Support Us

ކޮލަމް ކޯދު: ކުށުގެ ބާވަތުގެ މައްޗަށް އަވަސް ކަޅިއެއް- ބައެއް ކަހަލަ ކުށަކުން އެހެން މީހުންނަަށް ގެއްލުމެއް ނެތް ހެއްޔެވެ؟

މިހާރުގެ އެންމެ ހޫނު ވާހަކަތަކުގެ ތެރޭގައި ކުށުގެ ބާވަތުގެ މައްޗަށް ބަލައި ވާހަކަ ދެއްކޭ ތަން ފެނެއެވެ. ކުށުގެ ބާވަތުގެ މައްޗަށް ބަލައި ކުށްތައް ދެ ބައަކަށް ބަހާލެވޭ ތަން ފެނެއެވެ. މީހާގެ ކުށުގެ ސަބަބުން، އާންމު މީހުންނަށް ގެއްލުމެއް ކުރިމަތިވެދާނޭ ކަމަށް ބެލެވޭ ކުށާއި މީހާގެ ކުށުގެ ސަބަބުން އާންމު މީހުންނަށް ގެއްލުން ކުރިމަތިނުވާނޭ ކަމަށް ބެލެވޭ ކުށެވެ.

މި ގޮތުން ކުށްތައް ބަހާލާ ބައެއް މީހުންގެ ނަޒަރުގައި، ޣައިރު ގާނޫނީ ސިފައެއްގައި، ޔޯގާ ހުއްޓުވަން އުޅުނު މީހުން ހިންގީ ނިރުބަވީ އަމަލެކެވެ. އެއީ މަރާމާރީގެ އަމަލު ހިންގައި، އަމަން އާންމު ނަގާލައި އެތައް ބަޔަކަށް ގެއްލުން ލިބުނު އަމަލެކެވެ. އެހެންވެ، އެ ކުށަށް އަރައިގެން މީހުން، އެ މީހުންގެ ތަހުގީގު ނިމުނު ކަމުގައި ވިޔަސް، އެ މީހުން ތިބެން ޖެހޭނީ ބަންދުގައި ކަމުގައި ބައެއް މީހުން ދެކެއެވެ. ސަބަބަކީ، އެ ފަދައިން ދެކޭ މީހުންގެ ނަޒަރުގައި، މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަކީ މުޅި މުޖުތަމާއަށް ހުރި ނުރައްކަލެކެވެ. އެމީހުންގެ ކުށުގެ އަމަލުން މިކަން ފެނިގެންދިޔައީމައެވެ.

ދެން، މި ފަދަ ނިރުބަވީ އަމަލުތަކާ ޚިލާފަށް، ބައެއް ކަހަލަ ބަދުއަޚުލާގީ އަމަލުތައް ހިންގާ މީހުންނަކީ، ބައެއް މީހުންގެ ނަޒަރުގައި، އެ މީހުންގެ ފަރާތުން މުޅި މުޖުތަމާއަށް ނުރައްކަލެއް ކުރިމަތިކުރުވާ ބައެއް ނޫނެވެ. މިސާލަކަށް، ޒިނޭއާއި އެއްޖިންސުގެ ގުޅުން ހިންގާ މީހުން އެކަން ކުރަނީ އެކަމުގައި ޝާމިލުވާ މީހުން ރުހިގެން ކަމަށްވާ ނަމަ، އެ މީހުންގެ އަމަލުން، ބައެއް މީހުންގެ ނަޒަރުގައި، މުޖުތަމައަކަށް އެއްވެސް ގެއްލުމެއް ނެތެވެ.

މި ލިޔުމުގައި އަވަސް ކަޅިއެއް އެއްލަން ބޭނުންވަނީ މި ރައުޔުގެ މައްޗަށެވެ. ދެންމެ މިނަންގަތް ފަދަ ބަދުއަޚުލާގީ އަމަލުތަކުގެ ސަބަބުން މުޖުތަމައަށް ގެއްލުމެއް ވޭތޯ ނުވަތަ ނުވޭތޯ ކަމުގެ މައްޗަށެވެ. ފަހަރެއްގައި ވެސް، ބަޔަކު ބަންދުކުރާށޭ ނުވަތަ ބަންދު ނުކުރާށޭ ބުނުމަކީ މި ލިޔުމުގެ މަގުސަދެއް ނޫނެވެ.

ދެންމެ މި ފާހަގަކުރި ނުކުތާގެ މައްޗަށް ކަޅިއެއް އެއްލަން ގަސްދުކުރާއިރު ބަލާލަން ޖެހެނީ ކޮން ކަމެއްގެ މައްޗަށް ހެއްޔެވެ؟ އާދެ، މިވެނި ކުށަކީ މުޖުތަމައަށް ގެއްލުން ހުރި ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާލުމުގައި ބަލާލަން ޖެހޭ އެންމެ މުހިއްމު ކަމަކީ ކޮބައިހެއްޔެވެ؟ އެއީ މުޖުތަމައުގެ އަސާސީ އަގުތަކެވެ. މުޖުތަމައެއް ވަކި މުޖުތަމައެއްގެ ގޮތުގައި އޮންނަނީ އެ މުޖުތަމުގެ މުޖުތަމައީ އަސާސީ އަގުތަކުގެ މައްޗަށް ބިނާކޮށެވެ. މި އަގުތައް އަސާސީ އަގުތަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ މުޅި މުޖުތަމައު އެ އަސާސުގެ މައްޗަށް ބިނާވެފައި އޮތީމައެވެ. އެ އަސާސު ނެތިކޮށްލައިފި ނަމަ، އެ އަސާސުގެ މައްޗަށް ބިނާވާ މުޖުތަމައެއް ނޯންނާނެވެ.

ރާއްޖޭގެ، ދިވެހި މުޖުތަމައު މި ވަގުތު ބިނާވެފައި އޮތް މުޖުތަމައީ އަސާސީ އަގުތަކުގެ މައްޗަށް ބަލައިލާއިރު، ޒިނޭކުރުމާއި އެއް ޖިންސުންގެ ގުޅުން ހިންގުމަކީ ޖަމާއީ ސިފައެއްގައި، މާނައަކީ، މުޖުތަމައުގެ ބޮޑު ބައެއް ގަބޫލުކުރާ ގޮތުގައި، އަދި ބަލައިގަންނަ ކަންކަމެއް ނޫނެވެ. މުޖުތަމައުގެ މުޖުތަމައީ ޖައުހަރީ ނުވަތަ އަސާސީ އަގެއް ކަމުގައި އަދި ބެލެވިފައި އޮންނަނީ ޒިނޭކުރުމާއި އެއް ޖިންސުގެ ގުޅުން ހިންގުމަކީ އިންސާނީ މާތް އަޚުލާގިއްޔާތާ ފުށުއަރާ ކަމެއްގެ ގޮތުގައެވެ. މީގެ މާނައަކީ މުޖުތަމައުގައި މި ފަދަ ކަންކަން ނުހިނގާ ވާހަކައެއް ނޫނެވެ. މުޖުތަމައުގައި މިފަދަ ކަންކަން ހިނގި ކަމުގައި ވިޔަސް، އެއީ މުޖުތަމައުގެ ގިނަ ބައެއްގެ ނަޒަރުގައި ވެސް ހުއްދަ ކަންކަމެއް ނޫނެވެ.

މިކަން އިތުރަށް ސާފުވެދިޔުމަށްްޓަކައި އެހެން މިސާލެއް ވެސް ލިޔެލާނަމެވެ. ދޮގު ހެދުމާއި ވައްކަމަކީ ވެސް މުޖުތަމައު ހުއްދަކޮށް ބަލައިގަންނަ ކަމެއް ކަންކަމެއް ނޫނެވެ. އޭގެ މާނައަކީ ދޮގު ހެދުމާއި ވައްކަން ކުރުން މުޖުތަމައުގައި ނެތް ވާހަކައެއް ނޫނެވެ. އެކަންކަން އޮތް ކަމުގައި ވިޔަސް، ޖަމާއީ ސިފައެއްގައި، މިފަދަ ކަންކަމަށް އިންކާރު ކުރެއެވެ. އެހެންވެ، މިކަންކަން މުޖުތަމައުގައި ފެތުރިފައި އޮތަސް، މިކަންކަން އެއީ އެންމެ ރަނގަޅު ކަމެކޭ، މިކަންކަން ހުއްދަ ކުރަންވީއެކޭ އެކަކުވެސް ބުނާނެހެެނެއް ހިޔެއްނުވެއެވެ.

ހަމަ އެހެންމެ، ޒިނޭ ކުރުމާއި އެއްޖިންސުގެ ގުޅުން ހިންގުމަކީ ކުރިން ވެސް އަދި މިހާރު ވެސް ހިނގާ ކަމެކޭ ބުނެ، އެކަންކަން ހުއްދަ ކުރެވޭނޭ ގޮތެއް އަދި ނެތެވެ. ސަބަބަކީ އެއީ މުޖުތަމައު، ޖަމާއީ ސިފައެއްގައި ގަބޫލުކުރާ ގޮތާ ޚިލާފު ކަންކަމަށްވާތީއެވެ. އާދެ، މުޖުތަމައުގެ އަސާސީ ބައެއް އަގުތަކާއި ފުށުއަރާ ކަންކަމަށްވާތީއެވެ. މިކަން ހުއްދުކުރުން ގަބޫލު ނުކުރެވެނީ، އެންމެނަށް ވެސް އެނގޭނޭ ފަދައިން، އިސްލާމް ދީނުގައި އެކަންކަން ހަރާން ކުރެވިފައި އޮވެ، އަދި، ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތަކީ މުސްލިމުން ކަމުގައިވާތީއެވެ.

މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މުޖުތަމައުގެ ޖައުހަރީ، އަސާސީ، އަގަކާ ދިމާ އިދިކޮޅަށް ފާޅުގައި ނިކުތުމަކީ މުޖުތަމާއަށް ގެއްލުން ނެތްކަމެކޭ ބުނެވެން ނޯންނާނޭ ކަމެވެ. އެފަދަ އަމަލުތައް ފާޅުގައި ހިންގައި އަދި އެއީ އެންމެ ރަނގަޅު ކަމެކޭ ބުނުމަކީ މުޖުތަމައުގެ ޖައުހަރީ އަގުތަކާ އިދިކީލަވެގަނެ، މުޅި މުޖުތަމައުއާ ހަނގުރާމަކުރުން ފަދަ ކަމަކަށްވާތީއެވެ. މިއީ ގާނޫނުގައި ލިޔެފައި އޮތް ކަމަކަށް ވިޔަސް ނުވަތަ ގާނޫނުގައި ލިޔެފައި ނެތް ކަމަކަށް ވިޔަސް، މިފަދަ މައްސަލަތަކާ ބެހޭ ގޮތުން އެއްޗެއް ބުނާއިރު، އެންމެ ފުރަތަމައިނުން ވެސް، މުޖުތަމައުގެ އަގުތަކަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. އެ އަގުތައް، ބަދަލުނުވެ އޮތްހާ ހިނދަކު، އެ އަގުތަކާ އިދިކީލަވެ، ދެކޮޅު ހެދޭކަށް ނޯންނާނެއެވެ. އެ އަގުތަކާ ދެކޮޅު ހަދާ ނަމަ، މުޅި މުޖުތަމައަށް ގެއްލުންދޭ ކަމުގައި ބެލެވޭނެއެވެ. ދެ މީހަކު ރުހިގެން އެފަދަ ކަންކަން ކުރި ކަމުގައި ވިޔަސް ވެހެވެ.