...

Support Us

ކޮލަމް ކަލާވެހި: ފަތުރުވެރިކަމުގެ ދުވަހުގެ ތެރެއިން… މިވަރުން ފުއްދައިލެވެން އެބައޮތްތޯއެވެ؟

ކުރާނީ ކީއްތޯއެވެ! ދައްކަން ހުންނަ ބައެއް ކަހަލަ ވާހަކަ ވާހަކައެއްގެ ސިފައިގައި ދެއްކުމަކީ ކަށީގައި ހިފައިފައިހުރި ކަމަކަށް ވާތީ، މިފަހަރުވެސް ދަންނަވަން އޮތް އެތި މިދަންނަވަނީ ވާހަކައެއްގެ ފޭރާމެއް އޭގައި ލައްވައިފައެވެ. އެކަމަކު ދަންނަވަންތޯއެވެ؟ މިއީ ފުލޯކަކަށް ވުމަށްވުރެ ބޮޑަށް ޙަޤީޤަތަކާ ގާތުން ކަރަގޮނޑުން ދަތުރުކުރާ ނަވަކަށްވެސް ވެދާނެއެވެ. އެވަރަށް ދަންވައިފައި އެވަރުން އަދި ފުއްދައިލާނަމެވެ.

"މި ރިސޯޓަށް ޔޫރަޕުން އަންނަ މީހުންނާ ބައްދަލުކުރާ އެއަރޕޯޓު ރެޕަކަށް ކުޅަދާނަ، ހިންމަތްތެރި، ކެރޭ މީހަކު ބޭނުންވެއްޖެއެވެ. މި ކަމަށް ބޭނުންވަނީ ޢުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނެކެވެ. ވަޒީފާގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ، ފުރަތަމަ ޑިގްރީއެއް އޮތުމާއި، އިޓަލީ ބަހުންނާއި ހީބްރޫ ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުމެވެ." އިޢުލާނު އެއޮތީ ކުރުކޮށް، ފޮނިކޮށް، އެވަރުން ފުއްދައިލައިފައި، އެހެންނޫންތޯއެވެ! އެކަމަކު އެވަރުން ފުއްދައިލެވެން އެބައޮތްތޯއެވެ؟

އަޅުގަނޑަށް މި އިޢުލާނު ފެނުމާއެކު، އެ އިޢުލާނު ރަނގަޅަށް ކިޔައިލެވިއްޖެއެވެ. އަދި އެއަރޕޯޓު ރެޕުންނަކީ ރާއްޖެ އަންނަ ފަތުރުވެރީންނަށް ވައިގެބަނދަރުން މަރުޙަބާކިޔައި، އެވެރީން ދާން ހަމަޖެހިފައި އޮންނަ ތާކަށް ގެންދިޔުމުގެ ކަންކަމުގައިވެސް ރިސޯޓުގެ ފަރާތުން އުޅޭ މީހުންނަށް ކިޔައިއުޅޭ ފަރަންޖީ ނަމަކަށް ވާތީ، މިއޮތީ އަޅުގަނޑުގެ ހިތުގައި ދުވަސްކޮޅެއް ވަންދެން އޮންނަ ޝައްކެއް ޔަޤީން ކަމަކަށް ބަދަލުކޮށްލަން ލިބޭ ފުރުޞަތެކޭވެސް ހީވާން ފަށައިފިއެވެ. އަދި އެ ބުނާ ހީބްރޫ ބަހަކީ އިސްރާއީލޭ ކިޔޭ ޤައުމުގެ ރަސްމީ ބަހަށް ވާތީ… އެކަމަކު، ފަތުރުވެރިކަމަށް އައިސްގެން މިއުޅޭ ދުވަހު ބައިނަލް އަޤްވާމީ ބަސްތަކުގެ މެދުގައި އަޅުގަނޑުމެން ތަފާތުތަކެއް ގެންގުޅެގެން ހަމަ ހިލާ ނުވާނެޔޭ ހިތަށް އަރުވައިލައިފައި އެވަރުން ފުއްދައިލީއެވެ.

