...

Support Us

ކޮލަމް ކަލާވެހި: ރަސްމީ ފަރާތްތަކުން ވިޔަފާރިތަކަށް މީހުންގެ ޒާތީ މަޢުލޫމާތު ފައުޅުގައި ދޭނަމަ…

ރޭނޫން އިހަށްރޭ ގާތް ރައްޓެއްސަކާ ފޯނުން ދެކެވުނު ވާހަކައެއްގެ ތެރެއިން އަޅުގަނޑަށް އިވުނު އަޑެކެވެ. ޚުލާޞާކޮށް ދަންނަވާނަމަ، ކުންފުންޏެއްގެ ވިޔަފާރި ފަށަން ބައެއްގެ ޒާތީ މަޢުލޫމާތު ބޭނުންވާ ވާހަކައިގެ ތެރެއިން އިވުނު އަޑެކެވެ. އަޅުގަނޑަށް އިވުނު އަޑަކީ، "މިއަދު އަހަރުމެން އެކަމާ ކައުންސިލް އޮފީހަށް ދިޔައިމެވެ. ކައުންސިލުން އަހަރުމެންނާ ބައްދަލުކުރި މީހާ ބުނީ، މާދަމާ ކައުންސިލްގެ ޖަލްސާޔެއް ބާއްވައިފައި، ތިޔަކަން ނިންމައިދޭނަމެވެ." މިއެވެ.

އަޅުގަނޑުގެ ނަސީބު ރަނގަޅުކަންވެސް ނޭނގެޔޭ، އަޅުގަނޑާ ފޯނުން ވާހަކަދެއްކި މީހާޔަކީ އޭނާ ދައްކާ ބައެއް ވާހަކައިގައި ބައެއް ފަހަރު ނަމަވެސް ފޮނިތޮށިކާފޫރުތޮޅީގެ ރަހަ ހިފައިފައި ހުންނަ މީހަކަށްވާތީ، އޭނާ އެބުނި އެއްޗެއްގެ ޚުޠޫރަތްތެރިކަމަކަށް އެވަގުތަކު އަޅުގަނޑަކަށް މާކަބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެހެންނަމަވެސް، ފޯނު ބޭއްވިތާ ގަޑިދެގަޑިޔެއްހައިއިރު ފަހުން އަޅުގަނޑުގެ ހިތަށް ހަނދާންތަކަކާއި ޚިޔާލުތަކެއް ބޮނޑިވާން ފަށައިފިއެވެ.

ހަނދާނަށް އަންނަނީ އަޅުގަނޑުގެ ދަރިޔަކު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު ނިންމައިލިތަނާ ގެޔަށް އައި ސިޓީޔެކެވެ. ސިޓީ އެޑްރެސްކޮށްފައި އޮތީ އަޅުގަނޑަށެވެ. ސިޓީ ފޮނުވި ފަރާތަކީ ރާއްޖޭގައި މަތީތަޢުލީމު ދޭން ރަޖިސްޓަރީކޮށްފައިވާ މަރުކަޒެކެވެ. ސިޓީގައި އޮތީ، "ތިޔަ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައިވާ (ފުރިހަމަ ނަން) މިފަހަރު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު ހެދުމާއެކު، އިމްތިޙާނުގެ ނަތީޖާ އަންނަންދެން މަޑުކުރަންޖެހޭ ތިން މަސްދުވަހުގެ ބޭނުން ފައިދާހުރި ގޮތުގައި ހިފަމާތޯއެވެ. އޭނާ ބައިވެރިވި މާއްދާތަކަކީ (މިވެނި އެވެނި މާއްދާތައް) ކަމަށްވާއިރު، އެމާއްދާތަކުގެ އިތުރު ކުރިއެރުން ހިމެނޭ (މިވެނި ޕްރޮގްރާމެއް) ޚާއްޞަ އަގެއްގައި މިތަނުން ހިންގަމެވެ. އެހެން ވީމާ…" މިކަހަލަ ޢިބާރާތްތަކަކުން ފަށައިގެން ދައްކައިފައި ހުރި ވާހަކަތަކެކެވެ.

އެދުވަހުވެސް އަޅުގަނޑުގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އަޅުގަނޑުގެ ދަރިފުޅު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި ބައިވެރިވިކަން އަވަށްޓެރިޔަކަށްވެސް އެނގިދާނެއެވެ. އެކަމަކު އެދަރިފުޅުގެ ފުރިހަމަ ނަމާއި، އޭނާ ބައިވެރިވި މާއްދާތަކާއި، އޭނާގެ ރަސްމީ ބެލެނިވެރިޔާގެ ގޮތުގައި ސްކޫލްގައި ރަޖިސްޓަރީކޮށްފައި އޮތީ އަޅުގަނޑުކަމާއި، މިހުރިހައި މަޢުލޫމާތެއް އެބުނާ މަރުކަޒަކަށް ލިބޭނީ ހަމައެންމެ ދިމާޔަކުންނެވެ. އެއީ ދަރިފުޅު އިމްތިޙާނުގައި ބައިވެރިކުރި ސްކޫލުން، ނުވަތަ އިމްތިޙާނުގެ ކަންކަން ހިންގައިބަލަހައްޓާ ފަރާތްތަކާ ދިމާއިންނެވެ! އެދުވަހުވެސް އަޅުގަނޑުމެންގެ ޒާތީ ކޮންމެވެސް ކަމަކަށް ބަޔަކު އަރައިގެންކަމުގެ އިޙްސާސް އަޅުގަނޑަށް ކުރެވުނެވެ. އެހެންނަމަވެސް، މަތީ ތަޢުލީމުގެ ކުލަ ރާއްޖޭގައި އިތުރަށް ހިފަމުން ދާ ވަރަކަށް އެކަހަލަ ކަންކަމަށް މުޅި މުޖުތަމަޢު ހޭލެވި، އެ ބާވަތުގެ ކަންކަމުގައި ރާއްޖެވެސް ބައިނަލްއަޤްވާމީ މައިދާނުގައި އިސާހިތަކު ފައިހަމަކުރާނެޔޭ، އެއީ އެދުވަސްވަރު ރާއްޖޭގައި ކަންކަން ހުރި ގޮތޭ، ފަހުން އަދި ރަނގަޅުވާނެޔޭ ހިތަށް އަރުވައިލައިފައި އެސިޓީޔަށް ޖަވާބެއް ނުދީ އަޅައިނުލުމާ ހަމައިން ފުއްދާލީއެވެ.

ދެން އައީ އެހެން ދުވަހެކެވެ. އެއީ އަޅުގަނޑުގެ ވަރަށް ގާތް މީހަކު ބުނި ވާހަކައެކެވެ. އެއީ، "އަހަރެންގެ ގޯތީގައި ދިހަބުރީގެ ޢިމާރާތެއް އަޅަން ރަސްމީ ކުރެހުންތައް ފާސްކޮށް، ހުއްދަ ދިން ދުވަހު، އަހަރެން އަތަށް އެ ހުއްދަ އަދި ނުވެސް އަރަނީސް، މިގުޅަނީ ރާއްޖޭގެ މިވެނި ކޮންސްޓްރަކްޝަން ކުންފުންޏަކުންނޭ، ތިޔަފަރާތުގެ ޢިމާރާތް ހެދުން އަހަރުމެންނާ ޙަވާލުކޮށްފިއްޔާ އެހެން އެންމެނަށްވުރެ ރަނގަޅަށް އެކަން ކޮށްދޭނަމޭ ބުނެފިއެވެ. އަހަރެންނަށް ލިބެންވާ ހުއްދަޔެއް ލިބުނުކަމުގެ މަޢުލޫމާތު އަހަރެންނަށް ނުލިބެނީސް ކޮންސްޓްރަކްޝަން ކުންފުންޏަކަށް އެ މަޢުލޫމާތު ލިބުނު ގޮތަކާ ދޭތެރޭ އަހަރެން ޙައިރާންވަމެވެ." މިއެވެ.

