Support Us

ދަންނަ ބޭކަލުންގެ އިހުގެ ޞަފުޙާއެެއް

މ. ރީޙުއްޞަބާޙު އައްޝައިޚް އިބްރާހީމް ޙަސަންގެ ދުނިޔޭގައި އޭނާ ކިޔައިދެއްވިއެވެ. އަވަށްޓެރި ބައެއް ސަރަހައްދުތަކުން ދަންނަކަން އުނގެނިގެން ދުރުވި ބޭކަލެކެވެ. ކީރިތި ޤުރްއާން ހިތުދަހެވެ. ވިސްނުން މުރަނައެވެ. މިޒާޖު ހޫނެވެ. އުޅުން މުޖުތަމައާ ގުޅުން ކުޑައެވެ.

އެ ދުވަސްވަރުގެ ފަނޑިޔާރު މަނިކުފާނަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީއެވެ. އެ ނޫން ވެސް މިސުރުން ކިޔަވައިވިދާޅުވެގެން ތިއްބެވި ބައެއް ޢިލްމުވެރީން ތިއްބެވިއެވެ. ޚާއްޞަކޮށް ފަޟީލަތުއްޝައިޚް ޢަލީ ޙުސައިން ދީދީ ފަދަ ހަރު ބޭފުޅުންނެވެ. މި އެންމެ ބޭފުޅުންނާ މި ދެންނެވި ދަންނަކަލޭގެފާނު ހުންނަނީ މުޑިއަރައިފައެވެ. ފިސާރިޔަކަށް ދިމާކޮށްލައިފައެވެ. ޚާއްޞަކޮށް ދިވެހި ޢިލްމުވެރީންގެ ޝެހެންޝާހު ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީންގެ ޢިލްމީ މަސައްކަތްޕުޅުތަކުގައި ކޮޅުފައިން ޖަހާތީ، އެ ކަން އޮތީ އެތައް ޢިލްމުވެރީންނެއްގެ ހިތްޕުޅުގެ ވޭނަކަށް، މޭފުޅުގެ ދިލަ އުދާހަކަށް ވެފައެވެ.

މި ކަންކަން މި ޙާލެއްގައި އޮއްވައި އެއް ދުވަހަކު ދިމާވި ކަމެކެވެ. އައްޑޫ މައްސަލައިގައި ޖަލަށް ވަންނާން ޖެހުނު މީހެކެވެ. އޭރު ޙައްޖަށް ދިޔުމުގެ ނިޔަތުގައި އޭނާ ރައްކާކޮށްފައި ހުރި ފަންސަވީހަކަށް ހާސް ރުފިޔާ އޭނާ އަތުގައި ހުށްޓެވެ. ގައިމު ވެސް އެ އަށް އަމާނާތްތެރިވާނެ ތަޤުވާވެރިއަކާ އެ ހަވާލުކުރާންވެގެން، އޭނާ ޖަލަށް ވަނީ އެ ފައިސާ އެއްކަލަ ޝައިޚް ކަލޭގެފާނާ ހަވާލުކޮށްފައެވެ. ލަކުޑި ފޮށްޓަކަށް އެ ފައިސާ އަޅައި، އެކަމަކު އެ ފޮށި ތަޅުލައިފައެވެ.

ކޮންމެޔަކަސް ފައިސާގެ ވެރިފަރާތުން އެތައް އަހަރަކު ޖަލުގައި އަޒާބުގައި އުޅެފައި އައި އިރު ޝައިޚާ ހަވާލުކުރެވުނު ފޮށި ހަމަ ހުރިގޮތަށް ހުއްޓެވެ. ތަޅުލައިފައެވެ. ތަޅުދަނޑިން ހުޅުވައިލި އިރު ކަމަކުދާކަށް ނެތެވެ. ފައިސާކޮޅު ވަނީ ހުދުކާފޫރަށްވެ ބޮޑުބައެއް އާތްވަށް އަރައިގެން ގޮސްފައެވެ. މި ކަމާ ޝައިޚު ހައިރާންވެ ދެރަވަމުން ދިޔަ އިރު ފައިސާގެ ވެރިފަރާތް ކަންބޮޑުވެ ރުޅި އަންނަމުންދެއެވެ. ފޮށި އުފުލައި ބަލައިލި އިރު ފައިސާ ނަގައިފައިވަނީ ފޮށީގެ ފުލުން ފިލައެއް ނައްޓައިލައިގެންނެވެ.

ފައިސާގެވެރި ފަރާތުން ދުވެފައި އައީ ތިމަންނަ ގާތަށެވެ. އެދުނު އެދުމަށް އޭނާ ގޮވައިގެން ޖަމީލު (އުއްތަމަ ފަނޑިޔާރު މަނިކުފާނު) އަރިހަށް ދިޔައިމެވެ. ކަންވީ ގޮތް އޭނާ އަސަރާއެކު ޖަމީލަށް ދެންނެވިއެވެ.

ވިދާޅުވިއެވެ. އަނެއްކާ އަނެއް ކަންތަކެވެ. ތިޔަ ކަންކަން ސަރިޔަތަށް ލައި ނޫސްތަކުގައި ލިޔުނީމާ ވެއްޓޭނީ ދީން ކިޔަވައިގެން އުޅޭ އެންމެންގެ އަގެވެ. އެއާ އެކު ދެން ވެއްޓޭނީ ދީނުގެ އަގެވެ. މީނާ ގޮވައިގެން އަލިދީ އަރިހަށް ދާށެވެ. މި ކަން ކޮޅެއްގައި ޖައްސަވައިދެއްވާން ދަންނަވާށެވެ. އަލިދީ އަރިހަށް މި އައީ ތިމަން ފޮނުވައިގެނޭ ދަންނަވާށެވެ. އަލިދީ އަކީ ފަޟީލަތުއްޝައިޚު ޢަލީ ޙުސައިން ދީދީ އެވެ.

ކޮންމެއަކަސް ފައިސާކޮޅު ގެއްލިފައިވާ މީހާ ގޮވައިގެން އަލިދީ އަރިހަށް ދިޔައިމެވެ. ކަންވެގެން އުޅޭ ގޮތް ދަންނަވައިފައި ޖަމީލު ވިދާޅުވި އިބާރާތްކޮޅު ދެންނެވުމުން ހިނިފުޅު އައިސްފައި އަލީދީ ވިދާޅުވިއެވެ. ތިޔަ ބާވަތު ބުއްދިޔަށް ޖަމީލުމެން ނިކަން މޮޅުވާނެއެވެ.

ދެން ފައިސާއަށް ޚިޔާނާތްތެރިވި ޝައިޚު ގެންނަވައި ވާހަދެއްކެވިއެވެ. ވަރަށް ގިނަ އަދަދެއްގެ ފައިސާ އޭނާ އަތުން ހޯއްދަވައި ޙައްޤުވެރި ފަރާތަށް ދެއްވިއެވެ. ކުށްވެރިޔާ ލަދުގެން މާފަށް އެދި ﷲ އަށް ތައުބާވިއެވެ.

މި ހުރިހައި ޢިލްމުވެރީންނާއި ކަށްވަޅުގައި ތިއްބެވި ބައެއް ޢިލްމުވެރީންނަށް އެ މީހެއްގެ ދުލުން ކެނޑިނޭޅި ބަދުބަހާއި ފުރައްސާރައިގެ ވާރޭ ވެއްސަމުން ދިޔަ މީހާ ކަތިލާން ލިބުނު ފުރުޞަތުގެ ބޭނުން މި ބޭފުޅުން ހިއްޕެވި ގޮތަކީ މިއެވެ. މި ވެސް ދިވެހި ރާއްޖެ ދުށް ޢިލްމުވެރީންނެވެ. އެ ބޭފުޅުންގެ އަޚްލާޤެވެ.

ނޯޓު: ބައެެއް ޑައިލޮގު ސީދާ އަކުރުން އަކުރަށް ދިމާނުވުން އެކަށީގެންވެއެވެ. އަޑު އެހިތާ ވަރަށް ގިނަ ދުވަސްވެފައިވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *