...

Support Us

ކޮލަމް: މުޖުތަމަޢު

ކޮލަމް މުޖުތަމަޢު: ޔަތީމުންގެ މުދާ ހިމާޔަތްކުރުމަށް ގާނޫނެއްގެ މުހިންމުކަން ބޮޑުވެފައި

"يتيم"ގެ ލަފްޒަކީ الأيتامގެ މުފްރަދެވެ. މުރާދަކީ އެ ކުއްޖެއްގެ ކިބައިން އެކުއްޖާ ބާލިޣުވުމުގެ ކުރީގައި ބައްޕަ ގެއްލިފައިވުމެވެ. އެންމެ ޔަތީމެއް ވިއްޔާ، ޢަރަބި ބަހުން ކިޔާނީ "ޔަތީމު"އެވެ. ދެ ޔަތީމުންނަށް ކިޔާނީ "ޔަތީމާނި" އެވެ. އަދި ދެ ޔަތީމުންނަށް ވުރެ ގިނަ ވެއްޖެއްޔާމު ކިޔާނީ "ޔަތާމާ" އެވެ. އަދި ހަމަ މިފަދައިން، ދެ ޔަތީމުންނަށް ވުރެ ގިނަ ވެއްޖެއްޔާމު، "އައިތާމު" ވެސް ކިޔައެވެ.

ޔަތީމުންގެ އިސްތިލާޙީ މާނަ ތަފާތު ގޮތްތަކަށް އައިސްފައިވެއެވެ. އެގޮތުން ތިރީގައި މިދަންނަވާ ބޭކަލުންގެ ތަޢުރީފުތައް ފާހަގަކޮށްލެވެއެވެ.

އިބުނު ތައިމިއްޔާ ވިދާޅުވިއެވެ. "ޔަތީމަކީ ކުޑައިރުގައި އެކުއްޖެއްގެ ބައްޕަ ނިޔާވެފައިވާ ކުއްޖާއެވެ." (ފަތާވާ 34/108)

އިބްނު ޤުދާމާ ވިދާޅުވިއެވެ. "ޔަތީމަކީ ކުޑައިރުއްސުރެން އެކުއްޖެއްގެ ބައްޕަ ނިޔާވެފައިވާ ކުއްޖާއެވެ." (އަލްމުޣުނީ 2/275)

އައްޝީރާޒީ ވިދާޅުވިއެވެ. "ޔަތީމަކީ އެކުއްޖެއްގެ ބައްޕަ ނިޔާވެފައިވާ ކުއްޖާއެވެ. އަދި ބާލިޣުވުމަށްފަހު ޔަތީމެއްގެ ނަން ނުކިޔޭނެއެވެ." (މުޙައްޒަބް، 3/300)

އިސްބަޔާންވެދިޔަ ތަޢުރީފުތަކަށް ރިޢާޔަތްކުރުމުން ލިބޭ ނަތީޖާއަކީ ޔަތީމުންނަކީ، ބައްޕަ މަރުވެފައިވާ، ބާލިޣުނުވާ ކުދީންކަމަށެވެ.

މާތް ﷲ އަންގަވަނީ ރަނގަޅު ގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! (ސޫރަތުލްއަންޢާމް، 152) އެހެންކަމުން ޔަތީމުންގެ މުދަލާ ގާތްވުމުގައި އޮތް ރަނގަޅު ގޮތަކީ ކޮބައިކަން އެނގެންޖެހެއެވެ.

އާދެ، ޔަތީމުންގެ މުދާ ސަދަޤާތްތެއްގެ ގޮތުގައި ކެއުމަށް ދޫކޮށެއްނުލެވޭނެއެވެ. އެއިރުން ކޮންވެސް ދުވަހަކުން ހުސްވެދާނެއެވެ. އެހިނދު ޔަތީމު ކުއްޖާގެ މުސްތަގުބަލު އޮންނާނީ ބަނަކޮށެވެ. ކެއުންބުއިމުގެ އިތުރުން ތައުލީމަށާއި އެހެނިހެން ކަންކަމަށް ޚަރަދު ލިބުން އޮންނާނީ ދަތިކޮށެވެ.

އިސްލާމީ ޝަރީޢަތުން ހެކި ލިބޭގޮތުން ޔަތީމު ކުއްޖާގެ މުދަލަށް ގެއްލުން ނުވާގޮތަށް އެ މުދާ ބަލަހައްޓަންޖެހެއެވެ. އެހެންކަމުން ފިޤުހު އިލްމުވެރީން ޔަތީމުކުއްޖާގެ މުދަލަށް ގެއްލުން ނުވާގޮތަށް ވަލީވެރިޔާއަށް ޔަތީމުކުއްޖާގެ މުދަލުން ވިޔަފާރިކުރުން ހުއްދަކަމަށް ކަނޑައެޅުއްވިއެވެ. (އަލްމުހައްޒަބު1/335) ރަނގަޅު ގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށޭ އޮތް އިބާރަތަކީ މާތްﷲގެ ވަހީބަސްފުޅު (وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ) ގެ ތަރުޖަމާއެވެ.