ކޮންމެއަކަސް، ރާއްޖޭގައި ސިވިލް ސަރވިސްގެ ވަޒީފާތަކަށް އިޢުލާންކުރާ ގިނަ ވަޒީފާތަކަށް ޢުމުރުން ފަންސަވަންނަ އަހަރު ނުވާ މީހުން އަދި ކުރިމަތިލިޔަސް، އެބުނާ ރެޕަކަށް ބޭނުންވަނީ ތިރީސް އަހަރު ނުވާ ޒުވާނެކޭ ބުނީމައި، އެޔާމެދު އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތީމެވެ. ރެޕަކަށް އުޅޭ މީހާޔަކީ ވަރަށް ޙަރަކާތްތެރިކޮށް އުޅެންޖެހޭނޭ މީހަކަށްވެސް ވާތީއެވެ. އެކަމަކު، އެ ވަޒީފާޔަށް ބޭނުންވަނީ އަންހެނެކޭ ބުނީމައި… އެކަމާވެސް އެއްޗެއް ވިދާޅުވުމާ ބޮޑަށް ގައިކޮޅާވާނީ ދެޖިންސުގެ ހަމަހަމަކަމަށް ވަކާލާތު ކުރައްވާ ބޭފުޅުންތާއޭ ހިތަށް އަރުވައިލައިފައި އެވާހަކަވެސް ބާއްވާނަމެވެ. އެކަމަކު… ފަތުރުވެރިކަމުގެ މިދުވަހު އަޅުގަނޑުމެންގެ ތެރެއިން އެވާހަކަވެސް މުޅީން ހިނދިގެން ގޮސްގެން ނުވާނެތާއޭ ހިތަށްއަރުވައިފައި އެވަރުންވެސް ފުއްދައިލީއެވެ.

އެކަމަކުވެސް އަޅުގަނޑުގެ ބޮލުގައި އެ އިޢުލާނު ހަމަ ކޮށަނީއެވެ. ބޮލަށް ތުރާވެސްވަނީއެވެ. ދެން އެހެން އެވަނީ ކީއްވެގެންތޯ ރަނގަޅަށް ވިސްނައިލީމައި، އިޢުލާނުގައި އޮތް ވަރަށް އެހެންކަހަލަ ކަމެއް އަޅުގަނޑަށް ފާހަގަވެއްޖެއެވެ. އެއީ، އިޢުލާނުގައި އޮތް "އިޓަލީ ބަހުންނާއި ހީބްރޫ ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން" މިއެވެ! އަދި އެކަން ފާހަގަވުމާއެކު އެވަރުން ފުއްދައިލެވޭކަށް ހަމަ އެއްގޮތަކަށްވެސް ނެތޭ އަޅުގަނޑުގެ ޒަމީރު އަޅުގަނޑުގާތު ބުނަންފަށައިފިއެވެ. އާދެ! އެވަރުން ދެން ފުއްދައިލެވޭކަށް ހަމަ ނެތްކަން އަޅުގަނޑަށް ވިސްނޭން ފަށައިފިއެވެ.

މިހިސާބުން އަޅުގަނޑު އެހީއަށް އެދުނީ އަޅުގަނޑުމެން އެންމެންގެ މިޒަމާނުގެ އެހީތެރިޔާ، 'ގޫގަލްބޭބޭ' ގާތުގައެވެ. ކޮމްޕިޔުޓަރު ހުޅުވައިލައިފައި، ޔޫރަޕުގައި އެންމެ ގިނަމީހުން ވާހަކަދައްކައިއުޅޭ ބަސްތަކަކީ ކޮބައިތޯ އެއް ދިމާޔަށްވުރެ ގިނަ ދިމާއިން ބަލައިލައިފީމެވެ. އެކި ފަރާތްފަރާތުން ހާމަކޮށްފައިވާ މަޢުލޫމާތު ދާދި އެއްގޮތެވެ. ޔޫރަޕުގެ އެންމެ ގިނަ މީހުން ވާހަކަދައްކައިއުޅޭ ބަސްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ، ތަރުތީބުން، ރޫސީބަހާއި، ޖަރުމަނު ބަހާއި ފަރަންސޭސި ބަހެވެ. ދެން ހުރި ބަސްތަކަށް ބަލާއިރު އެކި ފަރާތުން އެކި ގޮތަށް ތަރުތީބުކޮށްފައި ނަމަވެސް، ދެން އޮތީ އިޓަލީބަހާއި، އިނިގިރޭސިބަހާއި، އިސްޕޭނުބަހާއި، ތުރުކީބަހެވެ. އެއްވެސް ލިސްޓެއް ނިމޭ ހިސާބުގައިވެސް ހީބްރޫބަހެއް ހަމަ ނެތެވެ! ދެން އަޅުގަނޑު ހުޅުވައިލީ އަދި އެހެން ދޮރެކެވެ. އެއީ، މިދެންނެވި ބަސްތަކުން ވާހަކަދައްކައިއުޅޭ ޤައުމުގެ ތަކުގެ ތެރެއިން ރާއްޖެޔަށް ޔޫރަޕުން ފަތުރުވެރީން އަންނަ ޤައުމުތަކާއި އެ ޤައުމުތަކުގެ މައިގަނޑު ބަސްތަކަކީ ކޮބައިތޯ، ކަން އެނގޭ ޒާތުގެ މީހުން ގާތުން އަހައިލައިގެން އޮޅުންފިލުވައިލުމެވެ. ރަޝިޔާއިން ޔޫކްރޭނާ ތޮޅެމުން އެގެންދާ ތޮޅުން އެއްކިބާކޮށްލީމައި، ލިސްޓަށް ދެންވެސް އަންނަނީ ޖަރުމަނުބަހާއި، އިޓަލީބަހާއި، ފަރަންސޭސިބަހާއި، އިނގިރޭސިބަހެވެ. ފަތުރުވެރިކަމުގެ ބޮޑެތި މީހުންކުރެ ހަމަ އެކަކުވެސް ހީބްރޫބަހުގެ ނަންވެސް ނުގަނެއެވެ. އެކަމަކުވެސް އިޢުލާނުގައި އެއޮތީ "އިޓަލީ ބަހުންނާއި ހީބްރޫ ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން" އެއީ ޔޫރަޕުން އަންނަ ފަތުރުވެރީންނާ ވައިގެބަނދަރުން ބައްދަލުކުރާ ރެޕު ކަމަށް ކުރިމަތިލާ މީހުންގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި ހިމަނައިފަވެ. ހިންދީބަހުގެ މުޙާވިރާއެއްގައި ބުނެއުޅޭހެން 'މުގުއެތީގައި ކަޅުއެއްޗެއް އެބައޮތް' ކަން އެހިސާބުން އަޅުގަނޑަށް ޔަޤީންވާން ފަށައިފިއެވެ. އެހެންކަމުން، އެހިސާބުން ހިތްހަމަޖައްސައިލައިފައި ފުއްދައިލެވެން ހަމަ ނެތްކަން އަޅުގަނޑަށް ކަށަވަރުވެއްޖެއެވެ.

އިއްތިފާޤަކީވެސް ބައެއްފަހަރު ހާދަ މޮޅު އެހީތެރިޔެކެވެ. މިހެން މިދަންނަވަނީ، އިސްވެ މިދެންނެވި އިޢުލާނު އަޅުގަނޑަށް ފެނި، އެޔާމެދު ވިސްނައިލާން ޖެހުނުތާ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުންނެވެ. މިހިސާބަށް ވިދާޅުވެފައި ހުއްޓަވައިނުލައްވައި ކުރިޔަށްގެންދަވާށެވެ!

ތަނަކީ ހުޅުމާލޭގައި ހުންނަ، ވަރަށް އާދައިގެ ކެފޭއެކެވެ. އެތާ އަޅުގަނޑަށް އިނދެވުނީ ރައްޓެއްސަކު އަޅުގަނޑަށް ދިން ކޮފީ ދަޢުވަތަކަށް ޙުރުމަތްތެރިކޮށް ހިތުމުގައެވެ. އަޅުގަނޑުމެން އެތާނގައި ތިއްބައި، އެތަނަށް އައިސް އެވަނީ ޒުވާންފުރައިގެ އަންހެންކުއްޖެކެވެ. ފެންނަ ފެނުމުގައި މެޑިޓެރޭނިޔަން ކަނޑުގެ ޤައުމުތަކުން ކުރެ ޤައުމެއްގެ ކުއްޖެއްކަމަށް ފެންނަ ކުއްޖެއްމެއެވެ. އޭނާ އެތަނަށް ވަދެފައި ކޮފީއަކަށް އޯޑަރުކުރީ އިނގިރޭސިބަހުންނެވެ. އެކަމަކު… އޭނާގެ އިނގިރޭސިބަހުގައި ހިފައިފައި އެހުރި ކުލަޔަކީ، ރާގަކީ، ލެހެޖާޔަކީ، އަޅުގަނޑަށް ހީކުރެވުނު ގޮތުގައި އެ ޤައުމެއްގައި އަޅުގަނޑުގެ ހިތާއި ރޫޙުގެ އެއްބައި އަބަދުވެސް އޮންނާނޭ، އަދި އެތައް ގޮތަކުން އެ ޤައުމަށް އަޅުގަނޑު ދަރަނިވެރިވެސް ވެފައިވާ، ލުބްނާންގެ ރާގެކެވެ. އެހެންކަމާއެކު، އެ ޤައުމަށް ނިސްބަތްވާ މީހަކު އަޅުގަނޑުމެންގެ މިހިސާބުން ފެނިއްޖިއްޔާ އެމީހަކަށް މަރުޙަބާކިޔައިލައި، ބީރައްޓެހިކަން ކަނޑުވައިލުމަކީ އަޅުގަނޑު ގެންގުޅޭ އާދަޔަކަށްވެސް ވާތީ، އެ ޒުވާނާގާތަށް އަޅުގަނޑު ޖެހިލައިފީމެވެ. އަދި ލުބްނާންގެ ބަހުރުވައިން އޭނާޔަށް ދުވަހުގެ އެގަޑީގެ ސަލާމް ކޮށްލައިފީމެވެ.

އަންހެންކުއްޖާ ސިއްސައިގެން ގޮސްފައި އަޅުގަނޑާ ދިމާޔަށް ބަލައިލިއެވެ. އަދި ހިނިތުންވެލައިފައި އަޅުގަނޑަށް ޖަވާބުވެސް ދިނެވެ. ޖަވާބުދިނީ އިނގިރޭސިބަހުންނެވެ. އެކަމަކު އޭނާ އެބަހުން ބޭނުންކުރި ލަފުޒުތަކުގައިވެސް ހުރީ މެޑިޓެރޭނިއަން ކަނޑުގެ އަސަރުތައް ހިފައިފައެވެ.

"މަރުޙަބާ، އަޅުގަނޑުގެ ބޮޑުބޭބޭ! އަޅުގަނޑު މިއީ ލުބްނާން ކުއްޖެއް ނޫން. އަޅުގަނޑު މިއީ އިޒްރޭލު ކުއްޖެއް. އެކަމަކު އަޅުގަނޑު އެއްޗެއް އަހައިލަންތޯ؟ ބޮޑުބޭބެ އަޅުގަނޑަށް މަރުޙަބާ ތިޔަ ކިޔުއްވީ ލުބްނާން ބަހުން ވަރަށް އޮމާންކޮށް ކަމަށްވިޔަސް، އަދި ލުބްނާން މީހެއްގެ ލެހެޖާއިން ކަމަށް ވިޔަސް، ފެންނަ ފެނުމަށް ތިޔައީ ލުބްނާންގެ އަހުލުވެރިޔެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ… " އެ ހިސާބުން އޭނާ ހުއްޓައިލިއެވެ. އަދި ސުވާލަކުން ފުރިގެންވާ ހިނިތުންވެލުމަކާއެކު، ކޮންމެވެސް ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލިއެވެ.

"ދަރިފުޅާ، ބޭބެ މިއީ މިރާއްޖޭގެ ރައްޔިތެއް. އެކަމަކު ބޭބެ އެއްދުވަސްވަރެއްގައި އުޅުނިން ތިޔަ ހިސާބުގައިވެސް…"

އެހިސާބުން އަޅުގަނޑުމެންނާ އެކު ކޮފީއެއްގައި ބައިވެރިވާން އަޅުގަނޑުމެން އޭނާޔަށް ދަޢުވަތުދީ، އެ ދަޢުވަތު އޭނާ ޤަބޫލުކޮށް ހަދައިފިއެވެ. އަދި ދެން އެ ވޭތުވެދިޔަ ވަގުތުކޮޅު ވެގެން ދިޔައީ އަޅުގަނޑުމެންނަށްވެސް، އަދި އޭނާޔަށްވެސް އުފާވެރި ވަގުތުކޮޅަކަށްކަން އަޅުގަނޑަށް ހަމަ ޔަޤީނެވެ. އެކަމަކު އެހެން ދަންނަވައިފައި އެހިސާބުން ފުއްދައިލެވޭކަށް ނެތެވެ!

ފުއްދައިލެވެން ނެތް ސަބަބު ނުވަތަ ސަބަބުތައް ދަންނަވާނަމެވެ. އެ އަންހެންކުއްޖާޔާ އަޅުގަނޑުމެންނާ އެކީ ކޮފީބޯން އެތިބި ތިބުމުގައި އޭނާގެ ފުށުން އަޅުގަނޑަށް ލިބުނު މަޢުލޫމާތުގެ ތެރޭގައި ހިމެނޭ، މިވާހަކަޔަށް މުހިންމު ބައެއް ވާހަކަ ދަންނަވައިލާނަމެވެ. އެހިސާބުން ފުއްދަވައިލައްވާނީތޯ، ނޫންތޯ، ނިންމަވާނީ ތިޔަބޭފުޅުންނެވެ.

އަންހެންކުއްޖާޔަކީ ޢުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޢުމުރެއްގެ ކުއްޖެކެވެ. އޭނާޔަކީ އިޒްރޭލްގެ ރައްޔިތެކެވެ. އޭނާގެ މާދަރީ ބަހަކީ ހީބްރޫއެވެ. އޭނާޔަކީ އިޓަލީގެ ޔުނިވަރސިޓީޔަކުން ފާމަސިސްޓް ކަމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ކުއްޖަކަށްވާތީ، އޭނާ އިޓަލީބަހުން ވަރަށް ފަރިތަކޮށް ވާހަކަދައްކައެވެ. އަންހެންކުއްޖާ ރާއްޖެއައިސް އެ ހުރީ، ރިސޯޓެއްގެ މެނޭޖަރު ހިސާބުގައި އުޅޭ، އޭނާގެ އެހައި ސީރިޔަސް ނޫން ބޯއިފްރެންޑު އޭނާޔަށް ދިން ދަޢުވަތަކަށޯލައެވެ. އެ ދަޢުވަތަކީ، އަންހެންކުއްޖާ ފަތުރުވެރިކަމުގެ ދާއިރާގައި އަދި އެއްވެސް ކަހަލަ ވަޒީފާއެއް އެހައިތަނަށް އަދާކޮށްފައި އަދި ނެތަސް، އެއްކަލަ 'އެހައި ސީރިޔަސް ނޫން ބޯއިފްރެންޑް' މެނޭޖަރަކަށް ހުންނަ ރިސޯޓުގެ އެއަރޕޯޓް ރެޕެއްގެ ވަޒީފާއެވެ. ތަޖުރިބާ އަދި ނެތަސް،  ރެޕަކު ވަޒީފާޔަށް ނިކުންނައިރު އޭނާޔަށް ބޭނުންވާނޭ މަޢުލޫމާތާއި ތަމްރީނު ރިސޯޓުން ދުރައިލައި އޭނާޔަށް ދޭނޭކަމަށް ވެއެވެ. އެ ރިސޯޓަކީ ފަށަމުން އެތަނެއްގެ ވާހަކައިން އަޅުގަނޑު ފެށި ރިސޯޓެވެ! ދެން އެ ވީގޮތެއް ތިޔަ ބޭފުޅުންނަށް ވިސްނިވަޑައިގަތީމައި، އެހިސާބުން އަޅުގަނޑު ފުއްދައިލަން ވީތޯއެވެ؟ ނޫނެކެވެ! އަދި އައްސަވާށެވެ!

އަދި އެންމެ މުހިންމު ވާހަކަ އޮތީއެވެ. އަންހެންކުއްޖާ ރާއްޖެ އައިސް، އޭނާގެ 'އެހައި ސީރިޔަސް ނޫން ބޯއިފްރެންޑް' ހުޅުމާލޭ ގެސްޓްހައުސްއެއްގައި އޭނާ ބެހެއްޓިތާ އެހައިތަނަށް ދެ ހަފުތާ ވެއްޖެއެވެ. ވަޒީފާ އަދި ހަމަނުޖެހިގެން އުޅެނީ ހަމަޖައްސަން ޖެހޭ ރަސްމީ ކަމެއް ހަމަޖެހެން ވަގުތުކޮޅެއް ނަގާތީ ކަމަށާއި، ވަޒީފާ ކަށަވަރުކަމަށް މެނޭޖަރު ބުނާތީ އަންހެންކުއްޖާ އެހުރީ ފޮނި އިންތިޒާރެއްގައެވެ. ދިވެހިރާއްޖެކަހަލަ ތަނެއްގައި ރަނގަޅު މުސާރަޔެއްގައި ރަނގަޅު ވަޒީފާއެއް އަދާކޮށްލަން ދެތިން އަހަރު ލިބޭނޭ ކަމުގެ ޔަޤީންކަމުގައެވެ. ފަތުރުވެރިކަމުގެ ދާއިރާއިންވެސް އޭނާގެ ފަންނީ ވަރަވަރަށް ލާނޭ އެއްޗެއް ލިބޭނޭކަމުގެ އުންމީދުގައެވެ. 'އެހައި ސީރިޔަސް ނޫން ބޯއިފްރެންޑް' ހަމަ އެކަނި 'ބޯއިފްރެންޑް' އަށް ބަދަލުވާނޭކަމުގެ އިންތިޒާރުގައި ހުރީ އަންހެން ކުއްޖާ ނޫންކަމާއި، އެ އުންމީދުގައި ހުރީ މެނޭޖަރު ކަން އެއީ އަޅުގަނޑުމެންނަށް މުހިންމު ވާހަކަޔަކަށް އަދި ނުވިޔަސް، މުހިންމު ވާ އެހެން ވާހަކަޔެއް އެބައޮތެވެ. އެއީ، މިއެވެ! އެބުނާ ވަޒީފާއެއް އިޢުލާނުކުރިއިރުވެސް އަންހެންކުއްޖާ ހުރީ ރައްޖެ ގެނެސް، ހުޅުމާލޭގައި ބަހައްޓައިފައެވެ! ވަޒީފާޔަށް 'ސެޓުވެ ނިމިފަ' އެވެ. ދެން އެހިސާބުން ވާހަކަ ނިންމައިލައިފައި ފުއްދައިލާންވީތޯއެވެ؟ ހަމަ ހިލާ އެހެނެއް ނުވާނެއެވެ!

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރެވިގެން އެ ދިޔައީ އިހަށްދުވަހުއެވެ. ރާއްޖޭގެ ފަތުރުވެރިކަން އަދި އިހަށްވުރެވެސް ބޮޑަށް ކުރިއެރުވުމުގައި ކޮންމެ ދިވެއްސެއްގެ ރޯލު އޮންނަން ވާނޭކަމަށް ސިޔާސީ ބައެއް ބޭބޭފުޅުންނާއި މަހުޖަނުން  އެދުވަހު ވިދާޅުވިތޯއެވެ؟ ހީވާގި ޒުވާނުން އެ ދާއިރާގެ ވަޒީފާތަކަށް އަދި އިހަށްވުރެވެސް ގިނައިން ނިކުންނާން ވެއްޖެކަމަށް އެ ބޭބޭފުޅުން ވިދާޅުވިތޯއެވެ؟ އަދި އެފަދަ ވަޒީފާތަކަށް ބިދޭސީންނެކޭ އެއްހަމައިގައި ނުވަތަ އެއްވަރެއްގައި ދިވެހީން ވާދަކުރަން ޖެހޭނޭ ކަމަށް ޢިއްޒަތްތެރިޔަކު ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮނިޔަތުގައި ވިދާޅެއްނުވޭތޯއެވެ؟ އެހެން ވީމާ، އެހިސާބުން އަޅުގަނޑުމެން ދިވެހީންނަކަށް ފުއްދައިލެވޭކަށް ނެތް، އެހެންނޫންތޯއެވެ؟

އެބޭބޭފުޅުން އެވިދާޅުވަނީ ތެދުފުޅެކެވެ. އަޅުގަނޑުމެން ބިންބިޔާއި، ޒުވާރިޔާއި، ކަރަޔާއި ދަނޑިއަލުވި ހައްދައިގެން ބަނޑުފުރާނަމުއްތިކޮށްލާނޭ ފަޅުރަށެއް މިއަދަކު ނެތެވެ. ގަބުޅިއަޅައިލައި، ކާށި ހޮވައިލައި، ރުއްއަރައި ރާކޮށްލާނޭ ފުށި ރައްގަނޑެއްހައި ހިސާބުވެސް އަތުޖެހޭފަށަކު ނެތެވެ. ފަތުރުވެރިކަން ރާއްޖޭގައި ފެށި ޒަމާނުގައި ރަށްތައް ބަހައިލެވުނީ ގާތް ޚާއްޞުންނަށޭ ބުނެވޭ ވާހަކަ ބާއްވައިފައި، ފުރަތަމަ 20 އަހަރުގެ ބީލަމަށް ލީ ރަށްރަށްވެސް ރައްޔިތުންކުރެން ހޭވެސް އަހައިނުލައި ފުރަތަމަ ފަންސާހަކަށް އަހަރަށް، އަދި ދެން 99 އަހަރަށް ދޫކޮށް ނިންމައިފިޔޯލައެވެ. ދެން ރަށްތައް ހުސްވީމައި ބަލައިލިއިރު، އެން ދަމައިލައި، ކަޅުއޮށް ބާނައިލައި ހަދާނޭ ފަޅެއް، ތިލަޔެއްހައި ހިސާބުވެސް އަތުޖެހޭފަށަކު  ސަލާމަތަކުން ނެތެވެ. އެހުރިހައި އެއްޗެއް އެހުރީ ފަތުރުވެރިކަމަށް ތަޚްޞީޞްވެ ނިމިފައެވެ. ދެން އަޅުގަނޑުމެން އަނގަޔާ އަތާ ދިމާކުރާން ފަތުރުވެރިކަމާދިމާޔަށް އެނބުރުން ނޫން ގޮތެއް މިއަދަކު ނެތެއްވެސް ނޫންތޯއެވެ! އެނޫން މަގަކުން ފުއްދައިލެވޭނޭކަ މަގެއް މިއަދަކު ފެންނާކަށެއްވެސް ނެތެވެ.

އެކަމަކު ދިވެހީންނާ ފަތުރުވެރިކަމުގެ އެންމެ ދަށު ފަންތީގައި ގުލާނުކުރުމުގެ ވަޒީފާއެއް ނޫން ވަޒީފާޔެއްވެސް މިއަދު ޚާއްޞަ މަގަކުން ނޫނީ ވަރަށް ނެތެވެ. ފަތުރުވެރިކަމުގެ މެދު ފަންތީގެ ވަޒީފާޔަކާވެސް ދިވެހީންގެ ތެރެއިން އާދައިގެ ދަރިކޮޅެއްގެ މީހަކާ އަރައިއަރަފޯދިގެން ނުވަނީ، ކުފޫހަމަނުވަނީ، އާދައިގެ ދިވެހީންގެ ކަންނެތް ކަމުންތޯއެވެ؟ ފައިސާއިން އެކަނި ނަމަވެސް ފޯރައިގެން އުޅޭ ބައެއް މީހުން އެމީހުން ނޫން އެހެން ދިވެހީންނަށް ނިސްބަތްކުރާން ގެންގުޅޭ ނަންއިތުރު ކަމަށްވާ 'ކާމް ޗޯރް' އަށް އެމީހުން ވީމާތޯއެވެ؟ ނޫނީ، ދިވެހީން ބިދޭސީންނާ ވާދަކުރުމުގެ ކުޅިވަރުދަނޑު ބަރާބަރަށް ހަމަހަމަވެގެން ވަނީ އަޅުގަނޑު މިދެންނެވި އިޒްރޭލު އަންހެންކުއްޖާޔަށް ހެޔޮވަރަށް ހެދުން ފަހައިގެން ހަމަ އެއްވެސް ކަމެއް ނުވާނޭކަން ޔަޤީންވާ، އެއްކަލަ ބިދޭސީ 'އެހައި ސީރިޔަސް ނޫން ބޯއިފްރެންޑް' ފެންނަފެނުމުގައި ތަންފީޒީ ރެފުރީއެއް ނެތް ދަނޑަކަށް ކުޅެން އަރައި ހުއްޓައިތޯއެވެ؟ އެވަރުންވެސް ޝުކުރުކޮށްފައި ހަމަ ފުއްދައިލާންވީތޯއެވެ؟

ނޫނެކެވެ! އަދިވެސް އެއްފަހަރު ނޫނެކޭއެވެ! އަޅުގަނޑުމެން އެވަރުން ފުއްދައިލައިގެން ތިބޭކަށެއް ނުވާނެއެވެ. އަޅުގަނޑުމެންގެ ކެރޭ، ހީވާގި، މުރާލި ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާޔަށް ނިކުންނާންވީ އަޅުގަނޑުމެންގެ ސިޔާސީ ފޭރާމުގެ އެންމެހައި ފުށެއްގައި އެތިއްބެވި ބޭބޭފުޅުން ހިތްޕުޅުހެޔޮކަމާއެކު އެދެއްވާ އިރުޝާދާ އެއްގޮތަށް، ޢަޒުމަކާ އެކުގައެވެ. ޤައުމީ ނިސްބަތެއް ނެތި، ބިދޭސީންނާ ވާދަކުރާ މަގުގައި ކަމަށް ވާނަމަ، އަޅުގަނޑުމެންވެސް ޤާނޫނުގެ އިންތަކުގެ ތެރޭގައި ތިބެގެން އެ ބަސްފުޅަށް ތަރުޙީބު ދޭންވީއެވެ.  އަޅުގަނޑުމެން އެބަޔަކާ ވާދަކުރާން ޖެހޭ ބިދޭސީންނަކީވެސް ޤާނޫނުގެ އިންތަކުގެ ތެރޭގައި ތިބޭ ބައެއްކަން ކަށަވަރު ކުރަމުންނެވެ. ވަކީން ޚާއްޞަކޮށް، އިމިގްރޭޝަން ޤާނޫނަށް ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެންވެސް ދީގެންނެވެ. އަޅުގަނޑުމެން ފަތުރުވެރިކަމުގެ ވަޒީފާތަކަށް ނިކުންނަންވީ އެ ދާއިރާގެ އެންމެ މަތީ ފަންތީގެ ވަޒީފާތަކަށްވެސް އަޅުގަނޑުމެންގެ ފާސްތަކުން ވާދަކުރެވޭ ގޮތް ހެދުން ކަށަވަރުކޮށްގެންނެވެ. އެފަންތީގެ ވަޒީފާތަކުގެ ޝަރުޠުތައް ބަޔާންކޮށްފައި ނެރޭ އިޢުލާންތަކުގައި 'ދުނިޔޭގެ ފެންވަރުގެ ހޮޓެލް ޗެއިން އެއްގައި، ޔޫރަޕުގައި، މަދުވެގެން ތިން އަހަރު ވަޒީފާ އަދާކޮށްފައިވުން' މިކަހަލަ ބޭއިންސާފު ޝަރުޠުތައް ހިމެނިޔަނުދޭން ވަކާލާތުކުރަމުންނެވެ. އިޢުލާނުގައި އެހެން އޮންނަ ކޮންމެ ފަހަރަކު، ބަލަ ދިވެހީންނަށް ޔޫރަޕުން އެހައި ފަސޭހައިން ވަޒީފާ ދޭތޯއޭ ތިންއަހަރުގެ ތަޖުރިބާ ހަމަކުރަން، މިސުވާލުވެސް ފާޅުގައި ކުރަމުންނެވެ. ބަލަ މިހައިރުވެސް ހެދުން ތިފަހަނީ ބިދޭސީންނަށް އެކަނި ހެޔޮވަރުވާގޮތަށް ނޫންތޯއޭ ހަމަ ފާޅުގައި ސުވާލުކުރަމުންނެވެ. އަޅުގަނޑު މިދެންނެވި އިޒްރޭލު އަންހެންކުއްޖާގެ 'އެހައި ސީރިޔަސް ނޫން ބޯއިފްރެންޑް' ކަހަލަ  ނުރައްކާ މީހުންގެ ކިބައިން މިރާއްޖޭގެ ފަތުރުވެރިކަމާއި ރިސޯޓުތައް ސަލާމަތް ކުރަމުންމެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި ދިވެހީން އެއްގަލަކަށް އަރައި، އެއްބަޔަކަށްވެ، އިއްތިޙާދުވެގެންނެވެ. ފުއްދައިލެވޭނީ އެވަރުންނެވެ.

ދިވެހި ފަތުރުވެރިކަމަށް އަދަށްވުރެ ފެހި، ފަހި، މާދަމައެކެވެ! އެ ޢަޒުމުން އަޅުގަނޑުމެން ފުއްދައިލަމާތޯއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.