Support Us

ކޮލަމް ކަލާވެހި: ބަހާ މެދު ވިސްނާއިރު، އަޅުގަނޑުގެ ވިސްނުމުގައި ހުރި ކޮށިކަމަކުން…

މިއަދު އަޅުގަނޑު ގޭދޮށު ހަތަރުއަނގޮޅިމަތީގައި މަޑުކޮށްލައިގެން ހުރީމެވެ. އެ ހަތަރުއަނގޮޅިޔަކީ ދުވާލާއި ރޭގަނޑު ހަތަރުދަމުހެން ވަރަށް ފަޅުފިލައިފައި އޮންނަ ހަތަރުއަނގޮޅިޔެއްވެސް މެއެވެ. ދުވާލުގެ އަލިކަމާލައިގެން ވިއްޔާ އެކި ކަންކަމު އެކި ކޮޅުކޮޅަށް ދާ މީހުން އެތާ މަޑުކޮށްލާނެއެވެ. ކޮތަޅުކޮތަޅު ހިފައިގެން ދާ މީހުންނާއި، މޮޅުމޮޅު، އަގުބޮޑު އަތްދަބަސް މުލައްދަނޑީގައި އަޅުވައިލައިގެން، ތަށަށްވުރެ މަމޮޅޭ ކިޔައިލަކިޔަލައި ތިބޭ މީހުންވެސް އެ މަޝްވަރާޔައިގެން އެތާ މަޑުކޮށްލާނެއެވެ. ފިހާރަފިހާރައިން މީހުން އޯޑަރުކޮށްގެން ގެންދާ ތަކެތި، މަގުމައްޗަށް ނުލާހިކު ހުއްދަ ކުދިފުރޮޅުލީ ގާޑިޔާތަކަށް ލައިގެން ކޮއްޕަމުންދާ ބިދޭސީންވެސް އެކަކު އަނެކަކަށް ވާހަކަގޮވައިލާން މަޑުކޮށްލާނީ އެތަނުގައެވެ. ތަންފީޒީ ނަޒަރަކުން ގިނަ ފަހަރަށް ބަލާއިރު މާލޭ މަގުމަތީގައި ހަމަ އެންމެ ހުއްދަ ސިނގިރޭޓެއް ބޮއިލައި، އެ ކަހަލަ ޢަމަލު ޢަމުދުން ނުކުރާ މީހުންނަށްވެސް އޭގެ ވަސް ދައްކައިލައި ހަދާން އެއުޅޭ ޒާތުގެ މީހުންވެސް އެ ހިސާބުގައި މަޑުކޮށްލާނެއެވެ. އިސްކޯލު ނިމުނީމައި އަތުގައި ހިފައިގެން ކަފުޖަހައިގެން ގެންދާ ކުދީންގެ ހާޒިރުގައި މަގުން ދާ އެހެން މީހުންނަށް ވައިއަޑުން ފާޑުކިޔައިލައި، މަލާމާތްކޮށްލަން މަޑުކޮށްލަންވެސް އެތަން ހާދަ ރަނގަޅެވެ. ރެޔަކު އެއްފަހަރު ޑަންޑަން ލައިފައި ކޮނެ، ގަދަ އަޑުން އަންބާ ކިޔައިފައި ރެޔަކު ނަރެއް ރެޔަކު ނަރެއް ވަޅުލައިގެން ނޫނީ ހިލޭ ނުގުޅޭ ފައިބަރު ނަރު ވަޅުލުންވެސް…. އާދެ! އެތާ މަޑުކޮށްލައިފި މީހަކު ފޫހިފިލާނެއެވެ. އަޅުގަނޑުގެ ފޫހި އެގޮތަށް ނުފިލައިފިނަމަ، އަޅުގަނޑުގެ ވިސްނުން ހަމަ ކޮށީއެވެ!

އަޅުގަނޑު އެ ހިސާބުގައި މަޑުކޮށްލައިގެން ހުރީ، މިހައިރަކަށް އައިސް އަލަށް ނިކުމެގެން މިއުޅޭ ޒާތުގެ ބަހެއް އެތަނުން ކޮންމެވެސް އެއް މަގަކުން ނިކުމޭތޯ ބަލާށެވެ. މަގުގެ އެކި ހިސާބުގައި އިހަކަށްދުވަހު އިންދި މޭވާ އަޅާ ގަސްތައް އެއްރެޔަށް އިރުއޮއްސިފައި އަނެއް ދުވަހަށް އިރުއެރިއިރު ހަމަ ކުއްލިޔަކަށް ޣައިބުވުމާއެކު، ތާރާ އެހައި ބޮޑަށް ނުގުޅޭ ބޮޑެތި ގަސްގަސް މަގުގެ އެއްކޮޅުން ނަގައިގެން ކުޑަގިރިޔަށް ގެންދާތީ، ބަސް މިހައިރު އަންނަނީ އެހެން މަގަކުން ވަރަށް މަޑުމަޑުން، ދަތި ޙާލުގައެވެ. އެކަން އަޅުގަނޑަށް ވިސްނޭތީޔާވެސް އެކު، އަޅުގަނޑު ހުރީ އޭތި ފެނުނީމައިނޫނީ ބަސްހުއްޓިޔާ ދިމާނުކުރާން ކަމަށެވެ. އެހެން ނޫނަސް، ބަސްހުއްޓިޔާ ދިމައިގައި އެވަގުތު އެ ތިބީ ހިލޭ ދަތުރެއްގެ މަޖާ ޙާޞިލްކޮށްލަން ތިބި ވިސާ ނެތޭ ޒާތުގެ ބިދޭސީންކޮޅެކެވެ. ދެން އެތާނގައި އަދި އެމީހުން ނޫނަސް ކޮންމެވެސް ބަޔަކު މާ މަޖާކޮށްފައި ބިޑި ބޯތީ، އެތަނާ ވައިއެޅެންވެސް އަޅުގަނޑަށް ނުކެރުނީއެވެ. އެކަމަކު ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކަ ވަރަށް ބާރަށް ގޮވާ ޤައުމެއްގައި މަގުމަތީގައި އެންމެންގެ މޫނަށް ދުންބުރުވަން ތިބުން އެއީ އަދި ޢަމަލީ ގޮތުން އެހައި ބޮޑަށް ނުހުއްޓުވޭ ކަމެއް ކަމަށް ފެނުމަކީ އަޅުގަނޑުގެ ގޯހެކެވެ. އެއީ އަޅުގަނޑުގެ ވިސްނުން ކޮށިކަމުން ފެނުނު ފެނުމެކެވެ.

އަނހާ، މަގު ކޮޅުން ބަސް ދައްކައިލައިފިއެވެ! އަޅުގަނޑުވެސް ބަސްހުއްޓިޔާ ދިމާޔަށް ބަހައްޓައިފީމެވެ. އަދި އަޅުގަނޑަށް ފެނުނު ގޮތުގައި އެއީ ބަހަށް އަރާ ކިޔޫކަމަށް ހީކުރެވުނު ސަފަށް ވަދެއްޖައިމެވެ. ބޮޑެތި ރޯގާ ވަބާގެ ޖަރާސީމަށްވުރެ ބޮޑަށް ދުންފަތުގެ ދުމުން ސަލާމަތްވުމުގެ ބޭނުމުގައި ނަމަވެސް، އަޅައިގެން ހުރި މާސްކުވެސް މޫނަށް ހެޔޮވަރުކޮށްލައިގެންނެވެ. އެއީވެސް ވިސްނުމުގައި ހުރި ކޮށިކަމަކުން ކުރެވުނު ކަމެއް ތޯއްޗެކެވެ.

ބަސް އަރައި ހަމަވެއްޖެއެވެ. އަސްތާ! އަޅުގަނޑަށް ވަދެ އެހުރެވުނީ ބަހަށް އަރާ ކިޔޫއަކަށް ނޫނެވެ. ބައިގަނޑެއްގެ ތެރެޔަށެވެ. އެކަން އެނގުނީ ބަހުގެ ދޮރު ހުޅުވައިލީމައެވެ. އެއޮތީވާ ކަމެކެވެ. މިރާއްޖޭގެ ބައެއް ތަންތަނުގައި ބައެއްމީހުން ބުނާހިތްވާނޭ ގޮތަށް މަދުމަދުން ނަމަވެސް ފެންނަ ޒަމާނީ މިންގަނޑު ކަމަށްވާ، އެމީހަކާ އެމީހެއްގެ އުޞޫލަށް އެއޮތީ ފުރިހަމަޔަށް ބާރު ލިބިފައެވެ. ތިން ހަތަރު މީހަކު އަމާރް ބޮންދޫ އޭ ގޮވައިލި އަޑަށްވުރެ ބާރަށް މަޗާން މަޗާން އޭ ގޮވައިލިހެންވެސް ހީވިއެވެ. އެޔާ އެކީ ބަލަ އޭތްޔޭ ކަލޭމެން ހަމަޖެހިބަލާށޭ މީހަކު ބުނި އަޑު ތަންކޮޅެއް ދުރުން އިވުނުހެންވެސް ހީވިއެވެ. އަޅުގަނޑަށް ވަދެވިފައި އެ ހުރީ ކިޔޫއަކަށް ނޫންކަން އެނގުނީ އެ ހިސާބުންނެވެ. އެއީ އެ ހިސާބުގައި ކިޔޫއެއް ނެތްކަން އަޅުގަނޑަށް ވިސްނުނު ވަގުތާ، ނެތް އެއްޗަކަށް ނުވަދެވޭނޭ ކަން އެނގުނު ހިސާބުންނެވެ. އެވަޤުތު އަޅުގަނޑުގެ ހިތަށް އެރީ މިހެންނެވެ. ބަސް ދުއްވާ ކުންފުނިން ކޮންމެ ބަސްހުއްޓިއެއް ކައިރީގައި ކިޔޫ ބަލަހައްޓަން ދެތިން މީހަކު ބަހައްޓަން ވާނެއެވެ. ތަނުގެ މަޞްލަޙަތު ބަލަހައްޓަން ހަތަރުފަސް ފުލުހުންވެސް ޑިޔުޓީކުރާން ވާނެއެވެ. ޤައުމުތަކުގެ މީހުން މަސްހުނިވާ ތަންތަނުގައި މީހުންގެ އިޖުތިމާޢީ ހަމަތަކާއި ސުލޫކު ދަމަހައްޓަން ކޮންމެވެސް މުއައްސަސާއެއް ހަދައި، އެތާކުންވެސް ކަން ބަލަހައްޓަން ކޮންމެ ހުއްޓިޔަކަށް ދެތިން މީހުން ފޮނުވާން ވާނެއެވެ. އަދި އެކަންކަމަށް ޚަރަދުކޮށްފައި ދެންވެސް ހިލޭ ދަތުރު ނުކުރެވޭންވީ ކީއްވެހޭ އަޅުގަނޑު ހިތަށްއެރިއެވެ. އެކަމަކު އެއީ އެވަގުތު އަޅުގަނޑުގެ ވިސްނުން ޚާއްޞަ މަގަކުން ކޮށިވީ ދަނޑިވަޅަކަށް ވެދާނެއެވެ.

އެ ބަހަކަށް އަޅުގަނޑަކަށް ނޭރުނެވެ. އެއީ ތަނާއި ޙާލަތާއި ވަގުތާއި ކަންކުރަންވީ ގޮތް އަޅުގަނޑަށް އޮޅުނީމައި ވީ ގޮތެއް ކަމަށް އަޅުގަނޑު ބެލީމެވެ. އެއީވެސް އަޅުގަނޑުގެ ވިސްނުން ކޮށިވީމާ ވީ ގޮތެއް ކަން ޔަޤީނެވެ.

އަޅުގަނޑު އެރީ ދެން އައި ބަހުގެވެސް ފަހުން އައި ބަހަށެވެ. ނަސީބު ރަނގަޅުކަމުން އެ ބަސް އޮތީ މުޅީން ހެން ހުސްކޮށެވެ. އެކަމަކު ބަހަށް އަރައިފައި އަޅުގަނޑުމެން ކަހަލަ ދަނޑިގަނޑު ޖަހައިގެން ހިނގާ މީހުންނަށް ޚާއްޞަކޮށްފައި ހުންނަ ގޮނޑިޔަށް ބަލައިލިއިރު އެތާނގައި އިނީ ވަރަށް ތަޢުލީމުޔާފުތާ ވައްތަރު ޖަހާ، މޫނުމަތީގައި ހުރި މޭކަޕަށްވުރެ އަބުއިކަން ތަންކޮޅެއް ބޮޑަށް ފާޅުވާ، ޒުވާން އަންހެންކުއްޖެކެވެ. އެވަގުތު އަޅުގަނޑު ހިތަށްއެރީ އޭނާ ހަދާގޮތެއް ބަލައިލާށެވެ. އަދި ތި ގޮނޑި ބޭބެޔަށް ދޭންވީނޫންހޭ އަހައިފީމެވެ. އަސްތާ، އެއީވެސް އަޅުގަނޑުގެ ވިސްނުން ކޮށިކަމުން ކުރެވުނު ކަމެކެވެ.

ބަލަ ފަހަތުގައި އެހުރީވެސް ގޮނޑި ނޫންހޭ، އެތަނަށް ދާށޭ އެއަންހެންކުއްޖާ ތުން އަނބުރައިލައިފައި އަޅުގަނޑަށް ޖަވާބުދިނެވެ. އެވަގުތު، އަޅުގަނޑުވެސް އެހައި ފަސޭހައިން ގޮތްދޫނުކުރާންވެގެންނާވެސް އެކު، އެ ގޮނޑިޔާ ދިމާއިން ބަހުގެ އެތެރޭ ބިތުގައި ޖަހައިފައި ހުރި ކުރެހުމާއި އަޅުގަނޑުގެ އަތުގައި އޮތް ދަނޑިޔާ އޭނާޔަށް ދައްކައިފީމެވެ. ކުރެހުމުން ދައްކަނީ ދަނޑިޔެއް ޖަހައިގެން ހިނގާ މީހެކެވެ. އަދި ހަމަ އެޔާއެކު، އިނގިރޭސިބަހުން އެކަނި ނަމަވެސް ލިޔެފައި އޮތް، އެޔާ ގުޅޭ ލިޔުންވެސް އެ ކުއްޖާޔަށް ދައްކައިފީމެވެ. އެހިސާބުން އެކުއްޖާ އެތަނުން ތެދުވެ، ބޮޑު ޗޮކެއް ކަނޑައިފައި އެހެން ގޮނޑިޔަކަށް ބަދަލުވެއްޖެއެވެ. އެކަމަކު އަޅުގަނޑަށް އެ ހެދުނީ ހާދަހައި ބޮޑު ގޯހެކެވެ. ކުރެހުމަކުން ދައްކައިފައި އެ ހުރީ ދަނޑިޔެއް ހިފައިގެން ހުރި މީހަކަސް، ޙަޤީޤަތުގައި އެ ނިޝާން މާނަކުރާން ވާނީ އެ ގޮނޑިޔަކީ ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނަށް ޚާއްޞަކުރެވިފައި ހުންނަ ގޮނޑިޔެކޭއެވެ. އެތާ ދެން އެހުރި ލިޔުން ހުރީ އިނގިރޭސިބަހުން އެކަނި ކަމަށްވެފައި، ކުރެހުމުން ދައްކައިފައި އޮތް އެއްޗެއް ނުފެންނަ، ނުވަތަ ފެނުނަސް އޭގެ މާނަ ދޭހަނުވެ އެތާ އިށީންނަ، އެހެން މީހުންގެ ލޮލަށް ފެންނަ ފެނުމަށް ކުޅެދޭ މީހަކީ އަޅުގަނޑަށްވުރެވެސް ބޮޑަށް ބައެއް ކަހަލަ ކަންކަމަށް ނުކުޅެދޭ މީހެއްކަން އެ ދަނޑިވަޅުގައި އަޅުގަނޑަށް ނުވިސްނުނުކަމީ އަޅުގަނޑުގެ ވިސްނުމުގައި ހުރި ކޮށިކަމުން ވީ ކަމެކެވެ.

އެކަން އެހެން އެ ދިމާވީ ޙަޤީޤަތުގައި ބަސް ދުއްވާ ކުންފުނީގެ ފަރާތުން އެކަމަށް ނުވިސްނާތީއެވެ. އެކި ވައްތަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބަހަށް އަރާނޭކަން ކުންފުނިން ވިސްނައިގެން، ރަނގަޅަށް ލިޔަންކިޔަން ނުދަންނަ މީހުންނާއި، ކުރެހުންތަކުގެ މާނަ ދެނެގަތުމުގެ ޤާބިލްކަން ނެތް މީހުންނާއި، ބަސްއެހުމުގައި ކުޑަ ފަސްޖެހުމެއް ހުންނަ މީހުންނާއި، އެކަހަލަ މީސްމީހުން ރަމަތަކުރާން ކޮންމެ ބަހަކަށް އޭތި ދުއްވާނޭ މީހެއްގެ ބޭރުން އެޓެންޑެންޓަކާއި، ކޮންޑަކްޓަރަކާއި، ކުރިޔަށް މީހަކާއި، މެދަށް މީހަކާއި، ފަހަތަށް މީހަކު ލައިގެން ހިލޭ ދަތުރު ކޮށްދޭން ވާނެއެވެ. އެކަމަކު އެއީ ހާދަހައި ޚަރަދުބޮޑު ކަމަކަށް ވާނެޔޭ، އެވަރުން ފަހުންވެސް ހަތް ރުފިޔާއަށް ދަތުރެއް ނުކުރެވޭނެޔޭ ހިތަށް އެރުން އެއީ ހަމަ ގައިމުވެސް އަޅުގަނޑުގެ ވިސްނުމުގެ ކޮށިކަމެވެ.

ދަތުރު ފެށިއްޖެއެވެ. އަޅުގަނޑުވެސް ގޮނޑީގައި ހަމަ ހަމަޖެހިލިތަނާ ފަހަތުން އަޑުތަކެއް އަންނާންފެށިއެވެ. އަޅުގަނޑަށް ހީވާން ފެށީ، އިވޭން ފެށި އެ އަޑުތަކަކީ، ދިވެހީންގެ ތެރޭގައި މަދުމަދުން ނަމަވެސް އުޅޭ، އަޚުލާޤީ ވަކި މިންގަނޑަކުން ވަރަށް ވަޒަން ހެޔޮވަރުކޮށް ކިރައިލެވޭ ޒާތުގެ މީހުން ކޮށް އުޅޭ ޢަމަލެއް ކަމަށްވާ، އަނެކާޔަށް އިއްވުމުގެ އަޑުތަކެއް ކަމަށެވެ. ކޮން ދަނޑިގަނޑެއްހޭ، ކީއްކުރަން ބަހައްޓާ ގޮނޑިޔެއްހޭ، ރަނގަޅަށް ނުހިނގެންޏާ ބަހަށް ނާރައި ގޭގައި އޮންނަންވީ ނޫންހޭ، މިކަހަލަ އެއްޗިހިތަކެއް އިވުނުހެންވެސް ހީވިއެވެ. އަދި އިވުނު ދެ އަޑުގެ ތެރެއިން އެއް އަޑަކީ ދާދި ފަހުން އަޅުގަނޑުގެ ކަންފަތުގައި ޖެހުނު އަޑެކޭވެސް ހީވިއެވެ. އެކަމަކު އަޅުގަނޑު އެކަމާ އެހައި ބޮޑަކަށް ނުވިސްނަމެވެ. އެކަމަކު އެ އަޑު އިވުނުކަންވެސް އެއީ އަޅުގަނޑުގެ ވިސްނުމުގައި ހުރި ކޮށިކަމުގެ ތެރެއިން ވީ ކަމެއް ކަންވެސް ތޯއްޗެކެވެ.

އެންމެ ފުރަތަމަ މަޑުމަޑުން ހީވި ހީވުމެއް ގޮތަށް، ދެން ފަހުން ނޭފަތަކީވެސް އެހައި ބޮޑަށް ދޮގު ހަދާނޭ އެއްޗެއް ނޫންކަން ޔަޤީންވާ ވަރަށް ބަހުގެ ތެރެއިން މީރު ވަހެއް ދުވަންފަށައިފިއެވެ. އަޅުގަނޑު ފަހަތަށް އެނބުރި ބަލައިލިއިރު، އަސްތާ ކަމަކުދާކަށް ނެތެވެ. ވަރަށް ކައިރީގައި އިން މީހަކު މި އިނީ ކޮފީއަކަށް އިންސާފުކުރާށެވެ. ދަތުރުމައްޗަށް އެންމެ ފައްކާ ޒާތުގެ މަތިޖެހި މަޢުދަނީ ތަށްޓެއްގެ މަތި މިހައިރު އެ ހުރީ ނެގިފައެވެ. ނިދިޖެހިފައި އިން މީހެއްގެ ނަފްސުވެސް ރަނގަޅަށް ހޭލައްވައިލާހާ މީރު ވަހާއެކު ދުން އަރާލައަރާލައި އެހުރީ ތާޒާ ކޮފީއެވެ. އެހެންނަމަވެސް، އަޅުގަނޑުގެ ސިކުނޑިޔަށް ވެރިވާން ފެށީ އެހެން ކަހަލަ ކަންތައްތަކެކެވެ. އަޅުގަނޑުގެ އަރިމަތީގައި ފެންނަން އެހެރަ އިޢުލާނުގައި ކުރެހުމާއެކު ލިޔުމުން ވަރަށް ސާފުކޮށް ބުނެދީފައި އެ އޮތީ ބަހުގައި ކެއިންބުއިން މަނާ ކަމަށެވެ. ބައެއް މީހުންނަށް މީރު ވަސްވަހުން އަނެއްބައި މީހުން މޭނުބައިކުރުމަކީވެސް ވާ ކަމެއްކަމާއި، ރޯދަޔަށް ތިބޭ މީހުންވެސް ބަހަށްއަރާނޭ ކަމެވެ. އެކަމަކު އެކަހަލަ ޚިޔާލު އެ ކުރެވެނީ ހަމަ އަޅުގަނޑުގެ ވިސްނުމުގައި ކުޑަ ކޮށިކަމެއް އުޅޭތިއްޔޭ ހީކޮށްލައިފައި އެއްޗެއް ނުބުނަމެވެ.

އަސްތާ! ބަސް ޑަންލައިފައި މަގު މެދަށް ހުއްޓިއްޖެއެވެ. އެއްކަލަ ކޮފީތަށި އެ ހުރި ހޫނުކަމަކާއެކު ބަންޑުން ހިނގައްޖެއެވެ. ނަގައިގަތް ދިލައިން ކޮފީބޯކަލޭގެ އައްދޯއްޔޭ ކިޔައި ހަޅޭލައިގަތުމާ، ރަނގަޅަށް ފިހުނީ އޭނާގެ ކޮން ތަނެއްކަމާ މެދު އަޅުގަނޑު ވިސްނުން ހުއްޓައިލުން ވަގުތުގެ ގޮތުން ދިމާވިއެވެ. ކޮފީބޯކަލޭގެ ލައިގެން އިން ހުދުކުލައިގެ ކުރުފަޓުލޫނާއި، ޖެހިގެން އިން މީހާގެ މުންޑުވެސް އެއްކުލަޔަކަށް ބަދަލުވުމާ ދިޔައީ އެކުއެކީގައެވެ. ބަހަށް އެވަރުގެ ޚަލަލެއް އެއައީ ކީއްވެތޯ އަޅުގަނޑު ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ކުރިމަތީގައި މިއޮތީ ފިނިހަކު ރޭސް ޖަހާ ދުވަހު ގައިޑްކާރުގެ ވަޒީފާ އަދާކުރާން ކަނޑައެޅިފައި އޮތް ކާރެވެ. ނުވަތަ، ބަސް ދުއްވާތީ އެކަމާ ކަންބޮޑުވެގެން ރުޅިއަރައި، ކަންކުރާން ތިބި އިސް މީހުންނަށް ނިސްބަތްވާ ގޮތަށް ޣީބަ ބުނެ، ޖެއްސުންކުރާނަމޭ ބުނި ޒާތުގެ ވަރަށް މަދު މީހަކު ދުއްވާ ގާޅީއެކެވެ. ކުލަ ބަދަލުވި ފޭރާމާއި، ފިހުނު ތަނަކާއި، ކުރިމަތީގައި އޮތް އުޅަނދާއި، ހެސްކިޔައިފައި ބަރުގޮނު ނާޅައި ކެތްތެރިކަމާއެކު މަޑުކޮށްގެން އިން ޑުރައިވަރުގެ ނުކުޅެދުންތެރިކަމާމެދު ނުވިސްނައި ހަމަ ބަސްއަހައިގެން މަޑުން އިންނާނިއްޔޭ އަޅުގަނޑު ހިތަށްއެރީ ވިސްނުން ކުޑައިކޮށް ކޮށިކަމުން ކަމަށްވެސް ވެދާނެއެވެ. އެހެންޏާ…

އިރުކޮޅެއް ފަހުން ކުރިމަތީގައި އޮތް އުޅަނދުވެސް ފޫހިވީ ތޯއްޗެކޭ، ޖެހިގެން އޮތް ގޯޅިޔެއް އަޅައިގެން އޭތި ފިލައިފިއެވެ. ބަސްވެސް ކުރިޔަށް ދުއްވައިގެންފިއެވެ. އެކަމަކު ކުޑަ އިރުކޮޅެއް ވަންދެނެވެ. އެ ހިސާބުން ދެން އެއައީ އަޅުގަނޑުމެން ކުޑައިރު އޮލިމްޕަހުގައި ބޮޑު އިސްކިރީނު ފިލްމު އެންމެ ރަނގަޅަށް ދެއްކި ދުވަސްވަރު ފިލްމު ބަލަން ގޮސް އިންނަ އިރު އަންނަ ކަހަލަ ވަގުތުކޮޅެކެވެ. ފިލްމު މެދަށް ހުއްޓި، ޝައްމީ ކަޕޫރު ނެށުން ހުއްޓައިލައި، އިނގިރޭސިބަހުން "އިންޓަރވަލް" މިހެން އިސްކިރީނަށް އަރާ ވަގުތެވެ. ބިޑި، ސުއްޓާ، ސިނިގިރޭޓު، ކަލްކީ ބިޑި، ރަށުބިޑި، ޑޮންޑޮން، މިކަހަލަ އެއްޗިހި ބޯ މީހުން ބޭރަށް ނިކުމެލާ ވަގުތެވެ. ހޯލު ތެރޭގައިވެސް ދުފާ އެއްޗިއްސާއި ކިއްލިޔާއި މެޓާ ވިއްކާން ޔުނިފޯމު އެޅި މީހަކު ހިނގާ ވަގުތެވެ. އާދެ! ދަރުމަވަންތަ ހަސްފަތާލުގެ ކުރިމައްޗަށް ބަސް އިންޓޯލުވީއެވެ. އާދައިގައި ދިހަ މިނެޓާއި ވިހި މިނެޓާ ދެމެދުގެ އިންތިޒާރެއް ވޭތުކޮށްލުމަށްފަހު ދިގުމިން ނޭނގޭ އިންޓޯލަކަށް ބަސްހުއްޓީމައި، އަދި ޑުރައިވަރުވެސް އެއްވެސް އެއްޗެއް ނުބުނެ، އެންގުމެއް ނާންގައި ބަހުން ފޭބީމައި، އެއްކަލަ ކަހަލަ ބައެއް އަޑުން ކުޑައިކޮށް ކުދިކިޔައިލި އަޑު އަޅުގަނޑުގެ ކަންފަތުގައި ޖެހުނެވެ. ދެން އެހިސާބުން ދެތިން ހަތަރު މިނެޓެއްގެ އިންތިޒާރެއްގައި އިނދެލައިފައި ދަތުރު އަލުން ފަށާނީ ދެން ކޮން އިރަކުންކަމެއް ނޭނގޭތީ އަޅުގަނޑު ބަހުން ފައިބައިފީމެވެ. އެއްދުވަހަށް ވާވަރު ވީމައެވެ. އަދި ދަތުރު ފެށުމުގެ ކުރީން އަޅުގަނޑުގެ މިއަދުގެ މަންޒިލް މަޤްޞޫދު ކަމަށްވާ ސޯޝަލް ސެންޓަރަށް ދަނޑީގެ އެހީގައި ހިނގައިލައިފައި ދެވޭނޭ ކަމަށް ވިސްނާފައެވެ. ދަތުރު ފެށުމަށްފަހު ބަސް ދެން ހުއްޓާނީ އެތަނުގެ ކުރިމައްޗަށް ކަން އެނގޭއިރުވެސް މެއެވެ. އެކަމަކު ދަތުރު ކުރުކޮށްލައިފައި އެގޮތަށް ފޭބުނުކަންވެސް އެއީ އަޅުގަނޑުގެ ވިސްނުން ކޮށިކަމުން ވީ ގޮތެއް ކަމަށްވެސް ވެދާނެއެވެ.

ސޯޝަލް ސެންޓަރާ ދިމާޔަށް އަޅުގަނޑު ހިނގައިގަތްއިރު އަޅުގަނޑުގެ ޚިޔާލުގައި އަދިވެސް ހުރީ ބަހާ ބެހޭ ކަންތައްތަކެވެ. އެތަނުން އެއް ކަމަކީ ބަހަށް ފައިސާ ދައްކަން ޖެހުނީމައި ދެން ފެންނާނޭ މަންޒަރުތަކެވެ. މިސާލަކަށް، ނަގުދު ފައިސާއިން ބަހަށް ފައިސާދައްކަން ހަމަޖެހިއްޖެނަމަ، ފަސްސަތޭކަ ނުވަތަ ފައްސަތޭކަ ރުފިޔާގެ ނޫޓެއް ހިފައިގެން ބަހަށް އަރާ މީހާޔަށް ދެފަހަރަށް ގުނައިފައި ހަތަރުސައްތަ ތެޔާނަވައި ރުފިޔާ ނޫޓުންނާއި ފައިސާފޮތިން ހަމަޔަށް ދޭން ނަގާނޭ ވަގުތުކޮޅުގެ ތެރޭގައި ކޮއްޕާ އެރުމަށް ކުރިމަތިވާނޭ ހުރަސްތަކުގެ މަންޒަރެވެ. ނަގުދު ފައިސާއިން ލާރި ނުކެނޑޭނޭ ނަމަ، ޕާސްޕޯޓެއް އެހެން ލިޔުމެއް ވަންހައެއް ޤަބީލާއެއް ނޭނގި މިރާއްޖޭގައި ހަމަ ހަމަޖެހިލައިގެން އުޅޭ މީހުން އައިޑެންޓިޓީ ދައްކައިފައި ކާޑެއް ނެގޭނޭ ގޮތެއް ނޯންނާނޭ، އެއީ ކިހައި ދެރަ ކަމެއްހޭ ހިތަށްއެރިއެވެ. އެމީހުން އަޅުގަނޑުމެންގެ ޤާނޫނާއި ޤަވާޢިދުން ބޭރުން މިތަނަށް އައިސް އަތްގަދަކޮށްލިޔަސް، އަޅުގަނޑުމެން އެމީހުންގެ ބެލެނިވެރިކަމާ ޙަވާލުވާން ޖެހޭނެ ނޫންހޭވެސް ހިތަށް އެރިއެވެ. ދެން އޭގެ ބޭރުން ހިތަށް އަރާން އެ ފެށީ ބަހުގައި ދަތުރުކުރުމާމެދު ތަފާތު އެކި މަންސަތަކުގައި ތަފާތު ގޮތްގޮތަށް ފަރުދީ ޒިންމާގެ ވާހަކަ ދެކެވޭނޭ ކުލަގަދަ މަންޒަރުތަކެވެ. ޚިޔާލުގެ އިސްކިރީނަށް އަރާން ފެށީ، ކަންފަތަށް އިވޭންވެސް އެ ފެށީ، އެކަމާ ޤައުމީ ފެންވަރުގައި ވާނޭ އަރައިރުންތަކުގެ މަންޒަރާއި އަޑެވެ. އެކަމަކު ޚިޔާލުތައް އެހިސާބަށް ދިޔުމަކީވެސް އަޅުގަނޑުގެ ވިސްނުމުގައި ހުރި ކޮށިކަމަކުން ވީ ކަމެއްކަމަށް ހަދައިފައި ސޯޝަލް ސެންޓަރަށް އަޅުގަނޑު ވަން އިރު، ހަސްފަތާލު ކުރިމައްޗަށް މަޑުކުރި އެއްކަލަ ބަހަށްވެސް އެ ހިސާބަށް އާދެވިއްޖެއެވެ. އެހައިތަނަށް ބަހުގައި މަޑުނުކުރެވުނުކަންވެސް އެއީ އަޅުގަނޑުގެ ވިސްނުމުގެ ކޮށިކަމުން ވީ ކަމެއް ކަމަށް ވެދާނެއެވެ.

އެކަމަކު މިލިޔުން ލިޔެފައި، މި ލިޔުމަކީ ދެމާނަ އަޅައިގެން ލިޔުނު އެއްޗެކޭ ބަޔަކު އަނެއްކާ ބުނެފާނޭތީ އެކަމާ ކަންބޮޑުވެ، ދެރަވެފައި މި އިނދެވެނީވެސް ވިސްނުމުގައި ހުރި ކޮށިކަމަކުން، އެހެން ނޫންތޯއެވެ؟