Support Us

ކޮލަމް ކޯދު: ބުއްދިވެރި ބަސްކޮޅެއް

ތިރީގައި މިވަނީ ހިކުމަތްތެރި އެކި މީސްމީހުން ބުނެފައިވާ ބުއްދިވެރި ބަސްކޮޅެކެވެ.

 1. "ލޯބި ހިތުތެރޭގައި ރައްކާކޮށްފައި ބާއްވާށެވެ. ލޯބިން މަހުރޫމުވެފައިވާ ހަޔާތަކީ އެ ބަގީޗާއަށް އިރެއް ނުވާ އަދި އެކަމުގެ ސަބަބުން އެ ބަގީޗާގެ މާތައް މަރުވެފައިވާ ފަދަ ބަގީޗާއެކެވެ." (ލިޔުންތެރިޔާ އޮސްކާ ވައިލްޑް)
 2. އަހަރެން ދަތުރުކުރަމުންދާނީ މަގު ގެންދާ ތަނަކަށް ނޫނެވެ. ނަމަވެސް، އަހަރެން ދަތުރު ކުރަމުންދާނީ މަގެއް ނެތް ދިމާއަކުންނެވެ. އަދި، އަހަރެން ދާނީ، މަގެއް ކޮށައި ދޫކޮށްފައެވެ." (ޅެންވެރިޔާ މަރިޔަލް ސްޓްރޯޑް)
 3. "ކަލޭގެ ނަފްސުގެ ތެރެއިން، 'ކަލެއަކަށް ނުކުރެހޭނޭ' މިހެން ބުނާ އަޑެއް އިވިއްޖެ ނަމަ، ކުރަހާށެވެ. ދެން، އެ އަޑު ހިމޭންވާނެއެވެ." (ކުރެހުންތެރިޔާ ވިންސެންޓް ވޭން ގޯވްފް)
 4. އެދި ދަންނަވާށެވެ! އޭރުން ކަލެއަށް އެ އެއްޗެއް ލިބޭނެއެވެ. ހޯދާށެވެ! އޭރުން އެ އެއްޗެއް ކަލެއަށް ފެންނާނެއެވެ! ދޮރުގައި ޓަކިޖަހާށެވެ! އޭރުން ކަލެއަށްޓަކައި ދޮރު ހުޅުވޭނެއެވެ! (ސަލާމްލެއްވި އީސާގެފާނަށް ނިސްބަތްކުރެވޭ ބަސްފުޅެއް)
 5. "ކަލެއަށް އެކަމެއް ކުރެވޭނެ ކަމަށްވަންޏާ، އަދި އެކަމުގެ ހުވަފެން ކަލޭ ދެކޭ ކަމަށްވަންޏާ އެކަން ކުރަން ފަށާށެވެ! ކެރުމުގައި މޮޅުކަމާއި ބާރާއި ޖާދުލެއް ވެއެވެ." (ޅެންވެރިޔާ ޔޯހަން ގޯއެތު)
 6. "ވައިގެ ޚިދުމަތް ނުލިބޭ ކަމަށް ވަންޏާ، ފަލީގައި ހިފައި ފަލިޖަހަން ފަށާށެވެ!" (ލެޓިން ބަހުގެ ހަރު ބަހެއް)
 7. "ގަޑިއެއްގެ އިރުގެ އުފާވެރިކަން ބޭނުން ނަމަ، ހިނދުކޮޅަކަށް ނިދާލާށެވެ! އެއްދުވަހުގެ މުއްދަތަށް އުފާވެރިކަން ބޭނުން ނަމަ މަސް ހިފަންދާށެވެ. އެއްއަހަރުގެ މުއްދަތަށް އުފާވެރިކަން ބޭނުންނަމަ، ކަންޒެއް ފަދަ މުދާގަނޑެއް ވާރުތައިން ލިބޭތޯ ބަލާށެވެ. ނަމަވެސް، މުޅި އުމަރަށް އުފާވެރިކަން ހޯދަން ބޭނުން ނަމަ އެހެން މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ. (ޗައިނާ ބަހުގެ ހަރުބަހެއް)
 8. މިއަދުން ފެށިގެން 20 އަހަރު ދުވަސް ފާއިތުވުމުން ކަލޭ ހިތާމަކުރާނީ ކަލެއަށް ކުރެވުނު ކަންކަމާ މެދަށް ވުރެ ކަލެއަށް ނުކުރެވި ދިޔަ ކަންކަމާ މެދުގައެވެ. އެހެންވެ، ރިޔަލުގެ ވާތަށް މޮހެލައި، ރިޔަލުގައި ވައި އަޅުވާލައި، ސަލާމަތް ބަނދަރުން ފުރައިގެން ދާށެވެ! އަދި ބީރައްޓެހި ރަށްރަށަށް ގޮސް، ކަންކަން އުނގެނި ދަސްކުރާށެވެ! ކަލޭގެ ހުވަފެންތައް ހަގީގަތަކަށް ހަދާލަން އުޅޭށެވެ! ހޯދައި އެނގިގަންނާށެވެ! (ލިޔުންތެރިޔާ މާކް ޓްވެއިން)
 9. މީހާގެ ވިސްނުން ކަމެއް ކުރުމަށް ނިންމައި ކަނޑައެޅުމުން، މަޑުމަޑުން ބިރު ފިލައިގެންދާކަން ފާއިތުވި އަހަރުތައް އަހަންނަށް ދަސްކޮށްދިނެވެ. (މަދަނީ ހައްގުތައް ހޯދުމަށްޓަކައި މަސަައްކަތްކުރި ރޯޒާ ޕާކްސް)
 10. "’އަހަންނަކަށް ނޭނގެއޭ' ބުނަން ކަލޭގެ ދުލަށް ދަސްކޮށްދޭށެވެ! އޭރުން ކަލޭ ކުރިއަރާނެއެވެ." (ފަލްސަފާވެރިޔާ މައިމޮނިޑީސް)
 11. އަހަރެން ނިދައި އަހަންނަށް ހުވަފެނުން ފެނުނީ ހަޔާތަކީ ހަމަ މުޅިން ވެސް އުފާވެރިކަން ކަމުގައެވެ. އަހަންނަށް ހޭލެވުމުން އަހަންނަށް އެނގުނީ ހަޔާތަކީ ހަމަ މުޅިން ވެސް ޚިދުމަތް ކުރުން ކަމުގައެވެ. ދެން، ޚިދުމަތް ކުރުމުން އަހަންނަށް އެނގުނީ ހުރިހާ އުފަލެއް ވަނީ ޚިދުމަތްކުރުމުގައި ކަމެވެ. (ނަސާރާ ދީނާއި އަދި އަޚުލާގިއްޔާތުގެ އިލްމުވެރިޔާ ރައިންހޯލްޑް ނައިބޫރް)
 12. އިންތިޒާރުގައި ތިބޭ މީހުންނަށް ވަގުތު ފާއިތުވަނީ ވަރަށް ލަހުންނެވެ. ބިރުވެރިކަމެއްގެ ތެރޭގައިވާ މީހުންނަށް ވަގުތު ފާއިތުވާލެއް އަވަހެވެ. ހިތާމައިގައި އުޅޭ މީހުންނަށް ވަގުތުތައް ދިގުދެމިގެންދެއެވެ. އުފާކުރަމުންދާ މީހުންނަށް ވަގުތު އޮންނަނީ މަދުވެއެވެ. ނަމަވެސް ލޯބީގައި ޖެހިފައިވާ މީހުންނަށް ވަގުތަކީ ނިމުމެއް ނެތް އެއްޗެކެވެ. (ލިޔުންތެރިޔާ ހެންރީ ވޭން ޑައިކް)
 13. ކަލޭގެ ހަޔާތުގެ ކަންކަން ކަލޭގެ އަތްމައްޗަށް ލައިފި ނަމަ ވަނީ ކޮން ކަމެއް ހެއްޔެވެ؟ ވަރަށް ވެސް ގޯސް ނުރަނގަޅު ކަމެކެވެ! ބަދުނާމު ކުރާނޭ އެހެން އެކަކު ވެސް އޭރަކުން ނުހުރެއެވެ! (ލިޔުންތެރި ޅެންވެރިޔާ އެރިކާ ޖޮންގް)