އެދުވަހުވެސް އަޅުގަނޑުގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އަޅުގަނޑުގެ ރަޙުމަތްތެރިޔާ އެ ކުރީ ވަރަށް ސީރިޔަސް ސުވާލެކޭ ހިތަށްއެރިއެވެ. އެކަމަކު މިރާއްޖޭގެ ޢިމާރާތްކުރުމުގެ ޞިނާޢަތުގައި ހުރި ވާދަވެރިކަމާއި، ފައިދާ ބޮޑުކަމާއި، އެދާއިރާއިން މީހުން މުއްސަނދިވާލެއް އަވަސްކަމާއި، އެ މުއްސަނދިކަމާއެކު އެ ކަމުގައި އުޅޭ މީހުން އެކި ގޮތްގޮތުން ބާރުވެރިވާ ގޮތްތައް ކުރިމަތީން ފެންނާތީ، އެހެރަ ކަހަލަ ކަންކަމީ ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތް ބަޔަކަށް ނުފޫޒު ފޯރުވާން ޖާގަ ދޭ ނުކިއްސަރު މީހުންގެ ފަރާތުން މަދުމަދުން ހިނގާ ދެރަވަރު ކަންކަމުގެ ނަތީޖާއޭ ހީކޮށްލައިފައި ފުއްދައިލީއެވެ. ކޮންމެ ފަހަރަކު އެހެނެއް ނުވާނެޔޭ، އެއީ ނުހަމައިން ހިނގި ކަމެކޭ ހީކޮށްލައިފައި މެއެވެ. ކޮންސްޓްރަކްޝަން ދާއިރާވެސް "އިންޓަނޭޝަނަލް" ވަމުން ދާ ވަރަކަށް "އިންޑިވިޖުއަލް ޕްރައިވެސީ"ވެސް ހަމަ އެހަމަތަކަށް އަދި ފެތޭނޭ ކަމުގެ އުންމީދުގައެވެ.

ދެން ރާއްޖެ މި ހޭލައިގަތީ މުޅީން އައު، އެހާމެ ރޯޝަނީ ފަތިހަކަށެވެ. ރަށްވެހިކަމުގެ ތަހުޒީބާއި ތަމައްދުނުގެ ކުލަތަކުން މަޝްރިޤާއި މަޣްރިބް ހުޅުދާންވެގެން އައި ކުލަގަދަ ދުވަހަކަށެވެ. އެހެންނަމަވެސް، ދުވަހުގެ އިރު މެދުއުޑުން ތިރިވެލައި، އަޅުގަނޑުމެން ކަހަލަ "ބޮލުރޮދި ކެނޑި، ވާނުވާ ނޭނގި، ވިސްނުން ކަޓުވެ، ހޭޒްބީން" ވެފައި ތިބި މީހުން މަޖުބޫރުން ބޭކާރުވެ، ބަޔަކު ހީކުރާ ގޮތަށްނަމަވެސް ނިދިޖެހިފައި ތިއްބައި، ސިއްސައިގެން ގޮސްފައި  ހޭލެވުނުކަމަށް ހަދައިފައި، ދެން ބަލައިލިއިރު، އަސްތާ ކަމަކުދާކަށްނެތެވެ! ސިއްރަކާ ސިއްރެކެވެ. އާދައިގެ މީހުން ފިލައިތިބެ ފުޅިބައްތި އަލީގައި ކުރާ ކަންކަމާ ބޮޑެތި ބޭފުޅުން އިލްކުޓަރަކީ އަލީގައި ކުރާ ކަމަކާ ހަމަހަމަވެ، ބޮޑެތި ޖާހުތައް މާކަނޑުން ހާހަލަށް ވަދެ، ފަރުފަރަށް އަރައި، ގިރިގިރިޔަށް އުރި، މިހުރިހައި ކަމެއް މިހިރަ ހިނގަނީއެވެ. އަދި އެކަންކަމުގެ މަޢުލޫމާތުވެސް ތާނގީ ފެޅުނުތަނުން ލީކުވެ، ކުލަކުލައިގެ މޭލް ކުރެވި، މިހިރަގެން ދަނީއެވެ. އެހެންނަމަވެސް، އެކަމަކާ އަޅުގަނޑު މާކަބޮޑަކަށް ފިކުރެއް ނުކުރަމެވެ. އެއީ، އެކަހަލަ ކަންކަމުގައި ޒާތީ މަޢުލާމާތެއް ނޯންނާނެޔޭ ހިތަށް އަރުވައިލައިފައެވެ.

އެކަމަކު، ކޮންމެވެސް ހޮސްޕިޓަލެއް މާ ވަރުގަދަޔަށް ހަދަމުން ދިޔައިރު އެތަނަށް ގެނައި މާ މޮޅު ކޮމްޕިޔުޓަރެއް އެއީ އެމެރިކާގެ ސީ.އައި.އޭގައިވެސް ބޭނުންކުރާ ފެންވަރުގެ އެއްޗެކޭ، އަގުވެސް އެހައި ބޮޑޭ، ދެން ވަރަށް މޮޅަށް އޭގެ ޚިދުމަތް ލިބޭނޭތާއޭ، ކޮންމެވެސް ނޫހެއްގައި ލިޔެފައި އޮއްވައި ފެނުނުހެންވެސް ބަލިހަނދާނެއްހެން ހީވެހީވެ ހުއްޓައި، ނޫހެއްގައި އޮއްވައި މިދާކަށް ދުވަހު މިފެންނަނީ، އެތަނަށް ބޭސްކުރަން ދާ މީސްމީހުންގެ ޒާތީ މަޢުލޫމާތު ބަޔަކު ޖަހައިގަނެގެން ގެންދިޔަ ވާހަކައެވެ. މިވެނި މީހާޔަކީ ގަދަޔަށް ހަކުރުބަލި ހުންނަ މީހެކޭ، އެހެންވީމައި އޭނާ މިވެނި މަޤާމެއްގައި ހުންނަން ހެޔޮވާނެހޭ ބުނާން އެބަޔަކު ޖާގަ ހޯދި ކަހަލައެވެ. އެވެނި މީހާޔަކީ މިވެނި ދުވަސްވަރަކު ނަފްސާނީ ޑޮކްޓަރަކާ ބައްދަލުކޮށް، ޑިޕްރެޝަނަށް ބޭސްކޭ މީހެކޭ، އެހެންވީމައި އެވެނި ޕްރޮޖެކްޓެއް އޭނާގެ ކުންފުންޏާ ޙަވާލުކުރާކަށް ނުވާނެޔޭ ބުނުމުގެ ޖާގަ ވާދަވެރި ކުންފުންޏަކަށް ދޭން ކުރިކަމެއް ކަހަލައެވެ. މިވެނި މީހާގެ އެވެނިތަނެއް ހުރީ މިހެންނޭ، އެވެނި މީހާގެ މިވެނި ތާކުން މިވެނި އެއްޗެއް ނެގިޔޭ، މިހެން ކިޔައި މުނިފޫހިފިލުވައި ހަޖޫޖަހައިގެން އޮންލައިންކޮށް އެކަހަލަ ވާހަކަ "މޮނިޓައިޒް"ކުރާނޭ ފުރުޞަތު އެޒާތުގެ ކަމީނާ ކެނައިންނަށްވެސް ހުޅުވައިލައިދިން ކަހަލައެވެ.

ދެން މިއިވެނީ މިވެނި މީހަކަށް އެވެނި މީހަކު ކުރި އަނިޔާގެ ތަފްޞީލީ ރަސްމީ ފޮޓޯތައް، އެ ފޮޓޯތައް މަޙްފޫޡު ކޮށް ބަލަހައްޓަން ޖެހޭ ފަރާތަކުން ރަށްމެދަށް ދޫކޮށްލި ވާހަކައެވެ. ޢާންމު ޚިދުމަތެއް ދޭ ފަރާތަކަށް ބަޔަކު ލައިފައި ހުރި ފޯމުތަކެއްގައި ހުރި ސޮއިތަކެއް ނަކަލުކޮށްގެން އެބަޔަކަށް ނޭނގި ބަޔަކު ކޮންމެވެސް ޖަމުޢިއްޔާޔަކަށް ވެއްދި ވާހަކައެވެ. އެކި ތަންތަނަށް ކޮންމެހެން ދޭން ޖެހިގެން ދޭ ޒާތީ ނުވަތަ ޙައްސާސް އެއްވެސް މަޢުލޫމާތެއްގެ ރައްކައުތެރިކަން މިހައިރު ނެތް ވާހަކައެވެ. އެކަމަކު އެކަހަލަ ވާހަކަތަކަކީ ސާބިތުނުހިފޭ، ކޮފީޝޮޕް ތަކުގައި ދައްކާ ބޭކާރު ވާހަކަތަކޭ ހީކޮށްލައިފައި، އަޅުގަނޑުމެން ކަހަލަ، އިސްވެ ދެންނެވި ގިންތީގެ މީހުން ނިންމާނީ، އަދި ނިންމަން ވާނީވެސް، އެކަހަލަ ކަންކަމާ މާ ބޮޑަށް ވިސްނައިފިއްޔާ ޚިޔާލުގެ އަސް ދުވެފައި ގޮސް ވަންނާނޭ އަނދިރި ޖަންގަލިތަކަށް އަސް ވަނަނުދީ ހިފަހައްޓަން ނޫންތޯއެވެ!

އެކަމަކުވެސް… ދެން އެއިވުނީ، "މިއަދު އަހަރުމެން އެކަމާ ކައުންސިލް އޮފީހަށް ދިޔައިމެވެ. ކައުންސިލުން އަހަރުމެންނާ ބައްދަލުކުރި މީހާ ބުނީ، މާދަމާ ކައުންސިލްގެ ޖަލްސާޔެއް ބާއްވައިފައި، ތިޔަކަން ނިންމައިދޭނަމެވެ." މިއަޑެވެ! އެއީ ކޮން ކަމެއް ކަމަށްތޯއެވެ!

އަޅުގަނޑުގެ އިސްވެ ދެންނެވި ރަޙުމަތްތެރިޔާއަކީ، މުސްކުޅިވެ، ގައިބާރު ދެރަވެ، ލޯބޯ ކޮށިވެ، މިކަހަލަ ދެރަވަރު ޙާލެއްގައި ޢުމުރުން ބާކީ އޮތް ދުވަސްތައް ގުނަމުންދާ މީހުންނަށް ހިތާއި ރޫޙާއި ނަފުސުގެ ދުޅަހެޔޮކަން އަލުން ހޯދައިދޭކަމަށް ބުނާ ވަކި ބާވަތެއްގެ "ތެރަޕީ"އެއް ދޭން ރާއްޖޭގެ ރަށެއްގައި އަލަށް ހުޅުވި ކުންފުންޏެއްގެ ޙިއްސާދާރެކެވެ. އެކުންފުނީގެ މަސައްކަތް އެންމެ އަވަހަށް، އެންމެ ބާރަށް، ހިނގައިގަންނަށް އަންނަނީ، އެކި ތަންތާނގައި ކުރާ އިސްތިހާރެއްގެ ނަތީޖާއެއްގެ ގޮތުން މަޑުމަޑުން އައިސް ތަނަށް އޮޅުވާނޭ މީހުން ލިބެންދެން މަޑުން ނުތިބެ، ކުންފުނީގެ ތެރަޕީއަށް ބޭނުންވާ ޒާތުގެ މީހުން ރަށުގައި ތިބީ ކޮންކޮން ތަންތާކުތޯ ހޯދުނު ގޮތަކަށް ހޯދައިގެންނެވެ. އެމީހުންގެ ގޭގެޔަށް ޒިޔާރަތްކޮށް، މިކަމުގައިވެސް "ޑޯޓުޑޯ ޖައްސައި" ހަދައިގެންނެވެ. ޢުމުރުން 65 އަހަރު ވެފައި ތިބި މީހުންނާއި އެކި ބަލިބައްޔަށް ބޭސްކުރާ މީހުން ތިބީ ކޮންކޮން ގޭގެޔެއްގައިތޯ، ކޮން އެޑްރެސްތަކެއްގައިތޯ، އެ މީސްމީހުންގެ ކަންކަން ބަލަހައްޓަން ތިބީ ކޮންކޮން ބައެއްތޯ، އެ މީސްމީހުންނާ ގުޅޭނީ ކޮންކޮން ފޯނު ނަންބަރުތަކަކުންތޯ ހޯދައިގެން އެމީހުންނާ އަވަހަށް ގުޅައިގެންވެސް މެއެވެ. މަޢުލޫމާތު ހޯދުނު ގޮތަކަށް ހޯދުމުގެ އިންޖީނު ދަތްގަނޑު ކޮޅުގައި އަޅުވައިލައިގެންނެވެ. އަސްތާ، އަސްތާއެވެ!

"މާދަމާ ކައުންސިލްގެ ޖަލްސާޔެއް ބާއްވައިފައި، ތިޔަކަން ނިންމައިދޭނަމެވެ." މިއީ ރަށެއްގެ ކައުންސިލެއްގެ ފަރާތުން ބުނި އެއްޗަކަށް ވެފައި، އެ ބުނާ ނިންމައިދިނުމަކީ މި ދެންނެވި ކުންފުނީގެ ވިޔަފާރި އަވަހަށް ހިންގައިގަތުމަށް ކުންފުނިން ބޭނުންވާ ކަމަށް ފެންނަ، އެތައް ބައެއްގެ ޒާތީ މަޢުލޫމާތު ކުންފުންޏަށް ދިނުން ކަމަށް ވަންޏާ، ސަހަރޯއެވެ! އެޔާ ޚިލާފަށް، އެ ބުނާ ނިންމައިދިނުމަކީ، ކަމާ ބެހޭ ޤާނޫނުތަކާއި ޤަވާޢިދު ތަކާއި ބައިނަލްއަޤްވާމީ ހަމަތަކަށްވެސް ރިޢާޔަތް ކުރުމާއެކު މަޝްވަރާކޮށްފައި، ގޮތެއް ނިންމައިފައި އެ ނިންމި ގޮތެއް ކުންފުންޏަށް އެންގުންކަމަށް ވަންޏާ، އިރާދަކުރެއްވިއްޔާ ކަންކަން ދާނީ ދާންވީ މަގުން ރަނގަޅަށެވެ. އެހެން ނޫންނަމަ…

އެހެން ނޫންނަމަ، ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު ނިމުނީމައި އިހު ކަންވީގޮތާއި، ޢިމާރާތް ކުރަން ހުއްދަ ލިބޭއިރު އަޑިއަޑީން ހިނގިކަމަށް އެ ދުވަސްވަރު ފެނުނު ކަންކަމާއި، މިފަހަކަށް އައިސް މި ފެންނަ "ލީކް" ތަކާއި އެއްވެ، އިހެއް ފަހެއް ތަފާތެއް ނެތި، އިހަށް ވަދެ ތިބި ކަށިކުނބުރު ޖަންގަލީން އަދި ނުނިކުމެވޭ ކަން ޤަބޫލުކުރާން ޖެހި، މިކަހަލަ ކަންކަމެއް ނުވާނެތޯއެވެ؟ ޒާތީ މަޢުލޫމާތު ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީވެސް ހަމައެކަނި ފަރުދީ ޒިންމާއެކޭ، އެހެންކަމަށް ވާނަމަ ހާދަ ދެރަޔޭ ބުނުން ނޫން ގޮތެއް އޮންނާނޭތޯއެވެ؟ ރަސްމީ ފަރާތްތަކުން ވިޔަފާރިތަކަށް މީހުންގެ ޒާތީ މަޢުލޫމާތު ފައުޅުގައި ދޭނަމަ، ފައިސާވެރީންނަށާއި ވިޔަފާރިވެރީންނަށް އެއީވެސް ހުރަހެއް ނެތި ލިބޭ އެއްޗިހީގެ ތެރޭގައި ގުނޭ އެއްޗެކޭ ބުނާނޭ ޖާގަ ލިބިއްޖެ ނަމަ، އިންސާނީ ކަރާމާތުގެ މާނަވެސް އޮޅިއްޖެ ކަމަށް އަޅުގަނޑުމެން ކަހަލަ އިހުދެންނެވި ގިންތީގައި ހިމެނޭ މީހުންނަށް ހީވެދާނެ، އަޅެ އެހެންނޫންތޯއެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.