...

Support Us

ކޮލަމް ކަލާވެހި: ހުވަފެނެއްގައި މާލޭ މަގުމަތީގައި އުޅެނިކޮށް

އިނގިރޭސީން އެހައި މަޝްހޫރުކޮށްގަނެގެން އެއުޅޭ ވިލިއަމް ޝޭކްސްޕިއަރ އަށް ވުރެވެސް ކުރީން، މީލާދީ ސަނަތުން 14ވަނަ ޤަރުނުގައި ހަމަ އެ އިނގިރޭސިވިލާތުގައި އުޅުނު ޝާއިރެއް ކަމަށްވާ ޖެފްރީ ޗޯސަރ ހެދި ޅެމެއްގައި އޮންނަ ކަމަށް ވެޔޭ، މީހުން ދައްކާ ހެއްވާ މަޖާ ވާހަކައިގެ ތެރޭގައި ވަރަށް ބޮޑެތި ޙަޤީޤަތްތައް ހުންނާތީ ތިމަންނާޔަށް ފެނެޔޭ… އެއީވެސް ދެން ވާހަކައެއް، އެހެންނޫންތޯއެވެ! އެހެންނޫނީ، އިނގިރޭސީންގެ އަދީބުންނާ އަޅުގަނޑުމެންނާ ކީކީތޯއެވެ!

މިއުޅެވެނީ ހަމަ ހުވަފެނެއްގައިކަން އެނގެނީ ހޭލެވުނީމައި ދެއްތޯއެވެ!

މާލޭ މަގުމަތީގެ ހަލަބޮލި ކާރޫބާރޫގެ ތެރެޔަށް ނިކުތްތަނާ އަރިމަތީން ކަހަލަ ގޮތަކަށް ކެހިގެން އެހެރަ އައި، ލޮނދި ހިކައެއް ކަހަލަ ޕިކަޕަކާއި، ފިރޯއްޓަށް ނުފަރިތަ ވަކަރުގޭ ކުއްޖެއްގެ އަތުޖެހުނު ގުޑިޔެއްހެން ކައްޗާދުއްވަމުން އައި ސައިކަލަކާ ނުޖެހުނީ ހަމަ ކިރިޔާއެވެ. ސަހަރޯއޭ، އަވަހަށް ކޮންމެވެސް އެހެން ގޯޅިއެއް އަތުޖެހޭތޯ ބަލަންވީތާއޭ ހިތާހިތާ ކިޔައިލެވުނުތަނާ، ފުރޭތައެއްހެން ބަރުގޮނު އަޅަމުން ފަހަތުން އަންނާން އެ ފެށި ގުންގުރޭޓުގަށާ ބޮޑުލޯރިއެއްގެ އަޑުފަށްގަނޑުގެ ސަބަބުން ބީރުވެގެން ތޯއްޗެކޭ، ބިދޭސީ ތިންހަތަރު ބަހުން އެއްފަހަރާ އެލަވައިގަތް ހަޅޭކަކުން ސިކުނޑި ހުރިތަނުން ލުހި، އޭގެ މީޓަރުން ސުމެއް ދައްކައިފިއެވެ. އެހިސާބުން ދުލާއި ގަލަމުގެ ލަގަން ކުޑައިކޮށްނަމަވެސް އަތްދޮށުން ކަހައިލައި، އަރައި އިން ސައިކަލު ޚިޔާލީ އަހަކަށް ބަދަލުވެ، އެސޮރު ސަމާސާ އަދަބުގެ މައިދާނުގެ ފަސްމަޑު ހިސާބަކަށް ސޮއްސައިލައިފިއެވެ. ދެންފަހެ ކުރިމަތީން އެ ފެންނާން ފެށީ ވިއްޔާ ވީކަމަށް، ނުވަންޏާ ނުވާކަމަށް ކިޔޭން ހުންނަ ޒާތުގެ ކަންކަމެވެ.

