Support Us

ޝަހީދު ޑރ. އަފްރާޝީމާ ބެހޭ ބައެއް ހަނދާން- 1

ތިރީގައި މި ފާހަގަކޮށްލަނީ ޝަހީދު ޑރ. އަފްރާޝީމް ޢަލީއާ ބެހޭ ބައެއް ހަނދާންތަކެވެ. އޭނާ ޝަހީދުކޮށްލިތާ މިއަދަށް 10 އަހަރުފުރުނީއެވެ.

i. އަޅުގަނޑު އެންމެ ފުރަތަމަ އެހީ ޑރ. އަފްރާޝީމުގެ އަޑުފުޅެވެ.

ii. އެއީ 1994ވަނަ އަހަރު ދުނބުރި މިސްކިތުން ގޮވުނު ބަންގިއެއްގެ އަޑެވެ.

iii. އޭގެ ފަހުން މަޢުހަދުން ޤާރީކޯސް ފުރިހަމަކުރީ ދެމީހުން އެކުއެކީގައެވެ.

iv. ޑރ. އަފުރާޝީމަކީ މަޢުހަދުގެ ޔުނީފޯމު ދަރިވަރެކެވެ. މަޢުހަދު ނިންމެވުމަށް ފަހު، ދެން ހުންނެވީ އިސްލާމީ މަރުކަޒުގެ ބަންގިގޮވައި އިމާމުވެ، ނަމާދުކުރެއްވުމުގައެވެ.

v. ކިޔަވައިވިދާޅުވާން ފުރައިވަޑައިގަތުމުން އެ މަޤާމުގައި ދެން ހުރީ އަޅުގަނޑެވެ.

vi. ޕީއެޗްޑީ ނަންގަވައިގެން މާލެވަޑައިގަތުމުން "ތަޤުވާވެރިކަން] މި މައުޟޫޢަށް ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވައިލެއްވިދާނެތޯ ދެންނެވުމުން ވިދާޅުވީ ތައްޔާރުވެވަޑައިގަތުމަށް ދެތިން ދުވަސް ބޭނުންފުޅުވާނެކަމަށެވެ.

vii. ޑރ. އަފްރާޝީމަކީ އިބިލީސްކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިޔަކު ކަނޑައެޅުއްވި، ހަފުތާގައި ހުކުރުން ފައިބައިވަޑައިގެން ގެޔަށް ވަޑައިގަންނަވަނިކޮށް ދެ މީހަކު އައިސް ގާގަނޑަކުން ހަމަލަދީ ލޭ އޮހޮރުވިއެވެ.

viii. އެ ދުވަހު ފުލުހުންނަށް އެ ޚަބަރު ލިބިގެން ފުލުސް އޮފީހަށް ޑރ. އަފުރާޝީމު ގެންދަވައި އެކަމާބެހޭ މަޢުލޫމާތު ހޯއްދެވީ ފުލުސް މެސްރޫމުގައި އަޅުގަނޑު ވެސް އަރިހުގައި އިންދައެވެ. ތަންކޮޅެއް ބަލައިލައިގެން އުޅުއްވަންވީ ނޫންތޯއޭ ކޮމިޝަނަރ ޢަބްދުﷲ ރިޔާޟު ދެންނެވުމުން އަމިއްލަ މޭފުޅާ ދިމާއަށް އިޝާރާތްކުރައްވައިފައި ވިދާޅުވީ މި މޭގައި މި އޮންނަ އެތީގައި (ހިތުގައި) ބާރެއް ހުންނާންވާނެކަމަށެވެ. ފަހަށް ޖެހިވަޑައިނުގަންނަވާނެކަމަށެވެ.

ix. އޭގެ ދުވަސްކޮޅެއް ފަހުން ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށް މަގުމަތިން ބަޔަކު ޑރ. ގެ ކާރުކޮޅު މަޑުކުރުވައި ލޯގަނޑުތައް ތަޅައިލައި ހެދިއެވެ.

x. ފާހަގަކުރެވުނު އަނެއްކަމަކީ [ޑރ. އިބިލީހުގެ ލަގަބު] ން ނަން ކިޔެން ފެށުމާއެކު މަގުމަތިން އެހެން ގޮވުމާއި ޑރ.ގެ ކާރުކޮޅަށް ތަކުރާރުކޮށް އަރާ ހަމަލަތައް ގިނަވިކަމެވެ. ވަރަށް ގިނަ ދުވަހު ހެނދުނު ކުއްލިއްޔާގެ ކިލާސް ނިންމަވައިފައި ނުކުމެވަޑައިގަންނަވާ އިރު، ކާރުކޮޅުގެ ލޯގަނޑެއް ނުހުރެއެވެ.

xi. އޭގެ ދުވަސްކޮޅެއް ފަހުން މިސްކިތުގައި [ޤައިދުކުރެވުނެވެ.]

xii. ދިޓީވީ މެދުވެރިކޮށް ޑރ. އަފުރާޝީމާއެކީ ދީނީ ބަހުސަކަށް ވަޑައިގަތުމަށް އޭނާ ދެކެ އެ ބޭފުޅުންގެ ކޯފާ އެންމެ ބޮޑަށް ފާޅުކުރައްވާ ބޭފުޅުންނަށް ދެންނެވުނެވެ. ބަހުސަށް ވަޑައިގަތުމަށް އެބޭފުޅުން އިންކާރުކުރެއްވިއެވެ.

xiii. ޑރ. އަފުރާޝީމަކީ ޑރ. އިބިލީސް ކަމަށް ވިދާޅުވި ބޭފުޅަކު ތޮއްޑޫގައި ޤާސިމް އިބްރާހީމް އެޅުއްވި މިސްކިތެއް ހުޅުއްވާން ވަޑައިގަތެވެ. ތަޤުރީރުކުރެއްވީ [އެއްވެސް މުސްލިމަކަށް އަނެއް މުސްލިމަކާ ދިމާޔަށް ކާފަރެކޭ ނުބުނެވޭނެއެވެ.] މި މައުޟޫޢަށެވެ. ސުވާލުކުރާން ލިބުނު ފުރުޞަތުގައި މީހަކު ދެންނެވިކަމަށް ވެއެވެ. ތިޔަކަން ތިޔަހެން އޮތް އިރު، ޑރ. އަފުރާޝީމަކީ އިބިލީސްކަމަށް ވިދާޅުވީ އެއީ ދީނުގެ ކޮން ހަމަޔަކުންތޯއެވެ؟ ދެއްވި ޖަވާބެއްކަމަށް ވަނީ، އެއީ ދެން އޭރު ސިޔާސީ ގޮތުން ވިދާޅުވި އެއްޗެކެވެ.

xiv. އޯގާވަންތަ ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. ޑރ. ޝަހީދު އަފުރާޝީމުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ޖަޒާ މިންވަރުކުރައްވާށިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *