...

Support Us

ކޮލަމް ކަލާވެހި: ފަތިހު ހޭލާއިރުވެސް ދުނިޔެމަތީން ފޫހިވެފައި އޮވެވޭނަމަ…

”ފަތިހު ހޭލާއިރުވެސް އަހަރެންނަށް އޮވެވެނީ ދުނިޔެމަތީން ފޫހިވެފައެވެ. ހިތަށް އަރައެވެ. އަނެއްކާވެސް ބޭކާރު އަނެއް ދުވަހާ ކުރިމަތިލާންޖެހުނީއެވެ. އަހަރެންނަށް ދުނިޔޭގައި އޮތީ ކޮން އުފާވެރިކަމެއްހެއްޔެވެ؟ ލިބިފައި އޮތީ ހިތްއުފާވާކަހަލަ ކޮން އުންމީދެއްހެއްޔެވެ؟“ ތިބާގެ ކޮންމެ ދުވަހެއްގެ ފަތިހަކީ މިކަހަލަ ޚިޔާލުތަކަކައިގެން ދުނިޔެއާ ކުރިމަތިލާންޖެހޭ ފަތިހަކަށް ވާނަމަ، އަދި އެއްފަހަރު ވިސްނަވައިލައްވާށެވެ!

ކޮންމެ އިންސާނަކީވެސް އުފަލާއި ހިތާމައިގެ އަހުލުވެރިޔެއްކަން ކަށަވަރެވެ. އުފަލާއި ހިތްދަތިކަން، ތަނަވަސްކަމާއި އަތްމަތިދަތިކަން، އަދި ދެންވެސް ހުންނާނޭ ފަސޭތަކާއި ދަތި ކަންތައްތަކަކީ ދިރިއުޅުމޭ މިކިޔާ ދަތުރުގައި ކޮންމެ އިންސާނެއްގެމެ އެކުވެރީންކަންވެސް ކަށަވަރެވެ. ދުވަސްކޮޅަކު މާ ގާތުގައި އުޅެލައިފައި ކުޑަދުވަސްކޮޅަކަށް ތަންކޮޅެއް ފޭއަށް ޖެހިލާ ރައްޓެހީންނާއި، ފެނިގެއްލިދާ ޒާތަކަށް އުޅޭ ރަޙުމަތްތެރީންވެސް މީގެ ތެރޭގައި ހިމެނޭނޭކަންވެސް ކަށަވަރެވެ. ދުނިޔެއާއި ދުނިޔޭގައި އުޅޭން މިލިބޭ ކުޑަ ވަގުތުކޮޅަކީ އެކަހަލަ ވަގުތުކޮޅެއްކަން ކަށަވަރެވެ. އެކަމަކު މިކަހަލަ ވާހަކަތަކަކީ ހަމަ ކޮންމެ މީހެއްގެވެސް ދުލަށް އެހާފަސޭހައިން އަންނަކަހަލަ ވާހަކަތަކަކަށް ވާއިރު، އެނޫން ގޮތަކަށް ދިރިއުޅުން އިޙްސާސްކުރަންޖެހޭ ބަޔަކުވެސް އުޅެފާނެޔޭ ބުނަން ކެރޭނީ ކިތަކަށް މީހުންނަށް ބާވައެވެ؟

އިނގިރޭސިވިލާތުގެ މަޝްހޫރު ޅެންވެރިޔެއްކަމުގައިވި ވިލިޔަމް ބްލޭކް، މީލާދީ ސަނަތުން 19 ވަނަ ޤަރުނު ފެށުނުތަނާހެން ހެއްދެވި ”އޯގަރީޒް އޮފް އިނޮސެންސް“ މިޅެމުގެ ތަންކޮޅެއް ދިވެހިބަހަށް އަނބުރައިލީމައި އެ އޮންނަ، ’ބައެއް މީހުން އުފަންވަނީ ފޮނި އުފާވެރިކަމަށެވެ. ބައެއް މީހުން އުފަންވަނީ ނިމުމެއްނެތް ރޭގަނޑަށެވެ.‘ މި ޢިބާރާތުން ދޭހަކޮށްދޭ ފަދައިން، ދުނިޔެއަށް އުފަންކުރެއްވީއްސުރެ މަރުގެންނެވުމާހަމަޔަށް ދައްޗާއި، ވޭނާއި، ތުރާލާއި ހިތާމައިގައި ޙަޔާތުގެ ޞަފުޙާތައް އުކަމުން ގެންދަން މަޖުބޫރުވާ މީހުންނަކީވެސް އުޅުން އެކަށީގެންވާ ބައެކެވެ. ފަތިހު ހޭލެވޭއިރުވެސް ދުނިޔެމަތީން ފޫހިވެފައިވާ ޙާލުގައި ހޭލެވޭ މީހުންނަކީ ހަމަ މިކަހަލަ ބަދުނަސީބުވެރީން ބާވައޭ އަޅުގަނޑު ހިތަށްއަރައެވެ. އަދި ހަމައެހެންމެ، އެހައި އަވަހަށް ދެން ހިތަށް ވެރިވެގަންނަނީ މުޅީން އެހެން ޝުޢޫރު ތަކެކެވެ.

ފަތިހު ހޭލެވޭއިރުވެސް ދުނިޔެމަތީން ފޫހިވެފައިވާ ޙާލުގައި ހޭލެވޭ މީހުންގެ ގިންތީގައި ތިމާ ހިމެނޭކަމަށް ބަލައިގެން ދުނިޔެއާ ކުރިމަތިލާން ޖެހޭ މީހުންނަކީ ކޮބައިބާވައެވެ؟ ތިމާ އިންތިހާ ދަރަޖަޔަށް ލޯބިވި ބައިވެރިޔާ ހަމަ ކުއްލިޔަކަށް ނުޢުމުރުގައި ދުނިޔެއިން ވަކިވެ ދިޔުން ކަހަލަ ކަމެއް މެދުވެރިވީމައި  ތިމާ ދެން ހިމެނޭނީ މިދެންނެވި ގިންތީގައި ކަމަށް ފެންނަ މީހުން ބާވައެވެ؟ މައިންބަފައިންގެ ލޯބި ލިބެންވީ ދުވަހު ލިބެންވީ ޒާތުގައި ލިބުމުގެ ބަދަލުގައި ތިމާ ތަޙައްމަލް ކުރަންޖެހުނީ ނަސަބުގެ ނުކަށަވަރުކަމާއި ވާރުތައިން ކެނޑުންކަމަށްވެއްޖެ މީހާވެސް އެ ބައިގައި ހިމެނުން އެކަށީގެންވޭ ބާވައެވެ؟ މީހާ ރަނގަޅަށް ޒުވާންވެސް ނުވަނީސް ބޮޑު މީހެއްގެ ޙަޔާތް އަލަށް ފަށަންޖެހުނީ އެއްވެސް ފަރާތެއްގެ އެހީއެއްނެތި، އިންތިހާ ދަރަޖައިގެ އެކަނިވެރިކަމާއި، އަތްމަތި ދަތިކަމާއި، ވަރުބަލިކަމާއެކު ގަނަތެޅުމަކުން ކަމަށް ވީ މީހާވެސް ހަމަ އެމަގުން ޚިޔާލުކުރާން ފަށާފާނެ ބާވައެވެ؟ ތިމާގެ ފަޤީރުކަމާއި ނުފޯރާކަމުގެ ތެރެއިން ލިބުނު ދެރަވަރުގެ ޙައިޘިއްޔަތާ އަރާއަރަފޯދިގެންވާ މިންވަރުން ޙަޔާތުގެ ބައިވެރިޔަކަށް މީހަކު ހޯދައިފައި ދެން ބަލައިލިއިރު އެއީވެސް ލުނބޯހުތްކިބައެއްހެން ތިމާ ފެލައިލައިގެން ފައިދާތަކެއް ހޯދަން އުޅޭ ބައެއްގެ މަޅިއެއްކަން މާލަސްވީފަހުން އެނގޭ މީހަކަށްވެސް އެހެން ވެދާނެ ބާވައެވެ؟

އެކަމަކު ދަންނަވަންތޯއެވެ! އެޒާތަށް ވިސްނުން އެއީ ގޯހެކެވެ! އެހެނީ، އެކަހަލަ ގޮތްތަކުން އަމިއްލަ ނަފުސު އަމިއްލަޔަށް ނިކަމެތިކޮށް، ތިމާޔަށް ދެއްކެވި ބާއްޖަވެރި ފަތިހަކުން އެ ނަންއިތުރު ނިގުޅައިގަނެ، އަބާއްޖަވެރިކަމުގެ ގޯނިފޮތީގެ ފޭރާމެއް އެ ފަތިހުގައި ލަވާ މީހާޔަށް އަޅުގަނޑު ދަންނަވާނޭ ވަރަށް ކުޑަކުޑަ ދެތިން ވާހަކަޔެއް އެބައޮތެވެ. އައްސަވާށެވެ! ނޫން… މިޒަމާނުގެ އެކި އިސްޓޭޖުތަކުގެ މަތީގައިވެސް ދިރިއުޅޭ ހަމަ އެންމެނަށްވެސް ދޭހަވާނޭ ބީދަޔަކުން، މިހާރުގެ އެންމެހައި ހަމަތަކުން އެންމެނަށް ފަސޭހައިން ދޭހަވާނޭކަން ޔަޤީންވާ، އާދައިގެ ދަރަޖައިން ދަންނަވާނަމަ، އަހާށެވެ!

އަނހާ، ހޭލެވުނީހެވެ؟ އަނެއްކާވެސް ބޭކާރު އަނެއް ދުވަހާ ކުރިމަތިލާން ޖެހުނީތާއޭ، ދުނިޔޭގައި މަށަށް އޮތީ ކޮން އުފާވެރިކަމެއްހެއްޔޭ، ލިބިފައި އޮތީ ހިތްއުފާވާކަހަލަ ކޮން އުންމީދެއްހެއްޔޭ ހިތަށް އެބަ އަރާދޯއެވެ؟ އެހެންކަމަށްވަންޏާ، އަހަރެން މިބުނާ ދެތިން ކަމެއް ކޮށްލަބަލާށެވެ!

އެންމެ ފުރަތަމަ، އެނދުން ތެދުވެ، ފަތިސްގަޑީގައި ހޭލެވިއްޖެ މީހާ ޖިސްމާނީގޮތުންނާއި ރޫޙާނީ ގޮތުން ތިމާގެ ހަށިގަނޑާއި ފުރާނަޔާއި ރޫޙުގެ ޞައްޙަކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރާންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަޔަށް ކޮށް ނިންމައިލާށެވެ. އެޔަށްފަހު، ހަށިފުރާ ނޭވާއެއްލުމަށްފަހު، އަލަށް ފެށިގެން އަންނަ ދުވަހުގެ އަލިކަމާއެކު ބޭރުތެރެ އެންމެ ފަސޭހައިން ފެންނަ ކޮންމެވެސް ތަނެއްގައި ހިމޭންކަމާއެކު ހުއްޓިލައި، ބޭރު ބަލައިލާށެވެ. އެ ގޮތަށް ބޭރު ބަލައިލާއިރު ހަމަ އާދައިގެ އިސްކޮޅެއްގެ ރަނގަޅު ގަހެއް ފެންނަން ހުރިއްޔާ އެ ގަހަކަށް ރަނގަޅަށް ބަލައިލާށެވެ. ގަހެއް ފެންނަން ނެތިއްޔާ، ގަހެއް ފެންނަ ހިސާބަކަށް ނިކުމެލައިގެން ނަމަވެސް މިބުނި ކަހަލަ ގަހަކާ ދިމާޔަށް ބަލައިލާށެވެ.