އެންމެ ފުރަތަމަ އަޅުގަނޑުގެ ކުރިމަތީގައި ފެންނާން އެ އޮތީ ބޮޑު މަގެއްގެ އަރިމަތީގައި ދާދި އިހަކަށްދުވަހު ދަމައިފައި އޮތް ރީނދޫކުލައިގެ ރޮނގެކެވެ. ފުރޮޅު ކެހުމުގެ ޗަރުކޭހަށްވެސް ކެތްވާވަރުގެ އަގުބޮޑު ދަވާދަކުން، ބިދޭސީ އަތެއްގެ ތެރޭގައި އޮތް ފެންވަރު މޮޅު ފިއްސަކުން ދަމައިފައި އޮތް ރޮނގެކެވެ. އޭ ބަލަ މީހުންނޭ، މިތަނުގައި ދުއްވާ އެއްޗިހި ބާއްވައިފައި ސައިބޯން ނުދާށޭ ބުނާން ދަމައިފައި އޮތް ރޮނގެކޭ ހީވާ ކަހަލަ ރޮނގެކެވެ. އެކަމަކު… އާދެ! އެކަމަކު، ރޮނގުގެ މައްޗަށް ކަނާއަތްފަރާތުގެ ދެފުރޮޅު ފިސާރި ސާބިތުކަމާއެކު އަރުވައިފައި އެތެރޭގައި މީހަކު ނެތި އެއޮތީ ވަރަށް ފަހުގެ މޮޑެލެއްގެ ވޭނެކެވެ. ވޭނުގެ ކުރީ ބިއްލޫރިގަނޑާ ދިމައިގައި، އިނގިރޭސިބަހުން ޑޭޝްބޯޑޭ ކިޔާތަނުގެ މަތީގައި ބާއްވައިލައިފައި އެއޮތީ ރާއްޖޭގައި ދިރިއުޅޭ އިނގިރޭސިބަހުގެ އަހުލުވެރީންނަށް ފަސޭހައިން ދޭހަވާ ކަހަލަ ލިޔުމެކެވެ. ނޫން! އެންމެ ލަފުޒަކާއި ނަންބަރެއް އޮތް ކަރުދާސްކޮޅެކެވެ. އެ ލަފުޒަކީ "ޑްރައިވަރ" މިއެވެ. ނަންބަރަކީ ހަތް ނަންބަރުގެ ފޯނުނަންބަރެކެވެ.

އަސްތާ، ބައެއްކަހަލަ އުޅަނދުތަކުގައި އެގޮތަށް ބާއްވައިފައި އޮންނަ ލިޔުމަކީ ވަރަށް ބާރުގަދަ ލިޔުމެކެވެ. އެހެނީ، އެ ލިޔުން އޮންނަ އުޅަނދެއް ހަމަ ކޮންމެ ފަދަ ތަނެއްގައި ބާއްވައިފައި އޮތަސް، ލިޔުމުން އެ ބުނެދެނީ ހަމަ އެންމެ އެއްޗެކެވެ. އިނގިރޭސި ބަހުން ލިޔެފައި އޮންނަ "ޑްރައިވަރ" މިލަފުޒަކީ ކުޅަދާނަ ޅެންވެރިޔެއްގެ ބަނޑުގައި އޮންނަ އެއްހާސް މާނަޔަށްވުރެވެސް ފުން، އެޔަށްވުރެވެސް ތަފްޞީލް މާނަޔެއް އެޔަށް ލިބިގެންވާ ލަފުޒެކެވެ. އެ މާނަޔަކީ މިއެވެ. "ބަލަ އަހަރެން ދުއްވާ އުޅަނދު މިއޮތީ ޤަވާޢިދާ ޚިލާފަށް ބާއްވައިފައި ކަމަށް ވިޔަސް، މި އުޅަނދުގައި އިސްޓިކާ ޖަހައި، ނުވަތަ ކަފުޖަހައިގެން ގެންގޮސް، މިކަހަލަ ކަންކަން ކުރާން އަންނަ މީހާ އިހަށް މަޑުކޮށްލާށެވެ.  ކަލޭ އިހަށް ވިސްނާލާށެވެ. އަހަރެންގެ ސާހިބުމީހާ އެއީ ކާކުކަން ކަލެޔަށް ނޭނގުނަސް…. މިބުނާ އެއްޗެއް އެނގިއްޖެ ނޫންހެވެ؟ އެހެންވީމައި، ޤާނޫނީ ގޮތުން ކުރާންޖެހޭ ކަންތައްތައް ނުކޮށް، މިނަންބަރަށް ފޯނުކޮށްފައި އުޅަނދު މިނޫންތާކަށް އަވަހަށް ގެންދަން އަހަރެންނަށް އާދޭސްކޮށްފައި އަވަހަށް ބުނާށެވެ."

ލިޔުން އަދި އެހެން އޮތަސް، ޤަވާޢިދާއި ޤާނޫނު ނަގަހައްޓާން ތިއްބަވާ ބޭފުޅުން އެކަހަލަ ކަރުދާސްކޮޅުކޮޅަށް ހެއްލިވަޑައިގެން، ޤާނޫނާއި ޤަވާޢިދުން ބައެއް ފަހަރު ނަމަވެސް ކުޑައިކޮށް އެއްކިބާވެވަޑައިގެން، އެކި ފެންވަރުގެ އެކި މީހުންގެ އުޅަނދާމެދު އެކިގޮތަށް ޢަމަލުކުރައްވާނެ ތޯއެވެ؟ ނޫނެކެވެ! އެކަމަކުވެސް… އެކަހަލަ ޑުރައިވަރުން ހާދަ ގިނައެވެ. އެމީހުން އެމީހުން ދުއްވާ އުޅަނދުތަކުގައި އެކަހަލަ ކަރުދާސްކޮޅުކޮޅު އެ ބަހައްޓަނީ އޭގެ ނަތީޖާއެއް، ތަފާތެއް، ފައިދާއެއް ޢަމުދުން ނުފެނުނަސް، އެހެންނޫންތޯއެވެ؟

އަސްތާ، ދެން އަޅުގަނޑުގެ ދެފަރާތުން އެއްފަހަރާ ކުރިއަރައިގެން އެ ދިޔައީ ޚާއްޞަ މޮޑެލެއްގެ ދެ ސައިކަލެކެވެ. ޖަޕާނު މަރުކާއެއް ޖަހައިގެން ޗައިނާގައި ހަދާ މޮޑެލެއްގެ ދެ ރޮކެޓެވެ. ދެ ސައިކަލާ އެއްހަމައެއްގައި ދުއްވައިފައި އެ ދިޔައީ އެންމެ ގަބު މީހާޔަށްވެސް އެއް ފަހަރު ފެނިއްޖިއްޔާ ހަނދާނުގައި ބަހައްޓާން ފަސޭހަވާނޭ، އެ ޢަދަދަށް ފައިސާ ދައްކައިފިއްޔާ އާދައިގެ މީހަކު ޢަދަދު ދުވަހަކުވެސް ހަނދާން ނުނެތޭނޭ ޢަދަދެއްގެ ފައިސާޔަށް ނޫނީ ނުގަނެވޭނޭ ކަހަލަ ނަންބަރެއް ޖަހައިފައި އޮތް، މަގަށް ތިރި، އަޑު ބަރު ކާރެކެވެ. ހުއްދަ އެންމެ ބާރު މިނަކީ ގަޑިޔަކު މިތަކަށް ކިލޯމީޓަރޭ ލިޔެފައި އޮންނަ ގަވައިދުފޮތަކީ ކޮންމެ މީހަކު ކިޔާން ނުޖެހޭ ފޮތެއްކަން ކަނޑައެޅިގެން ސާބިތުކޮށްދޭ ބާރުމިނެއްގައި ދިޔަ، މިދެންނެވި ދެ ސައިކަލާއި ކާރު މައިތިރިކޮށް، އޭގައި އެ ތިބޭ މީހުން މައިތިރިކުރާނޭ މީހަކު އެހާ ފަސޭހައިން އަދި ނުވިޔަސް، ދެވަންފުރައިގެ މީހަކު ކެޔޮދަޅިއަހެއްގައި ތަންކޮޅެއް ބާރަށް ހިނގައްޖިއްޔާ ހުއްޓުވާނޭ ބުނާ މީހާ އެބުނީ ރޯމަރު ބޮޑު ދޮގެކެވެ! އެހެނީ، އިސްޕީޑަކީ އިސްޕީޑެވެ. ގަވައިދަކީ ގަވައިދެވެ. ރައްޔިތު މީހާޔަކީ ރައްޔިތު މީހާއެވެ. އޭގައި ތަފާތެއް އޮވޭތޯއެވެ؟ ނޯންނާނޭކަން ކަށަވަރެވެ.

އަނހަ! ކުރިމަތީގައި އެހުރީ ފާޑެއްގެ ހެދުމެއް އަޅައިގެން އަދި ހުއްޓަކަސް ފުލުހެއް ނޫނެވެ. އޭނާ އެންމެ ބޮޑަށް ވައްތަރުވާން އެ އުޅެނީ އަލަށް ޢިމާރާތްކުރަމުންގެންދާ ކޮންމެވެސް ބިނާއެއްގައި ހިންގައިލައިފައި އުޅޭ ޒާތުގެ މަސައްކަތްތެރިޔަކާއެވެ. އެހެންނަމަވެސް، އޭނާގެ އަތްފައި އެހެރަ ހޫރާ ގޮތުންނާއި، މަގުމަތީން ދާ ކުދިބޮޑު އެންމެހައި އުޅަނދުތައް އޭނާގެ ޙަރަކާތްތަކަށް ކިޔަމަންކުރަމުން އެހެރަ ގެންދާ ގޮތުންނާއި، އެއްކޮޅަށް ދުއްވާ މަގެއްގެ ނުބައިކޮޅުން އެއްޗިހި ވަންނަންވެސް އެހެރަ އަންގާލެއް ފަރިތަކަމުން އިންސާނަކު ޙައިރާނުން ބައިނާޅިޔަށް ވުރެވެސް ގިނައިން ކައިފާނެ ތޯއްޗެކެވެ. އޭނާ އެކުރަމުން ގެންދާ މަސައްކަތުގެ ޤާނޫނީ ޞައްޙަކަމާއި ނުޞައްޙަކަމުގައި އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ އޭނާ އެމަގު އޭނާގެ ބާރުގެ ދަށަށް ގެނެސްގެން އޭނާގެ ވެރިމީހާގެ ލޯރިތަކަށް މަގުމަތި ފަސޭހަކުރަމުން އެ ގެންދަނީ ޤާނޫނާއި ޤަވާޢިދުގެ ޙުދޫދުން މުޅީން ބޭރުގައި ކަމަށް ވުމެވެ. އަނެއްގޮތަކީ، އޭނާގެ ކުންފުނީގެ މަސައްކަތް އަވަސްކުރާން ކޮންމެވެސް ފަރާތަކުން އަނގަބަހުން ނަމަވެސް ދީފައިވާ ޚާއްޞާ ހުއްދައެއްގެ ދަށުން މަގުމަތީގެ ދެންހުރި ޤަވާޢިދުތަކަށް ވަގުތީ ހުއްޓުމެއް އައިސްފައި އޮތުމެވެ. އެކަމަކު… މިދެންނެވި ދެވަނަ ގޮތަކަށް ކަންކަމެއް ނުހިނގާނެ، ދެއްތޯއެވެ؟ އެހެންވެއްޖިއްޔާ، އިސާހިތަކު އޭނާވެސް ޤާނޫނާއި ޤަވާޢިދުގެ ތަރަހައިގެ ތެރެޔަށް ގެންނާނޭ ބަޔަކު އެތަނަށް އަންނާނޭކަމަށް ހީކޮށްލައިފައި އަޅުގަނޑު ކުރިޔަށް ދުއްވައިލައިފީމެވެ.

ގަޑީގެ ގޮތުންނާވެސް އެކީގައި އަޅުގަނޑު ކުޑައިކޮށް ހައިވެލާހެން ހީވާން ފެށިއެވެ. ނޭފަތު ހިނދުރީގެ އެންމެ އެތެރޭ ދުލިން އާފަލު ވަސް ދުވާހެން ހީވާން ފެށުމާވެސް އެކު، އެންމެ ގާތުން ފެންނާން ހުރި މޭވާ ވިއްކާ ފިހާރައިގެ ކުރިމަތީގައި ހަމަ އެއްކަލަ ކަހަލަ ދަވާދުން ކުރަހައިގެން ދައްކައިފައި އޮތް، ސައިކަލު ބަހައްޓާ ތަނުގައި ސައިކަލު ބަހައްޓައިފައި އަޅުގަނޑު ފިހާރަޔަށް ވަދެއްޖައިމެވެ. އަދި ދެތިން މިނެޓު އިރުގެ ތެރޭގައި ދެ އާފަލު ހިފައިގެން ނިކުތް އިރު އަޅުގަނޑުގެ ސައިކަލު އިނީ ޖާނުން ވަރުގަދަ ދެ ފަހުލަވާނުންގެ ކިހިލީގައެވެ. އެތަނުން އެކެއްގެ ދެއަތުން ސައިކަލުގެ މަޑީގެ ދެފަރާތުގައި، އަނެއް މީހާގެ ދެއަތުން ސައިކަލުގެ ކުރީ ދެ ޝޮކުގައި ހިފައިގެން ސައިކަލު މިއޮތް ގެންދަނީއެވެ. އެއިރުވެސް މަޑީގެ ތަޅުން ކުރުކުރު ގޮވާއަޑު އިވެއެވެ. އަޅުގަނޑު އެ ނިކުތް ގޮތަށް ނިކުމެ އޭތްއޭތްޔޭ ތިއީ ގަވައިދުން ޕާކުކޮށްފައި ހުރި ސައިކަލެއްނޫންހޭ، ތި ހުރިތާ ހަމަ މިހާރު ބަހައްޓާށޭ ބުނީމާވެސް ދެ ފަހުލަވާނުން ކަހައިތަން ހިރުވައިވެސް ނުލިއެވެ. ދެން އަޅުގަނޑަށް މިތާނގައި ލިޔާން ނުކެރޭނޭ ބަހުރުވަޔަކުން، މިތާނގައި ޢަމުދުން ލިޔެގެން ނުވާނޭ ދެތިން ލަފުޒެއް އަޑަށް ބާރުލައިފައި އިއްވައިލުމުން އެ ދެމީހުންނަށް އަޅުގަނޑު ބުނާން އުޅުނު އެއްޗެއް ދޭހަވީ ކަހަލައެވެ. އެމީހުން އަޅުގަނޑަށް ޖަވާބުދިނީ، "ކަލޭ ކާކު! ބޯޝް ބުނަނީ މިތާ ޝޮއިކު ބަހައްޓަނީ ދެން ގެންދަނީ!" މިހެންނެވެ.

އަޅުގަނޑު ކުރާނީ ކީއްތޯއެވެ! މަގުމަތީގައި ދަވާދުން ކުރަހައިފައި އެހުންނަ ކުރެހުންތަކުގެ ބާރު ކަނޑުވައިލެވޭ ވަރުގެ "ބޯޝް" މެން އުޅޭ ތާކު އަޅުގަނޑު ކުރާނީ ކީއްތޯއެވެ!

ދެން އެއިވުނު ގަދަފަދަ އަޑުފަށްގަނޑަކާއެކު އަޅުގަނޑަށް… އަނހާ! ހޭލެވިއްޖެއެވެ! ހުވަފެނަކުންނެވެ. ހޭލެވުނުއިރު އަޅުގަނޑަށް މިއޮވެވުނީ ހުވަފެނުގައި ފެނުނު މަގުތަކަށްވުރެ މާ އަމާން، މާ ޞުލްޙަވެރި، މާ ހަންހާރަވެތި، މާ ލޯބިލޯބި މަގެއްގައި ނުހަނު ހިތްހެޔޮކަމާއެކު ޤާނޫނާއި ޤަވާޢިދަށް ފުރިހަމަޔަށް ކަމޭހިތައިގެން މީހުން ދުއްވައި އުޅޭ މަގެއްގައި ހުރި ގެޔެއްގެ ކޮޓަރިޔެއްގެ ތެރެޔަށެވެ. ފޯރާނުފޯރާއެއް ނުބަލައި، އެންމެންގެ ޙައްޤުތައް ނުހަނު ހަމަހަމަކަމާއެކު އެކަކު އަނެކަކަށް ރައްކާތެރިކޮށްދީގެން އުޅޭ ތާކަށެވެ. ޝުކުރުހުއްޓެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.