Support Us

އަދަބިއްޔާތުގެ ކުރުވާހަކަ: ގަނޑުފެނުގެ ވާރޭ

ގެސްޓު ހައުސްތައް ކުނިކަހައި ތަންމަތި އަޅާން އުޅެއުޅެފައި ޔަހުޔާބެއަށް ގެޔަށް އާދެވުނީ އިރު އޮއްސޭން އުޅެނިކޮށެވެ. ގެއަށް ވަންތަނުން ކާފަ ދަރިފުޅު ޖީނާ ބުނީ މިރޭ އިސްކޫލަށް ދާން އޮތްވާހަކައެވެ.

[ކާފާ! މަންމީ ބުނީ ގައުމީ ދުވަސްގެ ސެރަމަނީއަށް ކާފައާއި ޖީއްކޮ މިރޭ އެކީގައި ދާށޯ]

ޖީނާ ބުނެލިއެވެ.

[ގައުމީ ދުވަހޭ؟ އެއީ ކޮން ދުވަހެއް ދަރިފުޅާ!]

ގުރޭޑު 7 ގައި ކިޔަވަމުންދާ ޖީނާކުރެން ޔަހުޔާބެ އަހައިލިއެވެ.
[ސޯ ބުނީ އެއީ ނެޝަނަލްޑޭއޯ]

ޖީނާ ކާފަޔަށް އޮޅުންފިލުވައިދިނެވެ.

ގަޑިން ރޭގަނޑު އަށްގަޑި ބައިވަނީއެވެ. ބެލެނިވެރީންނާއި ދަރިވަރުން އިސްކޫލުދޮށަށް ދަނީއެވެ. ބައެއް މީހުން ފައިމަގުގައެވެ. ބައެއް މީހުން ބަގީގައެވެ. އެންމެ މަތީ ގުރޭޑުތަކުން ދެތިން ކުދިން އެކުވެގެން އެއް ސައިކަލުގައި ވެސް އާދެއެވެ.

މިއީ އާ އިސްކޫލު ހުޅުވުނު ފަހުން ޔަހުޔާ އެ އިސްކޫލަށް އައި ފުރަތަމަ ފަހަރެވެ. ތިން ބުރިޔަށް ހުރި އެ ސްކޫލުގެ ޖަލްސާކުރާބައި ހުރީ މަތީގައެވެ. ޔަހުޔާގެ ދެކާފައިން އަރައި މާލަން ތެރޭގައި އިށީނެވެ. އޭރު ވެސް ގައުމީ ދުވަހަށް ސްކޫލު ތައްޔާރުކުރުމުގެ މަސައްކަތް ބީލަމުން ނެގި ކުންފުނީގެ ފަރާތުން ފޮނުވި ދެ ބަންގާޅީން ފޯރިޔާއެކު ހޯލުތެރޭ ދިދަ ދަމަމުން ދެއެވެ. ބައެއް ދިދަ ކުލަމަރު ވެފައި އަނެއް ބައި ދިދަ ފިނދިފައި ހުއްޓަސް ޔަހުޔާއަށް އިނދެވުނުލެއް ދުރުކަމުން އަޅައިގަތްހެނެއް ހީއެއްނުވެއެވެ.

މުޅި މާލަން ވެސް ފެންނަނީ ވަރަށް ގައުމީ ކޮށެވެ. ގަމީހުގައި ނުވަތަ ހެދުމުގައި ރަތްކުލައާއި ކަޅުކުލައިގެ ރޭނދާފަށެއް ނެތް ހަމަ އެކަކު ވެސް ނެތެވެ.

