އެ ފަދަ މަހާސިންތާތަކުގެ ހަވާސައިގައި ހިނގާނެ ބައްދަލުވުންތަކެކެވެ. އެހެން ކަމާއެކު، މި ދެންނެވި މަހާސިންތާ ހިނގަމުން ދިޔަ އިރު، ކޮލެޖުތަކާއި ޔުނިވަރސިޓީ ތަކުގެ ދަރިވަރުންނާ ބައްދަލު ކޮށް، ތަޤްރީރު ކުރުމުގެ ބައެއް ދަޢުވަތު އަޅުގަނޑަށް ލިބުނެވެ. ރޭޑިޔޯ އާއި ޓީވީން ބަސްދީގަތުން ހޯދަން އައެވެ. ބައެއް ނޫހުންވެސް އަޅުގަނޑާ ބައްދަލު ކުރިއެވެ. މިއިން ކޮންމެ ފަހަރަކުވެސް އަޅުގަނޑާ ކުރެވޭ އެއް ސުވާލަކަށް ވެގެން ދިޔައީ، އެ ޤައުމުން މަސައްކަތް ހޯދަން ދިވެހި ރާއްޖެޔަށް ހިޖުރަކުރާ މީހުންނަށް ކުރިމަތިވަމުންދާ ދަތިތަކުގެ ވާހަކަ ދިގުކޮށް ދައްކައިފައި، ދެން ކުރެވޭ ކުޑަކުޑަ ލުއި ސުވާލެކެވެ.

ލުއި ސުވާލެކޭ ދެންނެވީމާ، އޭގެ މިސާލެއް ދަންނަވައި ނުލައި ނުފުދޭނެތީ މިސާލެއް ދަންނަވާލާނަމެވެ. ބަސްދީގަތުން ހޯދަން އަންނަ މީހާ އަޅުގަނޑު ގާތަށް އައިސް އިށީނދެފައި، ބަސްދީގަތުން ރެކޯޑު ކުރަން ޖައްސައިފައި، ދެން މި ބުނަނީ، ދިވެހި ރާއްޖެޔަށް އަންނަ ބިދޭސީ މަސައްކަތްތެރިން ފުރަތަމަ ގެންދަނީވެސް ދިވެހިން އެމީހުންނަށް އޮޅުވައިލައިގެން އެމީހުން އަތުން އެތައް ބައިވަރު ފައިސާއެއް ނަގައިގެނޭއެވެ. ރާއްޖެ އައިމާ ދޭވަޒީފާޔާއި މުސާރަ ނޫން ބޮޑެތި ވަޒީފާތަކާއި މުސާރަތައް ދޭން ބުނެގެނޭއެވެ. ރާއްޖެ ގެނެސްފައި އެމީހުންނަށް ކާންބޯން ނުދީ، ނިދާނެ ތަން ނުދައްކައި، ގަނަތެޅެން މަގުމައްޗަށް ދޫކޮށްލަނީއޭއެވެ. ދެން އޭގެ ތެރެއިން އެތައް ބަޔަކު މަގުތައް މަތީގައި ސަލާން ޖަހަން ހިނގަނީއޭއެވެ.  އެޔަށް ފަހު އަޅުގަނޑާ ކުރާ ސުވާލު މިކުރަނީ މިދަންނަވާ  ގޮތަށެވެ: "އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މަނިކުފާނުންނަކީ މިކަހަލަ މީހުންނަށް އެހީވެވަޑައިގެން ދެއްވާ ބޭފުޅެއް. މިކަހަލަ މީހުންނަށް ރާއްޖޭގައި ދެން އޮތީ ކޮން ގޮތެއްތޯ؟"

ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ! އަޅުގަނޑަކީ އެ ތަނަށް މުޅިން އަމިއްލަ ޙައިޘިއްޔަތަކުން ގޮސް ހުރި މީހަކަސް، ޤައުމެއް ތަމްޘީލު ކުރައްވާ ސަފީރު ކަމާ ޢަމުދުން ކުފޫވެސް ހަމަނުވާ މީހަކަށް ވިޔަސް، އަޅުގަނޑަކީވެސް ޤައުމުދެކެ ލޯބިވާ މީހަކަށް ވާތީ، އެ ސުވާލަށް ޖަވާބެއް ދިނުމުގައި ހުރި ނުރައްކާތެރިކަން އަޅުގަނޑަށް ފެންނާނެ ނޫންތޯއެވެ؟ އޭނާ އަޅުގަނޑާ ކުރި ސުވާލަށް ކޮންމެ ޖަވާބެއް އަޅުގަނޑު ދިނަސް، ސުވާލު ކުރުމުގެ ކުރިން އޭނާ އެ ދެއްކި ހުރިހައި ވާހަކަޔަކަށް އަޅުގަނޑު ރައްދެއް ނުދީފިއްޔާ، އެ ދެއްކި ހުރިހައި ވާހަކައެއް އެއީ ޞައްޙަ ވާހަކަ ތަކެއް ކަމަށް އަޅުގަނޑަށް އެއްބަސްވެވި ސިއްކަ ޖެހުނީ ނޫންތޯއެވެ؟ އަޅުގަނޑަކީ އެ ކަހަލަ 'މަޅީގައި' ބެދޭ ވަރަށް ވުރެ ބައިނަލް އަޤްވާމީ ތަޖުރިބާގެ ގޮތުން ކުޑަކުޑަ ތަންކޮޅެއް ކުރިޔަށް ނިކުމެވިފައި ހުރި މީހަކީމެވެ.

އަޅުގަނޑު އިސްވެ މިދެންނެވި މަހާސިންތާގެ ރަސްމީ ދަންފަޅިތައް ފެށުމުގެ އެއް ދުވަސް ކުރިން އަޅުގަނޑު ކުރި އެއް ކަމަކީ، އަޅުގަނޑު ދިޔަ ރަށުގައި ހުންނަ 'އެމްޕްލޮއިމަންޓް އެޖެންސީ' ކިޔާ ބައެއް ތަންތަނަށް ޒިޔާރަތް ކުރުމެވެ. އެ ތަންތަނަށް އަޅުގަނޑު ދިޔައީ ވިޔަފާރީގެ ފުރުޞަތުތަކަށް ޝައުޤުވެރިކަން ހުރި ދިވެއްސަކީމޭ  ބުނެގެނެވެ. ބޭއްވެން އޮތް މަހާސިންތާގެ ވާހަކައެއް ނުދައްކަމެވެ. އެހެންކަމުން، ރާއްޖެޔަށް މަސައްކަތު އަންނަ ބައެއް މީހުންނާ ދޭތެރޭ އޭގެ ތެރެއިން ބައެއް ތަންތަނުން ކަންކުރާ ގޮތާއި، ނަގާ ފައިސާގެ ބޮޑެތި ޢަދަދުތަކާއި، މި ހުރިހައި ކަމެއް އެމީހުން އަޅުގަނޑަށް ފިސާރި ރަނގަޅަށް ކިޔައިދިނެވެ. އަދި، އެ މީހުންނާ ގުޅިގެން އެ މީހުންގެ ގޮތްޕެއްގެ ގޮތަށް ރާއްޖޭގައި އެޖެންސީއެއް ހުޅުވައިގެން 'ފައިދާ ބޮޑު މި މަސައްކަތް ކުރަން' އޭގެ ތެރެއިން ގިނަ ފަރާތްތަކުން އަޅުގަނޑަށް ދަޢުވަތުވެސް ދިނެވެ.

މި ދެންނެވި މަސައްކަތް އަޅުގަނޑަށް ކުރެވި، މަޢުލޫމާތުވެސް ލިބިފައި ހުރުމާއެކު، އިސްވެ މިދެންނެވި 'ސުވާލު މަޅިން' އަޅުގަނޑުގެ ނަމާއި އަޅުގަނޑުގެ ލޮބުވެތި ޤައުމުގެ ކަރާމާތް ސަލާމަތް ކުރާނެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. "ދެންމެ ތިޔަ ދެއްކި ވާހަކަ މުޅިން ފުރިހަމައެއް ނޫނެއް ނޫންހޭ، ތިޔަ ބުނާ މަސައްކަތު މީހުންނަށް ކުރިމަތިވާ ތިޔަބުނާ 'އެބިޔުސް' ފެށެނީ ކަލޭމެންގެ އަމިއްލަ ޤައުމުގައި ހުންނަ އެޖެންސީ ތަކާ ހަމައިން ނޫންހޭ، ހަދަނީ މިހެން އެހެން ނޫންހޭ" ތަފްޞީލާއެކު އަހަން ޖާގަވެސް ލިބުނެވެ.

އަޅުގަނޑު މި ދެންނެވި ޤައުމުގައި ވަރަށް މަޝްހޫރު، ވަރަށް މަޤްބޫލު ނޫހެއްގައި އަޅުގަނޑު ދިން މި ފަދަ ބަސްދީގަތުމެއް ޝާއިޢު ކުރިއެވެ. އަޅުގަނޑު ދެންމެ މިދެންނެވި ވާހަކަތަކާވެސް އެކުގައެވެ. އެ ދުވަހުގެ ނޫސް މަގުތަކާއި ފޮތްފިހާރަތަކުގައި ވިކެން ފެށުމާއެކު، އިސްވެ ދެންނެވި މަހާސިންތާޔަށް ވަޑައިގެން ތިއްބެވި އެ ޤައުުމުގެ އެކި ވަކި ޢިއްޒަތްތެރިން އަޅުގަނޑާ ބައްދަލު ކުރައްވައި ސާބަސް ދެއްވިއެވެ. ކަމެެއްގެ ޙަޤީޤަތް ހޯދައިގެން އެކަން ބަޔާން ކުރީތީއެވެ. އެ ކަމާ އަޅުގަނޑު ކުޑަކޮށް ޙައިރާންވެފައި ހުރެގެން އެދުވަހުގެ ދަންފަޅިތައް ނިމުނީމާ އަޅުގަނޑު އަޅުގަނޑު ހުންނަ ހޮޓަލަށް އަނބުރާ ދިޔަތަނުން އަޅުގަނޑަށް އައީ ފޯނެކެވެ. އެ ކޮޅުން ވާހަކަ ދެއްކި މީހާ އޭނާގެ ނަމެއް ނުބުނެއެވެ. އަޅުގަނޑު ހުރި ހޮޓަލަކާއި ކޮޓަރި ނަންބަރު ހޯދި ގޮތެއްވެސް ނުބުނެއެވެ. ބުނިހައިވެސް އެއްޗަކީ މިއެވެ: "މިޤައުމަށް އައިސް މިޤައުމުގައި ބަޔަކު ކުރާ ވިޔަފާރިތަކަށް ފާޑުކިޔައިފީމެއްނު؟ އަހަރުމެންނަށް ދެން ޖެހޭނީ ކަލޭ އެހެން ދުނިޔެއަކަށް ފޮނުވައިލަން!"

އަޅުގަނޑު ބިރުން ތުރުތުރުއަޅައެއް ނުގަންނަމެވެ. އަޅުގަނޑު އެ މީހަކަށް ދިންހައިވެސް ޖަވާބަކީ މިއެވެ. "ޙަޤީޤަތެއް ވާނީ ޙަޤީޤަތަކަށް. ކަލެޔަށް ނޭނގޭ ކަމަކީ އަހަރެންގެ ޒުވާން ޢުމުރުން ފަސް އަހަރު ޤައުމެއްގެ ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި ހޭދަކުރިކަން. ތިޔަ ކަހަލަ ކަންކަމާ ކުރިމަތިލުމުގެ ތަޖުރިބާ ހުންނާނެކަން. ބިރު ދައްކަން ދުރުގައި ހުރެގެން ވާހަކަ ނުދައްކައި، ކުރިމައްޗަށް އާދޭ! ދެރަ މީހަކު ބަލިވާނެ!" މި ދަޢުވަތު ޤަބޫލުކޮށްގެން އެއްވެސް މީހަކު ނާދެއެވެ. ހީނުކުރާކަހަލަ ޖަވާބެއް ލިބުމުން ޖެހިލުންވީ ކަންވެސް ނޭނގެއެވެ.

ކޮންމެއަކަސް، އެކަން ހިނގިމަގީ އެއީއެވެ. ދެން އޮތީ އެހެން ވާހަކައެކެވެ. އެއީ އަޅުގަނޑުގެ ނަަޒަރުގައި، މިރާއްޖޭގައި ރަސްމީ ލިޔެކިޔުމެއް ނެތި މިއުޅޭ ކޮންމެ ބިދޭސީ އަކީ މިދެންނެވި ކަހަލަ އެޖެންސީއެއްގެ، ނޫނީ ކޮންމެވެސް ކުންފުންޏެއްގެ، ނޫނީ ފަރުދެއްގެ ޝިކާރަޔަކަށް ވެފައިވާ 'ވިކްޓިމް' އެއް ނޫނޭ ދެންނެވުމެވެ. އެކަމަކު، އެވާހަކަ ދެން ނިކުންނަ އަދަދަކުން ދެއްތޯއެވެ!

ނޯޓު: މި ލިޔުމުގެ 4 ވަނަ ޕެރެގުރާފުގައި އެވާ ވާހަކައިގެ އެންމެ މިސާލެއް އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމަކުން ބައްލަވާލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މިސާލެއް ތިރީގައި އެވަނީއެވެ. މީގެ މާނަޔަކީ މިކަން އެހެން ޤައުމުތަކުގައި އޮތީ މިހެނެއް ނޫނޭ ދެންނެވުމެއްވެސް ނޫނެވެ.

ބައްލަވާލެއްވުމަށް