Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: ޔަތީމު ކުއްޖެއްގެ ހައްގަށް އަރައިގަތް ބޮޑުބޭބެއަށް ކުރިމަތިވި ދަތުރު!

މިއީ އުރުދުންގައި ހިނގައިދިޔަ ޙަޤީޤީ ހާދިސާއެއްގެ ވާހަކައެކެވެ.

މީހަކު މަރުވިއިރު އޭނާގެ ތުއްތު ފިރިހެން ދަރިޔަކާއި އަންބެއް ދުނިޔޭގައި ތިއްބެވެ. އެ ކުއްޖާގެ ބޮޑުބޭބެ އައިސް، އެކުއްޖާ ބަލައިބޮޑުކޮށް ތަރުބިއްޔަތުކުރުމާއި އަދި އެ ކުއްޖާގެ ބައްޕަ ވާރުތައިން ދޫކޮށްފައި ދިޔަ ހުރިހާ މުދަލަކާ ހަވާލުވާން ބޭނުންވާކަން ހާމަކުރިއެވެ. އެހެންކަމުން، އެ ދަރިފުޅުގެ މަންމަ އެގޮތާމެދު ރުހި ގަބޫލުވިއެވެ. އަދި، އެ މުދަލުގެ ވެރިފަރާތެކޭ އެއްފަދައިން މުދާ ބޭނުންކުރުމުގެ ހުއްދަ، ބޮޑުބޭބެއަށް ލިބިދޭކަމުގެ ޕަވަރ އޮފް އެޓާރނީއެއްގައި، އެ ކުއްޖާގެ މަންމައާއި ބޮޑުބޭބެ ސޮއިކުރިއެވެ.

އޭގެ ކުޑަދުވަސްކޮޅެއް ފަހުން، އެކުއްޖާގެ އަތުގައި ހުރި، ހުރިހާ މުދަލެއް ވިއްކާލައި ލިބުނު ހުރިހާ ފައިސާއެއް ހިފައިގެން ބޮޑުބޭބެ އެމެރިކާއަށް ހިޖުރަކުރިއެވެ. މާތްالله ގެ މަދަދާއެކު، އޭނާއަށް އެމެރިކާއިން ރަނގަޅު ވަޒީފާއަކާއި ތަނަވަސްކަން ދެއްވައި، އެމެރިކާ މީހަކާ ކައިވެނިކޮށް ދަރިންނާއި އާއިލާއެއް ބިނާކުރުމުގެ މަގު ފަހިކޮށްދެއްވިއެވެ. އަދި އޭނާގެ އަތުގައި ހުރި އެ ޔަތީމު ކުއްޖާގެ ފައިސާ، ކާރު ގަނެވިއްކުމުގެ ވިޔަފާރީގައި އިތުރަށް އިންވެސްޓް ކުރުމަށް އޭނާގެ އަންހެނުން އެހީތެރިކަމާއެކު ނިންމިއެވެ. ވިޔަފާރި ފެއްޓިތާ މާކަ ގިނަ ދުވަހެއް ނުވަނީސް، މި ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައި އޭގެން ވަރަށް ބޮޑު މުއްސަނދިކަމެއް އޭނާއަށް ލިބުނެވެ.

އެދުވަސްވަރު، އޭނާގެ ބޭބެގެ ޔަތީމު ދަރިފުޅާއި ބޭބެގެ ހުވަފަތް އަންހެނުން އުރުދުންގައި ވަރަށް ނިކަމެތިކަމާއި ފަގީރު ޙާލަތުގައި ދިރިއުޅެމުން ދިޔައެވެ. މާތްރަސްކަލާނގެ މަދަދާއި، އެ ރަށުގެ އަހުލުވެރިންގެ އެހީތެރިކަމާއެކު އަންހެން މީހާއަށް ލިބޭ ހުރިހާ އެއްޗެއް ޔަތީމު ދަރިފުޅަށް އުނގަންނައިދިނުމުގައި ހޭދަކުރިއެވެ.

ބޮޑުބޭބެ، 15 އަހަރުވަންދެން އެމެރިކާގައި ވިޔަފާރި ކުރުމަށްފަހު، އެނބުރި އުރުދުންއަށް ދާން ނިންމިއެވެ. އަދި އުރުދުންގެ އަގުބޮޑު ސަރަހައްދަކުން ބޮޑު ބިމެއް ގަނެ، އެ ބިމުގައި ބޮޑު ގަނޑުވަރެއް ފަދަ ގެއެއް ބިނާކުރިއެވެ. އަދި އޭނާގެ ކާރުގެ ވިޔަފާރި އިތުރަށް ތަރައްޤީކޮށް ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހަދައި، އޭނާގެ ވިޔަފާރީގެ ޝުހުރަތު އިތުރަށް ފުޅާކުރިއެވެ.