 14. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ބަދަލު ނުކުރެވޭނޭ ކަންކަން ބަލައިގަތުމުގެ ނަފްސުގެ ހަމަޖެހުން މިއަޅާއަށް ދެއްވައިފާނދޭވެ! އަދި، މިއަޅާއަށް ބަދަލުކުރެވޭނޭ ކަންކަން ބަދަލުކުރުމުގެ ހިއްވަރާއި ކެރުން ވެސް މިއަޅާއަށް ދެއްވައިފާނދޭވެ! އަދި، މި ދެކަމުގެ ތަފާތު ދެނެގަތުމުގެ ހިކުމަތްތެރިކަން މިއަޅާއަށް ދެއްވައިފާނދޭވެ! (ނަސާރާ ދީނާއި އަދި އަޚުލާގިއްޔާތުގެ އިލްމުވެރިޔާ ރައިންހޯލްޑް ނައިބޫރް)
 15. ކަލޭގެ ނަފްސުގެ ތެރެއިން އުފާވެރިކަން ވާ ޖާގައެއް ހޯދާށެވެ. އޭރުން އެ އުފާވެރިކަން ނަފްސުގެ ތެރޭގައިވާ ހިތާމަ އަންދައި ނެތިކޮށްލާނެއެވެ. (ލިޔުންތެރިޔާ ޖޯސަފް ކެމްބެލް)
 16. އެކަކަށް ވެސް، ކަލޭގެ އިޒުނައާ ނުލައި، ކަލެއަކީ ދެރަ ނިކަމެތި މީހަކަށް ހަދައެއް ނުލެވޭނެއެވެ. އެހެންވެ، ކަލޭ ދެރަ ނިކަމެއްޗަކަށް ހަދާލުމުގެ އިޒުނަ އެކަކަށް ވެސް ނުދޭށެވެ! (އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ އެލީނާ ރޫސަވެލްޓް)
 17. ދުނިޔެ އޭގެ ވަށައިގެން ބުރު ޖެހުން މެދުވެރިކުރާ ކަމަކީ ލޯތްބެއް ނޫނެވެ. ނަމަވެސް، އެ ދަތުރު އުފާވެރި، ކުރުން ރަނގަޅު ދަތުރަކަށް ހަދައިދޭ އެއްޗަކީ ލޯތްބެވެ. (ނޫސްލިޔުންތެރިޔާ ފްރެންކްލިން ޖޯންސް)
 18. ބަލަމުންގެންދަންވީ ރަނގަޅު ފުރުސަތެއް ލިބޭތޯއެވެ! ރައްކާތެރި ކަމެއް ލިބޭތޯއެއް ނޫނެވެ. ބަނދަރެއްގައި އަޅާފައި އޮތް ބޯޓަކަށް ރައްކާތެރިކަން ލިބިގެންވެއެވެ. ނަމަވެސް، އެ ގޮތަށް އެ ބޯޓު އޮންނަން ވެއްޖެ ނަމަ، މާ ގިނަ ދުވަހެއް ނުވެ އޭގެ ފަށަން ފީވެ ހަލާކުވެ ހިނގައިދާނެއެވެ. (ލިޔުންތެރިޔާ ހޮރޭސް ބްރައުން ޖރ)
 19. އާ އަމާޒުފަތްގަނޑެއް ކަނޑައަޅާލަން ނޫނީ އާ ހުވެފެނެއް ދެކޭކަށް ކަލޭ ދުވަހެއްގައި ވެސް މުސްކުޅިއެއް ނުވާނެއެވެ. (ލިޔުންތެރިޔާ އަދި ނަސާރާ ދީނުގެ އިލްމުވެރިޔާ ސީ އެސް ލުވިސް)
 20. އިންސާނާގެ ހަޔާތުގެ މަގުތައް ހަނިވުން ނުވަތަ ފުޅާވުން ބިނާވެފައި އޮންނަނީ އޭނާގެ ހިއްވަރާއި ކެރުމުގެ ނިސްބަތުގެ މައްޗަށެވެ.