Support Us

ކޮލަމް މާޒީ: ރަށްރަށަށް ނަން ދިނުމުގައި ބެލިފައި ހުރި އުޞޫލު

ދިވެހިރާއްޖޭގެ ރަށްރަށަށް އަންޒަމާނުއްސުރެ ނަން ކިޔައިފައި ހުރިކަމަށް ފެންނާން ހުރީ ވަރަށް ހަރުދަނާ އުޞޫލަކުންނެވެ. މި ގޮތަށް ނަން ދިނުމަށް ފަހު ފަހަތަށް "ދޫ" "ނުވަތަ "ފުށި" ނުވަތަ "ހުރާ" ނުވަތަ "ރަހާ" ގުޅުވައިލައިފައި ހުރުމަކީ ވަރަށް ޢާންމުކޮށް ފެންނަ ކަމެކެވެ. އެ ކަން ކޮށްފައި ހުންނަނީ ވެސް ހަމަ އެ އުޞޫލަށް ބެލިގެންކަމަށް ފެނެއެވެ. އަދި މި ފަދަ އެކައެއް އިތުރު ނުކޮށް ވެސް ވަރަށް ގިނަ ރަށްރަށަށް ނަން ދީފައި ހުރެއެވެ. ހައްދުންމަތީގައި ވެސް މި ފަދަ ދެ ރަށެއް އޮވެއެވެ. އެއީ "ގަން" އާއި "މާވަށް"އެވެ. އެހެންނަމަވެސް އެންމެ ގިނައިން ނަންދީފައި ހުރީ ރަށުގެ ސައިޒާއި ރަށުގެ ޚާއްޞިއްޔަތާއި ރަށް އޮންނަ ޖުޣުރާފީ ނުކުތާއަށާއި ރަށުން ލިބޭ ވަސީލަތްތަކަށާއި މިފަދަ ކަންތައްތަކަށް ބަލައިގެން ނަމެއް ދިނުމަށްފަހު، އެ ނަމާ ގުޅުވައިގެން ދޫ، ފުށި، ހުރާ، ރަހާ ފަދަ އެކައެއް އިތުރުކޮށްގެންކަން ފާހަގަކުރެވެއެވެ.

ދޫގެ މާނައަކީ ރަށެވެ. އެއީ ސާންސްކިރިތު ބަހުގެ "ދުވް" (ރަށް) މި ލަފުޒުން ނެފިފައިވާ ނަމެކެވެ. "ފުށި"ގެ އެއް މާނައަކީ ވެސް "ކުދި ރަށެވެ." އަދި އެއީ މާ ބޮޑެތި ރަށްރަށް ފިޔަވައި އެހެން ރަށަރަށެވެ. އަދި ގަސް ހެދުން މަދު، އާބާދުވުން ކުޑަ، ޠަބީޢީ ގޮތުން އާމްދަނީ ލިބުން މަދު ރަށްރަށަށް ވެސް "ފުށި" ރަށޭ ކިޔައެވެ.

"ހުރާ" ކިޔަނީ ފަޅުފަޅުގައި ގަލާއި އަކިރީން ހިކިފައި ހުންނަ ތަންތަނަށް ކަމަށް ވިޔަސް މިއީ ވެސް ރަށްރަށުގެ ފަހަތަށް އިތުރުކުރެވިފައި ހުންނަ އެކައެކެވެ.އަދި "ހުރާ"ގެ އެއް މާނައެއް ކަމަށް ވަނީ ވެސް "ކުދިކުދި ރަށެވެ." މާލެ އަތޮޅުގެ ރަށަކަށް ހަމައެކަނި "ހުރާ" ވެސް ކިޔައެވެ. މާނައަކީ ކުޑަ ރަށެކެވެ.

"ރަހާ"ގެ މާނައަކީ "ބިން" ކަމަށް މި ނަންތައް ދިރާސާކުރައްވާ ޢިލްމުވެރީން ބަޔާންކުރައްވައިފައި ހުރެއެވެ. ކުދިކުދި ބިމެވެ. މި އުޞޫލުގެ މަތީން ރަށްރަށަށް ނަން ދީފައި ހުރީ ނުވަތަ ނަން ކީފައި ހުރީ އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްގެންކަމަށް ފެންނާން އެބަ ހުއްޓެވެ.

  1. ރަށުގެ ސިފަ
  2. ރަށުގެ ބޮޑުމިން
  3. ފެންނަ ފެނުން
  4. ރަށް އޮންނަ ޖުޣުރާފީ ނުކުތާ
  5. ރަށް އާބާދުކުރެވުނު ނުވަތަ ގާއިމުކުރެވުނު މުއްދަތު (ރަށުގެ އުމުރު)
  6. ރަށުގެ ޚާއްޞިއްޔަތު (ޚާއްޞަ ސިފަތައް)
  7. އެ ރަށަކުން ލިބޭން ހުންނަ ވަސީލަތްތައް
  8. ރަށުގެ ހާލަތު ނުވަތަ ހަގީގަތް
  9. ރަށުގެ މާއްދީ ނުވަތަ މާނަވީ ސިފަ
  10. ރޫޙާނީ ކޮންމެވެސް ޚިޔާލެއް.

ރަށްރަށުގެ ނަންތަކަކީ އެތައް ސަތޭކަ ނުވަތަ އެތައް ހާސް އަހަރެއްގެ ކުރީއްސުރެ ކިޔަމުން އައިސްފައި ނަންތަކަކަށް ވާތީ ޒަމާންތައް ދައުރުވަމުން އައުމުގައި ނަމުގެ ބައެއް އަޑުތަކަށް ހިސާބަކަށް ބަދަލު އައިސްފައި ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ގަބޫލުކުރާންޖެހެއެވެ. މިސާލަކަށް ހައްދުންމަތީ ހިތަދޫއަށް ކުރީން ކިޔަނީ ސިތަދޫއެވެ. ފަހުން ސީނު ހާއަކަށް ބަދަލުވެގެން ހިތަދޫއަށް ބަދަލުވީއެވެ. އެހެންކަމުން ބައެއް ރަށްރަށުގެ ނަމުން މިހާރު މާނައެއް ނުފެނި ވެސް ހިނގައިދާނެއެވެ. ނަމަވެސް ރަށްރަށަށް ނަންތައް ދެވިފައިހުރީ ނުވަތަ ނަން ކިޔަމުން އައިސްފައިވަނީ އިސްވެ ދެންނެވުނު ދިހަ ނުކުތާއަށް ރިޢާޔަތްކޮށްގެންނެވެ.

ހައްދުންމަތީގައި ފަޅުރަށަކުން ބުރިވެގެން ނުވަތަ ވެލިގަނޑެއް ޖަމާވެގެން ފަހުން އުފެދުނު ފަޅުރަށަކަށް 1970ގެ އަހަރުތަކުގެ ފަހުކޮޅު (1977 ނުވަތަ 1978ހައި ތާނގައި) ސަރުކާރުން އަންގަވައިގެން ހައްދުންމަތީ އަތޮޅު އޮފީހުން ނަމެއް ހައްދަވައިދެއްވިއެވެ. އެއީ "އާރަހާ" އެވެ. (މާނައަކީ: "އައު ބިން" އެވެ.) މި ރަށަށް ނަން ދެއްވައިފައި މި ވަނީ ވެސް އުމުރަށާއި ރަށުގެ ސައިޒަށް ބައްލަވައިގެންނެވެ. ރާއްޖޭގެ ރަށްރަށަށް ނަން ކިޔައިފައި ހުންނަ އުޞޫލުންނެވެ. އޭރު ހައްދުންމަތީ އަތޮޅުވެރިކަމުގައި ހުންނެވީ ވައިޖެހޭ އަޙުމަދު ރަޝީދު (ރަޙިމަހުﷲ) އެވެ. ވަރަށް ޢިލްމީ ބޭފުޅެކެވެ. ވީމާ، ރަށްރަށަށް އެންމެ އިހުއްސުރެ ނަން ކިޔައިފައި ހުންނަނީ މި ދެންނެވި އުޞޫލުންކަމަށް ވާތީ، މި ޒަމާނުގައި އަލަށް ހިއްކާ ނުވަތަ އުފައްދާ ރަށްރަށަށް ވެސް ނަންކިޔާން ވާނީ ކާބަފައިން ގެންގުޅެފައިވާ މި ހަރުދަނާ އުޞޫލަށް ރިޢާޔަތްކޮށްގެން ކަމަށް ދެކެމެވެ.

މިއަދު އަޅުގަނޑު ބަލައިލާން މި ގަސްތުކުރީ މި ދެންނެވި ގޮތުގެ މަތީން ހައްދުންމަތީ ރަށްރަށަށް ނަން ކިޔައިފައި ހުރި ގޮތަށެވެ. ހަމަ އެކަނި އިދާރީ ގޮތުން، މީހުން އުޅޭ ރަށްރަށުގެ ގޮތުގައި މިހާރު ބަލައި އުޅޭ 11 ރަށުގެ ނަންތަކުގެ މައްޗަށެވެ. އަދި އެ ނަންތަކުން ދޭހަވާ މާނައަށެވެ.

1. އިސްދޫ (އެންމެ އިހަށް އޮންނަ ރަށް، ނުވަތަ ފުރަތަމަ ރަށް):

މި ނަން އުފެދިފައި މިވަނީ "އިސް" މި އެކައާއި "ދޫ" މި އެކަ ގުޅިގެންނެވެ. މި ރަށް އޮންނަނީ ހައްދުންމަތީ އެންމެ އިރު އުތުރު ކޮޅުގައެވެ. މިއީ އުތުރުން ދެކުނަށް ބަލާއިރު ހައްދުންމަތީގައި އެންމެ އިހަށް (އެންމެ ފުރަތަމަ) އޮންނަ ރަށެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކުރާއިރު އެންމެ ފުރަތަމަ ދިމާވާނީ މި ރަށާއެވެ. އެހެންވީމާ މި ރަށަށް ނަން ކީފައި މިވަނީ ރަށް އޮންނަ ޖުޣުރާފީ ނުކުތާއަށް ނުވަތަ ފެންނަ ފެނުމަށް ބަލައިގެންކަމަށް ބެލެވެއެވެ. ފަހަތަށް ދޫ (ރަށް) އިތުރުކޮށްލައިގެންނެވެ.

މި ރަށުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 1400 އެވެ.

 2. ކަލައިދޫ (ކަލާކުރުމުގެ މަސައްކަތްކުރާ ރަށް):

މިއީ އިސްދޫ ޖަޒީރާގެ ދެކުނު ބައެވެ. އެއް ފަސްގަނޑެއްގެ ބައެކެވެ. މިހާރު އިދާރީ ގޮތުން ވަކި ރަށެއްކަމުގައި ބަލާ ރަށެކެވެ. ކުރީން ބަލައި އުޅުނީ އިސްދޫގެ އަވަށެއް ކަމުގައެވެ. އެހެންކަމުން މި ރަށަށް ނަން ކިޔައިފައިވާނީ އަވަށަކަށް ބަލައިގެން ކަމަށް ވެދާނެއެވެ. ނަމަވެސް މި ނަން ކިޔާ ފަޅު ރަށެއް ނ. އަތޮޅުގައި އޮވެއެވެ. އެ ރަށަށް ވެސް އެ ނަން ކިޔައިފައި ވަނީ ކޮން އުޞޫލަކުންކަމެއް އަޅުގަނޑަށް ހޯދިފައެއް ނެތެވެ.

އިތުރަށް ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އަދި ޒުވާން މުއައްރިޚު އަލްއަޚު ޠާހާ އަބޫބަކުރު ވިދާޅުވި ގޮތުގައި ކުރީން ކަލައިދޫއަކީ އެ ފަޅުގައި އިސްދޫއާ ނުގުޅި ވަކީން އޮންނަ ރަށެއް ކަން، ތާރީޚީ ލިޔުންތައް ދިރާސާކޮށްލުމުން ފެންނާން އޮންނަ ކަމަށެވެ.

ކަލައިދޫއަކީ ދާދި ފަހަކާ ޖެހެންދެން ވެސް ކަނބުރުވެރިކަމަށް ވަރަށް ކުރިއަރައިފައިވާ ރަށެކެވެ. އެހެންވީމާ ކަލައިދޫއަކީ ދަގަނޑު ކަލާކުރުމުގެ މަސައްކަތްކުރި ރަށެކެވެ. ވީމާ ކަލަިދޫއިން އިޝާރާތްކުރަނީ ކަލާކުރުމުގެ މަސައްކަތްކުރާ ރަށަށް ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. ވީމާ މި ރަށަށް ނަން ކީފައި މިވަނީ ރަށުގެ ޚާއްޞިއްޔަތަކަށް ރިޢާޔަތްކޮށްގެންނެވެ.

ވަރަށް ގިނަ މީހުން ލ. ކަޅައިދޫއާއި ކަލައިދޫ އޮޅުވައިލައެވެ. ކަޅައިދޫއަކީ ކުރީން މީހުން އުޅުނު ރަށެކެވެ. ގަމާއި މުންޑޫއާ ދޭތެރޭ ހަމަ އެ ފަޅުގައި އޮންނަ ރަށެކެވެ. ސުނާމީ ކާރިސާއަށް ފަހު އެ ރަށު މީހުން މިހާރު ވަނީ ގަމަށް ބަދަލުކޮށް ގަމުގައި އާބާދުކުރެވިފައެވެ. ކަޅައިދޫއަކީ މިއަދު ދިވެހި ސިފައިންގެ މަރުކަޒެއްކަމަށް އެނގިފައިވެއެވެ.

ކުރީން މި ދެންނެވި "ކަލައިދޫ"ގެ (ކަޅައިދޫއެއް ނޫން) މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 1100 އެވެ.

3. ދަނބިދޫ (ދަނބު ގަސް ހުންނަ ރަށް):

މި ރަށަށް އިހު ޒަމާނުއްސުރެ މި ނަން ކިޔައިފައި ވީ ނަމަވެސް މިހާރު އެ ރަށުގައި ދަނބުގަސް ހުންނަކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ. ކޮންމެއަކަސް މި ރަށަށް ނަން ކިޔައިފައި މި ވަނީ މި ރަށުން ލިބެން ހުރި ވަސީލަތަކަށް ނުވަތަ ވަކި ޚާއްޞިއްޔަތަށް ބަލައިގެންނެވެ. "ދަނބު"ގެ ފަހަތަށް "ދޫ" (ރަށް) މި އެކަ އިތުރުކޮށްގެންނެވެ.

