މީހަކާމެދު ޙަސަދަ ލިޔަކަސް، ތިޔަވަނީ ދެން ހާދަ ބޮޑުވަރު،
މީހުނޭ މިތިބީ ބަލަން! ހިންގާ "ޖަރީމާއާއި ކުޅިވަރު"
ރޭގަނޑުގެ ކަނު އަނދިރިއެއް ނޫނޭ ދުވާލުގެ މެންދުރޭ
ހޭއަރައި މުޅި މީޑިޔާ ބަލައޭ! "ކުޅޭ މުޑުދާރު" މަންޒަރު
މިލިޔަނުންނާ، ބިލިޔަނުން އެތަކެއް ބަޔަކު ކުރި ވައްކަމުން،
ކިހިނަކުންހޭ އެންމެ މީހަކު "އޮބިއެޅުން" ވެސް ލަދު ހުތުރު
ކުލަކުލައިގެ ދަބަސްދަބަހުގައި އުފުލިއެއްޗެއް ނުބެލުނީ،
"މުލު ވަގުން" އޭގައި ތިބީމާތޯ ނެތީ ބެލެވޭނެ ހިތްވަރު
ރޭވުމާ މަކަރުން ގެނެސްދޭ، ވީޑިއޯ، އަދި، އޯޑިއޯ
ރޭވުމުގެ ފޫ ނުބެދިގޮސް، އެންމެން ދެކޭ އެބަ ނުކުޅެދޭ ވަރު
"ސާދަ ސަތޭކަ އަހަރު" ކުރީ، ޒަމާނެއް ނޫން މިއަދު،
މާބޮޑަށް މީހުން ތިބީ ހޭލުންތެރިވެ އެނގިގެން މަކަރު
"ތެޔޮގުޅާ ސާދާ އަކީ، ކެއްކޭ ޚިޔާލީ ބޮޑު ފޮލާއެއް"
އެގޮތަކަށް އެކަމެއް ވެދާނެ ކަމަށް ބެލުންމީ ބުއްދިނެތް ވަރު
ގިނަ ފަހަރު ދުޝްމިނު ކަމުގެ ހުރި ހިތި ނަތީޖާ ފެންނަނީ
ފިޔަ ފަޅައިގެން އުދުހި ދާންވާ ވަގުތު ނުހުރޭ ގައިގެ ބުންވަރު
ކުލަކުލައިން ކުރަހާ ޕްލޭނާ އަދި ކުރާ ތަދްބީރުތައް،
ޤުދުރަތުން ނޫނީ އެކަން ތަންފީޒުވާން ނޯންނާނެ ކަށަވަރު



advertisment