އިސާހިތަކު ޖަލްސާގެ ޝަރަފުވެރި މެހުމާނު ވަޑައިގެންފިއެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެކެވެ. ރާއްޖޭގެ ތާރީޚާއި ސަގާފަތާއި އާދަކާދައިގެ މައްޗަށް ލިޔުއްވާ ދުވަސްވީ ލިޔުންތެރިއެކެވެ. ސިޔާސީ ގޮތުން ވެސް ބުރަދަން ހުރި ތާރީޚެއް ލިބިވަޑައިގެންފައިވާ ބޮޑުބޭފުޅެކެވެ. އޭނާ ހަމަ ފެންނަ އިރަށް ޔަހުޔާއަށް އޭނާ އެނގިއްޖެއެވެ. ބަސްމޮށުންތެރިކަމުގައި ހުންނާނެ ކުޅަދާނަކަން ހިތަށް ވަދެއްޖެއެވެ. ބަސްކޮށާރުގައި ހުންނާނެ މުއްސަނދިކަން ސިފަވެއްޖެއެވެ. އޭނާގެ މަޢުލޫމާތުގައި ހުންނާނެ ފުންކަމާއި ތަނަވަސްކަން އިޙްސާސްކުރެވިއްޖެއެވެ.

[ހާދަ ވަރުގަދަޔަށް ހަދާފައި ހުރި އިސްކޫލެކޭދޯ! ބަލައިބަލަ އެހެރަ ތަނބުތަކެއް. ޔަގީން ފުރާޅުގައި ވެސް އާދައިގެ ޓިނެއް ނުހުންނާނެ. ތިޔޮތީ ސީލިންގ ވެސް އޮތް ބޯކަން]

ޖަލްސާ ފެށުމުގެ ގޮތުން ކީރިތި ޤުރްއާން ކިޔަވެމުންދާ މި ދަނޑިވަޅުގައި ދެ ފަހަރަކު އާފުރިލައިފައި ޔަހުޔާއަށް އަމިއްލައަށް ހިތާހިތާ މި ދެއްކެންފެށީ ރަށަށް އައި ތަރައްޤީގެ ވާހަކައެވެ. އެ މީހުން ދިޔަ އެދުރުގެއިން ބޮލަށް ވާރޭވެހެއެވެ. އޮތީ ފަންފުރާޅެކެވެ. އޭރަކީ ޖަލްސާ ބޭއްވޭ ޒަމާނެއް ނޫނެވެ. މިހާރުގެ ކުދީން ކިހައި ނަސީބު ގަދަ ހެއްޔެވެ؟

ކުއްލިޔަކަށް ގުގުރައިގެންފިއެވެ. އެކި ދިމަދިމާއިން ވިދައިގެންފިއެވެ. ވަށައިގެން ބޭރުގައި ހުރި ގަސްތައް ހީވީ ބިންގަނޑު ކައިރީން ގަދަކަމުން ވަރިވާން އުޅެގެންހެނެވެ. އެތައް ގަހެއް މުލުންލަނީއެވެ. ރޯޅި އިންތިހާޔަށް ބާރެވެ. އިރުކޮޅަކުން ހީވީ ފުރާޅު މައްޗަށް ތެޅިގާ އޮޑިއެއް ބަންޑުން ޖަހައިލިހެނެވެ. ކަމަކުދާކަށް ނެތެވެ. ކޮނޑުހުރި އަތް ނޭނގޭހައި ބޯކޮށް ވެހިގަތީ ގަނޑުފެނުގެ ވާރޭއެވެ. ކޮންމެ ތިއްކެއް ހެޔޮވަރު ކާށްޓެއްވަރުވެއެވެ. ޖަލްސާއަށް ވަދެތިބިހައި ބަޔަކު ތިބޭން ޖެހުނީ ދެ ކަންފަތުގައި އަތް އަޅައިގެނެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ސަލާމަތާ މެދު ސަހަރޯހީވެފައެވެ.