ދަނބިދުވަކީ ކުރީން ލ. ފުށީގައި ދިރިއުޅުނު މީހުން އެންމެ ގިނައިން ހިރުރަކޮށްފައިވާ ރަށެވެ.

މި ރަށުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 1100 އެވެ.

4. މާބައިދޫ (ދުވަސްވީ ބޮޑު ރަށް، ނުވަތަ ރަށްތަކުގެ މައި ރަށް):

މި ރަށަކީ ފެންނަ ފެނުމަށް ކުޑަ ނަމަވެސް ހަމަ ބޮޑު ރަށެކެވެ. ރަށާ ގުޅިފައިވާ އެކި ބިންތައް ހިމަނައިލުމުން ރަށަކީ ހަމަ ބޮޑު ރަށެކެވެ. ރަށުގެ އުމުރެއް ނޭނގެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި ރަށަށް މީހުން ބަދަލުވެފައިވަނީ އެ ރަށުގެ އުތުރުން އޮންނަ "ފުށި" ކިޔާ ރަށުން ކަމަށް ބެލެވެއެވެ. ނަމަވެސް ޖުޣުރާފީ ޢުމުރަށް ބަލާއިރު ކުރީން އުފެދިފައިވަނީ މާބައިދޫކަމަށް ވުމަކީ އެކަށީގެންނުވާ ކަމެއްނޫނެވެ. އެހެންވީމާ މި ރަށަށް ނަން ކިޔައިފައި މިވަނީ ރަށުގެ ސައިޒަށާއި އުމުރަށް ބަލައިގެން ނަން ކިޔާ އުޞޫލުންނެވެ.

މިއަދު މާބައިދޫ ކިޔަސް ހަގީގަތުގައި ރަށުގެ މާނަކީ "މައިބައިދުވް"އެވެ. މާނައަކީ ރަށްތަކުގެ މައި ރަށެވެ. އެއީ މުޅި އެ ފަޅުގައި އޮތް އެތައް ރަށްތަކެއްގެ މައި ރަށެވެ. މިއަދު ވެސް ކެރެންޑުވާއި، މާކަށަނައާއި، ދުރުދަނޑާއިކަނޑާގެ ރަށް ފަދަ އެތައް ރަށެއް އެ ބިމާ ގުޅިފައި ވިޔަސް މި ރަށްތަކަކީ، އަދި އިތުރު އެތައް ރަށަކީ ވަކިވަކީން ހުރި ރަށްތަކެވެ. މި ރަށްތަކުގެ މައި ރަށަކީ "މައިބައިދުވް"އެވެ. ނަމަވެސް މިއަދު އެ ރަށަށް ކިޔަނީ "މާބައިދޫ"އެވެ.

މި ރަށުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 1200 އެވެ.

5. މުންޑޫ (ރަށް ބަރީގެ ފުރަތަމަ ރަށް)

"މުން"ގެ ސީދާ މާނަ ނޭނގުނަސް އޭގެ އެއް މާނައެއް ކަމަށް ބެލެވެނީ ހަބެވެ. މައި މަރުކަޒެވެ. ވީމާ މިއީ އެ ރަށް ފަތި ފެށޭ މައި ރަށުގެ މާނަ ދޭހަކޮށްދިނުމަށް ކިޔައިފައިވާ ނަމެއްކަމަށް ބެލެވެއެވެ. މި ރަށުގެ ނަމުގައި މި އޮންނަ "ޑޫ"އަކީ ހަގީގަތުގައި "ދޫ"އެވެ. އަށް ދުވަހަށް "އަށްޑުވަސް" ކިޔާ ގޮތަށް "އަށް ދޫ"އަށް "އަށްޑޫ" ކިޔާ ގޮތަށް، ދިވެހިބަހުގައި ބޭނުންކުރާ އުޞޫލުން އަނގައަށް ފަސޭހަވާ ގޮތަށް ސުކުނުގެ ފަހަތަށް އަންނަ ދާލު، ޑަވިޔަންޏަށް ބަދަލުވެފައިވަނީއެވެ. މުންޑޫއަކީ މުންޑޫ ކަނޑުގެ ދެކުނަށް އެއް ފަޅެއްގައި އޮންނަ ރަށްތަކުގެ ސިލްސިލާގެ އެންމެ ފުރަތަމައަށް އޮންނަ ރަށެވެ. ރަށް ބަރީގެ ފުރަތަމަ ރަށެވެ. ވީމާ މުންޑުއަށް ނަން ކިޔައިފައި މިވަނީ ރަށް އޮންނަ ޖުޣުރާފީ ނުކުރާއަށް ބަލައިގެންގެންނެވެ.

މި ރަށުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 300 އެވެ.

6. ގަން (އަވަށް، ނުވަތަ ބޮޑުރަށް)

ގަމަކީ އެކި އަވަށްތަކަށް ބެހިފައިވާ ރަށެކެވެ. ތުނޑިއާއި މަތިމަރަދުވާއި މުކުރިމަގެވެ. އެހެންކަމުން އަވަށްތަކުގެ ނަމުން ރަށަށް ނަންދީފައިވަނީއެވެ. "ގަން" މި ލަފުޒުގެ އެއް މާނައަކީ ވެސް ރަށެވެ. ބިމެވެ. ހިކިފަސްތަނެވެ. އެހެންކަމަށް ވާނަމަ، ރާއްޖޭގެ ނިސްބަތުގައި "ރަށަކަށް" ވާވަރުގެ ބޮޑު ރަށަކަށް ވާތީ ލ. އަތޮޅުގައި "ރަށެއް"ގެ ނަން މި ރަށަށް ދީފައިވަނީއެވެ. ހަގީގަތުގައި ގަމަކީ ރަށެއް ވަރުގެ ރަށެއް ތާއެވެ. މިއީ މުޅި ރާއްޖޭގައި ވެސް އެންމެ ބިން ބޮޑު ޖަޒީރާއެވެ. ވީމާ މި ރަށަށް ނަން ކީފައި މިވަނީ ރަށުގެ ޚާއްޞިއްޔަތަށް ބަލައިގެންކަމަށް ދެންނެވިދާނެއެވެ. މިއީ ހައްދުންމަތީ ރަށްރަށުގެ ތެރެއިން ފަހަތަށް "ދޫ" ނާންނަ (މީހުން ދިރިއުޅޭ) ދެ ރަށުގެ ތެރެއިން އެއް ރަށެވެ. އަނެއް ރަށަކީ "މާވަށް"އެވެ.

އިތުރަށް ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި މިހާރު އެއް ފަސްގަނޑަކަށް އޮތް ގަމަކީ ވަކިވަކި ރަށްރަކެކެވެ. އޭގެ ތެރެއިން ގަން ނިސްބަތްވަނީ މިހާރުގެ މުކުރިމަގަށެވެ. މަތިމަރަދޫއަކީ ފުއްޓަރުމައްޗަށް އޮންނަ ރަށެވެ. މަތިވަރަދޫގެ މާނައަކީ މަތީގައި އޮންނަ ރަށެވެ. ތުންޑިއަކީ މި ތަނުން ރަށެއްގެ ތުނޑިމައްޗެވެ. ކުރީން ގަމަށް ކިޔައި އުޅުނީ ވެސް ގަމުދޫ އެވެ. ނަމަވެސް ފަހުން "ދޫ" އެ ވަނީ ނަމުން އުނިވެފައެވެ.

ކުރުހިންނައާއި މާހިންނައާއި މި ނޫން ވެސް އެކި ނަތްތައް ދެވިފައިވާ ސަރަހައްދުތައް ގަމުގައި ހުރެއެވެ. މި ރަށަކީ ބުދުދީނުގެ ގިނަ އާސާރުތައް ހުރި ރަށަކަށް ވާތީ، މިއީ އެ ދީނުގެ ޝާޙީ މީހުންނާއި ޢިލްމުވެރީން އުޅުނު ރަށެއްކަން ސާބިތުވެއެވެ. އެ މީހުން ދިރިއުޅޭނީ "ސިޓީ"ގައިތާއެވެ. ވީމާ ސިޓީ ފިޔަވައި ދެން އޮންނާނީ ރަށްފުށެވެ. ވިލެޖެވެ. އަވަށެވެ. އެހެންވީމާ އާންމުން އުޅުނު ސަރަހައްދަށް ނިސްބަތްކޮށް "ގަން" (ވިލެޖް) ކިޔުމަށް ފަހު ފަހަތަށް ދުވް (ރަށް) އިތުރުކޮށްފައިވަނީއެވެ.

ގަމުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 5،100 އެވެ.

7. މާވަށް ("މާވަޓާ" ނަމަކަށް ކިޔާ ކަނޑުލުގެ ބާވަތެއްގެ ކަނޑޫ ފަލެއް އޮންނަ ރަށް):

މާވަށަށް ނިސްބަތްވާ މި ބާވަތުގެ ކަނޑުލަށް މި އަދު ވެސް ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި "މާވަޓާ" ކިޔާ ކަމުގައި ވިޔަސް އާންމު ބަހުރުވައިގައި މިހާރު މާވަޓާއަށް ކިޔަނީ "ކަނޑޫ"އެވެ. މި ރަށަކީ ތިން މުއްޔަކަށް އޮންނަ ރަށެއް ކަމަށް ވާތީ ކަނޑު ދަތުރު ކުރާއިރު ކޮންމެ ދިމާއަކުން ބެއްޔަސް ރަށް ފެންނަނީ އެއް ދިގުމިނެއްގައި ކަމަށް ވާތީ، އެއީ ވަށްކޮށް އޮންނަ ރަށެއް ކަމަށް ބަލައިގެން "މާވަށް" އެއީ ވަށްކޮށް އޮންނަ ބިޔަ ބޮޑު ރަށެއް ކަމަށް ދޭހަކޮށް ދިނުމަށް ކިޔައިފައިވާ ނަމެއްކަމަށް ވެސް ބައެއް ބުނުންތައް ހުރެއެވެ. ނަމަވެސް ދިރާސާއިން ދައްކަނީ "މާވަށް" މި ނަމަކީ އެ ރަށުގައި ކަނޑުލުގެ ބާވަތެއް ކަމަށްވާ "މާވަޓާ" (ހުވަދޫ ބަހުން) ހެދިފައިވާ ވަރަށް ބޮޑު ކަނޑޫ ފަލެއް އެ ރަށުގައި އޮތީތީ ކިޔައިފައިވާ ނަމެއްކަމަށެވެ. އެ ކަނޑޫފާ މިހާރު އޮތީ ބޮޑު ކިލާކަނޑެއްގެ ގޮތުގައެވެ. ދެތިން ކަނޑޫ ގަސް ނޫނީ އެ ތާކު މިހާރަކު ނެތެވެ. މިހާރު އެއީ އެ ރަށު މީހުން އަލައާއި ކެޔޮ ހައްދާން ބޭނުންކުރާ ސަރަހައްދެކެވެ.  އެ އަތޮޅު އެހެން ރަށެއްގައި ކުރިއަކުން ކަނޑުލެއް ނުހުރެއެވެ. އެހެން ރަށްރަށުގައި ހުންނަނީ "ރަނޑޫ" ކިޔާ ބާވަތެކެވެ. ކަނޑުލަކީ ކާން ބޭނުންކުރާ އެއްޗެއް ނަމަވެސް ރަނޑުލަކީ ކާ އެއްޗެއް ނޫނެވެ.

މި ރަށުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 2،100 އެވެ.

ލ. ފޮނަދޫ

8. ފޮނަދޫ:

އެކި ދިރާސާތަކުގައި "ފޮނަދޫ"ގެ މާނައެއް ކަމަށް ލިޔެފައި ހުންނަނީ "ފުނަ ގަހުގެ ރަށް" ކަމަށެވެ. ނަމަވެސް މި މާނައާ އަޅުގަނޑަކަށް އެއްބަހެއް ނުވެވެއެވެ. އެހެނީ "ފުނަ"އަށް ހައްދުންމަތީ އެއްވެސް ރަށެއްގައި "ފޮނަ"އެއް ނުކިޔައެވެ. ކިޔަނީ ހަމަ "ފުނަ"އެވެ. ނަމަވެސް ރަށުގެ ނަމަކަށް ކިޔަނީ "ފޮނަދޫ" މިހެންނެވެ. ހައްދުންމަތީ ބަހުރުވައިގައި "ފޮނަ" ކިޔަނީ އާންމު ބަހުރުވައިގައި ކިޔާ "ފޮނު"އަށެވެ. "ރާޅު މުގުރާއިރާއި ރާޅުޖަހާއިރު އަރާ، ވައިގެ ބޮކިތަކަކުން އުފެދޭ ހުދުކުރައިގެ އެއްޗަކަށެވެ." ވީމާ އަޅުގަނޑު ލަފާކުރަނީ މިއީ އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ ރަށަކަށް ވެފައި ފުއްޓަރަށް އެންމެ ގަދައަށް ރާޅު ބިންދައި އެންމެ ގިނައިން ރާޅުގެ ފޮނު ފެންނަ ސަރަޙައްދުކަމަށްވާތީ އެ ދިމާގައި އޮންނަ ރަށް ކަމަށްވާތީ ފޮނާ ގުޅުވައިގެން އެ ނަން ދީފައިވަނީއެވެ. އަދި ދާދި ފަހަކާ ޖެހެންދެން ވެސް އެ ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީގައި އޮންނާނީ މޫދު ވިނައެވެ. ވަރަށް ގިނަ ފޮނުތައް އަތިރިމައްޗަށް ޖަމާވެފައި ހުއްޓައި އަޅުގަނޑު ވެސް ދުށީމެވެ. އެހެންވީމާ މި ނަން ދެވިފައިވަނީ ރަށުގެ ފެނުމަށް ނުވަތަ ޖުޣުރާފީ ޙާލަތަށް ބަލައިގެންނެވެ. ފޮނަށް ނިސްބަތަކޮށްގެންނެވެ. ފުނައަށް ނިސްބަތްކޮށްގެނެއް ނޫނެވެ. މިއީ އަޅުގަނޑު ލަފާކުރާ ގޮތެކެވެ. މި މާނައާ ބެހޭ ގޮތުން އިތުރަށް ދިރާސާ ކުރާން ޖެހޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މި ރަށުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 2،600 އެވެ.

9. މާމެންދޫ (މެދު ރަށް)

މި ރަށަކީ އޮޅަވެއްޔާއި ހުޅިމެންދުވާ ދޭތެރޭގައި އޮންނަ ރަށެއް ކަމަށް ވާތީ އަތޮޅުގެ މައި ދުންޏާ ނުގުޅި އޮންނަ ތިން ރަށުގެ ގުރޫޕެކެވެ. މި ތިން ރަށުގެ ތެރެއިން މެދަށް އޮންނަނީ މާމެންދޫއެވެ. އެހެންވީމާ މިއީ ރަށް އޮންނަ ޖުޣުރާފީ ނުކުތާއަށް ބަލައިގެން ދެވިފައިވާ ނަމެއް ކަމަށް ބެލެވެއެވެ.

މި ރަށުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 1،400 އެވެ.

  1. ހިތަދޫ (ރީތި ރަށް):

މި ރަށުގެ މުސްކުޅި ނަމަކީ ސިތަދޫއެވެ. ސިތަދޫގެ މާނައަކީ ރީތި ރަށެވެ. ހައްދުންމަތީ ހިތަދޫއަކީ ޖުޣުރާފީ ރީތި ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ރީތި ވިލުތަކާއި ރީތި އަތިރިމައްޗާއި ކުޅިއާއި ރަށުގެ ބިމުގެ ސިފައާއި ގަސްކަރައަށް ބަލާއިރު ވެސް ޠަބީޢީ ގޮތުން ރީތި ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ވީމާ، މި ރަށަށް ނަންދީފައިވަނީ ރަށުގެ ޚާއްޞިއްޔަތާއި ޖުޣުރާފީ ސިފަތަކަށް ބަލައިގެން ކަމަށް ބެލެވެއެވެ. ފާހަގަކޮށްލާން ޖެހޭ ކަމަކީ އައްޑު އަތޮޅު ހިތަދޫއަށް ނަން ދީފައިވަނީ އެހެން ހައިސިއްޔަތަކުންކަމެވެ.

މި ރަށުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 1200 އެވެ.

11. ކުނަހަންދޫ (ކުނަހަނގާލީގެ ރަށް، ނުވަތަ ކަނުގައި އޮންނަ ރަށް، ނުވަތަ ކުނަލުގެ ރަށް)

މި ރަށަށް ނަން ކިޔައިފައިވަނީ ރަށުގައި ހުރި ވަކި ވައްތަރެއްގެ ގަސްގަހަކަށް ބަލައިގެންކަމަށް ބެލެވެއެވެ. ނުވަތަ އަތޮޅުގެ ކަނެއްގައި އޮންނާތީ މި ނަން ދެވިފައިވަނީކަމަށް ވެސް ބެލެވެއެވެ. އަދި މި ރަށުގެ ނަން ނިސްބަތްވަނީ މި ރަށުގައި އާންމުކޮށް ވިޔެ އުޅުނު ކުނަލަށް ނިސްބަތްކޮށް "ކުނާ ވިޔާ ރަށް"ކަމަށް ބަލައިގެން ކަމަށް ވެސް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ މި ރައުޔަށެވެ. އެ ރަށަކީ ކުނާވިޔުމާއި ފަރުހިލުމާއި މަސްވެރިކަމާއި މި ބާވަތުގެ މަސައްކަތުގައި ވަރަށް މުރާލި ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ވީމާ މި ރަށަށް ނަން ދީފައި މިވަނީ ރަށުގެ ވަސީލަތަކަށް ރިޢާޔަތްކޮށްފައެވެ. ނުވަތަ ޖުޣުރާފީ ސިފައަށް ބަލައިގެންނެވެ.

މި ރަށުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 900 އެވެ.

ހައްދުންމަތީގައި މީހުން އުޅޭ ރަށްރަށަށް ކީފައި ހުރި ނަތްތަކަށް ބަލާއިރު، އެއްވެސް ރަށެއްގެ ނަމުގެ ފަހަތަށް "ފުށި" "ހުރާ" ނުވަތަ "ރަހާ" ފަދަ ރަށުގެ މާނަ ދޭހަވާ އަކުރެއް އިތުރުކޮށްފައިވާ ނަމެއް ނެތެވެ. އެހެންވީމާ ހައްދުންމަތީ ރަށްރަށަކީ ރާއްޖޭގެ ނިސްބަތުގައި އިހު ޒަމާނުގައި ވެސް ޠަބީޢީ ގޮތުން މުއްސަނދި ވަސީލަތް ގިނަ ރަށްތަކެއް ކަމަށް ބެލެވެއެވެ. މާމެންދޫ ފިޔަވައި ސައިޒުގެ ގޮތުން ވެސް މާ ކުޑަ ރަށެއް ނެތެވެ. މާމެންދޫއަކީ ވެސް ބޮޑު ފަޅެއް ނެތަސް ރާއްޖޭގެ ގިނަ ރަށްރަށާ އަޅައިބަލާއިރު އެންމެ ކުޑަ ރަށެއް ވެސް ނޫނެވެ. އަދި އެއީ އަބަދުވެސް މަސްވެރިކަމަށް މަޝްހޫރު ރައްޔިތަކު ދިރިއުޅޭ ވަރަށް ފުދުންތެރި ރަށެކެވެ. އެހެންކަމުން "ފުށި" ފަދަ ނަމެއް މި އަތޮޅުގައި މީހުން އުޅޭ ރަށަކަށް ކީފައި ނެތީ އެ ފަދަ ރަށެއް ހަމަ ނެތީމާ ކަމަށް ބަލާން ޖެހެއެވެ.

އަދި ނިންމައިލުމުގެ ކުދީން އެހެން ވާހަކައެއް ވެސް ދަންނަވައިލާނަމެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ފަތުރުވެރިކަމުގެ ރިސޯޓްތަކާއި އެހެނިހެން ޞިނާޢަތްތަކުގެ މަސައްކަތްތައް ހިންގިކަމުގައި ވިޔަސް ރަށުގެ އަސްލު ނަން އުވުނަ ދީގެން ނުވާނެއެވެ. މިސާލަކަށް ލ. އަތޮޅު އޮޅަވެލީގައި ހިންގާ ސިކްސް ސެންސަސް (ރިސޯޓް)ގެ ރަސްމީ އެޑްރެސް ލިޔާއިރު "ސިކްސް ސެންސަސް" ލިޔެފައި، ތިރީގައި "ލ. އޮޅަވެލި" މިހެން ލިޔާން ޖެހޭނެ ކަމަށް ކަމާ ބެހޭ ފަރާތުން ހަމަޖައްސަވާންވާނެކަމަށް ދެކެމެވެ. ކ. ވިހަމަނާފުށިގައި ހިންގާ "ކުރުނބާ މޯލްޑިވްސް"ގެ އެޑްރެސް ލިޔާއިރު، ރިސޯޓުގެ ނަން ލިޔެފައި އެ ރިސޯޓްގެ އެޑްރެހުގެ ގޮތުގައި "ކ. ވިހަމަނާފުށި" މިހެން ލިޔާ ގޮތަށް ހަމަޖެއްސިދާނެއެވެ. ރަށްރަށުގެ ހަގީގީ ނަންތައް ދެމެހެއްޓުމަކީ މި ޖީލުގެ ވާޖިބެއް ކަމުގައި ވާތީއެވެ. އަޅުގަނޑުމެންގެ ސަގާފަތުގައި ހިމެނޭ މުހިންމު ކަންކަން ހިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމުގައި ވާތީއެވެ. ދިވެހި ތާރީޚަށް ޓަކައެވެ. ދިވެހި ޤައުމިއްޔަތަށް ޓަކައެވެ.

މި ލިޔުމަށް ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ދެއްވި ކަމަށް ޓަކައި އަޅުގަނޑުގެ އަޚު އަޅުގަނޑު ނުހަނު އިޙުތިރާމްކުރާ ޒުވާން މުއައްރިޚު އަލްއަޚު ޠާހާ އަބޫބަކުރު (ލ. ގަން)އަށް ވަރަށް އިޚުލާޞްތެރިކަމާއި ލޯތްބާއެކު ޝުކުރު ދަންނަވަމެވެ. އަދި އޭނާގެ މަސައްކަތްތަކަށް ތަރުޙީބާއި ހިތްވަރު އަރުވަމެވެ.

ބައެއް މަޢުލޫމާތު ހޯދި މަސީލަތްތައް:

  1. ޙަސަން އަޙުމަދުމަނިކު. (2000). އަ ކޮންސައިޒް އެޓިމޮލޮޖިކަލް ވޮކެބިޔުލަރީ އޮފް ދިވެހި ލޭންގވިޖް. ދެހިވަލަ: ސްޕީޑް މާރކް ޕްރިންޓާރޒް
  2. މުހަންމަދު އިބްރާހީމް ލުޠުފީ (1995). ދިވެހިރާއްޖޭގެ ޖޯގުރަފީގެ ވަނަވަރު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤާއުމީ މަރުކަޒު
  3. ޕޮންނަމްޕަލަމް ރަގުޕަތީ (އެހީތެރިވެދިނީ: ނަސީމާ މުޙަންމަދު). (2008). އެން އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލެންޑް ނޭމްސް. މާލެ: ނޭޝަނަލް ސެންޓަރ ފޮރ ލިންގވިސްޓިކް އެންޑް ހިސްޓޯރިކަލް ރިސާރޗް
  4. ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒު. (2011). ދިވެހި ބަސްފޮތް. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
  5. ޠާހާ އަބޫބަކުރު، ލ. ގަން (ފޯނު ބަސްދީގަތުމެއް)
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
33

One Response

  1. ހުރިހާ އަތޮޅެއްގެ ރަށްރަށާ ބެހޭ ގޮތުން ވެސް މި ފަދަ ލިޔުންތައް ލިޔާނެ ނަމަ ހާދަހާ ރަނގަޅެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *