Support Us

އއ. އާއި އދ. އަތޮޅުގެ 14 ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވުމުގެ ރަސްމީޔާތުގެ ތެރެއިން... -ފޮޓޯ: ސްޓެލްކޯ

އއ. އާއި އދ.ގެ 14 ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވެއްޖެ

އއ. އާއި އދ. އަތޮޅުގެ 14 ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ސްޓެލްކޯއިން މިއަދު ހަވާލުވެއްޖެއެވެ.

ސްޓެލްކޯ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގައި އެ ކުންފުނިން މިއަދު ވަނީ އދ. އަތޮޅުގައި ސްޓެލްކޯއިން ހިދުމަތް ދޭ ހުރިހާ ރަށަކާއި އއ. މަތިވެރި ދާއިރާގެ ހުރިހާ ރަށެއްގެ ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ އއ.ގެ ފަސް ރަށާއި އދ.ގެ ނުވަ ރަށެވެ. މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން އެ ރަށްރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓާނީ އެ ރަށްތަކުގައި ހުރި ސްޓެލްކޯގެ ބްރާންޗުތަކުންނެވެ.

ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ސްޓެލްކޯއިން މިދިޔަ މަހު ވަނީ އއ. އަތޮޅު އުކުޅަހާއި ތޮއްޑޫ އަދި ރަސްދޫގެ މަގުބައްތިތައް ބެލެހެއްޓުމުގެ މަސައްކަތާ ވެސް ހަވާލުވެފައެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ. ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގެ އިސް ވެރިންނެވެ.

މިއަދުގެ ރަސްމީޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވަނީ، ހުރިހައި ރަށެއްގެ މަގުބައްތިތައް ރޭގަނޑު އަބަދުވެސް ދިއްލައިފައި ބެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ޝަރީފު ވިދާޅުވީ ސްޓެލްކޯގެ ސްޓޭޝަންތަކުގައި ކަމަށް ގާބިލް، ހުނަރުވެރި މުވައްޒަފުން އެބަތިބި ކަމަށާއި ދަބަރު ޖަހައި ހަލާކުވެފައި ހުރި މަގުބައްތިތައް އެ ރަށްރަށަކުން ދެން ނުފެންނާނެ ކަމަށެވެ.

އއ. އާއި އދ. އަތޮޅުގެ 14 ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ސްޓެލްކޯ

ޝަރީފު ވިދާޅުވި ގޮތުގައި މަގުބައްތިތަކަށް ކުރަންޖެހޭ ހަރަދުތައް ކުރާނީ ސްޓެލްކޯ އިން ކުރާނީ ކައުންސިލްތަކުގެ ލަފަޔާއެކުއެވެ.

ޝަރީފު ވިދާޅުވީ ސްޓެލްކޯގެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ ކ. އަދި ވ. އަތޮޅުގައި އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ރަށްތަކުގައި ވެސް އަންނަ އޮކްޓޯބަރު މަހުގެ ކުރިން މި ހިދުމަތް ފަށަން ކަމަށެވެ.

ޝަރީފު ވިދާޅުވީ އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ރަށްރަށުގެ ކައުންސިލްތަކުންނާއި އަމިއްލަ ޖަމިއްޔާތަކުން ހިންގާ އިޖްތިމާއީ ހަރަކާތްތަކުގައި ވެސް "ސްޓެލްކޯގެ ފުއްދުންތެރިކަން ހުރިވަރަކުން" ބައިވެރިވާނެ ކަމަށެވެ.

މަގުބައްތި ބަލަހައްޓަން ސްޓެލްކޯ އިން މިއަދު ހަވާލުވި ރަށްތައް

އއ. އަތޮޅު:

  1. މަތިވެރި
  2. މާޅޮސް
  3. ފެރިދޫ
  4. ހިމަންދޫ
  5. ބޮޑުފޮޅުދޫ

އދ. އަތޮޅު:

  1. އޮމަދޫ
  2. ކުނބުރުދޫ
  3. ފެންފުށި
  4. ދަނގެތި
  5. ހަންޏާމީދޫ
  6. މަހިބަދޫ
  7. ދިއްދޫ
  8. މަންދޫ
  9. ދިގުރަށް