އިމާމު އަލްޤުރްޠުބީ ވިދާޅުވަނީ ވަލީވެރިޔާއަށް ޔަތީމުކުއްޖާގެ މުދަލުން ވިޔަފާރި ކުރުމަށްޓަކައި ވަކިން ޚާއްޞަ ވިޔަފާރިކުރުމަށް އެ އާޔަތުން އަންގަވާފައި ނުވެއެވެ. ކޮންމެ ވިޔަފާރިއެއްވެސް ކުރެވިދާނެއެވެ. އެއީ ދަނޑުގޮވާން ކަމަށްވިޔަސް ނުވަތަ އިސްތިސްމާރުކުރުން (އިންވެސްޓު) ކަމަށްވިޔަސްމެއެވެ. (ތަފްސީރު ޤުރްޠުބީ 7/35) އިސްވެދިޔަ ފަދަ ދަލީލުތަކަކީ ޔަތީމުންގެ މުދާ ހިމާޔަތް ކުރުމަށް ގާނޫނެއްގެ މުހިންމުކަން ދަލަލަތުކޮށްދޭ ހެކިތަކެވެ. އެއީ ޔަތީމުންގެ މުދާ ދޫކުރެވެނީ މީސްތަކުންގެ އަތްމައްޗަށް ކަމަށްވާތީވެ އެ މުދާތަކަށް ވަދެދާނެ މާލީ ފަސާދުތައް ދުރުކުރުމަށް ގާނޫނެއް ހެދުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 "ޔަތީމު ކުއްޖާއާ ހަވާލުވެގެން ހުން ނަމީހާ އެމުދަލުން ވިޔަފާރިކުރާށެވެ. އަދި އެމުދާ ސަދަޤާތްތެއްގެ ގޮތުގައި ކެއުމަށް ދޫކޮށްނުލާށެވެ." (ބުޚާރީ1234) ގައި އޮތް ނަބަވީ މި އިރުޝާދުފުޅުންވެސް ޔަތީމުންގެ މުދާ ހިމާޔަތްކުރުމަށް ގާނޫނެއް އޮތުމުގެ މުހިންމުކަން އިހުސާސްކުރެވެއެވެ. އެހެނީ ޔަތީމުންގެ މުދާ ވިޔަފާރިއަށް ވަނުމުގެ ދޮރު ހުޅުވިފައިވާތީވެ މުޖުތަމައުގައި ކުރެވޭ ވިޔަފާރިތަކަށް ގާނޫނީ ހިމާޔަތް ލިބެންޖެހޭނެތީއެވެ.

ހުރިހާ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޔަތީމު ކުއްޖާގެ މުދަލަށް ގެއްލުން ނުވާގޮތަށް ވަލީވެރިޔާއަށް ޔަތީމުކުއްޖާގެ މުދަލުން ވިޔަފާރި ކުރެވޭނެއެވެ. އަދި ޔަތީމުކުއްޖާގެ މުދަލަށް ގެއްލުމެއް ލިބިދާނެކަން ވަލީވެރިޔާއަށް ހީވާނަމަ ޔަތީމު ކުއްޖާގެ މުދަލުން ވިޔާފާރިކުރުން ހުއްދަނުވާނެއެވެ. (ބަދާއިޢުއްޞަނާއިޢު 5/153)

سورة الضّحىގެ ތަފުސީރަށް ނަޒަރު ހިންގައިފިނަމަ، ކީރިތި ރަސޫލާ ﷺ އަށް މާތްﷲ (ސުބްހާނަހޫ ވަތަޢާލާ) ދެއްވި ނިޢުމަތްތަކުގެ ތެރޭގައި ޔަތީމަކުކަމުގައި ވަނިކޮށް ހިޔާވަހިކަން ދެއްވުން ހިމެނެއެވެ. އެހެންކަމުން ޢާއްމުކޮށް ހުރިހާ އިންސާނުންގެ ޙައްޤުތައް އަދި ޚާއްޞަކޮށް ޔަތީމުންގެ ޙައްޤުތައް ރައްކާތެރިކުރުން ވަނީ މުސްލިމުންގެ ޢަޤީދާގެ ތެރެއިންނެވެ. މިހެންކަމުން ދިވެހިރާއްޖެ އަކީ މުސްލިމު ޤައުމަކަށްވެފައި މިފަދަ ގާނޫނެއް އޮތުމުގެ މުހިންމުކަން އިހުސާސްކުރެވެއެވެ.

މުހިންމު ތިންކަމެއް

1- ދިވެހިރާއްޖޭގައި ޔަތީމުންގެ މާލީ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ޢަމަލު ކުރާނެ ޤާނޫނެއް އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެކުލަވާލުން.

2- ދިވެހިރާއްޖޭގައި ޔަތީމުންނަށްޓަކައި ޚާއްޞަ މަރުކަޒުތައް ޤާއިމުކުރުން އަދި އެތަނުން ޔަތީމުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުން.

3- ދިވެހިރާއްޖޭގައި ޔަތީމުންގެ މާލީ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ހޭލުންތެރިކުރުމުގެ ޕްރޮގުރާމު ހިންގުން.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.