ލިބޭ ހިތް ހަމަ ޖެހުމަކީ އެއިން އެންމެ ގަނޑުފެން ގަނޑެއް ވެސް، އަދި ކިޔެއްތަ؟ އެއިން ގަނޑެއް ރޫޅިގެން ނެއްޓިގެންދާ އެ ތިކޮޅެއް ވެސް ހޯލުގެ އެތެރެއަށް ނުފޯރާނޭކަމުގެ ޔަގީންކަމެވެ. ކީއްވެހެއްޔެވެ؟ އެ އަށްވުރެ އެ ވިލާގަނޑާއި ހޯލުގައި ތިބި މީހުންނާ ދެމެދަށް ހުރަސް އަޅާ ފުރާޅު މާ ވަރުގައެވެ. މާ ބޮލެވެ. ހަރެވެ.

[ބަލަ ޔަހުޔާ!]

ޖެހިގެން އިން މީހަކު އުޅަނބޮށީގައި ހިފައި ތަޅުވައިގެންފައި ގޮވައިގަތް އަޑަށް ކުއްލިޔަކަށް ޔަހުޔާއަށް ހޭވެރިކަންވިއެވެ. އޭރު ޖަލްސާ ނިމިގެން އެންމެން ގައުމީ ސަލާމަށް ތެދުވަނީއެވެ. ޔަހުޔާ ދެލޯ ފޮހެގެންފައި ތެދުވެއްޖެއެވެ. ޖީނާ ވެސް ތެދުވެ ބައިވެރިވިއެވެ.

ޖަލްސާ ނިމުނީއެވެ. ސްޕެގެޓީ، ޕިއްޒާ، ސަބްމެރީން، ފެންޓާ، ޕަވަރގޯލްޑް ފަދަ ތަފާތު ރަހަތަކުން މުއްސަނދިކުރެވިފައިވާ ބިލެތް މީރުކޮށްލުމަށް އިންސާފުކޮށްލުމަށް ފަހު، ޖީނާ އަތުގައި ހިފައިގެން ޔަހުޔާ ހިނގައިގަތެވެ. އެ ނޫން ވެސް އެ ފަދަ އެތައް ބެލެނިވެރީންނަކާއި ދަރިވަރުންނެއް ފަދައިންވެ. ދެ ކާފައިންގެ ވާހަތަކުތެރޭގައި މިހާރު ޔަހުޔާ ޖީނާ ގާތު އެ އަހައިލަނީ ޖަލްސާގެ ޝަރަފުވެރި މެހުމާނު ދެއްކެވީ ކޮން ވާހަކަފުޅެއްތޯއެވެ. ޖީނާ ބުނީ ހާފް އެންޑް އަވަރ ވަންދެން ޓޯކްކުރިކަމަށެވެ. ކީއެއްޗެއް އަނެހެން އެހާ ބޮޑަށް އަންޑަސްޓޭންޑް ނުވާކަމަށެވެ. އެހެންވީމާ ހުރިހައި ކުދިން ވެސް ތިބީ ވަރަށް ނިދިއައިސްފައެވެ.

ޔަހުޔާ ހިތަށް އެރިއެވެ. އަހަންނަށް ދެންމެ މި ފެނުނު ހުވަފެނުގައި ގަނޑުފެނުގެ ޠޫފާނާއި އަހަރެމެންނާ ދެމެދުގައި އޮތް ފުރާޅަށް ވުރެ އަހަރެމެންގެ ދިވެހި ދަރީންނާއި ދިވެހި ޤައުމާ ދެމެދު އޮތް ފުރާޅު މާ ބޯ ވެއްޖެ ތާއެވެ!!!

ޔަހުޔާ އިސްކޫލާ ދިމާޔަށް އަލުން އެނބުރި ވަށައިފާރުމަތީގައި ހުރި ދިވެހި ދެތިން ދިދަޔަށް ބަލައިލިއެވެ. އިސްޖަހައިލިއެވެ. ދެން ޖީނާ ގޮވައިގެން ބަގީއަށް އަރައި ގެއާ ދިމާޔަށް ދުއްވައިލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *