Support Us

ކޮލަމް ކަލާވެހި: ހަމަ ކޮންމެ ކަމެއްގެ ބޭހަކީ "ފަރުދީ ޒިންމާ" ތޯއެވެ؟

އަޅުގަނޑާ ވަރަށް ގާތް ބޭފުޅަކު ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ހުންނަ ބޮޑު ހޮސްޕިޓަލަކަށް ހަމަ ދާދި މިދާކަށްދުވަހު ޒިޔާރަތްކުރެއްވިއެވެ. އޭނާ ވަޑައިގަތީ އެތާ ހުންނަ، ކެންސަރުބައްޔާ ބެހޭ ޑިޕާޓްމަންޓަށެވެ. އެ ޒިޔާރަތަށްފަހު އެބޭފުޅަކު ފޭސްބުކްގައި ލިޔުއްވައިފައިއޮތް އެއްޗެއް ފެނިފައި އަޅުގަނޑު ކުޑައިކޮށް ވިސްނައިލާން ޖެހުނެވެ. ލިޔުމުގައި އޮތީ އެ ޑިޕާޓްމަންޓަށް ފަރުވާހޯދަން ގޮސް ތިބި މީހުން ގިނަކަމަށް ދެކެވަޑައިގަތްކަމަށާއި، އެކަމާ އެބޭފުޅާވެސް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަތްކަމަށެވެ.

އަޅުގަނޑުމެންގެ މި ދިވެހިރާއްޖެޔަކީ، ދުނިޔެމަތީގެ ސުވަރުގެޔެއްކަމަށް ފަތުރުވެރީންނަށް ދައްކައިގެން މުޅި ދުނިޔެއަށް އިސްތިހާރުކުރާ ތަނެކެވެ. އެހެނެއްކަމަކު، ވައިފެން ރަނގަޅު، މޫސުން ރަނގަޅު މިރާއްޖޭގެ އާބާދީގެ ނިސްބަތުން އަންދާޒާކޮށް ވަޒަންކޮށްލާއިރު، މިރާއްޖޭގައި ކެންސަރުބައްޔަށް ފަރުވާހޯދާ މީހުން އާދަޔާޚިލާފަށް ގިނަކަމަށް އެންމެ ބޭފުޅަކަށްނަމަވެސް ފާހަގަކުރެއްވުނުމަކީ ކުޑަ ކަމެއްނޫނެވެ.

އެކަމަކު މިހާރު ތިޔަ ވިދާޅުވާން އުޅުއްވެނީވެސް ހަމަ ތެދުފުޅެކެވެ. މިޒަމާނުގެ ތަޢުލީމީ ދިރާސާތައް ހުންނާންޖެހޭ ހަމަތަކާއި މިންތަކަށް ބައްލަވާ ހަމަ ކޮންމެ ބޭފުޅަކުމެ ވިދާޅުވާނެޔޭ، އަދި ވަކީން ޚާއްޞަކޮށް އަޅުގަނޑުމެންގެ ތެރޭގައި އެކި ކަންކަމުން އެންމެމަތީފެންވަރުގެ ފާސްތައް ހުޅަނގުގެ އެކި ޖާމިޢާތަކުން ހިއްޕަވައިގެން ވަޑައިގެން ތިއްބެވި ބޭބޭފުޅުން އަޑުފުޅަށް ބާރުލައްވައިފައި ވިދާޅުވާނެވެސް މެޔޭ، އެންމެ މީހަކު ފޭސްބުކްގައި ހަމަ އެހެން ލިޔެލާ އެއްޗެއްގައި ހުންނާނީ ޢަޤްލީ ހަމަތަކުގެ މަތީން ކޮން ބުރަދަނެއްހޭ، އެކަހަލަ ވާހަކަ ދައްކަން މިވެނި އެވެނި މީހާގައި ހުރީ ވަކި ކޮން އުރައްޕެއްހޭ! އެހެންނަމަވެސް، މިދެންނެވި ވާހަކަ ފޭސްބުކްގައި ލިޔުއްވި ބޭފުޅަކީ އެބޭފުޅަކު ފުރިހަމަ ޞިއްޙަތެއްގައި ގަދަވެވަޑައިގެން ހުންނެވިއިރު އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެޔަށް ގިނަގުނަ ގޮތްގޮތުން ޚިދުމަތްކުރެއްވި ބޭފުޅަކަށް ވެފައި، އެބޭފުޅާޔަކީވެސް ’ގަހުން ކަނޑައިލިގޮތަށް ރޮލާ‘ ހުންނެވި ބޭފުޅަކަށްވެސް ނުވާތީ، އެބޭފުޅާ އެ ވިދާޅުވި އެއްޗަކާމެދު އަޅުގަނޑު ވިސްނައިލީމެވެ. އަދި ޤައުމުގެ އެކި ކަންކަމުގެ މަސްއޫލިއްޔަތު އިސްކޮށް ބޮލަރުވައިގެން މިހާރު މިއުޅުއްވާ ޒާތުގެ އެކި ފެންވަރުގެ ބޭބޭފުޅުން ވިދާޅުވާ ނުވަތަ ވިދާޅުވާނޭ އެތި ވެސް އަޅުގަނޑަށް ވިސްނެއެވެ. އެއީ ކީކޭ ކަމަށްތޯއެވެ؟ އެބޭފުޅުން އެއްއަޑުފުޅުން ކަހަލަ ގޮތަކަށް ވިދާޅުވާނީ، ތިހިރަ ޒާތުގެ ކަންކަމަކީ ދިވެހިރާއްޖޭގެ އާދައިގެ ޢާންމު ފަރުދުން މިހާރަކަށްއައިސް މިއުޅޭ ނުކިއްސަރު ގޮތްތަކެއްގެ ސަބަބުން ދިމާވާހާ ގޮތްތަކެއް ނޫންހޭ، މިހެންނެވެ!

އަޅެފަހެ، ފަސޭހައެއް ނޫންތޯއެވެ! ޞިއްޙީ ގޮތުން ދިމާވާ ގިނަ ކަންކަން އަޅުގަނޑުމެންނާ ދިމާވަމުން މިދަނީ އާދައިގެ، އަތްމަތި އެހައި ތަނަވަސްނޫން، ދެރަވަރުގެ، ޢާންމު ރައްޔިތުންނަށް އުޅެވޭ ގޮތްތަކަކުން ނޯލައެވެ. އެކަހަލަ ކަންކަން އަޅުގަނޑުމެންނާ މި ހުށަހޮޅިގަންނަނީވެސް ސަބަބުތަކެއް ނެތިއެއް ނޫނޯލައެވެ. އަދި އެ ސަބަބުތައް ކަމަށް އެވިދާޅުވާ ނުކިއްސަރު ގޮތްގޮތަށް މިއުޅެވެނީވެސް، އަތްފައި ކޮށައިގެން ލޯބޯފިއްސައިގެން މަސައްކަތަށް ނިކުމެ މިއުޅޭ، އަޅުގަނޑުމެން ކަހަލަ ’ދެރަ ސޮޑާ‘ އިންނަށޯލައެވެ. ދާދި މިދާކަށްދުވަހު އަޅުގަނޑުމެންގެ ތެރެޔަށް މަޝްހޫރުވެގެންދިޔަ ބަހަކުން ދަންނަވާނަމަ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ’ފަރުދީ ޒިންމާ‘ އަދާ ނުކުރެވޭތިއްޔޯލައެވެ! އަސްތާ، ހަމަ އެހެންތޯއެވެ؟

އެކަމަކު އެހިސާބުން ހަމަ އެނިމުނީތޯއެވެ؟ ރާއްޖޭގައި ކެންސަރުބަލި ގިނަވަނީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން ގިނަވާތީ އެކަނިތޯއެވެ؟ ރޭގަނޑުގެ ހަމަނިދި ނުނިދައި ކޮފީޝޮޕްތަކުގައި ކަޅުކޮފީ ބޯން ތިބޭ ބޭކާރު މީހުން ގިނަވާތީތޯއެވެ؟ އަނގަފުރާ ދުފައިގެން މެންދަމުންއަލިވެ ދޭއްތިނެއްޖަހާއިރު ގޯޅިގޯޅި ކަންމަތީގައި އަޗާތަޅަން، ފޮނި ބައިސާކަނޑަން ތިބޭ މީހުންވެސް ގިނަވާތީތޯއެވެ؟ އަދި މިކަންކަމުގައި އާދައިގެ ޢާންމު ރައްޔިތުން ’ފަރުދީ ޒިންމާ‘ ފިސާރި ރަނގަޅަށް އުފުލައިގެން ބަސްއަހައިގެން އުޅުނީމައި އެހިސާބުން ހަމަ އެ ނިމުނީތޯއެވެ؟ ނިމޭނެތޯއެވެ؟

ނޫނެކެވެ! އެހިސާބަކުން އަދި ނުނިމޭނެޔޭ އަޅުގަނޑު މިދަންނަވަނީ ސަބަބުތަކެއް ހުރީމައެވެ. އަޅުގަނޑުވެސް އަދި މިކަމައިގެން ނިކުމެ މަޢުލޫމާތު ހޯދައިގެން، އެ މަޢުލޫމާތު ރެކޯޑުކޮށްގެން، ތަފާސްހިސާބު ހަދައިގެން، ވަރުގަދަ ބޮޑު ދިރާސާއެއް ކޮށްގެން  ދެބަހުން އެއް ބަސް އިނގިރޭސިބަހުން ނުބުނެ އެވާހަކައިން އަދި ނުފެށިޔަސް، މިއަދު ހެނދުނު އަޅުގަނޑާ ދިމާވި ކަމެއް މިސާލަކަށް ނަގައިގެން ފަށަމާތޯއެވެ! އައްސަވާށެވެ!

މާލޭގެ އަމީނީމަގުގައި އެހުންނަ، އަޅުގަނޑުމެން އެންމެންގެ ބޭންކުގެ ޚިދުމަތްތައް އެންމެ ފުރިހަމަޔަށް ދޭ މަރުކަޒުގެ ކުރިމައްޗެވެ. އެ މަރުކަޒުގެ ބޭރުގައި ދުވާރުމަތީގައި ދަމައިލައިފައި އެއޮތީ، އަދި ކޮންމެވެސް ވަރަކަށް ބޮނޑިވެފައިވެސް އެއޮތީ، ތަނަށް ހާޒިރުވުން ނޫންގޮތެއް ނެތިގެން އެތަނަށް ޚިދުމަތް ހޯދަން އައިސް ތިބި އެކި ޖިންސުގެ، އެކި ޢުމުރުގެ، އެކި ފުރައިގެ މީހުންގެ ކިޔޫއެކޭ ކިޔޭނެންޏާ ކިޔޫއެއް ކަހަލަ އެއްޗެކެވެ. އަޅުގަނޑުވެސް އެ ދިޔަތާކަށް ދާން ދުވާރުމަތީން ހިނގައިފައި ދާން ޖެހުނީ އެ ކިޔޫގެ ތެރެއިން ކަހަލަ ގޮތަކަށެވެ. އަޅުގަނޑު އެ ހިސާބަށް އަރައި ހަމަވީއިރު އަޅުގަނޑަށް އެންމެ ފުރަތަމަވެސް ފާހަގަކުރެވުނީ އާދައިގެ މަގުން ހެޔޮވަރުކަމަށް ބެލޭ ވަރަށްވުރެ ތަންކޮޅެއް އަޑުގަދަކޮށް ވާހަކަދައްކަން ތިބި ބައެކެވެ. ތިޔަބޭފުޅުންގެ ކަންފަތްޕުޅުގައި އެބަހެއްގެ އަޑު ހަމަ ޖެހޭއިރަށްއެއީ ބިދޭސީ ކޮން ބަހެއްގެ އަޑުކަން ތިޔަބޭފުޅުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ވަރަށް ރާއްޖެޔާ ރައްޓެހި ބަހަކުން އެކަކު އަނެކަކާ މުޢާމަލާތްކޮށްލަން ތިބި ދެތިން މީހެކެވެ. ކޮންމެ މީހެއްގެ އަތުގައި ރޯކޮށްލެވިފައި އޮތީ ވަރަށް ތާޒާ، އެމީހުންނަށް އެކަނި ނަމަވެސް ރަހަމީރު ސިނިގިރޭޓެެކެވެ. ފުއްޕާމޭ ފުރައިލައި އެތެރެޔަށް ދަމައިލައިފައި ދެން ދޭތެރެދޭތެރެއިން ބޭރަށް އެ ދޫކޮށްލާ ދުންބޮނޑިބޮނޑި އެ ފިރުމައިލަނީ އެތާ ތިބި މީހުންކުރެ މުސްކުޅިއެއްގެ ތުނބުޅިއެއްގައިތޯ، ޒުވާނެއްގެ ޝާއްބަ މޫނެއްގައިތޯ، އެމީހުން ބަލައެއް ނުލައެވެ. ނުތާހިރު، ހަޑި ދުންގަނޑު ނޯށަށް އެރީމައި ކެއްސައިގަންނަނީ ދެން ތިބި ބަދުނަސީބު އިންސާނުން ކުރެ ކާކުތޯ ބަލައިލަން އެމީހުންގެ ހިތަކަށް ނާރާނެއެވެ.

ޢާންމު ތަންތާނގައި ބިޑި، ސުއްޓާ، ސިނގިރޭޓޫ ބުއިމަކީ މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނެއްގައި އެގޮތަށް ކުރުން މަނާކަމެއްކަމަށް ހަމަޖައްސަން އުޅުނު ވާހަކަ އަޅުގަނޑު ތަންކޮޅެއް ކުރިން ވަރަށް އުފަލާއެކު ކޮންމެވެސް ތާކުން އަޑުއެހީމެވެ. އެކަން އެގޮތަށް ހަމަޖެހުނުކަމެއް ނުވަތަ ނޫންކަމެއްވެސް އަޅުގަނޑަކަށް ނޭނގެއެވެ. ހަމަނުޖެހެންޏާ، އެއީ ފަރުދީޒިންމާގެ ކޮން ފަރާތަކުން ކިހިނެއް މަސައްކަތް ނުކޮށްގެން ހަމަނުޖެހި އޮތް ކަމެއްތޯ އަހާކަށް އަޅުގަނޑު ނެތީމެވެ. ހަމަޖެހުނުނަމަ، ރާއްޖެ ކީއްކުރަންތޯއޭ، ހިސާބުގަނޑުގައި ހުރި ދައުލަތުގެ ބައެއް މުއައްސަސާޔަށް ބަލައިލިޔަސް އަމީނީމަގުގެ އެހިސާބުގައި އެކަން ޢަމުދުން ތަންފީޒުނުވެ އޮތީ ކީއްވެގެންތޯ އަހާކަށްވެސް އަޅުގަނޑު މިވަގުތަކު ނެތީމެވެ. އަދި ކިއެއްތޯއޭ، މިދެންނެވި ކިޔޫގެ ވާހަކަ އިހަށް ބާއްވައިފައި، ދުންފަތުގެ އިސްތިޢުމާލު ކުރުން ރަތާއި ހުދުގެ އިޢުލާނުން ކަނޑައެޅިގެން މަނާ ކަމަށް ބަޔާންކޮށްފައި އެހުންނަ ތަންތާނގައި ބަސްއަހައިގެން އުޅޭ ޒާތުގެ ކުދީން ސައިފޮދު ޖޫސްފޮދު ބޯން ތިއްބައި އެތަންތަނަށް ވަންނަވެސް މިދެންނެވި ޒާތުގެ ހިފިނުހުރެގެން އުޅޭ ޒާތުގެ މަދު މީހަކު ވަދެ އާނދޮގެޔޭ ބުނާ ޒާތަކަށް ދުންއަރުވަން ފެށީމައި އެކަން ހުއްޓުވަން ލާޒިމުވާ މީހަކު އެތާނގައި ޖިސްމާނީ ގޮތުން އިނަސް ޢަމަލީ ގޮތުން ނެތެނީ ކީއްވެތޯ ސުވާލުކުރާކަށްވެސް ހަމަ ނެތީމެވެ. އެކަމަކު އެހިސާބުން އެކަންވެސް ހަމަ ’ފޫޅު ކެނޑެނީ‘ ފަރުދީ ޒިންމާޔަށްތޯ ހިތަށްއަރައޭ ދަންނަވާލާނަމެވެ.

ދެން އޮތީ ރޭގަނޑުގެ ހަމަނިދި ނުނިދައި އެތަންމިތާނގައި މީސްމީހުން އުޅޭ ވާހަކައެވެ.

ހިސާބުގަނޑުގައި ހުރި، މުއްސަންޖެއްގެ ގެޔެއް އާސްމާނާހަމަޔަށް އަދި ނުނެގިޔަސް ހިތް އޮތް ހިސާބަކަށް ނަގަން ގުންގުރޭޓު އަޅަން އެންމެ ރަނގަޅު ވަގުތެއް ކަމަށް މުއްތުކުމާރު އެބުނަނީ ދަންވަރުއެވެ. އެއީ މަސައްކަތްކުރަން ތިބި މީހުންގެ ތެރެއިން އޭނާގެ ވަޠަނީ މީހުން ރައްދަކާ އަވީގައި މަސައްކަތްކުރަން ދެކޮޅުހަދާތީއޭވެސް ބައެއްމީހުން ބުނެއެވެ. މަސައްކަތް ފަށަން ހުއްދަދިން ފަރާތަކުން ހުއްދަ ދިނީވެސް ރޭގަނޑު ބާރައިގެ ފަހުން މަސައްކަތްކުރާށެވެ. ގަޑި ޖެހުމާއެކު ޗާލޫވި ގުންގުރޭޓު މެޝިނަށްވުރެ ބާރަށް އެހެރަ އިވެނީ ބިދޭސީން އެކަކު އަނެކަކާ މުވާޞަލާތް ކުރަން ހަޅޭފަޅޭ ލަވަން ފެށި އަޑެވެ. ދެން އިވޭނީ ފޫހިފުލިވައިލަން ބާރަށް ލަވަޖަހައިފައި އިރުއިރުކޮޅާ ސިނިގޭޓު ބުރޭކު ނަގާ އަޑެވެ. އަވަށްޓެރީން ކުރެ ގޯތިގެދޮރު ސައުންޑުޕުރޫފް ކުރެވޭހައި ފެންވަރު ނެތް ކެނައިން އެހިސާބުން ޖެހޭނީ ހެނދުނު އޮފީސް ގަޑި ޖެހެންދެން ހޭލައި ތިބޭށެވެ. ހަމަނިދި ނުނިދައެވެ. އެކަމާ ވިދިގެން އެއްޗެއް ބުނެފިއްޔާ، ހުއްދަ ދެއްވި ޒިންމާދާރު ބޭފުޅުން ފަރުވާކުޑަ ޒާތެއްގެ ރާގެއްގައި ވިދާޅުވާނީ، އެއީ އެންމެ ރެޔެއްގެ ކަމެއް ނޫންހޭ، ކަލޭމެން ’އަންޑަސްޓޭންޑު‘ ވާންޖެހޭނެނޫންހޭ، މިހެންނެވެ.  އެކަހަލަ ހުއްދަޔެއް މިވެނި ބަޔަކަށް މިވެނި ތާރީޚެއްގައި އެބަ ދެއްވަމޭ އަވަށްޓެރީންނަށް އަންގަވައިލައްވައި، ނުކިޔަވާ ތިބޭ އާދައިގެ މީހުންވެސް ދުރާލައި ’އަންޑަސްޓޭންޑު‘ވެލަން ތައްޔާރުވާނޭ ފުރުޞަތެއް ނުދެއްވުން އެއީ ޒަމާނީ ’މޮޑަން‘ ހިންގުން އެބޭފުޅުން ކިޔަވާވިދާޅުވި ފޮތުގައި އޮތް ގޮތޭ ވިދާޅުވެވޭ ކަހަލައެވެ. އޭގެ ބޭރުން އެބޭފުޅުންގެ އެއްވެސް ވަރެއްގެ ހަމްދަރުދީއެއް އާދައިގެ ކެނައިންނަކަށް ނޯންނާނެޔެކޭ އަޅުގަނޑެއް ނުދަންނަވާނަމެވެ. އޮތިއްޔާ ވަރަށް ރަނގަޅޭވެސް ނުދަންނަވާނަމެވެ. އޭގެ ބަދަލުގައި އެވާހަކަ ދެން އިތުރަށް ނުދައްކައި ކަޅު ކޮފީޔެއް ބޯލައިގެން ފުއްދައިލާނީއެވެ!

މިކަހަލަ ކިތައް ކަންތައްތޯއެވެ! މަގު ކޮނުނަސް، ހޮޅި އެޅިޔަސް، ފައިބަރު ލައިނެއް އެޅިޔަސް، ކަން ހިނގަނީ ހަމަ އެފަދަ ގޮތަކަށް  ތޯއްޗެކެވެ. ހެދިފައި ހުންނަ ގަވައިދުތަކުގެ ހަފޮޅުން ކުޑަކޮށް ބޭރުންނަމަވެސް ހަދައިގެން ހިންގާ ގަމުތެރޭ ގުދަންތަކަށް މުދާ ގެނެސް، ބާލައި، އަރުވައި ހަދަން ލިޔުމުން ހުއްދަ ދީފައި އޮންނަނީ ޕިކަޕާއި ލޯރި ތަނަށް ވައްދައިގެންނޯލައެވެ. އެހެނެއްކަމަކު މަގުމަތީގައި ދަމައިފައި އޮންނަ ރީނދޫކުލައިގެ ދެ ފަށް އެއީ ގުދަނަށް މުދާ އަރުވާ ބާލައި ހަދަން ދީފައި އޮންނަ އަމިއްލަ މިލްކު ’ޒޯނު‘ ކަމަށް ހަދައިގެން ޢަމަލީގޮތުން އެކަން ކުރަމުން އެ ގެންދާ ގެންދިޔުންވެސް އެއީ ހަމަ އެފަދަ ކަމެއް ތޯއްޗެކެވެ. ހަމަގައިމުވެސް އެތަފާތު ފެންނަ ބަޔަކު ތިބި ކަމުގެ ދަލީލެއް ނުފެނެއެވެ. އެކަހަލަ ތަންތަނުގައި އެކަހަލަ މަސައްކަތްތައް މެންދަމުން އަލިވާ ފަހުން އަހައިލުމެއް، ކަހައިލުމެއް، ދުރާލައި އަންގާލުމެއް ނެތި ފަށައިގަތީމައި ހަތަރެސްފައި ކޮޅަށްޖެހިގެން ހޭލެވޭ މީހާ ހަމަ އެއްކަލަ ކަޅުކޮފީ ބޯން ކޮފީޝޮޕަށް ދާން ނިކުތީމައި، ނުވަތަ ނުފޯރާ އަވަށްޓެރީންގެ އެއްވެލުމަކަށް  ގޯޅިކަންމައްޗަށް ދަންވަރެއްކަމަކު ނިކުތުން ނޫންގޮތެއް ނެތިގެން ނިކުތީމައި، އާދައިގެ ނިކަމެތީންނަށް އެނޫން ގޮތެއް އޮވޭތޯ ބަލައިލާނޭ މީހަކު، ދިރާސާއެއް ހަދައިލާނޭ މީހަކު އެބައުޅޭތޯއެވެ؟ ތޮއްޖެހިގެން މީހުން އުޅޭ ތަންތާނގައި ދުރާލައި އަންގައިލައިގެން، ނޫނީ ކުރީން އިޢުލާނުކޮށް އަންގައިފައި އޮންނަ ވަކި ތާވަލެއްގެ ދަށުން އިންތިޒާމީ ގޮތެއްގައި ކަންކަން ހިނގާނަމަ… ނޫން! އެވީ ’ފަރުދީ ޒިންމާ‘ އިން ބޭރު ދެއްތޯއެވެ! ކަނޑައެޅިގެން ގަވައިދާ ޚިލާފަށް އެކަހަލަ ކަންކަން ހިނގިޔަސް… ނޫން! ނުހިގާނެ ކަމަށް ބަލަމާތޯއެވެ!

މިހިރަ މިހިރަ ގޮތްގޮތަށްވެސް ކަންކަން ހިނގާއިރު، ދުންފަތުގެ އިސްތިޢުމާލު ނުރުހުމުގައި ކުރަން މަޖުބޫރުވާ ފަރާތްތަކުގެ ބޮލުގައި ’ފަރުދީ ޒިންމާ‘ގެ މަސްއޫލިއްޔަތު އެޅުވުން ހަމަ ރަނގަޅުތޯއެވެ؟ ރޭގަނޑު ހަމަނިދި ނިދަން ފުރުޞަތު ނުލިބުނީމައި އެނޫން ގޮތެއް ނެތިގެން ކޮފީޝޮޕް ތަކަށް ގޮސް، ނުވަތަ ގޯޅިގޯޅި ކަންމައްޗަށް ނިކުމެ ނިދިފިލުވައިލަން މަޖުބޫރުވާ މީހުންގެ ބޮލުގައިވެސް ހަމަ އެޒިންމާ އެޅުވުން އެއީ ހަމަ ޙައްލެއްތޯއެވެ؟ ކަމުވޮށިގެންވާ އެންމެން ދަންނަ އިނގިރޭސިބަހުން އެކިޔާ ’ސްޓްރެސް ރިލޭޓަޑް އިލްނަސް‘ ތަކަކީ މި ދެންނެވި ކަހަލަ މާޙައުލެއްގައި ހެދުނުހައި ގޮތެއް ހެދެން ނުޤަބޫލުގައި ރުހިގެން ’އަންޑަސްޓޭންޑު‘ވެގެން އުޅެން މަޖުބޫރުވާ ނިކަމެތީންނާ ހުށަހޮޅިގަތުން އެކަށީގެންވާ ބަލިތަކެއްތޯއެވެ؟ މިސުވާލުތައް އަޅުގަނޑު މިކުރަނީ އަޅުގަނޑުގެ ’ފަރުދީ ޒިންމާ‘ގެ ތެރެއިން ހޯދައިހޯދައިވެސް އެ ސުވާލަށް އެކަށީގެންވާ އެއްވެސް ޖަވާބެއް އަޅުގަނޑަށް ހަމަ ނުފެނުނީމައެވެ! ހަމަ ކޮންމެ ކަމެއްގެ ބޭހަކީ އަދި ޙައްލަކީ ހަމަ ”ފަރުދީ ޒިންމާ“ ތޯއެވެ؟