...

Support Us

ކޮލަމް ކަލާވެހި: ތޫނުފިލި ކުދީން ޓީޗަރުންނަށް…

މިއީ އަނެއްކާވެސް އެއް ދިމާޔަށްވުރެ ގިނަ ދިމާއިން އަޅުގަނޑަށް އަހަން މަޖުބޫރުވެއްޖެ އަޑެކެވެ. ތޫނުފިލި ކުދީންނަށް އެންމެ ރަނގަޅު ވަޒީފާޔަކީ ޓީޗަރުކަމޭއެވެ. އެހެންވީމައި، ބަސްއަހާ ކުދީންނާއި ހެޔޮލަފާ ކުދީންނާއި ރަނގަޅު ކުދީންގެ ތެރެއިންވެސް ކިޔެވުމަށް ރަނގަޅު، ލޯހުޅުވޭ، ތޫނުފިލި ކުދީން ވާން ވާނީ ޓީޗަރުންނަށޭއެވެ. މުދައްރިސުންނަށާއި މުދައްރިސާއިންނަށޭއެވެ. އެދުރުންނަށޭއެވެ. އަދި ހަމަ އެ ޙައިޘިއްޔަތުން، ޤައުމުދެކެ ލޯބިވާ، ޚިދުމަތްތެރި، މުވާޠިތުންނަށޭއެވެ.

ކިޔަވާވިދާޅުވެގެން ތިއްބެވި ޤަދަރުވެރި، ޚިދުމަތްތެރި، ޢިއްޒަތްތެރި ނާޞިޙުންނާއި ނާޞިޙާއިން އެހެން އެ ވިދާޅުވަނީ އެބޭބޭފުޅުންގެ ހިތްޕުޅުގެ އެންމެ އިޚުލާޞްތެރި ޢުމުޤުންނޭ އެބަ ވިދާޅުވެއެވެ. ޚުދު އެބޭބޭފުޅުން އެ ތިއްބެވީ އުސްތާޛުންނާއި އުސްޛާއިންގެ މަޤާމުތައް ފުރުއްވަން ކަމަށް އަދި ނުވިޔަސް ވެހެވެ!

ދިވެހިބަހުގެ ހަރުބަހެއްގައި އޮންނަ ފަދައިން، ބުނާ މީހަކަށް ނުބަލައި، ބުނާ އެއްޗަކަށް ބެލުމަކީވެސް ދުވަސްވީ ނަސޭހަތެއް، އެހެންނޫންތޯއެވެ! ސިޔާސީ ގޮތުން ބާރުވެރި، މަޤާމުގެ ނަމުން އަބުރުވެރި، މުސާރައިގެ ގޮތުން ހަންހާރަވެތި ގޮނޑިކޮޅުތަކުގައި އެ ބޭބޭފުޅުން އެބަ ތިއްބަވައެވެ. އެ ބޭބޭފުޅުންނަކީ އެހެން މީހުން އުޅެންވީ ގޮތްގޮތާއި، އުޅެގެން ނުވާނޭ ގޮތްތަކާއި، ޙުދޫދުތަކާއި އިންތަކާއި މިންތައް އެހެން މީހުންނަށް ބުނެދެއްވަން ތިއްބެވި ބޭބޭފުޅުން ނޫންތޯއެވެ! އެ ބޭބޭފުޅުން އެ ތިއްބެވި މަޤާމުތަކުގައި ތިއްބެވުމުގައި އެ ބޭބޭފުޅުނަށް އެކަހަލަ އެއްޗިހި ވިދާޅުވާން ޖެހިވަޑައިގަތުމަކީވެސް ހަމަ ލާޒިމު ކަމެއް ނޫންތޯއެވެ! އެކަމަކު އެއީ ދެން އެހެން ވާހަކައެއް، އެހެންނޫންތޯއެވެ!

އަޅުގަނޑަށް ހަމަގައިމުވެސް މިޖެހެނީ އަދި އެއްފަހަރު ވިސްނައިލާށެވެ.

ހަނދާނަށް އަންނަނީ އަޅުގަނޑުގެ މަންމަގެ މަދުރަސީ ޙަޔާތް ނިންމަވައިލެއްވިއިރު ދިމާވި ކަމެއް މަންމަ އަޅުގަނޑަށް ބުނެދެއްވައިފައި އޮތް ގޮތެވެ. މަންމަޔަކީ މަންމަ ދުރުވި މަދްރަސާގެ އެންމެ މަތީ ކުލާހުގައި މަންމަ އުޅުއްވި އަހަރު އެ ކުލާހުގައި ބޭއްވުނު ކޮންމެ އިމްތިޙާނެއްގެ ނަތީޖާ އިޢުލާންކުރެވެމުން ދިޔައިރު ކުލާހުން އެއްވަނައިގައި ނުވަތަ ދެވަނައިގައި އުޅުއްވި ދަރިވަރެވެ. އެ އަހަރު ނިމޭއިރު ކުލާހުން އެންމެ މަތީ ތިން ވަނަޔަށް އަންނަ ދަރިވަރުން ދައުލަތުގެ ޚަރަދުގައި ރާއްޖޭން ބޭރަށް ކިޔަވަން ފޮނުއްވާނެ ވާހަކަ ބޮޑު ވެރިޔަކު ވިދާޅުވީމައި އެކަމާ އެންމެ އުފާކުރެއްވި އެއް ދަރިވަރު މެއެވެ. އެޒަމާނުގައި ރާއްޖޭން ބޭރަށް ކިޔަވާވިދާޅުވަން ވަޑައިގެން އުޅުއްވީ މަނިއްޕުޅުންނާއި ސީދީން ކަމަށްވެފައި، ދެން ގޮސްއުޅުނީ އޮޑިކަނޑައިގެން ފިލައިގެން ގޮސް އުޅުނު މީހުން ކަމަށް ވީއިރު، އާދައިގެ މީހެއްގެ ދަރިޔަކަށް އެކަހަލަ ފުރުޞަތެއް ލިބޭނޭ މަގު ފެންނަން އޮތްހެން ހީވުމަކީ… އެހެން ނޫންތޯއެވެ!

އެކަމަކު، އެކަމަކު… އަހަރު ނިމުނު އިރު، ދައުލަތުގެ ޚަރަދުގައި ކިޔަވާވިދާޅުވާން ރާއްޖޭން ބޭރަށް ފޮނުއްވަން ސަރުކާރުން ހަމަޖެއްސެވީ މަންމަޔަށްވުރެ ތަންކޮޅެއް އަބުއި ދެތިން ދެތިން ޢާއިލާއެއްގެ ދެތިން ބޭފުޅެކެވެ. މަންމަ އެ ފުރުޞަތަށް ކިތަންމެ ވަރަކަށް އެދިލެއްވިޔަސް، ކުލާހުން އެއްވަނަޔަށް އައި ކުއްޖާޔަށް އެދުވަސްވަރުގެ ވެރީން ޢަމަލުފުޅުން ދެއްކެވީ އެހެން މަންޒަރެކެވެ. ދުނިޔޭގެ ބައެއް ކަހަލަ މާހައުލުތަކާއި ޙާލަތްތަކުގައި ގާހަކަޔަކަށް ހަމަ ނުފުމެވޭނޭ ކަމެވެ. ބަސްފުޅުން ވިދާޅުވީ މަންމަޔަށް ހުރި މޮޅުކަމުގެ ވާހަކައެވެ. ރާއްޖޭން ބޭރަށް ކިޔަވަން ދިޔުމަށްވުރެ މާ މޮޅު، މާ ފައިދާހުރި، މާ ބަރަކާތްހުރި ކަމެއްގެ ވާހަކައެވެ. އެކަމަކީ ހަމަ އެ މަދުރަސާގައި ކިޔަވައިދެއްވުން ކަމުގެ މާތްކަމުގެ ވާހަކައެވެ. އެހެންނަމަވެސް، މަންމަ އެފަދަ މަތިވެރި ފުރުޞަތު ބޭނުންނުކުރައްވައި އަމިއްލަ ފަރާތެއްގެ ވަޒީފާޔަށް ދުރުވިކަމާއި އެ ދުރުވި ދުރުވުމުގެ ސަބަބަކީ…. ނޫން! އެ ވާހަކަ ދެމައިން ދޭތެރޭގެ ސިއްރަކަށް އެހިސާބުން ބާއްވަން އަދި ހުއްދަ ދެއްވާށެވެ!

ޒަމާނާއި ޙާލަތާއި ވެރިކަމުގެ ނިޒާމާއި ވެރީންނާއި ކިޔަވައިދޭން ބޭނުންކުރާ ބަހާއި، ޓީޗަރުންގެ ޤައުމީ ނިސްބަތަށްދާންދެން ބަދަލުވެގެން ދިޔަޔަސް، އަޅުގަނޑުގެ މަދްރަސީ ޙަޔާތް މިރާއްޖޭގައި ޘާނަވީ މަރްޙަލާޔާ ހަމައިން ނިންމައިލަން ޖެހުނީވެސް ހަމަ އެކަހަލަ ފައިދާހުރި ކަމެއް ތަޖުރިބާކުރެވިގެންނެވެ. އަޅުގަނޑުމެން އެންމެ ފަހު ކުލާހުގައި އުޅުނު އަހަރު، ސްކޫލްގައި އޮތް ވަރަށް މުހިންމު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ދައުލަތުގެ ޢިއްޒަތްތެރިޔަކު އަޑުފުޅަށް ބާރުލައްވައިފައި ވިދާޅުވީ، އެއަހަރު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުއްޖަކަށް އޮތް ފުރުޞަތެއްގެ ވާހަކައެވެ. އެއީ، އެ އަހަރު ބޭރު ޤައުމުތަކުން ދައުލަތަށް ދެއްވާ ސްކޮލަޝިޕްތަކުގެ ތެރެއިން އެކުއްޖަކު ބޭނުން ސްކޮލަރޝިޕްއެއް އިޚްތިޔާރުކުރަން އެ ކުއްޖަކަށް ފުރަތަމަ ފުރުޞަތު ދެއްވާނޭ ވާހަކައެވެ. ޒަމާން ބަދަލުވެ. ބޭރުގެ ޓީޗަރުންނާއި ނާޒިރުން ގެންނަވައި، އިނގިރޭސި މީޑިޔަމް އަށް ކިޔަވައިދެއްވައި، ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވީމައި އާދައިގެ މީހާގެ ދަރިޔަށްވެސް ދުނިޔެ ހުޅުވޭނީ އިންސާފުވެރިކަމާ އެކީގައި، ނޫންތޯއެވެ!

އެ އަހަރުގެ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ ނަތީޖާ އަތުވެއްޖެއެވެ. އެ އަހަރު ރާއްޖެއިން އެ އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ކުއްޖެއްގެ ނަން ކަމަށް އިޢުލާންކުރެވުނީ އަޅުގަނޑުގެ ނަމެވެ. އެހެންކަމުން، އަޅުގަނޑުގެ އެއިރުގެ ޝައުޤުވެރިކަން ހުރީ ޑޮކްޓަރުކަމާ ދިމާޔަށްކަމުން، އެއްކަލަ ސްކޮލަރޝިޕްގެ ފުރަތަމަ ހޮވުމުގެ ފުރުޞަތު، އެއްކަލަ ޖަލްސާގައި ވިދާޅުވި ގޮތަށް، އަޅުގަނޑަށް ދެއްވައިތޯ އަޅުގަނޑު ދެންނެވީމެވެ. އެހެންނަމަވެސް…. އެ އަހަރު ބޭރު ޤައުމަކުން ރާއްޖެޔަށް ލިބުނު ހަމައެކަނި މެޑިކަލް ސްކޮލަރޝިޕް އެއިރު އޮތީ ނުފޫޒުގަދަ ބޭފުޅެއްގެ ދަރިކަލަކަށް ދެއްވަވައި، އެކަން އެހިސާބުން ނިންމަވާފައެވެ. ކަން ވެ ނިމިފައިއޮތީ އަޅުގަނޑުމެންކަހަލަ "ދެރަސޮޑާ"އިން އެކަމާ އެއްޗެއް ބުނެފިއްޔާ ނުލާހިކު ބޮޑަށް ކުށްވެރިވާ ހިސާބުގައެވެ. އެހެންކަމުން، އަޅުގަނޑު ބެލީ އެވަގުތު ލިބެން އޮތް ފުރުޞަތެއް ހޯދައިގެން ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް ދެވޭތޯއެވެ. އެހެންކަމާއެކު، އެވަގުތު އަޅުގަނޑަށް ލިބެން އޮތީ އެއްކަލަ ފައިދާހުރި ޓީޗަރުކަން ކަން ކަމަށްވާތީ، ޑިގްރީއަކާއި އެޑިޔުކޭޝަން ޑިޕްލޯމާއެއް ހަދަން ފުރީއެވެ. ދާޚިލީ ހަނގުރާމައެއްގެ ތެރެޔަށެވެ. އެއީވެސް ދުވަހެކެވެ.

އެކަމަކު އެދުވަހު އަޅުގަނޑަށް އެނިންމުނު ނިންމުން ޢާޚިރުގައި ވެގެން ދިޔައީ އަޅުގަނޑުގެ ޢުމުރުން އެންމެ ސަތާރަ އަހަރުގައި ނަމަވެސް އަޅުގަނޑަށް އެޅުނު އެންމެ ފައިދާހުރި އެއް ފިޔަވަޅު ކަމުގައެވެ! އެކަމަކު ތިޔަހީފުޅުކުރެއްވި ގޮތަކަށް ނޫނެވެ.

މައުޟޫޢުން ކުޑައިކޮށް ބޭރުވެލިޔަސް ހެޔޮކަމަށް ދަންނަވާނަމެވެ. އަޅުގަނޑަށް ނުދެއްވި އެއްކަލަ ފުރުޞަތު  ދުރައިލައި ނަމަވެސް ދެއްވައިފައި އޮތީ އަޅުގަނޑުގެ ނުލާހިކު ގާތް، އެކުވެރި ރަޙުމަތްތެރި ބޭފުޅަކަށެވެ. އެއިރުވެސް، އަދި މިހައިރުވެސް، އެހާ ގާތް ލޮބުވެތި މިތުރަކަށެވެ. އަޅުގަނޑު މައްސަލަ ނުޖައްސާ، ކުށްވެރިނުވެ، ލިބެން އޮތް ފުރުޞަތެއް ބޭނުންކުރި އެއް ސަބަބަކީ އެއީއެވެ. މިވާހަކަ މިތާނގައި މިހެން މިދަންނަވައިލީ، އެދުވަސްވަރު މަދްރަސީ ދައުރު ނިންމާ ކުދީންގެ މެދުގައި އޮތް ރައްޓެހިކަމާއި، ރަޙުމަތްތެރިކަމާއި، ގާތްތިމާގެކަމުގެ އުޚުވަތްތެރިކަމުގެ ބަރަކާތަކީ ޢުމުރުދުވަހަށް ދެމިއޮންނަ ސިފަތަކަކަށްވެފައި، މިހާރަކަށް އައިސް އެކަންވެސް ނެތި ހިނގައްޖެން ހީވާތީ އެވާހަކަ ދަންނަވައިލާ ހިތުންނެވެ. ދެން އަޅުގަނޑާއެކީގައި ވާހަކަޔައިގެން ކުރިޔަށް ހިންގަވާށެވެ!

އަޅުގަނޑަށް ދެވުނީ ދާޚިލީ ހަނގުރާމައެއްގެ ތެރެޔަށް ނަމަވެސް ފިސާރި ޔުނިވަރސިޓީއަކަށެވެ. މެދުއިރުމަތީގެ އެންމެ ވަރުގަދަ އެއް ޔުނިވަރސިޓީއަށެވެ. އަދި ހަމައެހެންމެ، އެމެރިކާގެ ޔުނިވަރސިޓީއަކަށް މެއެވެ. އެތަނުން ކިޔަވާވިދާޅުވެގެން ވަޑައިގެން ދެ ބޭފުޅަކު ރާއްޖޭގެ އެންމެ މަތީ ވެރިކަންވެސް ކުރެއްވި ތާކަށެވެ. ޑޮކްޓަރުކަން ކިޔަވަން ނުލިބުނަސް، މުޅިޔަކުން ދެރައެއް ނުވި، އެހެން ނޫންތޯއެވެ!

ކޮންމެއަކަސް، މިދެންނެވި ޔުނިވަރސިޓީއިން ފުރަތަމަ ޑިގްރީއާއި ޑިޕްލޯމާ ނިންމައިގެން އެނބުރި އައިމާ، އަޅުގަނޑަށް ދެއްވީ މަޖީދިއްޔާ ސްކޫލްގެ ޓީޗަރުކަމެވެ. އެ ސްކޫލްގައި ކިޔަވައިދޭން އަޅުގަނޑު އުޅުނީ ދެއަހަރާއި ހައެއްކަ މަހެއްހައި ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު އަސްތާއެވެ! އެ ދުވަސްކޮޅަކީ ދިރިއުޅުމުގައި އަޅުގަނޑަށް ލިބުނު ވަރަށް މުހިންމު ތަޖުރިބާތަކަކާއި ފިލާވަޅުތަކެއް ލިބިގެން ދިޔަ ދުވަސްކޮޅެކެވެ. މިދެންނެވި ތަޖުރިބާތަކާއި ފިލާވަޅުތަކުގެ ތެރެއިން މިލިޔުމުގެ ސުރުޚީއާ މުނާސަބު ހަމަ އެންމެ ކަމެއްގެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުން އަރިހު އަޅުގަނޑު މިދަންނަވައިލަނީއެވެ. އެއީ އަޅުގަނޑަށް އެ ސްކޫލަކުން ވަޒީފާ ދެއްވި ސްކޫލްގައި އެއް ކުލާސްތަކަކަށް އެއް ފެންވަރެއްގައި ކިޔަވައިދޭން އުޅުނު ބިދޭސީންނާއި ދިވެހީންނާ ދެމެދު އެދުވަސްވަރު ހުރި ތަފާތުތަކެއްގެ ސަބަބުން ކުރާންޖެހުނު ތަޖުރިބާތަކަކާއި ލިބުނު ފިލާވަޅުތަކެއްގެ ވާހަކައެވެ.

އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވައިލާނީ ދިރިއުޅުމުގެ ޙާލަތުގެ ވާހަކައެވެ. އަޅުގަނޑު ކިޔަވާ ނިންމައިގެން ރާއްޖެއައިތަނުން ދިމާވި ބައެއް ކަހަލަ ސަބަބު ތަކަކަށްޓަކައި އަޅުގަނޑަށް އެދުވަސްވަރު އުޅެން ޖެހުނީ އަޅުގަނޑުގެ އުފަން ފަސްގަނޑު ކަމަށްވާ މާލޭގައި، އެކަމަކު ކުލީ ކޮޓަރިއެއްގައެވެ. އެކޮޓަރި އަޅުގަނޑަށް ލިބުމުގެ ކުރީން ދެތިން ހަފުތާވަންދެން އަޅުގަނޑު ތަޙައްމަލްކުރި ވޭންހުރި ޙާލަތްތަކުގެ ވާހަކައެއް މިތާކު ނުދައްކާނަމެވެ. އެހެންނަމަވެސް، އެ ކޮޓަރި އަޅުގަނޑަށް ލިބުމާއެކު، އަޅުގަނޑަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަޔަކީ ކޮޓަރީގެ މަހުކުއްޔާ އަޅުގަނޑަށް ސަރުކާރުން ދެއްވި މުސާރަޔާ ހަމަ ބަރާބަރަށް އެއްވަރުވުމެވެ. އަޅުގަނޑާ އެއް ގުރޭޑުތަކެއްގައި އެއް ބަހަކުން ކިޔަވައިދޭން އުޅުނު ބިދޭސީންނަށް ސަރުކާރުން ދެއްވި ކޮޓަރިކުއްޔާއި، ލިވިން އެލަވަންސްއާއި، ބޭސްފަރުވާގެ ޚަރަދާއި، ދުއްވާނޭ ބައިސަކަލަކާއި، އަހަރަކު އެއްފަހަރު ދެކޮޅު އެއަރޓިކެޓާއި… މިހިރި މިހިރީ އަޅުގަނޑަށް ލިބުނު އެއްޗިއްސެއް ނޫނެވެ. އަޅުގަނޑުގެ ހަމައެކަނި "ކުށަކީ" ދިވެއްސަކަށް ވީކަމެވެ. އެހެންކަމުން، ހައިހޫނުކަން ފިލުވައި، އަނގަޔާ އަތާ ދިމާކޮށް، އުނުއޮރިޔާން ފިލުވައި، ޑޮކްޓަރަށް ދައްކަންޖެހުނު ފަހަރަކު އެކަންވެސް ކޮށް، ބައިސްކަލެއްވެސް ގަނެ، މިހުރިހައި ކަމެއްކުރާން އަޅުގަނޑަށް ޖެހުނީތީ، އެކަން ކުރާނޭ ފައިސާ ހޯދާނޭ ގޮތެއް ފެނޭތޯ ބަލަން ނިކުމެއުޅެނިކޮށް އަޅުގަނޑަށް ލިބުނު ފުރުޞަތަކީ ބޭންޑެއްގެ ގިޓާރިސްޓް އަކަށް ވެގެން ރޭގަނޑު ރިސޯޓުތަކަށް މިޔުޒިކު ކުޅެން ދިޔުމެވެ. ވިލާމަތީ ވިލާލައިފައި އޮންނަ ރޭރޭވެސް، ކަނޑު ގަދަކަމުން ދޯނިގަނޑު ބަންޑުންޖަހާފާނެހެން ހީވާ ދުވަސްދުވަހުވެސް، ދާން އެއްބަސްވެފައި އޮންނަ ރިސޯޓަށް ޖެހުނީ ދާށެވެ. އެއީ ހިތްދަތި، ވަރުބަލި، ނިންޖަށް ބަލިވެގެން ނަމަވެސް ދިރިއުޅުމުގެ ޒަރޫރަތްތައް އެގޮތަށް ހޯދައިގެން، އަދި ހަމައެޔާއެކު ސްކޮލަރޝިޕުގައި ކިޔެވިތަނަށް ބޮންޑުވެސް އަދާކުރަމުން ގެންދިޔަ ދުވަސްވަރެކެވެ.

ދެން ދަންނަވާނީ ކިޔައިދޭން ޖެހުނު ގަޑިތަކުގެ ވާހަކައެވެ. ހަފުތާޔަކު 5 ދުވަހު، ކޮންމެ ދުވަހަކު ޖުމުލަ ނުވަ ޕީރިއަޑް ކިޔަވައިދޭ ސްކޫލެއްގައި ހަފުތާގެ ތާވަލު ފުރުނީމައި އޮންނާނީ މުޅިއެކު 45 ޕީރިއަޑް، އެހެން ނޫންތޯއެވެ! އަޅުގަނޑުގެ ޓައިމްޓޭބަލްގައި އެދުވަސްވަރު އޮންނަނީ ހަފުތާޔަކު 42 ޕީރިއަޑް ކިޔައިދޭށެވެ. ހުހަށް އެ ލިބޭ ތިން ޕީރިއަޑްވެސް އެއީ ސަލާމްބުނާ ޓީޗަރުންގެ ކުލާސްތަކަށް ގަޑިފުރާން ދާންޖެހުނު ތިން ޕީރިއަޑަށްވުމީ ކޮންމެ ހަފުތާއެއްގެވެސް އާދައެވެ. ހަމަ އެދުވަސްވަރު ހަފުތާޔަކު އެންމެ 18 ގަޑިއިރު ކިޔަވައިދީފައި، ބާކީ ގަޑިތަކުގައި އެހެންޏާ ސްޓާފްރޫމްގައި އަޗާތަޅަން، ނޫނީ ޓިޔުޝަންދޭން ގެޔަށްދާ ބިދޭސީ އެތަކެއް ޓީޗަރުން އެދުވަސްވަރު އެސްކޫލްގައި އެއިރުވެސް ތިބެއެވެ. އެއީވެސް ކުރާންޖެހުނު އާދައިގެ ތަޖުރިބާއެއް ނޫނެވެ.

ދެން އޮތީ ބޮޑުޗުއްޓީގެ ވާހަކައެވެ. އެދުވަސްވަރާ ދިމާކޮށް އޮންނަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ ވާހަކައެވެ. ބިދޭސީ ޓީޗަރުން ހަމަ ކޮންމެހެންވެސް ޢާއިލާޔާ ބައްދަލުކޮށްލައި، ކުރިސްމަސް ފާހަގަކޮށްލައި، ޓާކީ ކައިލައި، ޖޫސްބޯލާ ހަދަން ރަށަށް ގޮސްލާއިރު އަޅުގަނޑު ގާތު އަހައިވެސް ނުލައި އަޅުގަނޑުގެ ނަން އޮންނަނީ ސްކޫލްގެ ފަރާތުން އިމްތިޙާނު ބަލަހައްޓާ މީހުންގެ އިސް މީހުންގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންއަށް ފޮނުވާފައެވެ. އަޅުގަނޑު ސްކޫލްގައި ވަޒީފާ އަދާކުރި އެންމެ ފަހު އަހަރު، ބޮޑުޗުއްޓީގެ ތެރެއިން އެންމެ ހަފުތާއެއް އަޅުގަނޑަށް ހުހަށް ދެއްވަންވީނޫންތޯއޭ ޕްރިންސިޕަލަށް ދެންނެވީމައި އޭނާ ވިދާޅުވީ ދިވެހީންނަކީ ޤައުމީ ޚިދުމަތުގެ އިސްސަފުގައި ތިބެންޖެހޭނޭ ބައެއްކަމަށް އޭނާޔަށް ފެނިވަޑައިގަންނަވާތީ، އަޅުގަނޑަށް ޗުއްޓީއެއް ދެވެން ނެތް ވާހަކައެވެ. އެއީވެސް އަޅުގަނޑަށް ލިބުނު ފިލާވަޅެކެވެ.

ދެން، ދިގު ވާހަކަ ކުރުކޮށްލައިފައި ދަންނަވާނީ، އަޅުގަނޑު ހުރީ އެސްކޫލުން ނިކުންނާނޭ ފުރުޞަތަކަށް ބަލަބަލައޭ، ފުރުޞަތެއް ހަމަ ލިބުމާއެކު އަޅުގަނޑު އެ ފުރުޞަތުގެ ބޭނުންހިފީ ބޭރުގެ ތަޢުލީމް ހޯއްދަވައިގެން ވަޑައިގެން އަޅުގަނޑާއެކު އެސްކޫލްގައި ޚިދުމަތްކުރައްވަން ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކު އަޅުގަނޑަށް ދެއްވި ނަޞީޙާތަކާ އެއްގޮތަށޭއެވެ. އެފަދަ ބޭފުޅުންގެ ތެރެއިން ފަހަރަކު ބޭފުޅަކު  އެފަދަ ފުރުޞަތުތައް ލިބިވަޑައިގެން ވަރަކުން އެކި ދިމަދިމާޔަށް ވަޑައިގެތް ގޮތަށޭއެވެ. އަދި އެފަދަ ފުރުޞަތެއް ލިބިގެން ސްކޫލުން ބޭރު ވަޒީފާޔަކަށް ދިޔަޔަސް، ޘާނަވީ މަދްރަސާއެއްގައި ޓީޗަރުކަން ނުކުރިޔަސް، ޤައުމީ ޚިދުމަތުގައި އުޅެން އަޅުގަނޑަށް ލިބުނު ފުރުޞަތުތައް ވަކި މަދެއް ނޫނޭ ދަންނަވާށެވެ. ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ މިންވަރަކަށް ތަފާތު ދާއިރާތަކުގައި ޚިދުމަތްކުރަން ލިބުނު ފުރުޞަތުތަކެއް ވަކި މަދެއްނޫނޭ، ވީ ގިނައޭ ދަންނަވާށެވެ. އަދި ކިޔަވައިދިނުމުގެ ދާއިރާއިންވެސް މުޅީން ފޭވާކަށް ނުޖެހުނޭ، އެދާއިރާއިން ދޭތެރެދޭތެރެއިން ލިބުނު ފުރުޞަތުތައް މަދެއްނޫނޭ، އަދިވެސް ހުރީ ލިބިލިބިއޭ ދަންނަވާށެވެ. ސްކޫލުން ބޭރުވާން އެންމެ ފުރަތަމަ އަޅުގަނޑަށް މަގުދައްކަވައިދެއްވި ބޭފުޅާ މިއަދުވެސް އުޅުއްވަނީ ދައުލަތުގެ މަތީ ވަޒީފާއެއްގައި، ޤައުމީ ޚިދުމަތުގައި ރެޔާދުވާލުއޭ ދަންނަވާށެވެ. އަދި އެދުވަސްވަރު ޘާނަވީ ސްކޫލް ޓީޗަރުކަން ދޫކޮށްލައްވައިފައި ނިކުމެވަޑައިގަތް، އިސްވެ ދެންނެވި ބޭފުޅުންގެ ތެރެއިން ގިނަބޭފުޅުންވެސް ހަމައެފަދައޭ ދަންނަވާށެވެ.

މި ލިޔުން ފަށަމުން އަޅުގަނޑު އެންމެ ފުރަތަމަ ދެންނެވީ އަޅުގަނޑުގެ މަންމަ ކުރެއްވި ތަޖުރިބާއެއްގެ ވާހަކައެވެ. ދެން ދެންނެވީ އަޅުގަނޑަށް ކުރެވުނު ތަޖުރިބާއެއްގެ ވާހަކައެވެ. އެކަމަކު އެއީ މިޒަމާނާ މުނާސަބް ނޫން ވާހަކަތަކަކަށްވެސް ވެދާނެއެވެ. އެހެންކަމުން…

މި ހިސާބުން އަޅުގަނޑު ޖާގަ އަރުވާނީ މިހައިރު ޓީޗަރުކަން ކުރައްވާ އެކި ބޭބޭފުޅުން ކުރައްވަމުން ގެންދަވާ ތަޖުރިބާތަކުގެ ވާހަކަ އެބޭބޭފުޅުން އަޅުގަނޑާ ޙިއްޞާކޮށްލެއްވުމަށެވެ. އެއީ މިހާރުގެ ވާހަކަ އަޅުގަނޑަށްވުރެ ބޮޑަށް، އަޅުގަނޑަށްވުރެ ޞައްޙަކަން އިތުރުކޮށް، އެބޭބޭފުޅުންނަށް ވިދާޅުވެވޭނޭތީއެވެ. އެބޭބޭފުޅުން ވަޒީފާ އަދާކުރައްވަމުން ގެންދަވާ މާޙައުލާއި، ވަޒީފާ އަދާކުރައްވާ އަމާނާތްތެރިކަމާއި ބުރަކަމާއި އިޚްލާޞްތެރިކަމާ އަޅައިބަލާއިރު ބަދަލުގައި ލިބިވަޑައިގަންނަވާ އެއްޗެއްގެ ބުރަދަނަކީ ކޮބައިކަން އެބޭބޭފުޅުން ވިދާޅުވެދެއްވުމަށެވެ. އެބޭފުޅުންނާ އެއްކުލާހުގައި ކިޔަވާވިދާޅުވި ހިސާބުން ފެށިގެންވެސް ދިރާސީ ފެންވަރާއި މުދައްރިސްކަމަށް އިސްކަން ދެއްވުމަށްވުރެ ވިޔަފާރިޔާއި ސިޔާސީ މައިދާނާ ގާތްކަމެއް ބެހެއްޓެވި ބޭބޭފުޅުންގެ ޤައުމީ ޚިދުމަތް ވަޒަންކުރެވޭ ގޮތާއި، އިޖްތިމާޢީ އިޙްތިރާމާއި ކަމޭހިތުމާއި، ދިރިއުޅުއްވުމުގެ ފެންވަރު ހުރިނެތްގޮތް ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވެދެއްވުމަށެވެ. އަދި މިރާއްޖޭގައި މިހާރު ތޫނުފިލިކަމުގެ މާނަޔަކީ، ބޭނުމަކީ، ފަހުމުވުމަކީ، ވަޒަނަކީ ކޮބައިކަން އަޅުގަނޑަށް ބުނެދެއްވުމަށެވެ. އަދި އެއީ ކޮންތާކަށް ކޮންއަގެއްގައި ކިހިނެއް ވިކޭ އެއްޗެއްކަންވެސް އެބޭފުޅުން އެކަމާމެދު ވިސްނާވަޑައިގަތުމާއެކު ވިދާޅުވެދެއްވުމަށެވެ.

އަދި ތޫނުފިލި ކުދީން ޓީޗަރުކަމާ ކުރިމަތިލާންވީ ސަބަބުތައް ވަރަށް ސާފުކޮށް އަޅުގަނޑަށް ވިދާޅުވެދެއްވުމަށެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.