އޭރު، އޭނާގެ ބޭބެގެ ދަރިފުޅަކީ ބޮޑުވެ ފުރާފުރިހަމަވެފައިވާ ޒުވާނެކެވެ. މި ޒުވާނާއަށް، އޭނާގެ ބޮޑުބޭބެ އުރުދުންގައި އުޅޭކަމުގެ ޚަބަރު ލިބުމުން، ބޮޑުބޭބެއާ ބައްދަލުކުރަން އޭނާ ދިރިއުޅޭ އަގުބޮޑު ގެއަށް ދިޔައެވެ. އަދި ބޮޑުބޭބެގެ އަތުގައި ހުރި، އޭނާގެ ފައިސާ ދިނުމަށް އެދުނެވެ. އެ ވަގުތު ބޮޑުބޭބެ ވަރަށް ރުޅިއައިސްފައި އެ ޒުވާނާ އެގެއިން ނެރުނެވެ. އަދި އޭނާގެ އަތުގައި އެ ޔަތީމު ޒުވާނާގެ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ބުނެ އިންޒާރުދިނެވެ. ލިބުނު ހިތާމައާއި އަދި ހިތުގައި އަނދަމުންދިޔަ ރުޅިވެރިކަމުގެ އަލިފާނާއެކު، އެ ޒުވާނާ އެނބުރި މަންމަ ގާތަށް ގޮސް އެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެ މަންމައަށް، ދެ އަތް މައްޗަށް އުފުލައި ﷲ އަށް ދެންނެވުން ފިޔަވައި ކުރެވޭނީ، އިތުރު ވަކި ކޮންކަމެއް ހެއްޔެވެ؟ އެވަގުތު އަންހެން މީހާ ދެއަތް މައްޗަށް އުފުލައި، އޭނާގެ ފިރިމީހާގެ މުދާ އޭނާގެ ކޮއްކޮ ފޭރިގަތްކަމުގެ ޝަކުވާ ﷲ އަށް ދަންނަވައި ދުޢާކުރިއެވެ.

ބޮޑުބޭބެ، އޭނާގެ ގަނޑުވަރެއް ފަދަ ގެއަށް އެންމެ އަގުބޮޑު ފަރުނީޗަރާއި ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމަ ކުރުމަށްފަހު، އެމެރިކާގައި ތިބި އޭނާގެ އާއިލާއަށް އުރުދުންއަށް އައުމަށް އެންގިއެވެ. އަދި އޭނާގެ އާއިލާ އުރުދުންއަށް އައި ދުވަހު އެމީހުން ބަލައި، އޭނާ އަމިއްލައަށް އެއަރޕޯޓަށް ދާން ނިންމިއެވެ. ބޮޑުބޭބެ، އޭނާގެ އެންމެފަހުގެ އަގުބޮޑު ކާރުގައި އެއާޕޯޓުން އަނބިދަރިން ގެނައުމަށް ދަތުރުކުރަމުން ދިޔައިރު، އެމީހުންނަށްޓަކައި އިންތިޒާރު ކުރަމުން އަންނަ އުފާވެރި ދިރިއުޅުމާމެދު އޭނާ ދިޔައީ އުފާކުރަމުންނެވެ.

އެންމެފަހުން ކަންކަން ނިމިގެންދިޔައީ އޭނާ ތަދުބީރުކުރި ގޮތަކަށް ނޫނެވެ. އެއާޕޯޓުން ގެއަށް އެނބުރި އައި މަގުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ކުރިމަތިވިއެވެ. ބޮޑުބޭބެއާއި އަދި އެ ޢާއިލާގެ އެންމެން އެ އެކްސިޑެންޓުގައި މިފަނާވެދަނިވި ދުނިޔެ ދޫކޮށް އާޚިރަތަށް ދަތުރުކުރިއެވެ. އެންމެ އަޖާއިބުވާންޖެހޭ ކަމަކީ، ބޮޑުބޭބެގެ މިލްކިއްޔާތުގައި ހުރި، ހުރިހާ މުދަލަކާއި އަގުބޮޑުގެއާއި ހުރިހާ ފައިސާއެއް ވާރުތަކުރާން ހުރި ހަމައެކަނި ވާރިސަކީ، އެ ޔަތީމު ޒުވާނާއަށް ވީކަމެވެ.

ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. އެ ޔަތީމު ކުއްޖާގެ ފައިސާ 15 އަހަރު ވަންދެން އިންވެސްޓްކޮށް އެއިން ނަފާ އިތުރު ކުރުމަށް މާތްالله އޭނާގެ ބޮޑުބޭބެ މެދުވެރި ކުރެއްވި ގޮތާއި، އެ ފައިސާއާ މެދު އޭނާ ކަންތައް ކުރި ގޮތާއި، އަދި އެދެމައިން ވޭތުކުރި ހިތްދަތި ދުވަސްތަކަކީ، އޭގެން ޢިބުރަތްތެރި އެތައް ފިލާވަޅެއް ދިރިތިބީންނަށް ލިއްބައިދިން ހާދިސާއެކެވެ. އެއްވެސް ޙާލެއްގައި އެ ޔަތީމު ޒުވާނާގެ މުދާ ފައިދާއާއެކު އެ މުދަލުގެ ޙަޤީޤީ ވެރިފަރާތް ކަމަށްވާ، އެ ޔަތީމު ޒުވާނާއަށް އަނބުރާ ލިބޭނެގޮތް ﷲ މެދުވެރި ކުރައްވަފާނޭ ކަމެއް، އެ ބޮޑުބޭބެގެ ދަހިވެތި ސިކުނޑިއަކަށް ނުވިސްނުނެވެ.

މިއީ އަނިޔާ ލިބޭ މީހާގެ އާދޭސް، ﷲ އައްސަވައި ވޮޑިގަންނަވާ ގޮތުގެ ކުޑަކުޑަ މިސާލެކެވެ. އަނިޔާ ލިބޭ މީހާގެ ދުޢާއާއި މާތް ﷲ އާ ދެމެދު އެއްވެސް ހުރަހެއް ނުވެއެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، އަނިޔާ ލިބޭ މީހުންނާއި އަދި އަނިޔާވެރިންގެ މަތިންވެސް ހަނދުމަނެތިވެ ވޮޑިގެންވާ އިލާހެއް ނޫނެެވެ. ޔާ ﷲ! އަނިޔާވެރިންގެ އަނިޔާއިން އަޅަމެން ސަލާމަތް ކުރައްވައިފާދޭނވެ!