...

Support Us

ކޮލަމް އަތުކުށް: ދަނީ ކޮންތާކަށްހެއްޔެވެ؟

ލިޔުންތެރިކަމުގައި މިހާރު ތަރައްގީވަމުން ނުވަތަ ބަދަލުވަމުން އަންނަ މިޞްރާބު (މި ޒަމާނުގެ ބަހުންނަމަ ޓްރެންޑް) މިހިރީ ކޮން ދިމާއަކަށް ހެއްޔެވެ؟ ޚަރަދު ކުޑަ، ފަސޭހަ، ސާފު، ސާދާ ގޮތުގެ ބަދަލުގައި ޚަރަދު ބޮޑު، އުނދަގޫ، ނުސާފު، ތައުގީދު ގޮތަކަށްހެއްޔެވެ؟ މިއީ މި ޒަމާނާ ވެސް ނުގުޅޭ އުސްލޫބެއް ނޫންހެއްޔެވެ؟

އަޅުގަނޑު މި ވާހަކަ ކިތަންމެ ފަހަރަކު ދައްކައިފީމެވެ. ފަސޭހަކޮށް ލިޔެވެން އޮއްވައި އެއްވެސް މަންފާއެއް ނެތް ގޮތެއްގައި އިތުރު ހަކަތައާއި އިތުރު ދެއްޔާއި ވަގުތު އިސްރާފުވާ ގޮތަށް މި ޒަމާނުގެ ކުދީން ލިޔަނީ ކީއްވެގެންހެއްޔެވެ؟ ނަމަވެސް މިއަދު މީޑިއާގެ ހުށަހެޅުންތަކާއި ނޫސްތަކުގެ ލިޔުންތަކުން ވެސް މި ދެންނެވި އުސްލޫބު (ނުވަތަ ޓްރެންޑް) ވަރަށް ގިނައިން ފެނެއެވެ. ގިނައިންނެއް ނޫނެވެ. ވަރަށް ގިނައިންނެވެ. އާންމުކޮށެވެ. އެކި ކުލާސްތަކުގައި ދަރިވަރުންނަށް ވެސް މިކަން އޮޅުން ފިލުވައިދީ މި ކަން ސާފުކޮށްދީފީމެވެ. ކިތަންމެ ފަހަރަކުއެވެ. ނަމަވެސް އިސްލާހެއް ނުވެއެވެ. އެ ފަދަ ދަރިވަރުން ވެސް ހަމަ އެ "އުސްލޫބު" ދޫކޮށެއް ނުލިއެވެ. ސަބަބެއް ނޭނގުނެވެ. އަޅުގަނޑު އެ ސަބަބު ހޯދޭތޯ ވަރަށް މަސައްކަތް ވެސް ކޮށްފީމެވެ. ނޭނގުނެވެ. އެކަމަކު އެ އުސްލޫބު އަޅުގަނޑަށް ބަލައިގަނެވޭނީ އެ ކަމުގައި އޮތް ފައިދާއެއް ނުވަތަ މަންފާއެއް އެނގިގެންތާއެވެ. ކޮންމެ ވެސް ބޭފުޅަކު އެ ކަމުގެ މައްޗަށް ލިޔުއްވާނެ ނަމައޭ ހިތަށް އަރައެވެ. ނުވަތަ އަޅުގަނޑަށް ވަކީން އެކަން އޮޅުން ފިލުއްވައިދެއްވާނެ ނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރައެވެ.

އެކި ލިޔުންތަކުގައި ނުވަތަ އަނގަބަހުގެ އެކި ހުށަހެޅުންތަކުގައި ބޭނުމެއް ނެތް އަކުރުތަކަކާއި ފިލިތަކެއް އިތުރުކޮށްގެން ލިޔެކިޔައި ހަދާ މައްސަލައެވެ. މި ދަންނަވާން އުޅޭ އެއްޗެއް ތަންކޮޅެއް ސާފުކޮށް ދަންނަވައިލެވޭތޯ ބަލަމާތޯއެވެ! ދާދި ފަހުން ނޫހަކުން ފެނުނު އަދި މީސްމީޑިއާގައި ވިރަވި ޢިބާރާތެކެވެ. ތިރީގައިވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީއެވެ. އެހެންނަމަވެސް އަޅުގަނޑު އެ ޢިބާރާތް ލިޔެލާނަމެވެ.

"މިހާރު އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ދެ ތިން މީހަކު ވެގެން މީހެއްގެ އަތާއި ފައިގައި ހިފައިގެން ސިޑިން ތިރިއަށްދާ މަންޒަރެވެ. އެ ވީޑިއޯގައި އޭނާ ގަދަހަދާ މަންޒަރުވެސް ފެނިގެން ދެއެވެ. އަދި އޭނާ ބިންމަތީގައި ބާއްވާ މަންޒަރުވެސް ފެނިގެންދާއިރު، އެކަކު އޭނާ ހިފަހައްޓައިގެން ހުންނަ ތަންވެސް ފެނިގެން ދެއެވެ. އަދި ފަހުން ފޮތިގަނޑެއް ހިފައިގެން އައިސް އޭނާގެ ފައި ބަންނަ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެންދެއެވެ. އަދި އަނގަ ބަންނަ މަންޒަރުވެސް ފެނިގެން ދެއެވެ."

މި ޢިބާރާތް ކިޔައިލުމަށް ފަހު އަޅުގަނޑު ހިތަށް އެރިއެވެ. މި ޢިބާރަތުގެ ފުރަތަމަ ޖުމުލައިގައި "ވީޑިއޯއަކުން ފެންނަނީ"އޭ ލިޔުނީ ކީއްވެބާވައެވެ! އެ ލިޔުންތެރިޔާ ލިޔުއްވައިފައިވާ ގޮތަށް "ވީޑިއޯއަކުން ފެނިގެން ދަނީ"އޭ ނުލިޔުނީ ކީއްވެބާވައެވެ؟ މި ތަފާތު ގެންނެވީ ކީއްވެގެންބާވައެވެ! އަދި "ފެނިގެން ދެއެވެ." ލިޔުއްވި އިރު، ލަފުޒު ދުރުކުރައްވައިފައި "ފެނިގެންދާއިރު" ލިޔުއްވި އިރު ދުރުނުކުރެއްވީ ކީއްވެގެންބާވައެވެ؟ ގެންގުޅުއްވައިފައި އެ ވަނީ ކޮން ހަމައެއްކަމެއް ހަމަ އުޅެއުޅެ ވެސް ނުވިސްނުނެވެ. އަޅުގަނޑުގެ ވިސްނުން ކޮށިވީމާކަމަށް ވެދާނެއެވެ. ކޮންމެވެސް ބޭފުޅަކު އަޅުގަނޑަށް އޮޅުންފިލުއްވައިދެއްވާނެނަމައެވެ! އަޅުގަނޑަށް ވިސްނޭ ވަރަށެވެ. އަދި އެއްވެސް ތަނެއްގައި "ވެސް" ދުރުކޮށްފައި ނެތީ ކީއްވެބާވައެވެ؟ އަޅުގަނޑަށް އެނގިފައި އޮންނަނީ "ވެސް"އަކީ މެހޭ އަކުރަކަށް ނުވާތީ ކޮންމެ ތަނެއްގައި ކޮންމެ ޙާލަތެއްގައި ވެސް "ވެސް" ލިޔާންޖެހޭނީ ޖެހިގެން ދެކޮޅުގައި އޮންނަ ދެ ލަފުޒާ ވެސް ދުރުކޮށްފައިކަމެވެ. އެކަމަކު "ނަމަވެސް"، "އެހެންނަމަވެސް" މި ދެ ލަފުޒުގެ ފަހަތުގައި އެ އޮންނަ "ވެސް" އަކީ އެ ލަފުޒުގެ ބައެއް ކަމަށް ވާތީ، މިއީ މުސްތަގިއްލު "ވެސް"އެއް ކަމަކަށް ނުބެލެވޭނެއެވެ. ދުރެއް ނުކުރެވޭނެއެވެ.

އިސްވެ ދެންނެވުނު ޢިބާރާތް ގޯހޭ ނުވަތަ ރަނގަޅެއް ނޫނޭ ދަންނަވާކަށް އަޅުގަނޑެއް ނޫޅެމެވެ. މި ޒަމާނުގެ ގިނަ ލިޔުންތެރީންނާއި ގިނަ ހުށަހެޅުންތެރީން ޢާންމުކޮށް ބޭނުންކުރައްވާ އުސްލޫބެއް ގޯހޭ ބުނާން އަޅުގަނޑަކީ ކާކުހެއްޔެވެ! ނަމަވެސް ފަސޭހަކޮށް ލިޔެވޭން އޮއްވައި އިތުރު އަކުރުތަކަކާއި ވަގުތުތަކަކާއި އަދި ޗާޕުކުރާނަމަ އިތުރު ދެލި އަޅުގަނޑަށް އިސްރާފުކުރެވޭނީ އޭގެ ފައިދާއެއް މަންފާއެއް އަޅުގަނޑަށް އެނގުނު ދުވަހަކުންނެވެ. އެ ފައިދާއަކާއި މަންފާއެއް އެނގިވަޑައިގަންނަވާ ބޭފުޅުން އެހެން ލިޔުއްވިޔަސް އަޅުގަނޑު ކުރާނެ ކަމެއް ނެތްތާއެވެ!

އިސްވެ ދެންނެވުނު ޢިބާރާތް އޮތް ގޮތަށް، ޖުމުލަތަކަށް ބަދަލު ނުގެނެސް، އަޅުގަނޑު ލިޔުނު ނަމަ ހަމަގައިމު ވެސް އަޅުގަނޑު ލިޔުނީހީ އަންނަނިވި ގޮތަށެވެ. "މިހާރު އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ދެ ތިން މީހަކު ވެގެން މީހެއްގެ އަތާއި ފައިގައި ހިފައިގެން ސިޑީން ތިރިއަށް ދާ މަންޒަރެވެ. އެ ވީޑިއޯގައި އޭނާ ގަދަހަދާ މަންޒަރު ވެސް ފެނެއެވެ. އަދި އޭނާ ބިންމަތީގައި ބާއްވާ މަންޒަރު ވެސް ފެންނަ އިރު، އެކަކު އޭނާ ހިފަހައްޓައިގެން ހުންނަ ތަން ވެސް ފެނެއެވެ. އަދި ފަހުން ފޮތިގަނޑެއް ހިފައިގެން އައިސް އޭނާގެ ފައި ބަންނަ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ. އަދި އަނގަ ބަންނަ މަންޒަރު ވެސް ފެނެއެވެ."

ނޫސްވެރިޔާ ނޫހުގައި ލިޔުއްވައިފައިވާ ޢިބާރާތް އަޅުގަނޑު ލިޔުނީމާ ޖުމުލަ 14 އަކުރާއި 14 ފިލި އެބަ މަދުވެއެވެ. އެއް މާނަތަކެކެވެ. އެއް ޖުމުލަތަކެކެވެ. ވީމާ މިހާ ކުޑަކުޑަ ޢިބާރާތެއް ލިޔެލާން ބޭކާރު ވަގުތާއި ހަކަތައާއި ދެލި އިސްރާފުކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ! ބޭނުމެއް ފައިދާއެއް ނެތި އިތުރު 14 އަކުރާއި ފިލި ލިޔާން ވަގުތާއި ހަކަތައާއި ދެލި އިސްރާފުކުރުމުގެ ފައިދާއެއް އެބަ އޮތްތޯއެވެ! އަޅުގަނޑު ދެންނެވޭތޯ މި މަސައްކަތްކުރި ނުކުތާ މިހާރު ފާހަގަކުރެއްވިއްޖެކަމަށް އުންމީދުކުރަމެވެ.

މިހާރުގެ (ގިނަ) ލިޔުންތެރީން ލިޔުއްވާ އިރު، އެއްޗެއް ފެންނަ ވާހަކައެއް، އިވޭ ވާހަކައެއް، ލިބޭ ވާހަކައެއް ނުބުނެއެވެ. ބުނަނީ ފެނިގެން ދާ ވާހަކައެވެ. އިވިގެން ދާ ވާހަކައެވެ. ލިބިގެން ދާ ވާހަކައެވެ. އެ ދަނީ ކޮންތާކަށް ކަމެއް ހަމަ އުޅެއުޅެ ވެސް މި އުޅެނީ ނުވިސްނިގެންނެވެ. ފަސޭހަ ލުއި ގޮތަކަށް ލިޔެ ކިޔައި ހެދޭން އޮއްވައި އުނދަގޫ ގޮތެއް ޚިޔާރުކުރެވޭނީ އިތުރުވާ ވަގުތާއި ހަކަތައާއި ދެއްޔާ އެއްވަރަށް ނުވަތަ އެއަށްވުރެ އިތުރަށް ލިބޭ ފައިދާއެއް އޮންނަ ނަމަތާއެވެ!

މި ލިޔުމުގައި އަޅުގަނޑު ފާހަގަކޮށްފައިވާ ޢިބާރާތް އެއީ ކުށް ގޮތެކޭ ދަންނަވާން ނުކެރިގެން މި އުޅެނީ އަޅުގަނޑަށް ނުވިސްނެނީކަމަށް ބަލައިގެންނެވެ. އެހެނީ ގިނަ މީހުން އެ ގޮތަށް ލިޔާނީ ކޮންމެވެސް ހަމައެއް އަސާސެއް އޮވެގެން ކަމަށް ބަލާން ޖެހޭތީއެވެ. ނަމަވެސް އެ ހަމައާއި އަސާސް ނޭނގޭހާ ހިނދަކު އަޅުގަނޑަކަށް އެ އުސްލޫބު ބޭނުމެއް ނުކުރެވޭނެތާއެވެ. އަޅުގަނޑު އަބަދު ވެސް ލިޔަނީ އަޅުގަނޑަށް އެނގިފައި އޮންނަ، އެކަށައެޅިފައިވާ ހަމަތަކަކާއި ގަވާއިދުތަކަކަށް ރިޢާޔަތްކޮށްގެންކަމަށްވާތީއެވެ.

އަޅުގަނޑަށް ޔަގީނުން ވެސް އެނގޭ ކަމަކީ ކުރު ފަސޭހަ މަގެއް އޮއްވައި، އަދި ފުރިހަމަ ސާދާ ގޮތަކަށް ބުނެވޭން އޮއްވައި، ބޭނުމެއް ނެތް ގޮތެއްގައި ދިގު އުނދަގޫ އަދި މުއައްގަދު ގޮތެއް ޚިޔާރުކޮށް އިސްރާފުކުރުމަކީ ރަނގަޅުކަމެއް ނޫންކަމެވެ. މިއީ އަޅުގަނޑަށް އެނގިފައި އޮންނަ ގޮތެވެ.

ކަންކަން ވުމުގެ ބަދަލުގައި ވެގެން ދިޔުމާއި، އިވުމުގެ ބަދަލުގައި އިވިގެން ދިޔުމާއި ލިބުމުގެ ބަދަލުގައި ލިބިގެން ދިޔުމާއި، ފެނުމުގެ ބަދަލުގައި ފެނިގެން ދާ ގޮތް މިއީ އަޅުގަނޑު ގަބޫލުކުރާ އުސްލޫބެއް ނޫންކަމަށް ވިޔަސް ކުށް ގޮތެކޭ ދަންނަވާން އަޅުގަނޑު ބޭނުން ނުވަނީ މީޑިއާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުން އެ ގޮތަށް ޖުމުލަތައް ލިޔުއްވައި ވިދާޅުވާތީއެވެ. އެހެންވީމާ އެ ހަމަ ނުވަތަ އުސްލޫބު އަޅުގަނޑު މި އުޅެނީ ދަސްކުރާ ހިތުންނެވެ. އެއީ ކޮން ހަމައެއްތޯ ކޮން ގަވާއިދެއްތޯ އަޅުގަނޑަށް އެނގޭން ބޭނުންވަނީއެވެ. އެހެންނަމަވެސް އަޅުގަނޑު ފާހަގަކުރި ޢިބާރާތުގެ ޖުމުލަތަކުގައި އައިބައިފިލީގެ ހަމަތައް ރަނގަޅަށް ބޭނުންކުރައްވައިފައިވާކަން އުފަލާއެކު ފާހަގަކޮށްލާން އަޅުގަނޑު ބޭނުންވެއެވެ. ނަމަވެސް ލަފުޒު ވަކިކޮށްލިޔުމުގެ ހަމަ، އެ ލިޔުންތެރިއަކު އިތުރަށް މުތާލިއާ ކޮށްލައްވާންޖެހޭކަމަށް އަޅުގަނޑަށް ދަންނަވައިލާން ކެރިދާނެއެވެ.