Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: މިކަމާ ވިސްނާކަށް ނުވޭބާ؟

މަތީގައިވާ ދެ ފޮޓޯއިން އެ ފެންނަނީ، ޖަންގަލީގެ ބާރުގަދަ ރަސްގެފާނު، ސިންގާ ރަސްގެފާނެވެ. މިއަދު ސިންގާ ރަސްގެފާނުގެ މޫނުފުޅުމަތިން ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. ނިކަމެތިކަމާއި ބަނޑުހައިހޫނުކަމެވެ. ބަލިކަށިކަމާއި އެކަނިވެރިކަމެވެ.

ޒަމާނާއި ވަގުތު އަހުރެމެންނަށް ބުނެދެނީ، އިއްޔެގެ ޙާލަތާއި މިއަދުގެ ޙާލަތުގެ ތަފާތެވެ. އިއްޔެ ޖަންގަލީގެ ހަމަހިމޭންކަން ނަގާލައި، ބޭނުން ޖަނަވާރެއް ޝިކާރަކޮށްގެން ކައިގެން އުޅުނު ބާރުގަދަ ސިންގާ މިއަދު އެވަނީ މުސްކުޅިވެ، ގައި ބާރުދެރަވެފައެވެ. ކާނެ އެއްޗެއް ނުލިބޭތާ ވީ ދުވަހެއް ނޭނގެއެވެ. އެހެންކަމުން، އެ ބާރުގަދަ ހަށިގަނޑު މިއަދު އެވަނީ ހައިހޫނުކަމުގެ ސަބަބުން ހިކި އަނަރޫފަވެ، މިލައި މޯޅިވެ، ކަށިގަނޑަކަށް ބަދަލުވެފައެވެ.

މިއަދަކު، އެއްވެސް ޖަނަވާރެއް ފަހަތުންދުވެ، އަތުލައިގަންނާނެހައި ހިތްވަރެއް އަދި އާރެއް ބާރެއް އެ ހަށިގަނޑަކު ނެތެވެ. މިއަދު އެހީއަކަށް އެދި ގޮވައިލާނީވެސް ވަކި ކާކަށް ހެއްޔެވެ؟ މިއަދު އެހީއަކަށް އެދި ގޮވުންވެސް ވާނީ މަރަށް ދެވޭ ދަޢުވަތަކަށެވެ. އެހެނީ، ކުރިން އެ އަޑުގައި ހުރި ބިރުވެރިކަމާއި ހައިބަވެތިކަމެއް، މިއަދު އެ އަޑުގައި ނެތެވެ. ކަށަވަރުންވެސް، ވަލުކުއްތާތަކަށް އެ އަޑު އިވިއްޖެނަމަ، ދިރިއޮތްވައި، ނޮޅައި ކައި ހުސް ކޮށްލާނެއެވެ.

އެންމެފަހުން، އާޚިރުގައި ކަން ހިނގަނީވެސް އެ މަގުންނެވެ. އެހެންޏާ، ދިރި އޮއްވައި ނުވަތަ ކާނެ އެއްޗެއް ނުލިބިގެން ބަނޑަށް މަރުވުމުން، ޖަންގަލީގެ ރަސްގެފާނު، ވަލުކުއްތާތަކުގެ ޝިކާރައަކަށްވެ ނެތި ފަނާވެގެންދަނީއެވެ.

މިއީ ހަމައެކަނި ސިންގާއަށް ދިމާވާ ޙާލަތެއް ނޫނެވެ. ކޮންމެ މަޚުލޫޤަށްވެސް މި ދުވަސް އަންނާނެއެވެ. އާރާއި ބާރަކީ ތިބާގެ އަތުގައި ތާއަބަދަށް ދެމިއޮންނާނެ އެއްޗެއް ކަމަށް ހީނުކުރާށެވެ. މިއަދު ބާރު އޮތީ ތިބާގެ އަތުގައެވެ. މާދަމާ އޮންނާނީ ކޮންމެވެސް އެހެން މީހެއްގެ އަތުގައެވެ. ތިބާއަށް ބާރު ދެއްވި ފަރާތުން، ތިބާ އެ ބާރު ބޭނުންކުރާ ގޮތް ނުބައްލަވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ މިއަދު ތިބާގެ އަތުގައިވާ ބާރު ބޭނުންކޮށްގެން މީހުންނަށް އަނިޔާކޮށްފައި ފިލަންދާނޭ އެހެން ބިމެއް ނުވަތަ އެހެން އުޑެއް، ވާކަމަށް ހީކުރަނީ ހެއްޔެވެ؟ މިއަދު ތިބާ ތިޔަ ބޭނުންކުރާ ބާރު، މާދަމާ ތިބާއާ ދެކޮޅަށް ބޭނުން ކުރެވޭނެކަން ހަނދާން ނައްތައިނުލާށެވެ. ކިތަންމެ ބާރުގަދަވެފައި، ކިތަންމެ ބިރުވެރިކަމެއް އަޑުގައި ހުއްޓަސް، ހުރިހާ އާރަކާއި ބާރެއް ނެތިގެންދާނެ ދުވަހެއް އަންނާނެއެވެ.

ވެރިކަމާއި އާރާއި ބާރު ރިވެތިކަމާއި، މުދަލާއި ފައިސާއާއި ޞިއްޙަތާއި ދުޅަހެޔޮކަމަކީ ތާއަބަދު އެއްވެސް މީހަކާ އެކުގައި ވާނެ އެއްޗިއްސެއް ނޫނެވެ.

ކީރިތި ޤުރުއާނުގެ الرّحمٰن ސޫރަތުގެ 26 އަދި 27 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. كُلُّ مَنْ عَلَيْهَا فَان. وَيَبْقَى وَجْهُ رَبِّكَ ذُو الْجَلالِ وَالإكْرَامِ. މާނައީ: އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރި، ރަސްކަލާނގެ ޒާތުފުޅު ދެމިވޮޑިގެންވެއެވެ.