Support Us

"ބްލޫ ރިޖް" ދެ ޓަވަރުން ނުވިކި ހުރި 33 އެޕާޓްމަންޓް ލިބޭ މުވައްޒަފުންގެ މެދުގައި ގުރުއަތުލުން ކުރިއަށްދަނީ -ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ ދެ ޓަވަރުން ނުވިކި ހުރި 33 އެޕާޓްމަންޓް ލިބޭ މުވައްޒަފުން ގުރުއަތުން ހޮވައިފި

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން ނުވިކި ހުރި 33 އެޕާޓްމަންޓް ލިބޭ މުވައްޒަފުން ގުރުއަތުން ރޭ ހޮވައިފިއެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ޖުމްލަ 360 އެޕާޓްމަންޓް ހުރި ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރީ 1+2 ގެ 16 ޔުނިޓާއި 1 ބެޑްރޫމްގެ 16 ޔުނިޓާއި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން ދޫކޮށްލުމުން ހުރި ޔުނިޓެކެވެ.

މި ޔުނިޓްތަކަށް ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން 1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތު ހަމަވާ 75 މުވައްޒަފުން ތިބިއިރު 1+2 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތު ހަމަވެފައި ވަނީ 235 މުވައްޒަފުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ޝަރުތު ހަމަވާ ޖުމްލަ 310 މުވައްޒަފުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންގެ ލިސްޓެއް 25 ސެޕްޓެމްބަރުގައި އިއުލާންކޮށް އެ މުވައްޒަފުންނަށް ދައުވަތު ދީ، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި ފަރާތަކުން ހާޒިރުވެ، އެ މުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް ލައިގެން ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯ އިން ބުނީ ނުވިކި ހުރި ޔުނިޓްތަކަށް ގުރުއަތު ނެގިއިރު، ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 މުވައްޒަފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ވަނީ ގުރުނަގައިފައި ކަމަށެވެ.

"ބްލޫ ރިޖް" ދެ ޓަވަރުން ނުވިކި ހުރި 33 އެޕާޓްމަންޓް ލިބޭ މުވައްޒަފުންގެ މެދުގައި ގުރުއަތުލުން ކުރިއަށްދަނީ -ފޮޓޯ: ސްޓެލްކޯ

"މި ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ މިރޭ ގުރުއަތުން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާ ހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާ ކަމުގައި ވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުން،" ސްޓެލްކޯ އިން ރޭ ބުންޏެވެ.

ރޭ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، ރެއަކީ އެއްބަޔަކަށް ވަރަށް އުފާވެރި ރެއެއް ކަމަށާއި، އަނެއް ބަޔަކަށް އުފާވެރި ނުވިނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދާނެ ރެއެއް ކަމަށެވެ.

"އެ ހިތްހަމަޖެހުން ލިބެނީ ދެފުށް ފެންނަ، އެއްވެސް އޮޅުވާލުމެއް ނެތި، އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގިގެންދާތީ،" ޝަރީފު ވިދާޅުވިއެވެ.

"ބްލޫ ރިޖް"ގައި ދެ ޓަވަރުގައި ހިމެނޭ 360 އެޕާޓްމަންޓްގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.