ބަލަ ދެން ގަހަކާ ދިމާޔަށް ބަލައިގެން އަހަރެންގެ ހިތަށް ލިބޭނީ ކޮން ފަސޭހަކަމެއްހޭ، ގަހަކީވެސް ހަމަ ފޫހީގެ މައްޗަށް ފޫހި އެއްޗެކޭ ހިތަށްއެރުން އޮންނާނީ ބައެއްކަހަލަ މީހުންނާ ވަރަށް ކައިރީގައެވެ. ތިމާގެ ހިތަށްވެސް އެކަހަލަ ޚިޔާލެއް ހިތަށް ވެރިވާން ފަށައިފިނަމަ، އެ ޚިޔާލެއް އަވަހަށް ހިތުން ބޭރުކޮށް، ކޮންމެވެސް ކުނިވަށިގަނޑަކަށް އެއްލައިލާށެވެ. ގަހާ ދިމާޔަށް ތަންކޮޅެއް ފުންކޮށް، ތަންކޮޅެއް ވިސްނުންތެރި ނަޒަރަކުން އަދި އެއްފަހަރު ބަލައިލަބަލާށެވެ.  ދެން މިބުނާ ކަންކަމަށް ވިސްނާލާށެވެ.

ދުނިޔޭގައި ލެއްވި ކޮންމެ އެއްޗަކުން އުނިކަމެއް ފެންނަ، ހިނގާ ކޮންމެ ކަމެއްގައި ދެރަ ސިފަޔެއް ވާކަމަށް ޤަބޫލުކުރާ، ކޮންމެ މީހަކު ދައްކާ ވާހަކަޔެއް ނުވަތަ ލިޔާ ކޮންމެ އެއްޗެއްގައި އައިބު އެތައް ކަމެއް، ނޫނީ ނުކިއްސަރު މަޤްޞަދެއް، ނޫނީ ބޭކާރު ހާސަރުތަކެއް ނޫނީ ނުހިމެނޭކަމަށް ބުނާ މީހާ ގަހަކާ ދިމާޔަށް ބަލައިލައިފައި ބުނާނީ މިހެންނެވެ. ”ގަހަކީ ކިހާ ނިކަމެތި އެއްޗެއްހެވެ؟ ދިރުމަކާއެކު މިދުނިޔެއަށް އައިއިރު އަންނަންޖެހިފައި އެހުރީ ހުރަގެޔަކަށެވެ. ބެދުމަކަށެވެ. ޖަލަކަށެވެ. ކުޑަކުޑަ އޮށަކުން ފެޅި ދުވަހުންފެށިގެން މިއަދާހަމަޔަށްވެސް އެހުރީ ފެޅިތަނުގައި ހަރުލައިހުންނަން މަޖުބޫރުވެފައެވެ. ދޭހައި އަތްވަކާއި، ވެހޭހައި ވާރެޔަކާއި، ޖެހޭހައި ގަދަ ވަޔަކަށް ކެތްކޮށްގެން ހުންނަންޖެހޭނީ ހަމަ އެތަނުގައެވެ. އަދި ކީއްހޭ، ތިމާ ބިމަށް ހައްޔަރުވެ ކަސްތޮޅުއެޅެނީވެސް ތިމާގެ އަމިއްލަ މޫތަކުންނެވެ. ކައިބޮއި ހަދަންޖެހެނީ ތިމާ އެ ބިމަކަށް ހަރުލައިފައި ހުރި ބިމެއްގައި ހުރި އެއްޗެކެވެ. ދުވަހަކުވެސް ނުދަންނަ މީހާ އައިސް ތިމާގެ ދަރިފަސްކޮޅު އާލާކުރާން ކަމަށް ލޯބިން ކާންދީބޮޑުކުރި މޭވާ ބިނދެގެން އެދަނީ ޝުކުރުގެ ބަހެއް ނުބުނާތާނގައި އެ މޭވާގައި ހިމެނޭ އޮށުގެ މުސްތަޤުބަލު އޮތް ގޮތެއްވެސް ބުނެލައިނުދީއެވެ. ކަތިވަޅި ހިފައިގެން އަންނަ މީހާ އޮފިގަނޑެއް ކަނޑައިލައިގެން ގެންދިޔަޔަސް، އެކަން ކުރާއިރު ތިމާގެ ގައިގައި ކިތަންމެ ވޭނެއް އެޅިޔަސް، ޗުއްޕުވެސްކިޔައިނުލައި ޖެހޭނީ ހަމަ މަޑުން ހުންނާށެވެ. އެކަހަލަ ދުނިޔެއެއްގައި ހުރުމަށްވުރެ ނުހުރުން މާ ރަނގަޅުވާނެތާއޭ ގަސް ބުނާނެއެވެ!“

އެކަމަކު ޙަޤީޤަތަކީ އެޔެއް ނޫނެވެ! ޙަޤީޤަތަކީ މިއެވެ. ގަސް ހެދުނު ތާނގައި އެހުންނަނީ އެހެން ތާކަށް ދާން ބޭނުންވެގެން ނުދެވިފައެއް ނޫނެވެ. ގަސް އެހުންނަނީ އޭގެ ގޮތުގައި، އޭގެ ފިޠްރީ ޠަބީޢަތުގައެވެ. އޭގެ ޞައްޙަ މަޤާމުގައެވެ. އޭގެ އެންމެ ފުރިހަމަ ހަމަޔާއި ގޮތުގައެވެ. ދޭހާ އަތްވަކީ ގަހަކަށް ލިބޭ އަނިޔާއެއް ނޫނެވެ. ގަހަށް ބޭނުންވާ ކާނާ އުފައްދަން އަތްވަކީ ކިހާ މުހިންމު އެއްޗެއްކަން ބުނެދިނުން ގަސްގަހާގެއްސާ ބެހޭ ސައިންސުވެރީންނަށް ދޫކޮށްލައިފައި، އެބުނާ ވެހޭހައި ވާރެޔަކާއި ޖެހޭހައި ވަޔަކަށް ބަލައިލާއިރުވެސް ނިކުންނަނީ ހަމަ އެ ނަތީޖާއެވެ. ޖެހޭ މަޑުމަޑު ވައިރޯޅިޔަށް ފަތްތަކުން ނަށަމުން، ވައި ގަދަވާވަރަކަށް އޮފިތަކާ ހަމައިން ލެނބެމުން، ގަސް އެހުރީ ހަމަ އުފަލުގަޔޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ. ގަހަކީ މަޚުލޫޤުންނަށް ކެވޭ ޒާތުގެ މޭވާ އަޅާ ގަހެއްނަމަ، ގަހުގެ ފައިދާ ކުރާ ކޮންމެ ދިރޭ ފުރާނައެއްގެ ޝުކުރުން ގަހުގައި ހިތެއް އަދި ނުވިޔަސް ހިތްފުރޭހައިވެއެވެ. އޮފިގަނޑެއް ކަނޑައިލައިގެން ގެންދާ މީހާ އެ އޮފިގަނޑުގެ ލަކުޑިން ޖަހާ އެނދުގައި ނިދަނީ ކާކު ކަމެއް، ދަރަށް ކޮށައިގެން ގެންދިޔަނަމަ ރޯފިލަނީ ކިތަން ޔަތީމުންގެ ނާސްތާކަމެއް ދެނެހުރީ ކާކުހެވެ؟ އާނއެކެވެ! ގަސް އެތާ އެހުރީ ގަހަށް ދެއްވި ވަޒީފާ އަދާކުރުން މަތީގައި، ދެއްވި ނިޢުމަތަށް ޝުކުރުކުރަމުންކަން ޔަޤީނެވެ.

ކަނޑުއަޑީގެ ކިސަޑު ހިސާބެއްގައި އޮތް އައިބު އެއްޗެއްކަމަށް ބައެއްކަހަލަ މީހުންނަށް ފެންނަ އިތާގެ ބަނޑުގައި އޮތް މުތުގެ އަގުބޮޑުކަމާއި، ކަނޑުގެ މާ ފުނުން އެއްގަމަށް ނަގައިފިއްޔާ ފަރުހަކިވަސް ދުވާނޭކަމަށް ބައެއްމީހުން އެބުނާ ރަތްއެންދެރި ނުވަތަ ރަތްގަލަކީ ދުނިޔޭގެ ބާޒާރުތަކުގައި ކިހާ ބޮޑު އަގެއްގައި ވިކޭ އެއްޗެއްކަމާއި، އެއީ އެބާވަތްތައް ކަނޑުން ނަގާ މީހުންނަށް ދެއްވާ ކިހާ ބޮޑު ނިޢުމަތެއްކަން އެނގޭނީވެސް އެކަމަށް ފުރަގަސްނުދޭ މީހުންނަށެވެ. ޝުކުރުކުރާ މީހުންނަށެވެ. މިންވަރަށް އީމާންވާން ދަންނަވެސް މީހުންނަށެވެ. ގަހަކީވެސް ހަމަ އެކަހަލަ އެއްޗެކެވެ. އެކަން ޔަޤީންކުރާށެވެ.

ދެން ވިސްނައިލާށެވެ. ތިމާޔަކީވެސް ހަމަ އެކަހަލަ ގަހަކަށް ނުވާނޭ ހަމަ އެއްވެސް ގޮތެއް ދެން ނޯންނާނޭކަން ދެނެގަންނާށެވެ. ތިމާގެ ދިރިއުޅުމުގެ ފެންވަރާއި، ތިމާގެ ހިތާއި ނަފުސުގެ އުފާވެރިކަމާއި، ތިމާގެ ޙަޔާތުގެ އަގަކީ އެހެން މީހުންގެ މިންގަޑުތަކުން ގިންތިކުރާ ބާވަތްތަކަށް ނަހަދާށެވެ. ތިމާޔަށް ދެއްކެވި ދިރިއުޅުމާއި، ތިމާޔަށް ދެއްވި މިންވަރާއި ފަންވަރަކީ ތިމާޔަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން އަދި ދިމާޔަށް ފެންނަން ހުރި މިންވަރުކަން ޤަބޫލުކުރާށެވެ. ތިމާގެ މޫތައް ހަރުލައި ހުރި ހިސާބަކީ ތިމާޔަށް ހަމަ އެންމެ ރަނގަޅު، އެންމެ މުނާސަބު ޙާލަތްކަން ޤަބޫލުކުރާށެވެ. ތިމާގެ ދިރިއުޅުމުގައި ގަންނަ މޭވާޔާއި، ތިމާގެ ގައިން ކޮށައިގެން ގެންދާ މަޖާޒީ ދަރަކީ އެތައް ބައެއްގެ ދިރިއުޅުމުގެ ޡަރޫރީ ބޭނުންތައް ފުއްދައިދޭނޭ ބާވަތްތަކަކަށް ވެދާނޭކަން ހެޔޮހިތުން ބަލައިވެސްގަންނާށެވެ. ދުނިޔެޔޭ، ދިރިއުޅުމޭ، ފުރާނައިގެ ދެމިހުރުމޭ، ޖިސްމުގެ ނޭވާޔޭ، މިކަހަލަ ހުރިހައި ނަމަކުން ނަންކިޔޭ ޙާލަތާއި ވަގުތުކޮޅު ތަޖުރިބާކޮށްލުމުގެ ފުރުޞަތު ދެއްވީތީ އެކަމަށްޓަކައި ޝުކުރުކޮށް، އޭގެ ބޭނުން ހިތްހެޔޮކަމާއެކު ކުރާން ހިތުލާށެވެ.

ދެން އެޔަށްފަހު، ކުރިމަތީގައި އޮތް ދުވަހާ ކުރިމަތިލާށެވެ. ދުވަސް ވަރަށް އުފާވެރިވެފައި ކާމިޔާބުވާނެއެވެ. އަދި މިބުނާގޮތަށް ވިސްނުން ބަހައްޓައިފިނަމަ، އިރާދަކުރެއްވިއްޔާ މާދަމާރޭގެ ފަތިހު ތިމާޔަށް ހޭލެވޭނީ އުފާވެރިކަމާއި ބާއްޖަވެރިކަމުން ފުރިގެންވާ ދުވަހަކަށްކަން ކަށަވަރެވެ! ހިނިތުންވުމަކާއެކުގައި ކަން ޔަޤީނެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
431

One Response

  1. ރަނގަޅު ލިޔުމެއް. ޚުޝޫޢާތްތެރިކަމާއެކު ފަތިސްނަމާދު ރަނގަޅަށް ކޮށް، ﷲއަށް ޛިކުރުކުރާނަމަ، ދުވަސް ފެށެނީ އުފާވެރިކޮށް. ދެއްވި ނިޢުމަތްތަކަށް ޙަމްދާއި ޝުކުރު ކުރަމުން. ނުދެއްވާ ނިޢުމަތްތަކަށް ޝަކުވާނުކުރަމުން ﷲއަށް ޙަމްދުކުރަމުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.