...

Support Us

ކޮލަމް މާޒީ: ދޮގު ވާހަކަތަކުން ޚަބަރު ހަދާނަމަ ހަގީގަތް ހާމަކުރާން ޖެހެއެވެ.

މިއަދު ގިނަ ޚަބަރުތަކުގެ މަޞްދަރަކަށް ވަނީ މީހަކު ގޮވެއްޔެއްގައި (ޓްވީޓެއްގައި) ލިޔެލާ މެސެޖެކެވެ. (މި މައުޟޫޢުގައި އަޅުގަނޑު ކުރީން ވެސް ލިޔެފައިވާނެއެވެ.) ނުވަތަ ޖަލްސާއެއްގައި މީހަކު ދައްކައިލާ ވާހަކައެކެވެ. މި ގޮތަށް މީހުން ގޮވެލިތައް ގޮވަނީ ނުވަތަ ޖަލްސާއެއްގައި ހިތަށް އެރިހާ އެއްޗެއް ކިޔަނީ ކީއްވެގެން ހެއްޔެވެ؟ މަޝްހޫރުވެލާން ހެއްޔެވެ؟ ނުވަތަ ނޫސްތަކުގެ ސުރުޚީއަށް އަރާނެތީހެއްޔެވެ؟ ވެދާނެއެވެ. ނަމަވެސް އެ ކަމުގައި ފޮރުވިފައިވާ ވަރަށް ބޮޑު އެހެން ކަމެއް އެބަ އޮތެވެ. އެއީ ތާރީޚު އޮޅުވައިލުމަށް ޓަކައި ކުރާ ކަމެއްކަމަށް ބެލެވޭން އެބަ އޮތެވެ. އެންމެންނަށް އެނގޭން އޮންނަ ހަގީގަތްތަކާ ދިމާ އިދިކޮޅަށް އެއްވެސް ޖެހިލުމެއް ނެތި "ރަސްމީ ގޮތުން" ދޮގުތައް ހަދާން ކެރެނީ ކީއްވެގެން ހެއްޔެވެ؟ ތެދުފުޅެކެވެ. އެއީ ލަދުވެތިކަމުގެ ކަންފުޅެއް ވެސް ނެތީމާ ކަމަށް ވެދާނެއެވެ. ﷲއަށް ބިރުވެތި ނުވާތީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެ ބަޔެއްގެ ހަގީގީ ބޭނުމަކީ ރައްޔިތުންނަށް އޮޅުވައިލެވޭތޯ ބެލުމެވެ. ތާރީޚު އޮޅުވައިލުމެވެ. ނަމަވެސް އެކަން ކުރާން މަގު ފަހިވާ އެހެން ސަބަބެއް ވެސް އެބަ އޮތެވެ.

ގޮވެލީގައި މީހަކު ކޮންމެ ފަދަ ދޮގު ގޮވެލިފައްޗެއް ގޮވިޔަސް، ޖަލްސާއެއްގައި "މަޝްހޫރު މީހަކު" ކޮންމެ ފަދަ ދޮގެއް ހެދިޔަސް އެ ވާހަކަ އެ އޮތް ގޮތަށް، ހަގީގަތް ހާމަކުރުމެއް ނެތި ނޫސްތަކުގައި ލިޔާނެއެވެ. މިވެނި "ބޭފުޅަކު" މިވެނިހެން ވިދާޅުވެއްޖެއޭ ބުނެ އޭނާ ހެދިހާ ދޮގުތަކުގެ ތަފުޞީލުތައް ނޫސްތަކުގައި ލިޔާނެއެވެ. އެއީ ތެދެއްތޯ ދޮގެއްތޯއެއް ނުލިޔާނެއެވެ. މިސާލަކަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބޮޑު ބައެއް ހިއްކީ ތިމަން މަނިކުފާނުގެ ވަޒީރުކަމުގައޭ ވެސް ބޭފުޅަކު ވިދާޅުވާންވީއެވެ. އެއީ ވަރަށް ބޮޑު ޚަބަރަކަށް ވެގެން ނޫސްތަކުގައި ލިޔާނެއެވެ. ނަމަވެސް ހުޅުމާލެ-1 ހިއްކީ ރައީސް މައުމޫންގެ ޒަޢާމަތުގައި އޮނަރަބްލް ޢުމަރު ޒާހިރު(رحمه الله)ގެ ވަޒީރުކަމުގައި ކަމާއި، ހުޅުމާލެ-2 ހިއްކީ ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. މުޙަންމަދު މުޢިއްޒުގެ ވަޒީރުކަމުގައިކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ނޫހުގައި އެއްކަލަ ގޮވެލިފަތީން ޚަބަރު ހަދާ މީހުން އެ ވާހަކައެއް ނުލިޔާނެއެވެ. ވީމާ ތާރީޚަށް އެ ދޫކޮށްލެވެނީ ހަގީގަތާ ޚިލާފު، ފާޅުކަން ބޮޑު ދޮގެކެވެ. ނާހަގީގީ މައުލޫމާތެކެވެ.

ތަޢުލީމީ ދާއިރާއަށް އެންމެ ބޮޑު އިންގިލާބީ ބަދަލެއް ގެނައީ، ކުޅިވަރުގެ ދާއިރާއަށް ތަރައްގީގެ އެންމެ ބޮޑު އިންގިލާބެއް ގެނައީ ތިމަންނަގެ ވަޒީރުކަމުގައޭ ވެސް ބޭފުޅަކު ވިދާޅުވާންވީއެވެ. ނަމަވެސް މި ދެ ދާއިރާއަށް ވެސް ޒަމާނީ ބަދަލުތަކެއް ގެންނަވައި ރާއްޖޭގެ ކަންކޮޅުތަކަށް ނިޒާމީ ތަޢުލީމު ފެތުރުއްވީ އަދި ރޭގަނޑު ކުޅެވޭ ގޮތަށް ރަސްމީ އިސްޓޭޑިއަމްގައި ބައްތި (ލައިޓް) ހަރުކޮށް ދަނޑުތަކުގައި ފުރަތަމަ ޓާރފު އެޅުއްވީ، ރައީސް މައުމޫންގެ ރައީސްކަމުގައި ޑރ. ޒާހިރު ޙުސއިންގެ ވަޒީރުކަމުގައިކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ނޫހުގައި އެއްކަލަ ގޮވެލި ފަތީން ޚަބަރު ހަދާ މީހުން އެ ވާހަކައެއް ނުލިޔާނެއެވެ. އެ ހަގީގަތް ހާމަނުކޮށް އެ ދޮގުތައް ޚަބަރެއްގެ ގޮތަށް ފެތުރުމަކީ އެއީ ތާރީޚު އޮޅުވައިލުމަށް ޓަކައި އެހީތެރިވެދެވެނީކަމެއް ޚަބަރު ލިޔާ މީހުންނަކަށް ނުވިސްނެއެވެ.

ސިނަމާލޭ ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ބޮޑުބައެއް ނިންމީ ކޮވިޑް އައި ފަހުންނޭ ވެސް ހަމަ ބޭފުޅަކު ވިދާޅުވާންވީއެވެ. އަދި ހުޅުލޭގައި ބޮޑު ރަންވޭއެއް އަޅައި ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރު ޖައްސައި ޓެސްޓުކުރީ ވެސް ކޮވިޑްތެރޭގައޭ ވެސް ބޭފުޅަކު ވިދާޅުވާންވީއެވެ. އަދި މޫދަށް ޖައްސާ މަތީންދާބޯޓުގެ ގިމަތައަކީ އިބްރާހިމް ނާޞިރުގެ ވެރިކަމުގައި އަޅައިފައި ހުރި ތަނެކޭ ވެސް ހަމަ ލަދެއް ބިރެއް ނެތި މީހަކު ބުނެލާންވީއެވެ. އެ ވާހަކަތައް ޚަބަރުތަކުގެ ފަލަ ސުރުޚީއަށް އަރާނެއެވެ. ނަމަވެސް މި ހުރިހާ ތަނަކީ ކޮވިޑްގެ ކުރީން ރައީސް ޔާމީންގެ ޒަޢާމަތުގައި ބިނާކޮށްފައިވާ ތަންތަންކަން މި ޖީލުގެ އެންމެންނަށް ވެސް އެނގޭނއިރު ވެސް އެ ވާހަކައެއް ޚަބަރުގައި ބަޔާނެއް ނުކުރާނެއެވެ. ވީމާ އަނެއްކާ ވެސް އެއީ ތާރީޚު އޮޅުވައިލެވެނީކަމެއް އެއްވެސް މީހަކަށް ނުވިސްނެއެވެ.

ދުނިޔޭގެ ދަންނުވެރި ނޫސްވެރީން ނުވަތަ މި ދަންނުގެ ލިޔުންތެރީން ލިޔާ ޚަބަރާއި ލިޔުންތަކުގައި މީހަކު ދައްކާ އެ ފަދަ ވާހަކަތަކެއް ގެނެސްދޭނަމަ، އެ ވާހަކައެއް ލިޔުމަށް ފަހު، އޭގެ ހަގީގަތް ހަމަ އެ ލިޔުމެއްގައި ބަޔާންކުރާނެއެވެ. ކިޔުންތެރީންނަށާއި ތާރީޚަށް ހަގީގަތް ނޯޅޭނީ އޭރުންނެވެ. އެހެން ނޫންނަމަ، އަންނާން އޮތް ޖީލުތަކުގެ މެދުގައި ތާރީޚީ މި ހަގީގަތަކާމެދު ބަހުސްކުރާނެއެވެ. މިވެނި ބޭފުޅަކު މިހެން ވިދާޅުވެފައި އެބަ އޮތޭ، އެ ވާހަކަ މިވެނި ނޫސްތަކެއްގައި ބަޔާންކޮށްފައި އެބަ ހުއްޓޭ، އެއީ ދޮގެއްކަމަށް އެއްވެސް މީހަކު ލިޔެފައެއް ވެސް ނެތޭ ބުނާނެއެވެ. މިއީ އެ ކަމުގެ ހެތްކެކޭ ބުނެ މުއައްރިޚުން ލިޔުންތައް ލިޔާނެއެވެ. އަދި ހަގީގަތް އޮތް ގޮތަށް ކުރީން ހުރި މަދު ލިޔުމެއް (ރަސްމީ ލިޔުންތަކެއް) އޭރު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެ ވެސް ހިނގައިދާނެއެވެ. އޭރު ރާއްޖޭގައި އޮންނާނީ މުޅީން އާ ޖީލެކެވެ. ނަތީޖާއަކަށްވާނީ އަބަދުގެ އަބަދަށް ތާރީޚު އޮޅުމެވެ. ނުވަތަ ތާރީޚީ އިޚުތިލާފުތަކެއް އުފެދުމެމެވެ.

ދިމާއަށް ހާމައަށް ފެންނާން ހުންނަ ކަންކަމުގައި "ރަސްމީ ދޮގުތައް" ހަދާ ބަޔަކު ހަދަނީ ޢާންމުންނަށާއި ތާރީޚަށް އޮޅުވައިލުމަށް ޓަކައެވެ. މިއީ މިއަދު، މި ވެށީގައި، މި ރާއްޖޭގައި އެންމެ އާންމު އެއް ކަންތަކެވެ. ތެދުފުޅެކެވެ. ފާޅުކަން ބޮޑު ދޮގުތައް، ޖެހިލުމެއް ނެތި ހަދާން ކެރެނީ ލަދުވެތިކަމެއް އަދި ﷲއަށް ބިރުވެތިވުމެއް ނުހުންނާތީއެވެ. އެއީ އެ ދޮގު ހަދާ ބަޔެއްގެ ކަމެކެވެ. އެ ފަދަ މުންކަރާތްތައް އަތުންނާއި އަނގައިން ހުއްޓުވުމުގެ ކުޅަދާނަކަމެއް އަޅުގަނޑުމެންނަކަށް ނެތެވެ. ނަމަވެސް ޒިންމާދާރު ނޫސްވެރިކަމެއްގައި އެ ކަމުގެ ހަގީގަތް ހާމަކުރުމާއެކުގައި ނޫނީ އެ ފަދަ ދޮގު ވާހަކަތަކެއް ޚަބަރުގެ ގޮތުގައެއް ނުފަތުރާނެއެވެ. ނޫސްވެރިކަމުގެ އެންމެ މުހިންމު ދެ ސިފައަކީ ތެދުވެރިކަމާއި އަމާނާތްތެރިކަންކަން ހަނދާނުން ކެހުނަދީގެނެއް ނުވާނެއެވެ. ތެދު ހަގީގަތް ހާމަކުރާން ބޭނުން ނުވާނަމަ، ނުވަތަ ހަގީގަތް ހާމަކުރެވޭން ނެތްނަމަ، އެއްވެސް ވާހަކައެއް ނުލިޔާންވީއެވެ.

ގޮވެއްޔަކީ ޚަބަރު ހޯދާ ހަމައެކަނި ވަސީލަތަށް ނުބަލައި "ގޮވެލީން" ވެސް ޚަބަރު ހަދާންވީއެވެ. ޖަލްސާތަކުގައި މީހުން ދައްކާ ވާހަކަތަކުން ވެސް ޚަބަރު ހަދާންޖެހޭނެއެވެ. އެއީ އެއްވެސް މައްސައެއް ނޫނެވެ. އެއީ ފަހަރެއްގައި ހަމަ މުހިންމު ޚަބަރަށް ވެސް ވެދާނެއެވެ. ނަމަވެސް އެ ފަދަ ގޮވެއްޔެއްގައި ނުވަތަ ދައްކާ ވާހަކައެއްގައި ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތައް ހިމަނައިފައިވާ ނަމަ، އެ ޚަބަރެއްގައި އެ ކަމުގެ ހަގީގަތް ހާމަކުރެވޭންވާނެއެވެ. ތާރީޚަށް ތެދުވެރިވުމުގެ ގޮތުންނެވެ. ނޫސްވެރިކަމަށް އަމާނާތްތެރިވުމުގެ ގޮތުންނެވެ.